ތުރުކީގެ އަންތާލިޔާގައި ބޭއްވި އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ އެންމެ ބޮޑު ބައްދަލުވުން "ކޮޕް31"ގެ މަޝްވަރާތަކުގައި ރާއްޖެއިން އެންމެ ބޮޑަށް އިސްކަންދީފައި ވަނީ މޫސުމީ މާލީ ނިޒާމު އިސްލާހުކުރުމާއި ދަރަނީގެ ބުރައަކާ ނުލައި މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ ހިލޭ އެހީ ހޯދުމާއި ސާފު ހަކަތައަށް ބަދަލުވުމާއި ކާރިސާތަކުގެ ކުރިން ދުރާލައި އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމްކުރުމަށެވެ.

"ރާއްޖެއިން އެދެނީ ހަމްދަރުދީއަކަށް ނޫން. ރާއްޖެއިން ގޮވާލަނީ އިންސާފަށް، ޒިންމާދާރުކަމަށް، އަދި އަމަލީ މަސައްކަތަށް،" މި އަހަރުގެ ކޮޕް ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ތަގުރީރުގައި ވިދާޅުވި އެވެ. 

ރައީސްގެ ތަގުރީރުގައި މައިގަނޑު ތިން ކަމެއް ފާހަގަކުރެއްވި އެވެ. އެއީ؛

  • ތަރައްގީވެފައިވާ ގައުމުތަކުން ވެފައިވާ މާލީ އެހީގެ ވައުދުތައް ފުއްދުމާއި އެ ފައިސާއަކީ ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާއަށް ހެދުން
  • ކުދި ގައުމުތައް ނުވަތަ ސިޑްސްގެ ގައުމުތަކުން ވިލުންތެރިކަމަށް ކުރާ ހޭދައަކީ މާލީ ބުރައަކަށް ނުވާނެކަން ޔަގީންކުރުމަށް މި ގައުމުތަކުގެ ނާޒުކުކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ގަބޫލުކޮށް، މޫސުމީ މަޝްރޫއުތައް ވަޒަންކުރާ ގޮތް އިސްލާހުކުރުން 
  • ފެނާއި ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކާއި އިޔާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް 
ކޮޕް-31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ގައުމީ ތަގުރީރު އިއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކޮޕް-31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ގައުމީ ތަގުރީރު އިއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ތަގުރީރުގައި ވަނީ ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އަށް އދ. ގެ ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް)ގެ ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީގެ އެކްރެޑިޓޭޝަން މިދިޔަ މަހުގެ 29 ގައި ލިބިފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

މިއީ ރާއްޖޭގެ އިދާރާއަކަށް ޖީސީއެފްގެ އެކްރެޑިޓޭޝަން ލިބުނު ފުރަތަމަ ފަހަރެވެ. 

މީގެ ކުރިން ޖީސީއެފް އިން ރާއްޖެއަށް ފައިސާ ހޯދަން ޖެހެނީ ޔޫއެންޑީޕީ ނުވަތަ ވޯލްޑް ބޭންކް ކަހަލަ ބައިނަލްއަގުވާމީ އިދާރާއެއް މެދުވެރިކޮށެވެ. ނަމަވެސް މިހާރު އެމްއެފްއެލްސީ މެދުވެރިކޮށް، ބައިނަލްއަގުވާމީ މެދުވެރިއަކާ ނުލައި ސީދާ ޖީސީއެފްއަށް މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށަހަޅައި، ފަންޑު ހޯދައި، މަޝްރޫއުތައް ހިންގުމުގެ އިހުތިޔާރު ރާއްޖެއަށް ލިބޭނެ އެވެ.

ކަނޑުފަޅުގެ ރައްކާތެރިކަމާއި ހިމާޔަތް 

ކަނޑުފަޅު ހިމާޔަތްކުރުމާ ގުޅޭ ގޮތުން ރާއްޖެއިން ކޮޕް31 ގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި އައްސޭރިފަށުގެ ރައްކާތެރިކަމާއި އަދި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މައްޗަށެވެ. 

އދ. ގެ މޫސުމާ ބެހޭ އިދާރާ (ޑަބްލިއުއެމްއޯ) އިން މިދިޔަ ހޯމަ ދުވަހު ނެރުނު މި އަހަރުގެ "ސްޓޭޓް އޮފް ދަ ކްލައިމެޓް 2026 އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކަނޑުގެ ސަތަހައިގެ ހޫނުމިން ރެކޯޑް މިންވަރަކަށް މަތިވެ، މިއީ ތާރީހުގައި ވެސް ދުނިޔޭގެ ކަނޑުތަކުގެ ހާލަތު އެންމެ ގޯސްވި އަހަރެވެ. އަދި މޫސުމީ ބަދަލުތައް މިހާރު "އިމުން ބޭރުވެފައިވާ" ކަމުގެ އިންޒާރު އެ އިދާރާއިން ދީފައިވެ އެވެ.

ކޮޕްގެ ހަވާސާގައި މިދިޔަ ބުދަ ދުވަހު ބޭއްވި "ސީ-ލެވެލް ރައިޒް: މަލްޓި-ލެވެލް އެކްޝަން ފޯ ކޯސްޓަލް ރެޒިލިއަންސް" ސެޝަންގައި ރައީސް މުއިއްޒު ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ދުރު މުސްތަގުބަލެއްގެ ކުރިމަތިވެދާނެ ނުރައްކަލެއް ނޫން ކަމަށާއި އެއީ މިހާރުން މިހާރަށް ވެސް ދިވެހިންގެ ދިރިހުރުމާއި މި ގައުމުގެ ތަރައްގީއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. 

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ތަންތަނަށް ހިޖުރަ ކުރަން ޖެހޭ ހާލަތަކަށް ދިޔަނުދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މޫސުމީ ނާޒުކު ކަމަކީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާނެ ކަމަކަށް ވެގެން ނުވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރަށްރަށުގެ އައްސޭރިފަށް ހިމާޔަތްކުރުމަށް ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި، ކަނޑުގެ ލޮނުގަނޑު އުފުލޭނެ މިންވަރަށް ބަލައި އުސްކޮށް ހިއްކައިގެން އަދި އިޔާދަކުރަނިވި ހަކަތައިން ހިންގާ ގޮތަށް ތަރައްގީކުރާ "ރަސްމާލެ އިކޯ-ސިޓީ" މަޝްރޫއާއި ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.

ސާފު ހަކަތައަށް ބަދަލުވުމާއި ދުރާލައި ތައްޔާރުވުން 

ސާފު ހަކަތައަށް ބަދަލުވުމާ ބެހޭ މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ތެލަށް ބަރޯސާވުން ކުޑަކޮށް ސާފު ހަކަތައަށް ބަދަލުވުމަކީ ހަމައެކަނި ތިމާވެއްޓާ ގުޅޭ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށް، ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން އިގުތިސާދަށް ކުރާ އަސަރު ކުޑަކޮށް، އާންމުންނަށް ކަރަންޓުގެ ހިދުމަތް އިތުބާރާ އެކު ފޯރުކޮށްދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. 

ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓް، 2028 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. 

އިންޓަނޭޝަނަލް ރިނިއުއަބަލް އެނާޖީ އޭޖެންސީގެ ރާއްޖޭގެ ޕްރޮފައިލްގައިވާ ގޮތުން، ރާއްޖޭގައި އުފައްދާ ކަރަންޓުގެ ގާތްގަނޑަކަށް 93 ޕަސެންޓު އުފައްދަނީ ތެލުންނެވެ. އަދި އިއާދަކުރަނިވި ހަކަތައިން އުފައްދަނީ ގާތްގަނޑަކަށް ހަތް ޕަސެންޓެވެ. 

މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަނީ: ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަނީ: ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މޫސުމީ ކާރިސާތަކުގެ ކުރިން ދުރާލައި އިންޒާރުދޭ ނިޒާމުތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ރާއްޖެ ކަހަލަ ބިންތިރި ގައުމެއްގައި "މަލްޓި-ހެޒާޑް އާލީ ވޯނިން" ސިސްޓަމްތައް ގާއިމްކުރުމަކީ ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެއީ ރަށްރަށާއި އާންމުންގެ ރައްކާތެރިކަމާއި އިގުތިސާދުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ރައީސް ވިދާޅުވި އެވެ. 

އެތެރޭގައި ތިމާވެށީގެ ކަންބޮޑުވުންތައް

ރާއްޖޭގެ ކަނޑާއި ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ރަސްމީކޮށް ބުނަމުން ދިޔަ ނަމަވެސް، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ކަންކަން ހިންގަމުންދާ ގޮތާ މެދު މަދަނީ ޖަމިއްޔާތަކާއި ސައިންސްވެރިންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައިވެ އެވެ.  

ހާއްސަ ގޮތެއްގައި، ރާއްޖޭގެ ތިމާވެށީގެ ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) މިނިވަން ނުވުމާއި ތަރައްގީގެ މަޝްރޫއުތަކަށް އީއައިއޭ ހެދުމުގެ އުސޫލުތަކަށް ލުއިދިނުމަކީ ތިމާވެށީގެ ރައްކާތެރިކަން ފަހަތަށް ޖެއްސުން ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އީކޯކެއާ ކަހަލަ ޖަމިއްޔާތަކުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. 

ދިރާސާތަކުން ދައްކާ ގޮތުގައި، 2000 އާއި 2024 އާ ދެމެދު 4،000 ހެކްޓަރަށް ވުރެ ގިނަ ބިން ހިއްކައި ރާއްޖޭން "ދުނިޔޭގެ ރެކޯޑް" ހަދާފައިވާއިރު، އޭގެ ބޮޑު ބައެއް އޮތީ ބޭނުން ނުހިފި ފަޅަށެވެ. ގަވާއިދާ ހިލާފަށް ވެލި ނެގުމާއި ބަނދަރު ހެދުން ފަދަ އުމްރާނީ މަޝްރޫއުތަކުގެ ސަބަބުން ފަރުތައް ހަލާކުވެ ރަށްގިރުން އިތުރުވި ނަމަވެސް، ބޭރުގެ މާލީ އެހީ ހޯދުމަށް ސަރުކާރުން މި ހުރިހާ ކަމެއް މޫސުމީ ބަދަލުތަކާ ގުޅުވާތީ އާންމުންގެ ފާޑުކިޔުން ބޮޑެވެ.

ހުޅުމާލެ 3 ގެ ބިން ހިއްކުން: ބިން ހިއްކުމާ ގުޅޭ މަޝްރޫއުތަކާ ގުޅިގެން އީއާރުއޭއަށް މި އަހަރު ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ 3 ގެ ބިން ހިއްކުން: ބިން ހިއްކުމާ ގުޅޭ މަޝްރޫއުތަކާ ގުޅިގެން އީއާރުއޭއަށް މި އަހަރު ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މީގެ އިތުރުން، ތިމާވެށީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ނަގާ ގްރީން ޓެކްސްގެ ފައިސާ ޖަމާކުރާ ގްރީން ފަންޑުގެ ހަރަދުތަކުގެ ތަފުސީލު ހާމަކުރުން ސަރުކާރުން މި އަހަރު ހުއްޓާލާފައިވާ މައްސަލަ އާއި އެ ފައިސާ ތިމާވެށީގެ ކަންކަމަށް ހަރަދުކުރާ މިންވަރު ދަށްވުމަކީ ވެސް އޮތް ބޮޑު ކަންބޮޑުވުމެކެވެ.

ޕްލާސްޓިކް މަދުކުރުމަށް ބައިނަލްއަގުވާމީ މައިދާންތަކުގައި ގޮވާލިޔަސް، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުމުގެ ހުއްދަ އަލުން ދިނުމާއި، ވެއްޓަށް ގެއްލުންވާ މަޝްރޫއުތައް ހިންގުމުގެ ސަބަބުން ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާ ކަމުގެ ކަންބޮޑުވުން ތިމާވެށީގެ ހަރަކާތްތެރިން ފާހަގަކުރެ އެވެ.

އާންމުން އުފައްދާ ސުވާލަކީ ގުދުރަތީ ގޮތުން ރާއްޖެ އޮތް މާހައުލު ބަދަލުކުރަމުން އަދި ހަލާކުކުރަމުން ބައިނަލްއަގުވާމީ މައިދާންތަކުގައި މި ދައްކަނީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ 

ނޯޓް: މިއީ "އިންފޯމްޑް އާތު"ގެ ސަޕޯޓާއެކު ލިޔެފައިވާ އާޓިކަލްއެކެވެ.