ކުށްވެރިންގެ ރާއްޖެއަށް ޒިންމާވާން ޖެހޭ ކުށްވެރިޔަކީ ކޮބާ؟

"ދިވެހިރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ސުލްހަވެރި ގައުމު ކަމުގައި އަހަރެމެން އެއް އިރެއްގައި ގަބޫލުކުރީމެވެ."


ފޭސްބުކް ޕޭޖު "ދަ ލޮޖިކަލް މޯލްޑިވިއަން"ގައި ބުނެފައި އެ އޮތީ ވަރަށް ބޮޑު ހަގީގަތެކެވެ.

ތެދެކެވެ؛ މީހެއްގެ ގައިގައި ކަޓަރު އަޅައިފިޔޭ ބުނީމާ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިންނަށް ސިހުން ލިބުނަސް، މިހާރު އެއީ ނޫސްތަކަށް އަރާ ވަރުގެ ޚަބަރެއް ވެސް ނޫނެވެ. މާރާމާރީތަކާއި ވަޅި ހެރުމާއި މީހުން މެރުން އެހާ ވެސް ބޮޑަށް އާއްމުވެ، "އާދައިގެ" ކަމަކަށް ވީ އެވެ. ކީއްވެގެން ހެއްޔެވެ؟

އޭރާއި މިހާރަށް ބަލާ އިރު، އެންމެ ބޮޑު ބަދަލަކީ ސިޔާސީ ނިޒާމެވެ. އެކަމަކު ގޯސްކުރަންވީ ޑިމޮކްރެސީ ހެއްޔެވެ؟

މާލޭގެ ކެފޭއެއްގައި އިންދާ ނަދީމް އަބްދުއްރަހީމް، 24، އަށް ދިން ހަމަލާތަކުގައި ޒަޚަމްވެ އޭނާ މަރުވިތާ ހަތަރު ދުވަސް ފަހުން، ފިހާރައެއް ތެެރޭގައި އަހްމަދު އަނަސް، 25، މަރާލުމާ ގުޅިގެން ސޯޝަލް މީޑިއާ ދަނީ ގުގުމަމުންނެވެ. އެކަމަކު މިއީ ދިވެހިންނަށް "ސިހުމަކަށް ނުވާ ސިހުމެކެވެ." އާ ކަމެއް ނޫނެވެ.

އެންމެ ފަހުން މަރާލި ނަދީމް އާއި އަނަސްގެ މަހާނަ ޖެހިޖެހިގެން

ޔާމީން ރަޝީދުގެ އަނިޔާވެރި މަރަށް 100 ދުވަސް ވީ އިރު، ހއ. އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓުގައި މަރާލި އިސްމާއީލް އުމަރާ އެކު، މި އަހަރުގެ މިހާތަނަށް ގަތުލުކުރި މީހުންގެ އަދަދު ހަތަރަކަށް އެރީ އެވެ. ޒުވާން ކައްޕި އަނަސްގެ ހަށިގަނޑުން ދެމުނު ލޭ ކޯރު ފެނި، ރާއްޖެ އިން ފައިބައިގެން ދާ ހިސާބަށް ރުޅި ގަދަވެފައި ތިބެގެން ދިވެހިންނަށް ގޮވަން މި ޖެހެނީ އެއް ގޮވެލިފައްޗެކެވެ. ފުލުހުން ކޮބާ ހެއްޔެވެ؟ ގޭންގުތައް ނުހުއްޓުވިގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟

ގަތުލުކުރުމުގެ ފަހުގެ ތާރީޚު އަޒްލީނާ ނަފީސުގެ މަރުން ފަށާ ނަމަ، 2001 އިން ފެށިގެން މިހާތަނަށް މަދުވެގެން 61 މީހަކު (ކުޑަކުދިން ވެސް ހިމެނޭ) މަރާލާފައިވާ އިރު، އޭގެ ތެރޭގައި ގިނައީ ގޭންގުތަކުން ތޫނު ހަތިޔާރުން ކަތިލި މީހުންނެވެ. ރެއެއް ދުވާލެއް، ދަންވަރެއް އިރާކޮޅެއް ބެލުމެއް ނެތި އާއްމު ތަންތަނުގައި މީހުން މަރާކަށް މިހާރު ޖެހިލުމެއް ނުވެ އެވެ.

"މި ކަން ނިމުމަކަށް ގެންނަން ފުލުހުން ސީރިއަސް މަސައްކަތެއް ކުރާނީ... މިފަދަ ކިތައް މަރު އައިސްގެންބާ؟" ފޭސްބުކްގައި މުހައްމަދު ޝިހާބު ސުވާލުކުރި އެވެ.

"ބައެއް މީހުން ބުނާނެ، ގޭގައި ހުރެގެން ފޭސްބުކްގައި އެއްޗެއް ލިޔެލީމާ ވަނީ ކޮން ކަމެއް ހެއްޔޭ. އެކަމަކު އަހަރެން ދެކޭ ގޮތުގައި، ޒިންމާ އަދާކުރަން ޖެހެނީ ރައްޔިތުންނެއް ނޫން، އަހަރެމެން މުސާރަ ދީފައި ތިބި މީހުން."

ފުލުހުން ސިޔާސީ މީހުންގެ ފަހަތުން ދުވުމުގައި އަވަދިނެތި އުޅޭ ދަނޑިވަޅެއްގައި މި ކަހަލަ ހާލަތެއް އައިމާ ފާޑުކިޔުން އަމާޒުވާލެއް ވަކިން ބޮޑުވާނެ އެވެ. ނުވި ތާކަށް، މި ދުވަސްކޮޅު ފުލުފުލުން ހިންގަމުން ގެންދާ މާރާމާރީތަކުގައި "ސިޔާސީ ގޮތުން މީހަކު ނުބައި ރޯލެއް ކުޅެމުންދޭތޯ" ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އެ އޮތީ ވިދާޅުވެފަ އެވެ. އަޒްލީންގެ އެ ވާހަކަ ވެސް އަދި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ ތުހުމަތު ވެސް ރައްދުވަނީ "ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު ހަލަބޮލިކުރުމަށް" އުޅޭ އިދިކޮޅު ފަރާތްތަކަށެވެ.

އެކަމަކު ސިޔާސީ އެއްވެސް ފަޅިއަކަށް އެ ތުހުމަތުން ބަރީއަވެވޭކަށް ނެތެވެ. ސިޔާސީ މީހުންނާއި ގޭންގުތަކާ ދެމެދު އޮންނަ ގުޅުމަށް އިންކާރެއް ނުކުރެވޭނެ އެވެ. އެކަން ދިރާސާ އިން ވެސް އެނގި، ލިޔުމުން ފެންނަން ވެސް އެބަ އޮތެވެ.

ސިޔާސީ މީހުންނާއި ވިޔަފާރިވެރިންގެ (ބައެއް ފަހަރު އެއީ އެއް ބައެއް) ބޭނުންތައް ފުއްދަން ފައިސާ ދީގެން ގޭންގުތައް ލައްވައި ކުށްކުރުވާކަން 2012 ވަނަ އަހަރު ނެރެފައިވާ "ރެޕިޑް ސިޗުއޭޝަން އެސެސްމެންޓް އޮފް ގޭންގްސް އިން މާލެ" ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒު އިސްކޮށް ހުންނަވައިގެން މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް އާއި ދި އޭޝިއާ ފައުންޑޭޝަނުން ކުރި އެ ދިރާސާގައި ގޭންގުތަކުގެ މީހުން ކިޔައިދިން ގޮތުގައި ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނަށް ކަންތައްތައް ކޮށްދީގެން އެ މީހުންނަށް އާމްދަނީ ލިބެ އެވެ.

"ސިޔާސީ މުޒާހަރާތަކުގައި ބައިވެރިވުމަށާއި ސިޔާސީ ހަމަނުޖެހުންތައް ހިންގަން، މުދަލަށް ގެއްލުން ދޭން، ނުވަތަ ތިން ވަނަ ފަރާތަކަށް އަނިޔާއެއް ދޭން...ފައިސާ އާއި ރާ ފަދަ ތަކެތި ގޭންގުތަކަށް ދެ އެވެ. މީޑިއާގެ ސަމާލުކަން ސިޔާސީ މައްސަލަގަނޑަކާ ދުރަށް ގެންދަން އާއްމު ގޮތެއްގައި ކޮންމެވެސް ގޭންގަކަށް ފައިސާ ދީ ހަދަ އެވެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.

ޑިމޮކްރެސީ އާއި ޕާޓީ ނިޒާމް ކުށްވެރިކުރަން އާއްމުންނަށް ފަސޭހަވާ ސަބަބަކީ މިއީ އެވެ.

މައްސަލައަކީ ނިޒާމެއް ނޫނެވެ. ނިޒާމް ހިންގަން ތިބި މީހުންނެވެ. އަހަރެމެން ރައްޔިތުންނެވެ.

ޝިހާބުގެ ފޭސްބުކް ޕޯސްޓަށް ކޮމެންޓްކުރި ނާޝިދު ހުސެން ފިކުރީ ބުނި ގޮތަށް، ރައްޔިތުންގެ ޒިންމާއެއް ވެސް އެބަ އޮތެވެ. އެއީ "ޒިންމާދާރުކުރުމުގެ ޒިންމާ" އެވެ.

"ތަންދޮރު ނުދަންނަ ގަމާރު ވެރިން އުފެދެނީ ތަންދޮރު ނުދަންނަ ގަމާރު ރައްޔިތުންގެ ސަބަބުން. އާއްމުންގެ ގަމާރުކަން އެ މީހުންގެ ފައިދާ އަށް ބޭނުންކުރަން އެފަދަ ވެރިން ފަހަތަކަށް ނުޖެހޭނެ،" އެހެން ޒުވާނެއްގެ ޚިޔާލަކީ މިއީ އެވެ.

ތަރައްގީ އާއި ފާގަތިކަމާއި ޒަމާނީވުމުގެ ތެރެއިން އަދި ބޭރުގެ ސަގާފަތްތައް ދިވެހިންގެ ދިރިއުޅުމާ މަސްހުނިވުމުގެ ސަބަބުން އަންނަ ތޮބީއީ ބަދަލުތަކެއް ނުހުއްޓުވޭނެ އެވެ. މައްސަލައަކީ އެ ބަދަލުތައް ދިޔަ ދިމާލެވެ. ރަނގަޅުވުމުގެ ބަދަލުގައި ނުބައިވުމެވެ. ތެދެކެވެ؛ އެކަމުގައި އެންމެން ވެސް ކުށްވެރިވެ އެވެ. ހަމައެކަނި ފުލުހުންނާއި ސަރުކާރެއް ނޫނެވެ. މައިންބަފައިން ވެސް މެ އެވެ. އެކަމަކު ގައުމު މި އަނދަވަޅަށް ވައްޓާލުމުގެ ޒިންމާ ސިޔާސީ ވެރިން ނަގަން ނުޖެހޭނެ ގޮތެއް ނޯންނާނެ އެވެ.

ފޭސްބުކްގައި ޒުވާނަކު ކޮމެންޓްކުރި ފަދައިން، ރާއްޖެ މި އޮތީ ސިޔާސީ މަގްސަދުތައް ހާސިލްކުރަން ބޭނުންކުރާ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފަ އެވެ. ބައިބައިވުން އުފެދި، ތަޅާފޮޅައި، އެކަކު އަނެކަކު ކަތިލާ ހިސާބަށް ދިޔަ ސަބަބަކީ އެއީ އެވެ.

"ހިތާމައަކީ ގައުމުގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ދަށްވަމުންދާ އިރު ވެސް މި ކަމާ ދެކޮޅަށް ތެދުވަން އެކަކު ވެސް ތައްޔާރު ނޫންކަން. މި ކުޑަ ގައުމަށް ޑިމޮކްރެސީ މި ވީ މުސީބާތަކަށް،" އޭނާ ބުންޏެވެ.

"ދަ ލޮޖިކަލް މޯލްޑިވިއަން" ބޭނުންވަނީ ކުރީގެ ސުލްހަވެރި ރާއްޖެ އަނބުރާ ގެންނާށެވެ. އެކަަމަކު ދެން އެކަން ވެދާނެ ހެއްޔެވެ؟

ކަންތައް މާ މައްޗަށް ހިނގައްޖެ އެވެ. މައްސަލަ މާ ބޮޑަށް އޮޅުންބޮޅުން ވެއްޖެ އެވެ.

ދިވެހިން ދެން އަބަދުވެސް ތިބޭނީ ކުރީގެ އަމާން ދިރިއުޅުން ހަނދާންވެ، ހިތަށް ތަދުވެފަ އެވެ.