ޒިކާ ރާއްޖޭގެ ދޮރާ ހަމައަށް، ރައްކާތެރިވޭ!

ރާއްޖެއާ 14،000 ކިލޯމީޓަރު ދުރުގައި އޮތް ބްރެޒިލްގައި ޒިކާ ފެތުރިގެން ދުނިޔޭގެ ސަމާލުކަން ލިބުނަސް ގިނަ ދިވެހިން އެކަމާ ކަންބޮޑުވެގެންނެއް ނޫޅެ އެވެ. އެހާ ދުރު ހިސާބެއްގައި އެ ބަލި ބިރަކަށް ވެގެން އުޅުނަސް، ރާއްޖެއާ ހަމައަށް ފޯރާނެ ކަމަކަށް ގިނަ މީހުން ހިއެއް ނުކުރާނެ އެވެ. އެކަމަކު ދުނިޔޭގެ ދަތުރުފަތުރަށް މިހާރު އައިސްފައިވާ ތަރައްގީ އަކީ ދުރު ގައުމަކުން ކޮންމެ ކަހަލަ ބައްޔެއް ވެސް އިސާހިތަކު އައިސް ވަކި ހިއްޕާލަން އޮތް ދޮރެކެވެ.


ޒިކާ މިހާރު ފެތުރެމުން އެ ދަނީ އެ ގޮތަށެވެ. އެންމެ ފަހުން ސިންގަޕޫރާއި މެލޭޝިއާ އިން އެ ބަލީގެ ވައިރަސް ފެނުމުން ރާއްޖޭގެ ދޮރާ ހަމައަށް ވެސް ގާތްގަނޑަކަށް އެ ފޯރީ އެވެ. މިހާރު ޖެހިފައި މި އޮތީ އާންމުން ހޭލުންތެރިކޮށް، ރަައްކާތެރިކަމުގެ ފިޔަވަޅު އަޅާށެވެ.

ޒިކާ ވައިރަސް ރާއްޖެ އަށް ފޯރައިފި ނަމަ ހަލުއިކަމާ އެކު އެ ފަތުރައިދޭނެ ވަސީލަތް ރާއްޖޭގެ މާހައުލުގައިވެ އެވެ: އީޑީސް މަދިރި އެވެ. މިއީ ރާއްޖޭގައި ކޮންމެ އަހަރަކު އެތައް ހާސް ބަޔަކަށް ޑެންގީ ހުން ޖައްސައިދޭ މަދިރި އެވެ. ޒިކާ ފެތުރެން މެދުވެރިވަނީ ވެސް މި މަދިރި އެވެ. އެއީ އެ ވައިރަސް އިންސާނާގެ ހަށިގަނޑަށް ފޮނުވާލާ ވަސީލަތެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރު، ޑރ. ފާތުމަތު ނަޒްލާ ރަޝާދު ވިދާޅުވި ގޮތުގައި އީޑީސް މަދިރި ނޫޅޭ ގައުމެއް ނަމަ ޒިކާއާ މެދު ކަންބޮޑުވާކަށް ނުޖެހެ އެވެ. އެކަމަކު ރާއްޖޭގައި އެ މަދިރި އާންމުކަމުން ޒިކާ އަކީ ނުރައްކަލެއް ކަމަށް އެޗުޕީއޭ އިން ދެކެ އެވެ. ސިންގަޕޫރުން ޒިކާ ވައިރަސް ފެނުމާ އެކު ދިވެހިން ވެސް ރައްކާތެރިވާން އެ އެޖެންސީން އިލްތިމާސްކުރީ އެހެންވެ އެވެ.

ޒިކާގެ ނުރައްކާ މާބަނޑު މީހުންނަށް

ޑެންގީ ޖެހޭ އެންމެންގެ ހަށިގަނޑުން އޭގެ އަލާމަތްތައް ކަމަށްވާ ހުން އައުމާއި ގައިގައި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހި ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅާއި ބޮލުގައި ރިއްސުމާ ކުރިމަތިވެ އެވެ. ޒިކާ ޖެހުމުން ވެސް ފެންނާނީ އެ އަލާމާތްތަކެވެ. އެކަމަކު ޒިކާގެ ތަފާތަކީ ހަށިގަނޑު ތެރެއަށް އެ ވައިރަސް ދަތުރުކުރިޔަސް ގިނަ މީހުންގެ ކިބައިން އެއްވެސް ކަހަލަ އަލާމާތެއް ނުފެނުމެވެ.

"ޒިކާގައި އެ އަލާމާތްތައް ފެންނަނީ ކޮންމެ 100 މީހުންގެ ތެރޭން 20-25 މީހުންގެ ގައިން. މިއީ ވަރަށް ކުޑަ ނިސްބަތެއް،" ނަޒްލާ ވިދާޅުވި އެވެ.

އެހެންކަމުން ގިނަ މީހުންނަށް ޒިކާ ވައިރަސް ހުރިކަން ނޭނގި ދަރިއަކު ހޯދުމާ ހަމައަށް ދެވެ އެވެ. ޒިކާގެ ނުރައްކަލީ އެ އެވެ. އެ ވައިރަސްގެ ސަބަބުން ކުޑަ ދަރިފުޅަށް މައިކްރޯސެފަލީ ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޯ ކުޑަވެ އައިބުވުމުގެ މައްސަލަ ކުރިމަތިވެދާނެ އެވެ. ޒިކާ ބޮޑު ބިރަކަށް ވެގެން އުޅެނީ ބްރެޒިލްގައި އެފަދަ ކުދިން އުފަންވީލެއް އާދަޔާ ހިލާފަށް ގިނަކަން ސިއްހީ ތަޖުރިބާކާރުންގެ ސަމާލުކަމަށް އައުމުންނެވެ.

ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި ޒިކާ ފެތުރޭ ގައުމަކަށް ދަތުރުކުރާ މީހުން މަދުވެގެން ތިން މަސް ނުވަނީސް ބަލިވެ އިނުން ރައްކާތެރިއެއް ނޫނެވެ.

ޒިކާގެ ސަބަބުން ބޯ ކުޑަވެ އައިބުވެފައިވާ ކުއްޖަކަށް ހޮސްޕިޓަލެއްގައި ފަރުވާ ދެނީ: ޒިކާ އުޅޭ ގައުމަކަށް ހިނގައްޖެ ނަމަ މާބަނޑުވުން މަދުވެގެން ތިން މަސް ދުވަހަށް ފަސްކުރުން ރަނގަޅު

ޑެންގީއާ އެއްކަހަލަ ފިޔަވަޅުތަކެއް

އެޗުޕީއޭ އިން ބުނި ގޮތުގައި މިހާތަނަށް ރާއްޖެ އިން ޒިކާ ވައިރަސް ފެނިފައެއް ނުވެ އެވެ. އެކަމަކު ސިންގަޕޫރާއި މެލޭޝިއާ އަށް ގިނަ އަދަދެއްގެ ދިވެހިން ގޮސް އައިސް އުޅޭތީ އެ ނުރައްކާ މިހާރު މި އޮތީ ހުޅުވިފަ އެވެ. އެހެންކަމުން މަދިރިން ސަލާމަތްވުމުގެ ހަރަކާތްތަކެއް މިހާރު ވަނީ ފަށައިފަ އެވެ. އެކަން ކުރިއަށް ގެންދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ކަމަށް އެޗުޕީއޭ އިން ބުނެ އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ޒިކާ ޖެހޭ ގިނަ މީހުންނަށް އެކަން ނޭނގޭހާ އާދައިގެ ހުމަކާ ކުރިމަތިވުމަކީ ބަލީގެ އަސްލު ނުރައްކާ ބޮޑުވުމެވެ. އާދައިގެ ގޮތަކަށް ހުން އަޔަސް ޑޮކްޓަރަށް ދައްކައި، ޓެސްޓްތަކެއް ނުހަދަ އެވެ. އެހެންކަމުން އޭނާ ވިދާޅުވީ ޒިކާ އަށް ޝައްކުވެގެން ޑޮކްޓަރަށް ދައްކަނީ ނުވަތަ އެޑްމިޓްކުރަނީ މަދު ބައެއް ކަމަށެވެ.

އެކަމަކު ރާއްޖޭގައި ޒިކާ އަށް ޓެސްޓްކުރެވޭތީ އެޗުޕީއޭ އިން އެދެނީ އެ ބަލި އުޅޭ ގައުމުތަކުން އަންނަ މީހުން އެއަށް ޓެސްޓް ކުރުމަށެވެ.

ޑެންގީން ރައްކާތެރިވުމަށް ރަށެއްގެ ތެރެ ސާފުކުރަނީ: ހުން އަދިވެސް ކޮންޓްރޯލެއް ނުކުރެވޭ

އެޗްޕީއޭއިން ބުނި ގޮތުގައި ޒިކާ އިން ރައްކާތެރިވާން ވެސް އަޅަން ޖެހޭނީ ޑެންގީން ސަލާމަތް ވާން ވެސް ކުރިންސުރެ އަޅަމުން އަންނަ ފިޔަވަޅުތަކެވެ. އެއީ ރާއްޖެ އަށް އާ ކަމެއް ނޫނެވެ. ކޮންމެ އަހަރަކު ވެސް އެ ފިޔަވަޅުތައް އަޅަ އެވެ.

އެގޮތުން މަދިރި އާލާވާ ތަންތަން ނައްތާލަން ޖެހެ އެވެ. އީޑީސް މަދިރި އުފެދި، ގިނަވަނީ ސާފުކޮށް ހުންނަ ފެނުގެ ތެރޭގަ އެވެ. ވިއްސާރަ ދުވަސްވަރެއް ނަމަ ނުހިނދޭ ގޮތަށް ބައެއް އެއްޗިއްސާއި ތަންތަނުގައި ފެން ހަރުލާފައި ހުރެ އެވެ. ރައްކާތެރިވުމުގެ ގޮތުން ނައްތާލަން ޖެހެނީ އެފަދަ އެއްޗިއްސާއި އެ ފެންގަނޑުތަކެވެ.

މަދިިރި ހެފުމުން ރައްކާތެރިކޮށްދޭ ރިޕެލެންޓް ބޭނުކުރުމަކީ ވެސް ފިޔަވަޅެކެވެ. އޭގެ އިތުރުން ގަޔަށް ދޫކޮށް އަދި މުޅި ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމަކީ ވެސް އީޑީސް މަދިރީގެ ހަމަލާތަކުން ހިމާޔަތްވާން އެޅިދާނެ ފިޔަވަޅުތަކެވެ.

އެފްރިކާގެ ގައުމެއް ކަމަށްވާ ޔޫގެންޑާ އިން މީގެ 69 އަހަރު ކުރިން ރާމާމަކުނުގެ ހަށިގަނޑުން ފެނުނު ޒިކާ އިންސާނުންނަށް އޭރު ނުޖެހޭތީ އެހާ ސީރިއަސްކޮށް ވިސްނާ، އެއަށް ބޭހެއް ނުވަތަ ވެކްސިނެއް ހަދަން ސިއްހީ ތަޖުރިބާކާރުން މަސައްކަތްކޮށްފައެއް ނުވެ އެވެ. އެކަމަކު ޑަބްލިޔުއެޗުއޯ އިން މިހާރު ލަފާކުރާ ގޮތުގައި ދެ ބިލިއަން މީހުންނަށް ޒިކާ ޖެހުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އެއީ އައިބު ކުދިން އުފަންވުމުގެ ފުރުސަތު ވެސް ބޮޑުވުމެވެ. ޒިކާގެ ސަބަބުން އައިބުވާ ކުދިންނަށް ސިކުނޑީގެ މައްސަލަތަކާ ވެސް ކުރިމަތިވެދާނެ އެވެ. އެހެންކަމުން ޒިކާ އަކީ މިހާރު އަޅާނުލާ ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑު ބިރެކެވެ. ރާއްޖެ ވެސް މި އޮތީ އެ ހަރުފަތް މަތީގަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ކޮންމެ މީހެއްގެ ވެސް މަސްއޫލިއްޔަތަކަށް ހަދަން ޖެހޭ ހިސާބުގަ އެވެ.