އާތިފަކީ އާދައިގެ މީހެއް ނޫން، އެއަށް ވުރެ މާ ހާއްސަ

ޔަގީންވާ އެއް ކަމެއް އެބައޮތެވެ؛ ހދ. ހަނިމާދޫގައި ހުންނެވުމަށް ފަހު މިދިޔަ ހަފުތާގައި މާލެ ވަޑައިގެން މަޝްހޫރު މިއުޒީޝަން/ ލަވަކިޔުންތެރިޔާ އަދި ސިފައިންގެ މޭޖާ އަހުމަދު އާތިފް ވަރަށް ގިނަ މީސް މީހުންނާ ބައްދަލު ކުރެއްވި ކަމެވެ. އަދި އެ ބައްދަލުވުންތަކުގައި، މިއަދު އޭނާ އަވަހަރާވުމާ ދާދި ގުޅުން ހުރި ވާހަކަތަކެއް ވެސް ދެއްކެވި ކަމެވެ.


އޭގެ ތެރެއިން އެއް ވާހަކައަކީ މި އެވެ:

"އެކުވެރި އާތިފް އާ މި މަހު ދެ ރެއަކު ދިމާވި. ދަންވަރު ތިނެއް ޖަހަންދެން ސްކޫޕު ކަންމަތީގައި ވަރަށް ގިނަ ވާހަކަތައް ކިޔައިދެއްވި. އަމިއްލަ ލައިފް، ބައްޕައިންގެ ލައިފް، ކުދިން ލިބުނީމަ ލައިފް، އޮފީސް ލައިފް... ވަރަށް ހަނދާންވޭ.... 'އިއްބޭ އަހަރެން ބޭނުންވީ ފެމިލީ އަށް މުސްތަގުބަލެއް ހޯދައިދޭން. އެކަމާ ވަރަށް އުފާވޭ'،" ޓީވީ ޕްރެޒެންޓަރު އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ގެ ފޭސްބުކް ޕޯސްޓެއްގައި އޭނާ ލިޔެފައި ވެ އެވެ.

ސިފައިންގެ ނޮދަން އޭރިޔާގެ ޑެޕިއުޓީ ކޮމާންޑަރެއްގެ ގޮތުން ހަނިމާދޫގައި ހުންނަވަނިކޮށް ހަމަ ވަރަށް ކުއްލި ގޮތަކަށް މިއަދު އަވަހާރަވި އާތިފަކީ ވަރަށް ގިނަ ބައެއްގެ ގާތް ރައްޓެއްސެކެވެ. ވަރަށް ގިނަ ބަޔަކާ މީގެ ދެ ދުވަހެއް ވަރު ކުރިން އޭނާއާ މާލެއިން ދިމާވި ކަމަށް އެކި މީސްމީހުން ފޭސްބުކާއި ޓްވިޓާގައި ވަނީ ބުނެފަ އެވެ. އަދި ވަރަށް ތަފާތު ވާހަކަތައް ހިއްސާކޮށްފައިވާ ކަމަށް ބުނެ، ފޭސްބުކާއި ޓްވިޓާގައި މުޅިން ހެން މިއަދު އޮތީ އެ ވާހަކަ އެވެ. ލިބުު ސިހުމާއި ޝޮކްގެ ވާހަކަ އެވެ. އޭނާގެ މަރުގެ ވާހަކަ މެންދުރު ފެންމަތިވުމާ އެކު ވޭތުވެދިޔަ އަށެއްގަ ގަޑިއިރުގެ ތެރޭގައި ސޯޝަލް މީޑިއާ ވަަނީ އާތިފުގެ ހަނދާންތަކުން ފުރިފަ އެވެ. އެކި މީސްމީހުންނާ އެކު ނަގާފައިވާ ފޮޓޯތަކާއި އާތިފާ ބެހޭ ގޮތުން އެކި މިސް މީހުންގެ ޝުއޫރުތައް އޭގެ ތެރޭގައި ހިމެނެ އެވެ.

އާތިފްގެ ސަންދޯއް މިރޭ މާލެ އަށް ބާލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާތިފާ ދިމާވި އެހެން މީހެއް ކަމަށްވާ މުހަންމަދު އިބްރާހިމް (ކުޑޫ) ބުނީ މީގެ ދެ ތިން ދުވަހެއް ކުރިން ސީގަލް ރެސްޓޯރަންޓް ކައިރިން އާތިފް އާ ދިމާވި ކަމަށެވެ.

"އާތިފް ބުނަނީ ކުދިން ވެސް މިހާރު ބޮޑެތި ވެއްޖެއޭ. ތިމަންނާގެ ކަމަކީ އެ ކުދިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމޭ. އެކަން ވެއްޖެއޭ،" ކުޑޫ ބުންޏެވެ.

އާތިފް (ކ) މުބާރާތެއްގެ ޖަޖްކަން ކުރައްވަނީ

އެއްވެސް ބައްޔެއް ނެތް!

އާތިފްގެ ތިން ބޭފުޅުން ތިއްބަވަ އެވެ. އެއީ ދެ ފިރިހެން ބޭފުޅުންނާއި އެންމެ ހަގަށް ހުރި 16 އަހަރުގެ އަންހެން ބޭފުޅެކެވެ.

"ބައްޕަ އެނބުރި ހަނިމާދު އަށް ފުރަން ދަމުން [މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު] ވެސް އަޅުގަނޑާ ބައްދަލުވި،" އެންމެ ފަހު ފެނިލުމާ ބެހޭ ގޮތުން ދޮށީ ދަރިފުޅު އުމަރު މާއިން އާތިފް ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ބައްޕަގެ އެއްވެސް ބައްޔެއް ހުރިކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އަދި އެއްވެސް ބައްޔަކަށް ދުވަހަކު ވެސް ބޭހެއް ނެންގެވިކަން ވެސް އެނގިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަނިމާދޫގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި ފަހުން ވެސް ކޮންްމެ މަހަކު އެއްފަހަރު ލިބޭނެ ހަފުތާއެއް ވަރު މާލޭގައި ހުންނަވަން. އެ ހަފުތާގައި ހުންނަވާނީ މާލޭގައި. މިދިޔަ ހަފުތާގައި ވެސް ހުންނެވީ މާލޭގައި،" އޭނާ ވިދާޅުވި އެވެ. "އެކަމަކު ހަމަ ކުރިއެކޭ އެއްގޮތަށް އެއްވެސް ތަފާތު ކަމެއް އަޅުގަނޑުމެންނަކަށް ފާހަގައެއް ނުކުރެވޭ."

އުމުރުން 51 އަހަރުގެ އާތިފް އަވަހާރަވި ސަބަބު އަދި ވަނީ ނޭނގި އެވެ. އެހެން ނަމަވެސް އާތިފް ބެއްލެވި ޑޮކްޓަރު ވިދާޅުވެފައި ވަނީ ސިއްހީ މަރުކަޒަށް އާތިފް ގެންދިޔަ އިރު މަރުވިތާ ހައެއްކަ ގަޑިއިރު ވެދާނެ ކަމަށެވެ. އާތިފް އަވަހާރަވިކަން އެނގުނީ އޭނާ ހޭނުލައްވައިގެން ބެލިއިރު އެވެ.

އާތިފްގެ ޖަނާޒާ އޮންނާނީ މިރެ އެވެ. ކަށުނަމާދު އޮންނާނީ 11:30 ގައި އާސަހަރާ މިސްކިތުގަ އެވެ.

އާތިފަކީ މިއުޒިކްގައި ވަރުގަދަ ފަހުލަވާނެއް

ރާއްޖޭގެ މިއުޒިކް އެންމެ ވަރުގަދަ އަށް ފިޔަޖަހަމުން ދިޔަ 2000ގެ ތެރޭގައި، ކޮޕްސް ބޭންޑަކީ އާދައިގެ ނަމެއް ނޫނެވެ. އަމިއްލަ ރާގުތަކާ އެކު، އެ ބޭންޑް ވިދަމުން ދިޔައީ އާތިފް އެންމެ އިސްކޮށް ހުންނަވައިގެންނެވެ. "ޕާޕާ ކެހެތޭހޭ" ލަވައިން މަޝްހޫރުވި އާތިފަކީ ހޮޅުދޫ އަބްދުﷲ ހަސަނަށް ފަހު، ރާއްޖޭގައި އުފެދުނު ގައުމީ ލަވައިގެ ރަސްގެފާނެވެ. "ޖޯޝޭ ގެނައި މީ ގައުމީ އުފާ"، "ގެންދާށެ ވަޔާއޭ"، "ދިވެހި ގައުމީ ޒުވާނުން ކެރޭ، ދިވެހި މާޒީ ހިމާޔަތް ކުރޭ" އެއީ ޖޯޝާއި ފޯރި ގެންނަން އެއް ވަނަ އެވެ. ލޯބީގެ ލަވަތަކުގެ ތެރެއިން، "އޭ މަލާ ތިޔައީ..." އާއި "ދޭނަން ހިތާ ޖާނާ..."، "އިހުސާސެއް ވޭހޭ" އަކީ ދުވަހަކު ވެސް ފޫހިވުމެއް ނެތް ލަވަތަކެކެވެ. އެހެންވެ، ގިނަ ލަވަކިޔުންތެރިން ވެސް ދެކެނީ އާތިފަކީ ލަވަކިޔުންތެރިއެއްގެ އިތުރުން، ވިދާޅުވި މަދު ލަވަތައް ސުޕަ ހިޓް ކުރެއްވި ފަންނާނެއްގެ ގޮތުގަ އެވެ.

ސިފައިންގެ ވަރަށް ބުރަ ވަޒީފާތަކުގައި އުޅުއްވަމުން ވެސް ތިރީހަކަށް އަހަރު މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގެން އާތިފް ވަނީ ވަރަށް ތަފަތު ނަތީޖާތަކެއް ނެރުއްވައިފަ އެވެ. ކޮޕްސް ބޭންޑް، 1989 ގައި އުފެދުނީ އާތިފާއި، ސިފައިންގޭގައި އެ ވަގުތު ތިއްބެވި މިއުޒިކަށް ލޯބި ކުރައްވާ އެހެން ތިން ބޭފުޅެއްގެ އަތްމައްޗަށެވެ. އެ ބޭންޑް ރާއްޖޭގެ އެންމެ ވަރުގަދަ އެއް ބޭންޑަށް ހެދުމުގައި އާތިފާއި އޭނާގެ ޓީމުގެ ހިއްސާ ވަރަށް ބޮޑެވެ. ކީބޯޑު ކުޅުއްވަމުން ލަވަ ވިދާޅުވަމުން ގެންދެވި އެވެ. މިހާތަނަށް 500އެއްހާ ލަވަ އާތިފް ރެކޯޑު ކުރެއްވި އިރު، 80 ވަރަކަށް އަމިއްލަ ރާގު [ކޮޕްސް ބޭންޑުގެެ ތެރެއިން] ގެނެސްދެއްވާފައި ވެ އެވެ. އާތިފަށް ވަނީ މިއުޒިކީ ދާއިރާއިން 2014 ގައި ގައުމީ އިނާމް ވެސް ލިބިވަޑައިގެންފަ އެވެ. އެހެން ނަމަވެސް، އޭނާ ވަނީ ފަހުން ކޮޕްސް ބޭންޑުގައި ސީދާ ހަރަކާތްތެރިވުން ދޫކޮށްލައްވައިފަ އެވެ. އެހެން ނަމަވެސް، ދޭތެރެ ދޭތެރެއިންް ލަވަ ވިދާޅުވުމާއި އެކި މުބާރާތްތަކުގެ ޖަޖްކަން ކުރުން އޭނާ ކުރިއަށް ގެންދެވި އެވެ.

އާތިފަކީ މިއުޒިކް ދާއިރާ ގަބޫލު ކުރާ ގޮތުގައި މި ދާއިރާގެ ވަރަށް ގާތް ބޭފުޅެކެވެ. ބުރަ ވަޒީފާއެއްގައި އުޅުއްވިޔަސް އާތިފަކީ ވަކިވަކި ލަވަކިޔުންތެރިންނާއި ވަކިވަކި މިއުޒީޝަނުންނާ ވަރަށް ބަރާބަރަށް ގުޅުން ބާއްވަވައި، ފޯނުން ވެސް ގުޅުއްވާ ހައްދަވާ ބޭފުޅެކެވެ. އާތިފް ބޭނުންވެ ވަޑައިގަތީ، އޭނާގެ ބަހުން ސާފުކޮށް އެނގޭ ގޮތުގައި އެ ހުނަރު ދިރުވުމެވެ.

"އާތިފަކީ އަޅުގަނޑަށް ދުށް ހަމަ އެންމެ ރީތި އެއް އަޑު. އަދި އޭނާގެ ބައެއް އަމިއްލަ ރާގުތައް އެބަހުރި އެ ރާގުތަކާ ދުވަހަކު ވެސް ވަކިނުވެވޭނެ ކަހަލަ ރާގުތައް. ފުރާނައާ ކުޅެލާހާ ރީތި ރާގުތައް އެބަހުރި،" މަޝްހޫރު މިއުޒިކް ޑައިރެކްޓަ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) ބުންޏެވެ.

އެއަށް ވުރެ ބޮޑު އެއްޗަކީ މި އެވެ؛ އާތިފަކީ ވަރަށް ގިނަ ބައެއްގެ މާ ގާތް ރައްޓެއްސެކެވެ. އާތިފްގެ ވަރަށް ގާތް ރަހުމަތްތެރިއަކު ބުނި ގޮތުގައި، އާތިފަކީ ރައްޓެހި ނޫން މީހުންނާ ވެސް ވަރަށް ގާތްކޮށް ހީސަމާސާ ކޮށް ހައްދަވާ ބޭފުޅެކެވެ. އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެކެވެ. އަދި ކުރާ ކޮންމެ ކަމަކަށް ވަރަށް އިހުލާސްތެރި ވެސް ބޭފުޅެކެވެ.