މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދައުލަތުގެ ޚަރަދުގައި ބޭސްކުރެވޭނެ ނިޒާމު، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އިތުރަށް ލުއިކޮށްދީފި އެވެ.

"މެރަނާ" ސްކީމް ހިންގާ އާސަންދަ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ސްކީމުން ޚިދުމަތް ދެމުން އައީ އެ ކުންފުނީގައި ލިސްޓު ކޮށްފައިވާ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ކަމަށް ވިޔަސް ކޮވިޑް-19 އިން ރައްކާތެރިވުމަށް މެލޭޝިއާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޚިދުމަތް ހޯދަން ދަތިވެފައިވާ ކަމަށެވެ.

މެލޭޝިއާ އިން މިހާރު ވަނީ އެ މީހަކު ދިރިއުޅޭ ތަނަކުން ފެށިގެން 10 ކިލޯ މީޓަރަށް ވުރެ ދުރަށް ދަތުރުކުރުން މަނާކޮށްފަ އެވެ. އެހެންވެ، "މެރަނާ" ސްކީމުން ޚިދުމަތް ހޯދަން، ލިސްޓް ކޮށްފައިވާ ތަންތަނަށް ދިއުމަށް ބައެއް ދިވެހިންނަށް ދަތިވާ ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ. އެހެންވެ، އެ ކުންފުނިން މިހާރު ހަމަޖައްސާފައި ވަނީ މެލޭޝިއާގައި ދިވެހިން ދިރިއުޅޭ ސްޓޭޓްތަކުގެ ކޮންމެ ކްލިނިކަކާއި ހޮސްޕިޓަލަކީ ވެސް "މެރަނާ" ސްކީމްގެ ދަށުން ޚިދުމަތް ހޯދޭނެ ތަނެއް ކަމަށެވެ.

އާސަންދަ ކުންފުނިން ބުނީ، މެލޭޝިއާގައި އެ މީހަކު ދިރިއުޅޭ ތަނަކާ 10 ކިލޯ މީޓަރު ކައިރީގައި "މެރަނާ" ސްކީމްގެ ދަށުން އެންލިސްޓް ކޮށްފައިވާ ކްލިނިކެއް، ހޮސްޕިޓަލެއް ނެތް ނަމަ، އެހެން ތަންތަނުން ވެސް ޚިދުމަތް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު، ޚިދުމަތް ހޯދި ކަމުގެ ލިޔެކިޔުންތަކާއި ބިލްތައް އާސަންދަ ކުންފުންޏަށް ހުށަހަޅަން ޖެހޭނެ އެވެ. އޭރުން އެ ހިދުމަތަކަށް އެ މީހަކު އަމިއްލަ އަށް ހޭދަކުރި ފައިސާގެ 65 ޕަސެންޓް އަނބުރާ ދޭނެ އެވެ.

މެލޭޝިއާގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދައުލަތުގެ ޚަރަދުގައި ބޭސްފަރުވާ ކުރެވޭނީ "މެރަނާ" ސްކީމްގެ ދަށުންނެވެ. ބޭސްފަރުވާގެ މާލީ އެހީ ލިބޭނީ "މެރަނާ" ސްކީމަށް ރަޖިސްޓަރީކުރާ މީހުންނަށެވެ. އެކަމަކު، އެއީ މަދުވެގެން ހަ މަހަށް ވުރެ ގިނަ މުއްދަތަކަށް އެ ގައުމުތަކުގައި ދިރިއުޅުމަށް ވިސާ ލިބިފައިވާ މީހުންނަށް ވާންޖެހެ އެވެ.

ކޮވިޑް-19 އަަށް ޕޮޒިޓިވްވާ މީހުން ގިނަވާން ފެށުމުން މެލޭޝިއާ ލޮކްޑައުން ކުރީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފެށުމުން ލޮކްޑައުން މުއްދަތު މިދިޔަ ހޯމަ ދުވަހު އެ ގައުމުން ވަނީ ލުއިކޮށްފަ އެވެ. ލުއިތަކަކާއި އެކު ކުރިއަށް ގެންދާ ލޮކްޑައުން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެ އެވެ. މި ދުވަސްވަރު، ސްކޫލްތައް ހުންނާނީ ބަންދުކޮށްފަ އެވެ.