އުކުޅަހު ކޮންފަރެންސަށް މުޅި އަތޮޅު އެކުގައި!

"ކޮންވެންޝަން ސެންޓަރުގެ މަސައްކަތުގައި އުޅޭ މީހެއްކަން އެެނގިއްޖެއްޔާ އުކުޅަހުގެ ބައެއް ރެސްޓޯރެންޓްތަކުން އެމީހަކަށް ހިލޭ ކާން ވެސް ދޭނެ. އެންމެން ވެސް ބޭނުންވަނީ ކޮންފަރެންސް އެތަނުގައި ބޭއްވޭވަރު ކުރަން،" އއ. ރަސްދޫގައި ޕްރޮފެސަރު ހަސަން އުގައިލް ރޭ ބޭއްވެވި ބައްދަލުވުމަށް ފަހު "މިހާރު"އާ ވާހަކަ ދެއްކެވި ކައުންސިލަރަކު ވިދާޅުވި އެވެ.


އުކުޅަހު ރައްޔިތުންނާއި މުޅި އއ. އަތޮޅުގެ އެންމެންގެ ވެސް މިހާރު އެންމެ ބޮޑު އުއްމީދަކީ އޮގަސްޓް 26ގެ ކުރިން ކޮންވެންޝަން ސެންޓަރު ނިންމައި، އެތަނުގެ ބޭނުން ކުރަން ފެށޭ ވަރު ވުމެވެ. އެއީ އޮގަސްޓް 26 އިން 28 އަށް އުކުޅަހުގައި ބާއްވާ ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ކޮންފަރެންސާއި އުގައިލް ފައުންޑޭޝަނުން ބާއްވާ "އުކުޅަސް ޓެކް ފެއާ" ވެސް އެ ކޮންވެންޝަން ސެންޓަރުގައި ބާއްވަން ބޭނުންވާތީ އެވެ.

އުކުޅަހުގައި ގެސްޓްހައުސް ވިޔަފާރި ކުރާ އަދުހަމް މުހައްމަދަކީ ހަގީގަތުގައި އުކުޅަހަށް މި ކޮންފަރެންސް ގެނައުމުގެ އެންމެ މުހިއްމު ފުރަތަމަ މަސައްކަތް ކުރެއްވި އެއް ބޭފުޅާ އެވެ. އުކުޅަހަކީ މިފަދަ ކަމެއް ބޭއްވި ދާނެ ރަށެއްކަން ޕްރޮފެސަރު އުގައިލްއަށް ޔަގީންކޮށްދެއްވުމުގައި އަދުހަމްގެ ދައުރު ބޮޑެވެ.

"އެވާހަކަ ވިދާޅުވީމާ އަޅުގަނޑު ވަގުތުން ވެސް ބުނިން މިރަށުގައި ތިކަން ކުރެވިދާނޭ. އަޅުގަނޑުމެން ތައްޔާރޭ،" އަދުހަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންފަރެންސަށް ރަށުގެ ރައްޔިތުން ދޭ އިސްކަން އެންމެ ބޮޑަށް ފެނިގެން ދަނީ ކޮންފަރެންސް އިންތިޒާމް ކުރުމުގައި އުގައިލް ފައުންޑޭޝަނަށް ދެމުން އަންނަ އެއްބާރުލުމެވެ. އެގޮތުން އެ ބޭފުޅުން އުކުޅަހަށް ކުރައްވާ ދަތުރުތައް އުކުޅަހުގެ ލޯންޗްތަކުން ހިލޭ ކޮށްދިނުމާއި އުކުޅަހުގައި ތިއްބެވުމުގެ ހުރިހާ ކަމެއް ކޮށްދެ އެވެ.

"އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ މިއީ ކިހާ މުހިއްމު ކަމެއްކަން. އެހެންވީމާ މިކަމުގައި މިހާ ބޮޑު އެއްބާރުލުމެއް މި ލިބެނީ،" އަދުހަމް ވިދާޅުވި އެވެ.

ގެސްޓްހައުސް ހިންގާ އަބްދުއް ސަމީއު އިމާދަކީ މުޅިން ތަފާތު ޒުވާނެކެވެ. އޭނާއަކީ ސްކިމާ ކޮންފަރެންސްގައި ރާއްޖެ ތަމްސީލު ވެސް ކުރައްވާ ބޭފުޅެކެވެ. ބައިނަލްއަގުވާމީ ސައިންސްވެރިންނާ އެއް ސަފަކަށް ނުކުންނަވައި، ދިރާސާ ރިޕޯޓެއް ހުށަހެޅުއްވުމުގެ އެޕްރޫވަލް މިފަހަރު ލިބިވަޑައިގެންނެވީ އޭނާއަށެވެ.

"މި ކޮންފަރެންސަށް މިރަށުގެ ވިޔަފާރިވެރިން ދެނީ އާދަޔާ ހިލާފު ތަރުހީބެއް. ކޮންފަރެންސަށާއި ފެއާއަށް ވަޑައިގަންނަވާ ބޭފުޅުންގެ އެކޮމޮޑޭޝަން އާއި ކެއުން ހަމަޖައްސަން އެއްބަސްވެފައި ވަނީ ކޮމާޝަލް ރޭޓަށް ވުރެ މާ ކުޑަކޮށް. މިއީ އެއްބާރުުލުން ދިނުމުގެ ކުޑަ މިސާލެއް،" ސަމީއު ވިދާޅުވި އެވެ.

އއ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝަފީގް ދެކެވަޑައިގަންނަވާ ގޮތުގައި އުގައިލް ފައުންޑޭޝަނުން އުކުޅަހަށް މި ގެންނަ ކޮންފަރެންސްގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަތޮޅަށް ބޮޑު ފައިދާއެއް ކުރާނެ އެވެ. އަދި އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ވެސް، އޭނާ ވިދާޅުވި ގޮތުގައި، ގެސްޓްހައުސްގެ ޓޫރިޒަމަށެެވެ.

"މިއަތޮޅަކީ ޚާއްސަކޮށް ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ އަތޮޅަކަށް ވާ އިރުގައި ދުނިޔޭގެ ގައުމުތަކުން ކޮންފަރެންސަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ސެލްފީއެއް ނަންގަވާފައި [ސޯޝަލް މީޑިއާއަށް] އަޕްލޯޑް ކޮށްލެއްވިޔަސް މުޅި އަތޮޅު މަޝްހޫރުވެގެންދާނެ،" ޝަފީގް ވިދާޅުވި އެވެ.

ސްކިމާ ކޮންފަރެންސާ އެކުއެކުގައި އުގައިލް ފައުންޑޭޝަނުން ކުރިއަށް ގެންދަން ނިންމާފައިވާ "އުކުޅަސް ޓެކް ފެއާ" އަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ރާއްޖޭގެ އެކި ކުންފުނިތަކާއި ފަރުދުން ކޮށްފައިވާ އެންމެ ފަހުގެ މަސައްކަތް ދައްކައިލުމުގެ ފެއާއެކެވެ. އެ ފެއާއިން ގިނަ އާ އުފެއްދުންތަކެއް ތައާރަފް ކުރަން ވަނީ ނިންމައިފަ އެވެ.

އުގައިލް ވިދާޅުވި ގޮތުގައި އެ ކޮންފަރެންސް ރާއްޖޭގައި ބާވަން މީގެ އަހަރުތަކެއް ކުރިން ވެސް ފުރުސަތު ލިބިވަޑައިގެންނެވި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެކަން ހަގީގަތަކަށް ނުވެ އޮތީ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ މަތީ ފެންވަރުގެ ރިސޯޓެއްގެ ބަދަލުގައި އޮތޮޅު ތެރޭގެ ރަށެއްްގައި ކޮންފަރެންސް ބޭއްވުމުން ވަރަށް ފައިދާ ހުރި އާ ކަމަކަށް މަގުފަހިވެ އެވެ.

"ގެސްޓް ހައުސް ޓޫރިޒަމް މިހާރު އައިސްގެން މިއުޅެނީ. ހާއްސަކޮށް މިކަހަލަ ރަށްރަށަށް. އެކަން ހަމަ ވަރަށް ފުޅާ ދާއިރާއެއްގައި އެބަ ކުރިއަށްދޭ. ދާއިރު އަޅުގަނޑުމެން އެއަށް އިތުރުކޮށްލަދެވޭ ބޮޅެއް، އަޅުގަނޑުމެން މިކިޔާ ކޮންފަރެންސް ޓޫރިޒަމް މިއީ،" އުގެއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންފަރެންސް ޓޫރިޒަމަކީ ރާއްޖެއަށް ތައާރަފް ކުރެވިއްޖެ ނަމަ ބޮޑު މަގުބޫލުކަމެއް ލިބޭނެ ދާއިރާއެއް ކަމަށެވެ. ގެސްޓްހައުސްތައް ގިނަ ހިންގާ ރަށްރަށުގައި ކޮންފަރެންސް ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއެރުވިދާނެ ކަމަށް، އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ޕްރޮފެސަރު ވިދާޅުވި އެވެ.

"އެހެން ތަފާތު ގޮތްގޮތަށް ވެސް އަޅުގަނޑުމެންނަށް ޓޫރިޒަމް ދާއިރާ ފުޅާކުރެވިދާނެ. އެގޮތުން އަޅުގަނޑުމެން މި ދައްކައިދޭން ބޭނުންވަނީ ކޮންފަރެންސް ޓޫރިޒަމް ވެސް މިއީ ރާއްޖޭގައި ވަރަށް ފުޅާކޮށް، ހާއްސަކޮށް މި ގެސްޓް ހައުސް ގިނަ ރަށްރަށުގައި ކުރެވިދާނެކަން،" އުގައިލް ވިދާޅުވި އެވެ.

ޓެކް ފެއާ އާއި ސްކިމާ ކޮންފަރެންސް ބާއްވަން އއ. އަތޮޅު އިޚުތިޔާރު ކުރެއްވި ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އުގައިލް ވިދާޅުވީ "އެއީ މިއަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަން" ކަމަށެވެ.

"މިހާތަނަށް އުކުޅަހުން އަދި އއ. އަތޮޅުން ވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެއްބައިވަންތަކަން. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އިޖުތިމާއީ ކަމެއްގެ ގޮތުގައި ބަލައިގަނެގެން މިކަން ކުރިއަށް ގެންދާތަން،" އުގައިލް ވިދާޅުވި އެވެ.

ކޮންފަރެންސަށް އުކުޅަހު ކޮންވެންޝަން ސެންޓަރު ނިންމާލެވޭނެ

އުކުޅަހުގައި ސަރުކާރުން އަޅަން ނިންމާފައި އޮތް ކޮންވެންޝަން ސެންޓަރު ހަދަން މިހާރު ވަނީ އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފަ އެވެ. މިއީ 2011 ގެ ސާކް ސަމިޓް ބާއްވަން އައްޑޫގެ ކޮންވެންޝަން ސެންޓަރު ވެސް ހެދި ކުންފުންޏެވެ.

ކޮންވެންޝަން ސެންޓަރު އެޅުމުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ބިންސާފުކޮށް ކޯރު ކޮނުމުގެ މަސައްކަތެވެ. އެކަމަކު އުގައިލަށާއި ރަށު ކައުންސިލްގެ މެމްބަރުންނަށް އަމީން ކޮންސްޓްރަކްޝަނުން އިއްޔެ ވެސް ޔަގީންކަން ދިނީ އޮގަސްޓް 26 އަށް މަަސައްކަތް ނިންމޭނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން އެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީ "ސްކިމާ ކޮންފަރެންސަކީ" ރަށެއްގައި މިހާތަނަށް ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އިލްމީ ކޮންފަރެންސް ކަމަށް ވާތީ އެވެ.

އުގައިލް ވިދާޅުވީ ކޮންވެންޝަން ސެންޓަރު ނުނިމުނަސް ކުރިން ކަނޑައެޅި ތާރީހަށް ކޮންފަރެންސް ބޭއްވޭނެ ކަމަށެވެ. އެ ހާލަތު އަތުވެއްޖެ ނަމަ ކޮންފަރެންސް އޮންނާނީ އުކުޅަހު ސްކޫލްގެ ހޯލު އެވެ.

މުޅި އަތޮޅު ބައިވެރިވާނެ

އއ. އަތޮޅުގެ ގިނަ ރަށްތަކުގެ ކައުންސިލަރުންނާ އެކު އުގައިލް ފައުންޑޭޝަނުން ރޭ ރަސްދޫގައި ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި އުގައިލް އެދިވަޑައިގެންނެވީ އުކުޅަހުގައި އޮންނަ ކޮންފަރެންސާއި ޓެކް ފެއާއަކީ މުޅި އަތޮޅުގެ ހުރިހާ އެންމެންގެ ކަމެއް ކަމަށް ދެކެ، އެންމެންގެ ބައިވެރިވުން ދިނުމަށެވެ.

"އެތަނަށް އެބަ އާދޭ މަދުވެގެން 50 އަކަށް ސައިންސްވެރިން. އެހެންވީމާ އަޅުގަނޑުމެން ބޭނުންވޭ އަޅުގަނޑުމެންގެ ކުދިންނަށް ސައިންސްވެރިން މަސައްކަތް ކުރާ ގޮތާއި އެކުދިން ސައިންސްވެރިންނާ ވާހަކަ ދައްކާލަން ފުރުސަތު ހޯދުމާއި ސައިންސްވެރިން ދައްކާ ވާހަަކަ އަޑު އަހާލަން ފުރުސަތު ހޯދައި ދިނުމާ އެކަންތައްތައް ކުރަން،" އުގައިލް ވިދާޅުވި އެވެ.

އއ. އަތޮޅު ކައުންސިލްތަކުން ބުނީ މުޅި އަތޮޅުގެ ބައިވެރިވުން އޮންނާނެ ކަމަށެވެ. ކޮންފަރެންސް ކުރިއަށް ދާ އިރު ކޮންމެ ދުވަހަކު ވެސް ވަކި އަދަދެއްގެ ކިޔަވާ ކުދިންނާއި ޒުވާނުން އުކުޅަހަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސަން ގިނަ ކައުންސިލްތަކުގެ އާނބަސް ލިބުނެވެ.

އުގައިލް ވިދާޅުވީ އުކުޅަހުގައި ބާއްވާ ކޮންފަރެންސާއި ޓެކް ފެއާ އަކީ ހަމައެކަނި އެރަށުގެ ކަމެއް ނޫން ކަމަށެވެ.

"މިއީ ހަމައެކަނި އުކުޅަހުގެ ކަމެއް ވެސް ނޫން. އުކުޅަހު ކައުންސިލްގެ ވެސް ކަމެއް ނޫން. މިއީ މުޅި އަތޮޅުގެ ކަމެއް. އެހެންވީމާ އަޅުގަނޑުމެން އެންމެނަށް ރީތި ނަމެއް ހޯދައިދޭން ކުރާ މަސަައްކަތެއްގައި ތިޔަ އެންމެ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުމޭ،" އޭނާ ވިދާޅުވި އެވެ.

އަދުހަމާއި ސަމީއު ވިދާޅުވީ އުކުޅުގައި އެ ކޮންފަރެންސް ބާއްވަން ހަމަޖެހުމުން މިހާރުވެސް އޭގެ ހެޔޮ އަސަރު ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެފަދަ އެހެން ބައެއް އިވެންޓްތަކުގެ ޕްރޮޕޯސަލްތައް އަންނަން ފަށާފައިވާ ކަމަށް އަދުހަމް ވިދާޅުވި އެވެ.

"މިހާރު ވެސް އެބަ ހުރި ޕްރޮޕޯސަލް ލިބިފައި. އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ ފިލްމު ފެއާ އެވޯޑްސް،" އޭނާ ވިދާޅުވި އެވެ.

ކޮންފަރެންސް ޓޫރިޒަމަކީ ރާއްޖޭގެ ޓޫރިޒަމަށް އިތުރުކުރެވޭނެ ވަރަށް މުހިއްމު ބޮޅެކެވެ. އޭގެ ސަބަބުން ރާއްޖޭގެ ޑިމާންޑް މިހާރަށް ވުރެ ބޮޑުކުރެވިދާނެ އެވެ. އެހެންކަމުން ސްކިމާ ކޮންފަރެންސާއި ޓެކް ފެއާއަކީ ހަމައެކަނި އުކުޅަހަށް ހާއްސަ ކަމެއް ނޫނެވެ. އެއީ މުޅި ރާއްޖޭގެ ޓޫރިޒަމަށް އަންނާނެ އާ ފެށުމެކެވެ.