ލީނާގެ ހިތްވަރަކީ މަންމަގެ ނަސޭހަތް!

އެއީ، މީގެ 23، އަހަރު ކުރި އެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑު ޑިރެކްޓަރު، އަދި އެމްއެމްއޭގެ ސީނިއާ މެނޭޖަރު، ލީނާ ޒާހިރު ހުސެއިން، ސަރުކާރުގެ ވަޒީފާ އަށް 1996، ގައި ވެންނެވި އިރު އަންހެނުންނަށް ހިންގުމުގެ އިސްދާއިރާގައި މާ ބޮޑު ފުރުސަތުތަކެއް ނޯވެ އެވެ. އިސް މަގާމްތަކުގައި އަންހެނުން މަދެވެ. ޚާއްސަކޮށް، ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ ދައުރު ކުޑަ އެވެ.


އޭރު ހާލަތު މިގޮތަށް އޮތް ނަމަވެސް ލީނާގެ ފުރަތަމަ ފިޔަވަޅަކީ މަންމަ، ނާއިލާ އިބްރާހިމް ކަލޭފާނުގެ ނަސޭހަތެވެ. ކުރިއަށް ވަޑައިގަތުމުގެ ހިތްވަރަކީ ވެސް އެ ލޯތްބެވެ.

"މަންމަ އަބަދުވެސް ބުނާނެ ކައްވަޅަށް ދާންދެން ވެސް މަސައްކަތް ކުރާށޭ. ކިޔެވި އެއްޗެއްގެ ބޭނުން ހިފާށޭ. އިންޑިޕެންޑެންޓް ވާށޭ. ގައުމަށް ޚިދުމަތްތެރި މީހަކަށް ވެވޭތޯ ބަލާށޭ،" ލީނާ ވިދާޅުވި އެވެ.

"މަންމަގެ މި ނަސޭހަތާ އެއްގޮތަށް ކުރިއަށް ދިޔައީ."

ނަތީޖާ ފޮންޏެވެ؛ މާލީ ދާއިރާގެ ޚިދުމަތްތެރިއެއްގެ ގޮތުގައި 18 އަހަރު ހޭދަކުރައްވައިފި އެވެ. އަންހެނުން މަދު އެ ދާއިރާގައި ލީނާގެ މަސައްކަތާއި ހިތްވަރުގެ އަގު ވަޒަންކޮށް މިދިޔަ މަހު ވަނީ އެވޯޑެއް ވެސް ލިބިވަޑައިގެންފަ އެވެ. ވިމެން އޮން ބޯޑްސް (ވޮބް) އިން ހޮވާލި، ގައުމަށް ނަމޫނާ އަންހެނުންގެ ތެރޭގައި ލީނާ ހިމެނިވަޑައިގަތީ އެންމެ މޮޅު އެއް އަންހެން މެނޭޖަރުގެ ގޮތުގަ އެވެ. ގޮންޖެހުންތަކާ އެކު ވެސް ހަރަކާތްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައި ވާތީ އެވެ.

ލީނާ ސިފަކުރެއްވި ގޮތުގައި، މަސައްކަތުގެ އަގު ވަޒަންކުރުމަކީ ލިބިވަޑައިގަތް އުފަލެކެވެ. އިތުރު ހިތްވަރެކެވެ.

މެލޭޝިއާ އާއި އޮސްޓްރޭލިއާ އިން ބިޒްނަސްގެ ރޮނގުން ކިޔަވާ ވިދާޅުވި ލީނާ ފުރަތަމަ ވަޒީފާ އަދާކުރެއްވީ ފިނޭންސް މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި މެދުކެނޑުމެއް ނެތި ގާތްގަނޑަކަށް 14 އަހަރު ޚިދުމަތް ކުރައްވައި މީރާ އުފެދުމާ އެކު އެ މުއައްސަސާއާ ގުޅިވަޑައިގަތެވެ. ލީނާ މިހާރު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭގަ އެވެ.

ލީނާ މަސައްކަތުގައި: ރާއްޖޭގައި ޓެކްސް ނަގަން ފެށުމަށްޓަކައި ކުރި މަސައްކަތުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި.

ސްޓެލްކޯ އާއި އެމްޓީޑީސީ އާއި މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ފަދަ ބޯޑުތަކުގައި ވެސް ލީނާ، ސަރުކާރުގެ ޝެއާހޯލްޑަރެއްގެ ގޮތުން ފިނޭންސް މިނިސްޓްރީ ތަމްސީލް ކުރެއްވި އެވެ. ފިނޭންސް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ކަމާއި މީރާގެ ޑިރެކްޓާ ޖެނެރަލް، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސްގެ މަގާމް އަދާކުރެއްވި އެވެ.

އަންހެނުންގެ މާ ބޮޑު ހިއްސާއެއް ކުރިން ނޯންނަ މާލީ ދާއިރާގައި ކުރެއްވުނު މަސައްކަތްތަކާ މެދު ލީނާ މިހާރު ހިތްހަމަޖެހިވަޑައިގަންނަވަ އެވެ. އެކަމަކު ކިޔެވުމުގެ ތެރޭގައި އޭނާ އަސްލު ޝައުގުވެރިވެވަޑައިގަތީ ސައިކޮލޮޖީގެ ދާއިރާ އަށެވެ. އެކަމަށް ދިމާވި ހުރަހަކީ މެލޭޝިއާގައި އޭރު ސައިކޮލޮޖީގެ ދާއިރާ އިން ކިޔަވަން ފުރުސަތު ނެތުމެވެ.

"އޭރު ކިޔެވުމަށްޓަކައި މުޅި އާއިލާ ތިބީ މެލޭޝިއާ އަށް ބަދަލުވެ، ޕޭރެންޓްސް އެ ސެކްރިފައިޒްވެގެން ތިބީ. ސައިކޮލޮޖީ ހެދެން އޮތީ ޔޫކޭ ނުވަތަ އޮސްޓްރޭލިއާ އިން. ދެން އަނެއްކާ އެހެން ތަނަކަށް ނުދާންވެގެން އޭރު ބިޒްނަސް އެންޑް މާކެޓިން ކިޔެވީ،" ކުރީގެ އެޑިޔުކޭޝަން އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ ދަރިކަނބަލުން ވިދާޅުވި އެވެ.

"ބިޒްނަސް ހެދިޔަސް ބޮޑަށް މި އުޅެވެނީ މުވައްޒަފުންނާ ގުޅުން ހުރި ހިއުމަން ރިސޯސް އަދި އެޑްމިނިސްޓްރޭޓިވް ދައިރާތަކުގައި. މީގެ ތެރެއިން ވަރަށް ގިނަ ކަންކަން ދަސްވި."

މީރާގައި ކުރެއްވުނު މަސައްކަތަށް ޚާއްސަ ލޯތްބެއް!

ލީނާ އަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވަނީ ރާއްޖޭގައި ޓެކްސް ނަގަން ފެށުމަށްޓަކައި ކުރި މަސައްކަތުގައި އޭނާ އަށް އަދާކުރެއްވުނު ދައުރާ މެދު އެވެ. މިނިވަން، މުސްތަގިއްލު، ވަކި ގާނޫނީ ޝަހުސެއްގެ ގޮތުގައި މާޗް 18، 2010 ގައި، މީރާ އުފެދި ޓެކްސް ނަގަން ފެށި ދުވަސްވަރު އެތަނުގެ ހުރިހާ މުވައްޒަފުން ވެސް ކުރައްވަން ޖެހިވަޑައިގަތީ ބުރަ މަސައްކަތްތަކެވެ.

ލީނާ ހިމެނިވަޑައިގަންނަވަނީ ގައުމަށް ނަމޫނާ އަންހެނުންގެ ތެރޭގައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ގާތްގަނޑަކަށް 41 މުވައްޒަފުންނާ އެކު މީރާ އުފެދުނު އިރު އެތަނުގެ ސީނިއާ ނުވަތަ އެންމެ އިސް ފަސް މަގާމުގައި އަންހެނަކަށް އޭރު ހުންނެވީ ލީނާ އެކަންޏެވެ.

ކޮމިޝަނަރު އަދި ޑެޕިއުޓީ ކޮމިޝަނަރު ވެސް ނެތް ހާލަތެއްގައި އެންމެ ބޮޑު ޒިންމާއެއް އުފުއްލަވަން އޭރު ޖެހިވަޑައިގަތީ ވެސް ލީނާ އަށެވެ. އެތަނުގެ މުވައްޒަފުންނާ އެކު ކުރެއްވުނު މަސައްކަތަކީ ދިރިއުޅުމުގައި ލީނާ އަށް ކާމިޔާބު ފިލާވަޅެކެވެ.

"ޓެކްސް ތައާރަފްކުރަން ކުރަން ޖެހުނު މަސައްކަތުގައި އަހަރެމެން ހޭލާ ތިބި ތިބުން ވަރަށް ހަނދާން ހުރޭ. ވަކި ލާރި ގުނި ދުވަސްވަރެއް ވެސް އައި. ޖީއެސްޓީ ތައާރަފްކޮށްގެން އުޅުނު އިރު އޮފީހުގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ބޮޑެތި މޭޒުތަކުގައި ވަކި ލާރި ގުނަގުނައި ތިބެން ޖެހުނު،" ލީނާ ވިދާޅުވި އެވެ.

"ދަންވަރު ދޭއް، ތިނެއް ޖަހަންދެން ޖޫސް ޕެޓީ ކޮތަޅަށް ވަކި ލާރި އަޅަން ތިބިން. ރައްޔިތުންނަށް ވަކި ލާރީގެ ދަތިކަން އައިސްގެން އެކަން ހައްލުކޮށްދޭން ކުރި މަސައްކަތްތައް ވެސް ވަރަށް ހަނދާން ހުރޭ."

ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަމަވެސް ފައިސާ ބަލައިގަންނަ ކައުންޓަރުގައި ކޭޝިއަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

ލީނާ ވިދާޅުވި ގޮތުގައި އެ ބުރަ ކަމުގެ ތެރޭގައި، ރަނގަޅު ގިނަ އާދަތަކެއް ވެސް މީރާ ތެރޭގައި އުފެދިގެން ދިޔަ އެވެ. އުސޫލްތަކުގައި ހިފަހެއްޓުމާ އެކު ރީތި އަޚުލާގު ވެސް މުވައްޒަފުންނަށް ދަސްވި އެވެ.

މީރާގައި އަވަދިނެތި ދެ އަހަރު އުޅުއްވުމަށް ފަހު ދަރިންނަށް ވަގުތު ހުސްކުރައްވަން ލީނާ ބްރޭކެއް ނެންގެވި އެވެ.

"ޗުއްޓީ އާއި އޮފީހުން ލިބޭ ހުސް ވަގުތުތަކުގައި ދަރިންނާ އެކު ވަގުތު ހޭދަކުރަން ޖެހޭ. މީރާ އުފެދިގެން އައިއިރު ވަރަށް ބުރަ، ގިނައިރު މަސައްކަތް ކުރަން ޖެހުނީމަ އުނދަގޫ ވެސް ވި. ބެލެންސްކުރަން ބައެއް ފަހަރު ދަތިވި،" ލީނާ ވިދާޅުވި އެވެ.

ދަރިންނަށް ވަގުތު ހުސްކުރަން ލީނާ ގާތްގަނޑަކަށް ހަތަރު އަހަރު ގޭގައި ހުންނެވި އެވެ.

އެ ދުވަސްކޮޅު އޭރުގެ "ހަވީރު" ހިންގެވުމުގައި ލީނާ ވަނީ އިސް ރޯލެއް އަދާކުރައްވައިފަ އެވެ. އާއިލީ ވިޔަަފާރިއެއްގެ ގޮތުގައި އޮތް "ހަވީރު" މެނޭޖްކުރުމުގައި، އެދުވަސްވަރު، ދުވަހުން ދުވަހަށް ކަންކަން ބެލެހެއްޓެވި އެވެ.

މީރާގެ ބޯޑު ޑައިރެކްޓަރަކަށް ވެވަޑައިގަތުމުގެ ކުރިން ގޭގައި ހުންނެވި އިރު ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އެޗްއާރު ކޮންސަލްޓެންސީ މަސައްކަތް ކުރެއްވުމާ އެކު ދެން އުފަން ކުރެއްވީ ވިޔަފާރީގެ އާ ވިސްނެވުމެކެވެ. އެއީ، މާލޭގައި މިހާރު މަޝްހޫރު "ލުއި ބުއިމެ"ވެ.

"ފުޑް އެންޑް ބެވަރޭޖް ދާއިރާ އިން އެހެން ދެ ރަހުމަތްތެރިއަކާ އެކު ވިޔަފާރި ފެށީ. އަޖުމަ ބަލާލަން ފެށި ވިޔަފާރިއެއް. އެ ކޮންސެޕްޓް މީހުންނަށް ވަރަށް ބޮޑަށް ކަމުދިޔައީ. އެއީ ރެސްޓޯރެންޓުތަކުން ލިބޭ މިލްކްޝޭކް ކަހަލަ ބުއިންތައް ޓޭކްއަވޭ ކޮންސެޕްޓްގައި ތަންކޮޅެއް ހެޔޮ އަގެއްގައި ލިބޭނެ ގޮތް ހެދީ. އޭރު މާލޭގައި އެންމެ ހިނގަނީ ޖޫގޯ، ދެން އެއީ ސިއްހީ ގޮތުން އެހާ ރަނގަޅު ބުއިމަކަށް ނުވާތީވެ އަހަރެމެން ބެލީ ސިއްހީ ގޮތުން ފައިދާ ހުރި ބުއިންތަކެއް ތައާރަފްކުރަން،"

ހެންވޭރުގައި ހުޅުވި ތަން ފުޅާވެ މިހާރު ހުޅުމާލެ އާއި އައިޖީއެމްއެޗުގައި ވެސް ލުއި ބުއިމުގެ އައުޓްލެޓެއް ހުރެ އެވެ.

މީރާގެ ބޯޑަށް އައްޔަންވުމަށްޓަކައި ލީނާ ވަނީ "ލުއި ބުއިން"ގައި އޮތް އޭނާގެ މެޖޯރިޓީ ޝެއާ ދޫކޮށްލައްވައިފަ އެވެ.

ނަމޫނާ ތަނެއްގައި މަސައްކަތް ކުރެއްވޭތީ ހިތްހަމަޖެހުން!

ފިނޭންސް މިނިސްޓްރީގެ އިސް މަގާމްތަކުގައި އަންހެނުން މަދު ނަމަވެސް މިހާރު ލީނާ މަސައްކަތް ކުރައްވާ އެމްއެމްއޭ ތަފާތެވެ. ލީނާ ދެކެވަޑައިގަންނަވަނީ، އެއީ ނަމޫނާ މުއައްސަސާއެއްގެ ގޮތުގަ އެވެ.

"މިއީ، ވިމެން އެމްޕަވާމަންޓް ވަރަށް ރަނގަޅު ތަނެއް. ގަވަނާއެއްގެ އެބްޒެންސްގައި މިތަނުގެ އެންމެ އިސްކޮށް މިތިއްބެވީ ހުސް އަންހެނުން. ޑެޕިއުޓީ ގަވަރުނަރުގެ އިތުރުން ދެން މި ތިއްބެވި އެސިސްޓެންޓް ގަވަރުނަރުންނަކީ ވެސް ހުސް އަންހެނުން. ސީނިއަ މެނޭޖްމަންޓަށް ބަލާލައިފިއްޔާ 70 ޕަސެންޓަކީ އަންހެނުން،" ލީނާ ފާހަގަކުރެއްވި އެވެ.

ލީނާ "މިހާރު"އާ ވާހަކަ ދައްކަވަނީ: އޭނާ ވަނީ މާލީ ދާއިރާގެ ޚިދުމަތްތެރިއެއްގެ ގޮތުގައި 18 އަހަރު ހޭދަކުރައްވާފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ އަށް ފުރުސަތު ހޯދައި ހިތްވަރުކޮށްފި ނަމަ އަންހެނުންނަށް ކުރިއަށް ދެވޭނެ ކަން އެމްއެމްއޭގެ ނަމޫނާ އިން އެނގެ އެވެ.

އަންހެނުން ހަރަކާތްތެރިވުން މަދު ދާއިރާތައް އަދިވެސް އެބަހުއްޓެވެ. އެކަމަކު ލީނާ ގަބޫލުކުރައްވާ ގޮތުގައި، އަންހެނުންނަށް ގޮންޖަހާލެވޭނެ ވަކި ދާއިރާއެއް ނެތެވެ. ބޭނުން ވަނީ ކެރުމާއި ކުރިއަށް ދިއުމުގެ ހިތްވަރެވެ.

"މަންމަ އަޅުގަނޑަށް ދެއްވި ނަސޭހަތް، ދަރިންނާއި ރައްޓެހިންނާއި އެހެން އެންމެންނަށް ވެސް އަޅުގަނޑު ދޭން ބޭނުންވަނީ. އެއީ މަސައްކަތް ކުރާށޭ، ފައިނޭންޝިއަލީ ވެސް އިންޑިޕެންޑެންޓް ވާށޭ. ގައުމަށް ޚިދުމަތްތެރި މީހަކަށް ވާށޭ."