ރިޕޯޓް / ލޯކަލް ޓޫރިޒަމް

ދިވެހިންނަށް ބަންދު ދިވެހިންގެ ގޮނޑުދޮށްތައް

އަތްދިގު ގަމީހާއި ފަޓުލުނޫގައި ގޮނޑުދޮށުން ހިނގާފައި އަންނަ މީހާ މާ ދުރުން ވެސް ފެނިއްޖެ އެވެ. ސާފު ހުދު ދޮންވެލިގަނޑާއި މޫދުން އުފާ ހޯދާށާއި އަރާމުކޮށްލަން އެ ތަނުގައި ތިބި ޓޫރިސްޓުންގެ ތެރެއަށް އެ އައީ ޓައި އަޅާފައި ހުރި ކައުންސިލަރެކެވެ. ވެގެން އުޅޭ ގޮތެއް އެނގޭނެ ހަމައެކަނި ބަޔަކީ އަހަރެމެންނެވެ. އޭރު އަހަރެމެން ތިބީ "ކުށްވެރިވެފަ" އެވެ. އެއީ "ގެސްޓުން"ނަށް ޚާއްސަ ބީޗެކެވެ. އަހަރެމެންނަކީ ދިވެހިންނެވެ. ޗުއްޓީ ހޭދަކޮށްލަން އެ ރަށަށް ގޮސް ގެސްޓް ހައުސްއަކަށް ފައިސާ ދައްކައިގެން ތިބި ކޮންމެވެސް ބަޔެކެވެ. "ގެސްޓުން"ނެއް ނޫނެވެ. އެ ތަނަކަށް ނުވަދެވޭނެ އެވެ.

ފުލުހުން ގެނެސް އަހަރެމެން އެ ގޮނޑުދޮށުން ބޭރުކޮށްލާނަމޭ ބުނި މީހާ އެ ދިނީ ހުސް އިންޒާރެއް ނޫން ކަމުގެ ބިރު އަހަންނަށް ކުރިން ވެސް ހީވި އެވެ. އެކަމަކު ސަލާމްކޮށްލާފައި ވާހަކަދެއްކި ކައުންސިލަރު އެފަދަ ހަރުކަށިކަމެއް ނުދައްކަ އެވެ. އޭނާގެ ބަސްމަގު އަދަބުވެރި އެވެ. މީހަކު އަހަރެމެންގެ މައްސަލަ ޕޮލިހަށް ހުށަހަޅަން އުޅޭތީ ވާނުވާ ބަލައިލަން ކައުންސިލުން ބޭނުންވީ އެވެ. ކައުންސިލަރު އައީ އަހަރެމެން އެ ތަނުން ނެރޭކަށް ނޫނެވެ.

އެ ގޮނޑުދޮށުގެ "ގާޑު"ގެ "މެހްމާންދާރީ" މުޅިން ތަފާތެވެ.

"ލޯކަލް ޓޫރިޒަމްއަކީ މިއީ ހެއްޔެވެ؟ ރަށްރަށުގެ ގޮނޑުދޮށްތަކަކީ ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަކުގެ މިލްކަކަށް ވެ، އެ ތަންތަނަށް ދާ ކޮންމެ ދިވެއްސަކު ފައްސާލުން ހެއްޔެވެ؟ ރަށުގެ އެންމެ ރީތި ތަންތަން ރައްޔިތުންނަށް ބަންދުކުރުން ހެއްޔެވެ؟ ފަހަރުގައި، މި ނޫން ގޮތަކަށް ލޯކަލް ޓޫރިޒަމް ހިންގެން ނެތީ އެވެ. އެއްކޮޅުގައި، ބިކިނީގައި އުޅުމުގެ މިނިވަންކަން ޓޫރިސްޓުންނަށް ދިނުމެވެ. އަނެއްކޮޅުގައި، އެކަން ދިވެހިންގެ ދީނާއި ސަގާފަތާ ފުށުއެރުމެވެ."

އެއީ އއ. ތޮއްޑޫ "ގެސްޓް ބީޗު" އަށް އަހަރެމެން ދިޔަ ދެވަނަ ދުވަހެވެ. ފުރަތަމަ ދުވަހު އަހަރެމެން އެ ތަނުން ނެރެން ކުރި މަސައްކަތް ނާކާމިޔާބުވި މީހާ ދެވަނަ ދުވަހު ހުރީ އަދި ވަކިން ބޮޑަށް ރުޅިއައިސްފަ އެވެ. އޭނާ އައި ގޮތެއް ވެސް ނޭނގުނެވެ. ފެނުނީ ކުއްލިއަކަށް އަހަރެމެންގެ ކުރިމައްޗަށް އަރާ ހުއްޓަ އެވެ. ހެނދުނު އެރި އިރާ އެކު އެ ތަނަށް ގޮސް އަހަރެމެންނަށް ފާރަލައިގެން ހުރި ކަހަލަ އެވެ. ނުވަތަ، އެ ތަނަށް ދިވެއްސަކު ވަދޭތޯ ބެލުމަކީ އޭނާ ކޮންމެ ދުވަހަކު ކުރާ މަސައްކަތެވެ.

ތިޔައީ ކާކުތޯ ސުވާލުކުރީމެވެ. އެ ރަށުގެ ގެސްޓް ހައުސްއެއްގެ މީހެކެވެ.

"އިއްޔެ ވެސް ބުނީމެއްނު، މި ތަނަށް ދިވެހިންނަކަށް ނުވަދެވޭނެއޭ!" ބީޗަށް ވަދެ ނިކުންނަން ހަދާފައި އޮތް ވެލީގެ ހަނި މަގުކޮޅުގައި އަހަރެމެންނަށް ހުރަސް އަޅަމުން އޭނާ ބުންޏެވެ. ދެން އޭނާ ދެއްކީ މުޅިއަކުން ގޯސް ވާހަކައެއް ވެސް ނޫނެވެ. އެއީ އެ ރަށުގައި އެކަން ހަމަޖެހިފައި އޮތް ގޮތެވެ. ރަށަށް އަންނަ މީހުން ޖެހޭނީ އެ ރަށެއްގެ ގަވާއިދަށް ބޯލަނބާށެވެ.

"މިއީ ޕްރައިވެޓް ރިސޯޓެއް ނޫން. ދިވެހިންނަށް ނުވަދެވޭ ގޮތަށް ބީޗު ބަންދުކުރެވޭތަ؟ ދިވެހިން ބޭނުންކޮށްފައެއްނު، ދެން އަދި އެހެން ބަޔަކަށް ބޭނުންކުރެވޭނީ؟" އަހަރެންގެ ރަހުމަތްތެރިޔާ ރައްދު ދިނެވެ.

"ދިވެހިންނަށް ވެސް މި ރަށުގައި ވަކިން އޮންނާނެއޭ ބީޗެއް! ދޭބަލަ އެ ތަނަށް!" އެ މީހާ ބުންޏެވެ.

"ދިވެހިންނަކަސް އަހަރެމެން މިއީ ގެސްޓް ހައުސްއަކަށް ބައިވަރު ލާރި ދީގެން މި ރަށުގައި ތިބި ބައެއް. ކީއްވެ މި ބީޗަށް ނުވަދެވެންވީ؟" ޖަވާބުގައި ރަހުމަތްތެރިޔާ ސުވާލުކުރި އެވެ.

ދެން އެ މީހާ ދިނީ އެ ތަނަށް ކައުންސިލަރުންނާއި ފުލުހުން ގެންނާނެ ކަމުގެ އިންޒާރެވެ. އަހަރެމެން ދިޔައީ މޫދަށެވެ.

ކައުންސިލަރު ބުނީ އަހަރެމެން އެ ތަނުގައި ތިއްބަސް އެންމެ ރަނގަޅޭ އެވެ. އެކަމަކު ދިވެހިން އެ ތަން ބޭނުންކުރުމާ މެދު ހިތްހަމަނުޖެހޭ ކަން އޭނާގެ ވާހަކައިން ދޭހަވި އެވެ. އެއް ފަހަރަކު ދިވެހި އަންހެންކުއްޖަކު ބިކިނީގައި އެ ތަނުގައި އުޅުނީމަ އެވެ. މޫނު ބުރުގާ އަޅާ މީހަކު އެ ތަނުން ފެނިއްޖެއްޔާ ޓޫރިސްޓުން ބިރުގެންފާނެތީ އެވެ.

ދުނިޔޭގެ އެހެން ތަންތަނުގައި، މޫނު ބުރުގާ އަޅާ މުސްލިމުންނާއި ބިކިނީ ލައިގެން ތިބޭ ޣައިރު މުސްލިމުން އެއް ތަނަކަށް މޫދަށް އެރި އުޅެ އެވެ.

ދަތުރުގެ ފަހުން ރަސްމީކޮށް ތޮއްޑޫ ކައުންސިލަށް ގުޅީމެވެ. ކައުންސިލްގެ ރައީސާ ވިދާޅުވީ އެ ރަށުގެ ގޮނޑުދޮށް ބޭނުންކުރުމާ ބެހޭ "ވަކި އުސޫލެއް ހެދިފައި ނެތް" ކަމަށެވެ. އޭނާގެ ވާހަކައިން ދޭހަވީ ގެސްޓް ހައުސްތައް ހިންގާ މީހުންނާއި ކައުންސިލާ ދެމެދު ކުރިންސުރެ ނުރަސްމީ އެއްބަސްވުމެއް އޮންނަނީ ކަމެވެ.

"އާއްމު ރައްޔިތުންނަށް އެންމެ ފަސޭހަ ވާނެ ގޮތަކަށް ބަލާފައި ނިންމާފައި އޮތް ގޮތެއް ކަމަށް ބެލެވެނީ،" ޚަދީޖާ ނިއުޝާ ވިދާޅުވި އެވެ.

"ގެސްޓުންނަށް ޕްރައިވެސީ ލިބޭ ގޮތަށް ވަކިން އޮންނަ ތަންކޮޅެއް ހަމަޖައްސާފައި ދިވެހިންނަށް އޮންނާނީ ވަރަށް ބޮޑު ބީޗެއް."

ދިވެހިންގެ ބީޗަށް އަހަރެމެން ދިޔައިމެވެ. ތެދެކެވެ. އެ ތަން މާ ބޮޑެވެ. އެ ތަނުގައި ހުރި ކުނިބުންޏާއި ގަލުން ހިތްހަމަޖެހުމެއް ނުލިބެނީ އެވެ. އެއީ ރަށު ރައްޔިތުންނަށް ހައްގު މިންވަރުތާ އެވެ! ގެސްޓް ބީޗުގައި ހުރި ގަސްތަކުގެ ހިޔަލާއި އެ ތަނުގެ ސާފުތާހިރުކަން އެ މީހުންނަށް ހައްގު ނޫނީ އެވެ.

ގެސްޓް ހައުސްތަކުން އަމިއްލަ އަށް ޚަރަދުކޮށްގެން ގެސްޓް ބީޗު ސާފުކޮށް ބަލަހައްޓަނީކަން އެނގުނީ ނިއުޝާ ވިދާޅުވީމަ އެވެ. އެއްކަލަ މީހާ އެހާ ބޮޑަށް ރުޅި އައީ ކީއްވެގެންކަން އަހަންނަށް ފުރަތަމަ ފަހަރަށް މޭރުންވި އެވެ. ގެސްޓް ބީޗަކީ އެ މީހުންގެ ތަނެކެވެ. އެކަމަކު އަހަރެމެންނަކީ ވެސް ގެސްޓް ހައުސްއެއްގެ މެހްމާނުންނެވެ. ގެސްޓް ބީޗުން ނުކުންނަން އެންގޭނީ ކިހިނެއް ހެއްޔެވެ؟

ގެސްޓް ހައުސްއަކަށް ފައިސާ ދެއްކިޔަސް ދިވެއްސަތަކަށް އެ ފުރުސަތު ނެތީ އެވެ! ބީޗުގެ މިލްކުވެރި ރައްޔިތުންނަށް ވެސް އެ ތަން ބަންދުކޮށްފައި އޮތް ފަދައިންނެވެ.

"ގެސްޓް ބީޗު ވަރަށް އަވަހަށް ކައުންސިލަށް ނަގާނެ،" ނިއުޝާ ވިދާޅުވި އެވެ.

އޭރުން ބަދަލެއް އަންނާނެ ހެއްޔެވެ؟ ސުވާލު އޮތީ އަހަރެންގެ ހިތުގަ އެވެ.

ނިއުޝާ ވިދާޅުވި އެވެ؛ ބިކިނީ ލައިގެން ބަޔަކު އުޅޭ ތަނަކަށް ދިވެހިން ދިޔުން "އެހާ ރަނގަޅު ނުވާނެ" ކަމަށް އެބަ ބެލެވެ އެވެ. އަހަރެން ބުނީމެވެ؛ ބިކިނީގައި ބަޔަކު އުޅޭ ތަނަކަށް ދާނަންތޯ ނޫންތޯ ނިންމާނީ އެ މީހަކު އަމިއްލައަކަށް ނޫން ހެއްޔެވެ؟ ތިޔައީ ކައުންސިލްގެ ވިސްނުންތޯ އެވެ؟ ކައުންސިލަރު ވިދާޅުވީ "މި ބުނީ އެހެނެކޭ ނޫން" ކަމަށެވެ.

ރަށު މީހުން ދެކޭ ގޮތެއް ކައުންސިލުން ބެލި ބާވަ އެވެ؟

ތޮއްޑޫ މީހުންގެ ވިސްނުން ހުރި ގޮތެއް އަހަންނަކަށް ނޭނގެ އެވެ. އަހަންނަށް ކިޔައިދެވޭނީ ކ. ގުޅީ ގަހެއްގެ ދަށުގައި އުނދޯލި ހެއްލަން (ހަގީގަތުގައި ހެއްލޭ ޖޯއްޔެއް) އިން މުސްކުޅި ފުރައިގެ އަންހެނަކު ދެއްކި ވާހަކަ އެވެ. ޗާލު ބޮޑު މޫދަކާއި ބޮޑު ދޮންވެލިގަނޑެއް އޮތް އެ ރަށުގެ ބީޗު ހާދަ ރީއްޗޭ ބުނެލީމާ އެ ދައްތަ ބުންޏެވެ؛ "އަހަރެމެން އެ ތަނަށް ދާތީ ކައުންސިލުން ވަރަށް ޝަކުވާކުރެ" އެވެ.

"އެކަމަކު ވެސް އަހަރެމެން އެރެނީ އެ ތަނަށް. އާނ، ރަށު މީހުންނަށް އެރެވެން ޖެހޭނެއެއްނު؟"

އަހަރެން އެއްބަސްވީމެވެ.

ތޮއްޑޫ ގެސްޓް ބީޗުން އަހަރެމެން ނޫނީ ދިވެއްސަކު ނުފެނުނަސް ގުޅި މުޅިން ތަފާތެވެ. ބައެއް ވަގުތުތަކުގައި މޫދުގައި ގިނައީ ވެސް ދިވެހިންނެވެ. ބިކިނީގައި ވެލިގަނޑުމަތީ އަވީ ލެވިގެންނާއި މާ ދުރަށް ސްނޯކްލިން އަށް ދާން އެ ބޮޑު ފަޅު ތެރެއިން ހިނގާފައި ދާ ޓޫރިސްޓުންގެ ތެރޭގައި ވެސް ދިވެހިން އުޅެ އެވެ. ކޮންމެ ގައުމެއްގެ މީހަކަސް، އެ މީހަކު އެ މީހެއްގެ އަމިއްލަ ކަމުގަ އެވެ. ބުރުގާ އަޅައި ނިވާވެގެން ތިބޭ ދިވެހި އަންހެނުން ދެކެ ޖެހިލުންވެގެނެއް ޓޫރިސްޓުން ނޫޅެ އެވެ. ދެ ބައި މީހުން އެއް ބަޔަކު އަނެއް ބަޔަކަށް ސަމާލުކަމެއް ދޭނީ މޫދުގައި އެ ހުންނަ "އައި ހާޓް ގުޅި" އުނދޯއްޔާ ޖެހުނީމަ އެވެ. ޓޫރިސްޓަކު އުނދޯލި ކައިރި އަށް ދާ އިރަށް ދިވެހިން ވަގުތުން އުނދޯލިން ފައިބަ އެވެ. އެ ހިސާބުން އެއް ބަޔަކު އަނެއް ބަޔަކާ ހަތަރުކަޅި ހަމަކޮށްލައި ހީނލާނެ އެވެ. ރީތި ފޮޓޯއެއް ނަގަން ޓޫރިސްޓް މީހާ އަށް ތަން ދީފައި ދިވެހިން މުޅި ހިސާބުން ވެސް ދުރަށް ދާނީ އެވެ.

އަހަރެންގެ ހިތަށް އެރި އެވެ؛ ދިވެހިންގެ މެހްމާންދާރީގެ ވާހަކަ އެ ދައްކަނީ ހަމަ ރަނގަޅަށެވެ. އެއް ބަޔަކު އެހެން ހެދީމާ އަހަރެމެންނަށް ވެސް ޖެހުނީ އެ ނަމޫނާ ދަމަހައްޓާށެވެ. އެ އުނދޯއްޔަށް ދެން އެރި ދިވެހިން ވެސް ހަމަ އެ ގޮތެވެ.

ޓޫރިސްޓުން ޝުކުރުން ފުރިފަ އެވެ. އަހަރެން ހިތް ފުރިފަ އެވެ. މި ރަށުގައި މިކަން މި އޮތީ ހާދަ ސަޅިކޮށޭ ބުނެލެވުނެވެ. އޭގެ ދެތިން ގަޑި އިރު ފަހުން އަޑުއިވުނީ އުނދޯލީގައި އިން މީހާގެ ވާހަކަ އެވެ. ދަތުރު ނިންމާލި ފަހުން ފެނުނީ ޓްވީޓްތަކެކެވެ. ގުޅީ ބީޗުން ދިވެހިންގެ ބަޔަކު ބޭރުކޮށްލަން އެ ރަށުގެ ގެސްޓް ހައުސްއެއްގެ މީހަކު އުޅުނީ އެވެ. އެ މީހުން ގެންގުޅުނު ކާއެއްޗެހި ނަގައި އުކާލާނެ ކަމުގެ އިންޒާރު ދިނެވެ. ފުލުހުން ގެންނާނެ ކަމުގެ އިންޒާރު ދިނެވެ.

"އަހަރެމެން ބުނީ މި ދިވެހިރާއްޖޭގައި ދިވެއްސަކަށް ނުދެވޭނެ ތަނެއް ނޯންނާނެއޭ،" ފަރިބެގެ ނަމުގައި ޓްވިޓާ ބޭނުންކުރާ މީހަކު ލިޔުނެވެ.

ބީޗު ބަލަހައްޓަނީ ގެސްޓް ހައުސްތަކުން ޚަރަދުކޮށްގެންނޭ، އެ ތަނަށް ހިނގާނީ އެ މީހުންގެ ގަވާއިދޭ ބުންޏެވެ.

"ފަރިބެ"މެންނަށް ދިމާވީ ހަމަ ތޮއްޑޫގައި އަހަރެމެންނަށް ވެސް ދިމާވި ގޮތެވެ؛ އެންމެ ފަހުން ކައުންސިލުން މީހަކު ގޮސް ވާހަކަދެއްކި އެވެ. އެ މީހުންނަށް އެ ތަނުގައި ތިބެވިދާނެއޭ ބުންޏެވެ.

މައްސަލަ ހައްލުވީ ހެއްޔެވެ؟

ނޫނެކެވެ.

ސިޓީ ހޮޓާ އަޅާފައިވާ ބައެއް ރަށްރަށުގައި ރަށުގެ އެންމެ ހިތްގައިމު ބީޗު އާއްމުންނަށް ބަންދުކުރަން ދަގަނޑު ތޭރި ޖަހައި ފާރު ރާނާފައި ވެސް އެބަ ހުއްޓެވެ.

ލޯކަލް ޓޫރިޒަމްއަކީ މިއީ ހެއްޔެވެ؟ ރަށްރަށުގެ ގޮނޑުދޮށްތަކަކީ ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަކުގެ މިލްކަކަށް ހަދައި އެ ތަންތަނަށް ދާ ކޮންމެ ދިވެއްސަކު ފައްސާލުން ހެއްޔެވެ؟ ރަށުގެ އެންމެ ހިތްފަސޭހަ ތަންތަން ރައްޔިތުންނަށް ބަންދުކުރުން ހެއްޔެވެ؟

ފަހަރުގައި، މި ނޫން ގޮތަކަށް ލޯކަލް ޓޫރިޒަމް ހިންގެން ނެތީ އެވެ. އެއްކޮޅުގައި، ބިކިނީގައި އުޅުމުގެ މިނިވަންކަން ޓޫރިސްޓުންނަށް ދިނުމެވެ. އަނެއްކޮޅުގައި، އެކަން ދިވެހިންގެ ދީނާއި ސަގާފަތާ ފުށުއެރުމެވެ. އެ މަންޒަރު ބަލަން ބޭނުން ނުވުމެވެ. ދަރިންނަށް އެ މަންޒަރު ދައްކަން ބޭނުން ނުވުމެވެ. ދެން އޮތީ އިތުރު ކޮން ގޮތެއް ހެއްޔެވެ؟ ފަހަރުގައި މި ރަށްރަށުގެ އާއްމު މީހުން ވެސް ބޭނުންވަނީ މި ގޮތެވެ. ފަހަރުގައި މިއީ، ޓޫރިޒަމުން މަންފާ ހޯދަން އެ މީހުން ދައްކަން ޖެހޭ އަގެވެ.

ތޮއްޑޫ ކައުންސިލަށް ގުޅާފައި ގުޅީ ކައުންސިލަށް ވެސް އަހަރެން ގުޅީމެވެ. އެއް ޖަވާބެކެވެ. ބީޗު ބޭނުންކުރުމުގެ ވަކި އުސޫލެއް ހަދާފައެއް ނޯވެ އެވެ.

"އެހެން ރަށްރަށުގައި އޮންނަ ގޮތް ބަލާފައި ގެސްޓް ހައުސްތަކާ ވާހަކަދައްކައިގެން މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ ގޮތެއް ހަމަޖައްސާ ގޮތަށް އޮތީ،" ކައުންސިލްގެ ރައީސް މުހައްމަދު ފަތުހުﷲ ވިދާޅުވި އެވެ.

ދިވެހިން ވަނީމާ މައްސަލަ މި ޖެހެނީ ކީއްވެގެންތޯ އަހަރެން އެހީމެވެ.

"ދިވެހިން ވަނުން އަޅުގަނޑުމެން މަނައެއް ނުކުރަން،" ފަތުހުﷲ ވިދާޅުވި އެވެ.

"ބިކިނީގައި ގެސްޓުން އުޅޭ އިރު އާއްމު ފަރުދުން އެ ތަނަށް ވަދެ އުޅުމަކީ ރަނގަޅު ކަމެއް ނޫން. އެކަމަކު މިހާރު ދިވެހިންނަކަށް އެހެން ބީޗެއް ނެތް."

އަހަރެން ބުނީމެވެ؛ ބިކިނީ ލައިގެން ބަޔަކު އުޅޭ ތަން ފެނުނަސް ފަރުވާލެއް ނެތް މީހުން ދާން ބޭނުންވެދާނެއެއް ނޫންތޯ އެވެ؟

"މިހާރު ދިވެހިންނަށް ބީޗެއް ތައްޔާރުކުރަން މަސައްކަތްކުރަމުން މި ދަނީ،" ކައުންސިލަރު ހަމައެކަނި ވިދާޅުވީ އެހެންނެވެ. އެއީ ކިހާ ވަރެއްގެ، ކޮން ކަހަލަ ތަނެއް ހެއްޔެވެ؟ "ހަމަ މޫދަށް އެރި އުޅެން ގޯހެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އަހަރެންގެ ހިތަށް އެރި އެވެ؛ ތޮއްޑޫ މީހުންނަށް ހަމަޖައްސާފައި އޮތް ކަހަލަ ބީޗެއް ހެއްޔެވެ؟

ދެން އުފެދުނު ސުވާލު ހިތަކު ނުބާއްވަމެވެ.

ގެސްޓް ހައުސްތަކުގައި ތިބޭ ދިވެހިންނަށް ޓޫރިސްޓުން ބޭނުންކުރާ ބީޗަށް ވަދެވޭނެ ހެއްޔެވެ؟ "ވަންނަން ބޭނުންމިއްޔާ ހަމަ ވަންނަންވީ،" ފަތުހުﷲ ޖަވާބުދެއްވި އެވެ.

އެހެން ގެސްޓް ހައުސްއަކުން މީހަކު އައިސް ނެރެއެއް ނުލާނެ ހެއްޔެވެ؟

131 ކޮމެންޓް, 150 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 5%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

raajjethereymeehaa

12 February 2019

ދޮންވީމަ ގެސްޓުން ކަޅުވީމަ ކަޑަ

The name is already taken The name is available. Register?

މުފުތީ

10 February 2019

ހުޅުމާލޭ އިރުމަތީފަރާތުގައި ވާ ބީޗް. ގޮނޑުދޮށް ޖެހެނީ އާއްމު ރައްޔިތުންނަށް ހުޅުވާލަން

The name is already taken The name is available. Register?

ބަންގާޅި

10 February 2019

ދިވެހިންނަކީ ބަންގާޅިންނާއި އެއްފަދަ ބައެއް. އެމީހުން ގެސްޓުން ގެ ތަންތަން ބެލުމަށް އެއްވެސް ކަމެއްނެތި ބީޗްއަށްވަދެ ހަދަނީ. އެހެންވެ މަނާކުރަނީ. ދިވެހިންނަކީ ވަރަށް ގޮތް ކުޑަ ބައެއް.

The name is already taken The name is available. Register?

ރައްޔިތުމީހާ.

11 February 2019

ދިވެހިން އެރޭގޮތަށް މުދަށް އެރެވޭނެދޯ.ކޮންމެހެން މޫދު ފެންނައިރަށް ހުރިހައި އެެއްޗެހި ބާލަން ޖެހޭތަ؟ އެތަނެއްގައި އެތަނުގެ ސަގާފަތަށް އުޅުނީމަ ނިމުނީ. ބޭރުން އަންނަ މީހަކު އިންކާރެއް ނުކުރާނެ. ގެސްޓުހައުސް ހިންގަމިހުން ތަންތަން ބަލަން ކުރާކަމެކޭ ބުނީމަ މާ ރަނގަޅުވަނެ

The name is already taken The name is available. Register?

ރެކިފުތާ

10 February 2019

ދުވަސްކޮޅަކުން ރިސޯޓުތަކަށް ދިވެހިން ދިއުން މަނާ ކުރިގޮތަށް މި ގެސްޓްހައުސް ތަކަށްވެސް ދިވެހިން ދިއުން ވަރަށްއަވަހަށް މަނާ ކުރާނެ. މި ފަސްގަނޑުގައި ރައްޔިތުންނަށް ލިބޭނެ މަންފާއެއް ޓްއަރިޒަމުން ވެސް މިވީހާތަނަށް ފެންނާކަށްނެތް.

The name is already taken The name is available. Register?

‫ޓޓޓ

10 February 2019

‫ފުރަތަމަ ދިވެހިން އިސްލާހުވާންވީ..ދިވެހިންގެ ގޮނޑުދޮށްތައް ހަޑި ކުރިނީ ދިވެހިން, ޕިކްނިކްއޭ ކިޔާފަ މުޅި ތަނަށް ކުނި އަޅާފަ ދިޔުން އެއީ ދިވެހިންގެ ގައިން ނުކެނޑުނު އާދައެއް..

The name is already taken The name is available. Register?

ނުކިޔަވާސަންގޯރު

10 February 2019

ހދ އެއާޕޯޓް އޮންނަ ރަށެއް ގައިރަށުގެ މުޅިސަރަހައްދު ރިސޯޓުސަރަހައްދު ކިޔައިގެން ބަންދުކޮއްގެންއެހަރަ އުޅެނީ. ހަމަ އޯކޭ! ދިވެހިންނައް އެރަށުގެ އެންމެ ބީޗް ރީތި ސަރަހައްދު އެއީ ކުރީގަ އެރަށުއެންމެން ދަތުރުދާ ސަރަހައްދު. ކަތިވަޅިގެއްލި މަރިޔަނބުގެއްލި އެންމެފަހުން ކޮށި ދަނޑުވެސް މިއުޅެނީ ދިވެހިންނައް ގެއްލެން. ސޮރީ ޓުސޭ

The name is already taken The name is available. Register?

ތަކުރުބެ

10 February 2019

ލިޔުންތެރިކަން ވަރަށް ރީތި.

The name is already taken The name is available. Register?

ައދ މ

10 February 2019

އަހަރެމެންވެސް ފަޅުރަށަކައް ދާންވިއްޔާ ޖެހެނީ ގެސްޓުން ތިބިތޯ ބަލަން، އެމީހުން އުޅެންޔާ އެރަށަކައް ނުދެވޭނެ

The name is already taken The name is available. Register?

ރާއްޖެތެރެމީހާ

10 February 2019

ހަގީގަތަކީ ތިޔަ ލޯކަލްޓޫރަޒިމްގެ ނަމުގައި ރަށްރަށުގައި ތިޔަކަމެއް ފަށައިގަތީ ، ރައްޔިތުންނަށް ފައިސާގެ ދަޅަދައްކައިގެން ދުރުރާސްތާ ޕްލޭނެއް އެކުލަވާލައިގެން އެޕްލޭން ތަންފީޒު ކުރުމުގެ ގޮތުންނެވެ. ކުރިން އޮންނަގޮތުން ޣައިރު ދީން ފެތުރުމަށްޓަކައި ދިވެހިންނާ މަސްހުނިވެގެން ނޫޅެވެއެވެ. މިހާރު މިވާގޮތުން ގެސްޓުހައުސްތަކަށް އަންނަ އެތަކެއް ބަޔަކު އެއުޅެނީ ދިވެހިންނާ ހިތާވެގެންނެވެ. އަހަރެމެން އުޅޭގޮތް އެމީހުން ދަސްކުރުމުގެ ބަދަލުގައި އަހަރެމެންނަށް...

The name is already taken The name is available. Register?

އާދަން

10 February 2019

ތަންކޮޅެއް ދިގު، މިލިއުން. އެހެންވެ އެކުގަ ކިޔާނުލެވުނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454