އަންހެނުންނާއި ފިރިހެނުންގެ އާމްދަނީގެ ބޮޑު ފަރަގު

މާލޭގައި ވަޒީފާ އަދާކުރާ މީހުންގެ ތިންބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ. އެކަމަކު މާލޭގައި އަދާކުރާ މައިގަނޑު ވަޒީފާ އިން ލިބޭ މުސާރަ ފިރިހެނުންނަށް ވުރެ އަންހެނުންނަށް އެވްރެޖްކޮށް 32 ޕަސެންޓް ކުޑަ އެވެ. އެއީ މުޅި ރާއްޖޭގެ ނިސްބަތުން ވެސް ބޮޑު ފަރަގެކެވެ.


މިދިޔަ އަހަރު ނެރުނު "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރި ގޮތުގެ ސާވޭ (ހަޔަސް) 2016"ގައި ހޯދާފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މަސައްކަތުގައި އުޅޭ ގަޑިއިރަކަށް މާލޭގައި އެވްރެޖްކޮށް ޖެހޭ އާމްދަނީއަކީ ފިރިހެން މުވައްޒަފުންނަށް 97.76 ރުފިޔާ އަދި އަންހެން މުވައްޒަފުންނަށް 66.52 ރުފިޔާ އެވެ. އެއީ 31.24 ރުފިޔާގެ ފަރަގެކެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހަޔަސްގެ މަސައްކަތްތެރިކަމާ ގުޅޭ ތަފާސްހިސާބު އެކުލަވާލައި ނެރެފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މުޅި ރާއްޖެ އަށް ބަލާ އިރު 2016 ވަނަ އަހަރު އަންހެން މުވައްޒަފުންގެ މުސާރަ ފިރިހެން މުވައްޒަފުންގެ މުސާރަ އަށް ވުރެ އެވްރެޖްކޮށް 20 ޕަސެންޓް ކުޑަ އެވެ. އަދި ހަމައެކަނި ދިވެހިންނަށް ބަލާ ނަމަ، އެ ފަރަގު (ޖެންޑަ ޕޭ ގެޕް) 26 ޕަސެންޓަށް އަރަ އެވެ.

އޭގެ މާނައަކީ ދިވެހި އަންހެން މުވައްޒަފަކަށް ގަޑިއިރަކަށް ޖެހޭ މުސާރަ ދިވެހި ފިރިހެން މުވައްޒަފަކަށް ވުރެ އެވްރެޖްކޮށް 22.51 ރުފިޔާ މަދު ކަމެވެ.

އަދި އަންހެން މުވައްފުންގެ ތެރެއިން ބިދޭސީންނަށް ލިބޭ މުސާރަ ދިވެހިންނަށް ވުރެ އެވްރެޖްކޮށް ބޮޑުކަން ވެސް އެއިން އެނގެ އެވެ.

ހަމައެކަނި ދިވެހިންނަށް ބަލާއިރު ވަޒީފާ އަދާކުރާ އަންހެނުންނާއި ފިރިހެނުންގެ މުސާރައިގެ ފަރަގު އެންމެ ބޮޑީ މެނޭޖަރުންގެ ފެންވަރުގަ އެވެ. އެއީ 61 ޕަސެންޓެވެ. އަދި ޕްރޮފެޝަނަލް ވަޒީފާތަކުގައި 39 ޕަސެންޓުގެ ފަރަގެއް އުޅެ އެވެ. މެނޭޖަރުންގެ ގޮތުގައި މަސައްކަތްކުރާ އަންހެނުންނަށް ގަޑިއިރަކަށް އާމްދަނީ ލިބެނީ ފިރިހެން މުވައްޒަފުންނަށް ގަޑިއިރަކަށް ލިބޭ އާމްދަނީ އަށް ވުރެ އެވްރެޖްކޮށް 146.70 ރުފިޔާ މަދުންނެވެ. އަދި ޕްރޮފެޝަނަލް އަންހެން މުވައްޒަފުންނަށް 48.95 ރުފިޔާ މަދުންނެވެ.

މާލެއާ ހިލާފަށް އަތޮޅުތަކުގައި އަންހެން މުވައްޒަފުންގެ މުސާރަ ފިރިހެން މުވައްޒަފުންނަށް ވުރެ އެއް ޕަސެންޓް ބޮޑެވެ.

އެންބީއެސް އިން ބުނިގޮތުގައި "ޖެންޑަ ޕޭ ގެޕް" ދެނެގަތުމުގައި، ވަޒީފާގައި އުޅޭ މަސައްކަތްތެރިންގެ އާމްދަނީ އަށް ވަކިން ބަލާފައި ވަނީ އދގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ކަނޑައަޅާފައިވާ ގޮތަށް ބިނާކޮށެވެ. އެކަމަކު ރާއްޖޭގައި ނުރަސްމީ މަސައްކަތްތަކުން އާމްދަނީ ހޯދާ މީހުން ގިނަކަން ފާހަގަކުރެވޭތީ، މަސައްކަތްކޮށްގެން އާމްދަނީ ހޯދާ އެންމެން ހިމެނޭ ގޮތަށް ވެސް އަންހެނުންނާއި ފިރިހެނުންގެ މުސާރައިގެ ފަރަގު ދެނެގެންފައިވެ އެވެ. އެއީ މުވައްޒަފުންގެ އިތުރުން، މަސައްކަތް ހިންގާ ވެރިފަރާތާއި އަމިއްލަ މަސައްކަތް ކުރާ މީހުންނާއި އާއިލާ އަށް އާމްދަނީ ލިބޭ މަސައްކަތެއްގައި އުޅޭ މީހުންނާއި ގްރޫޕެއް ހަދައިގެން މަސައްކަތްކުރާ މީހުން ލައިގެންނެވެ.

އެ ގޮތަށް ބަލާ އިރު އަދަދުތަކަށް ބަދަލު އާދެ އެވެ.

ފާހަގަކުރެވޭ އެއް ކަމަކީ، އަތޮޅުތަކުގައި، ހުރިހާ މަސައްކަތްތެރިންގެ ތެރޭގައި "ޖެންޑަ ޕޭ ގެޕް" ފަސް ޕަސެންޓަށް ބޮޑުވެގެންދާ ކަމެވެ. އޭގެ މާނައަކީ ފިރިހެނުންގެ އާމްދަނީ އަންހެނުންނަށް ވުރެ ފަސް ޕަސެންޓް ބޮޑެވެ.

އަތޮޅުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރޭގައި އަންހެނުންގެ މުސާރަ ފިރިހެނުންނަށް ވުރެ އެއް ޕަސެންޓް ބޮޑު ނަމަވެސް ހުރިހާ މަސައްކަތްތެރިން ހިމަނައިގެން ބަލާ އިރު ފަރަގު ފަސް ޕަސެންޓަށް އަރަނީ، އެންބީއެސް އިން ފާހަގަކުރާ ގޮތުގައި، ރަށްރަށުގައި ވަޒީފާތައް މަދުކަމުން ވަޒީފާތަކުގައި އުޅޭ މީހުން މަދުވެފައި އާމްދަނީ ހޯދާ ގިނަ އަންހެނުން މަސައްކަތްކުރަނީ ގޭގައި އެކަނިމާއެކަނި ނުވަތަ އާއިލާ އިން އާމްދަނީ ހޯދަން ކުރާ މަސައްކަތެއްގައި ބައިވެރިވެގެން ކަމަށް ވާތީ އެވެ.

މަސައްކަތްކުރާ އެންމެންގެ އާމްދަނީ ލައިގެން ބަލާ އިރު "ޖެންޑަ ޕޭ ގެޕް" މުޅި ރާއްޖޭގައި އަދި މާލޭގައި ވެސް ކުޑަވެ އެވެ. އެ ގޮތުން މުޅި ރާއްޖޭގައި އަންހެނުންނާއި ފިރިހެނުންގެ އާމްދަނީގެ ފަރަގު 20 ޕަސެންޓުން 13 ޕަސެންޓަށް (އޭރުން އަންހެނުންނަށް ފިރިހެނުންނަށް ވުރެ އެވްރެޖްކޮށް މަދުވަނީ ގަޑިއަކަށް 11.61 ރުފިޔާ) އަށް ދަށްވެ އެވެ.

މާލޭގައި އުޅޭ ހުރިހާ މަސައްކަތްތެރިންގެ އާމްދަނީ އަށް ބަލާ އިރު، އަންހެނުންނާއި ފިރިހެނުންގެ އާމްދަނީގެ ފަރަގު އޮތް މިންވަރު 32 ޕަސެންޓުން 17 ޕަސެންޓަށް ކުޑަވެ އެވެ. އެންބީއެސް އިން ފާހަގަކުރާ ގޮތުގައި އެ ތަފާތު ދައްކަނީ މާލޭގައި ވަޒީފާ އަދާކުރާ އަންހެނުން ގިނަވެފައި އަންހެން މުވައްޒަފުންނަށް ލިބޭ މުސާރަ ފިރިހެން މުވައްޒަފުންގެ މުސާރަ އަށް ވުރެ ކުޑަވީމަ އެވެ. އާމްދަނީ ހޯދަން މާލޭގައި މަސައްކަތްކުރާ އަންހެނުންގެ 80 ޕަސެންޓަކީ ވަޒީފާތަކުގައި އުޅޭ މީހުންނެވެ.