ތުއްތު ކުދިން މަރުވުން ހަމަ އިތުރުވީތަ؟

މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ހަމައެކަނި މާލޭގައި 16 ތުއްތު ކުދިން މަރުވުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. އެންމެން ވެސް ކަންބޮޑުވުން ފާޅުކުރީ، ރާއްޖެއަކީ އުފަންވާ ތަނުން ނުވަތަ ވަރަށް ޅަ އުމުރުގައި ތުއްތު ކުދިން މަރުވާ ނިސްބަތް މި ސަރަހައްދުން ވެސް އެންމެ ދަށް ގައުމު ކަމަށް ވެފައި، އެ އަދަދު އިތުރުވީތޯ ސުވާލު އުފައްދަމުންނެވެ.


އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ސަރުކާރުގެ ސިއްހީ އިދާރާތަކުން ހަމައެކަނި ބުނީ އާދަޔާހިލާފު ކަމެއް އުޅޭކަން އެނގޭނީ ހުރިހާ ކޭހެއްގެ ޑޭޓާތަކަށް ބެލުމަށް ފަހުގައި ކަމަށެވެ. އެކަމަކު މިވީހާ ތަނަކަށް އެ އިދާރާތަކުން ޖަވާބެއް ނުލިބެ އެވެ.

ނަމަވެސް ވިހާއިރު އާއި ޅަ އުމުރުގައި ތުއްތު ކުދިން މަރުވާ ނިސްބަތާ ގުޅޭ ގޮތުން މީގެ ކުރިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ އަދަދަށް ބަދަލުތަކެއް އަތުވެއްޖެކަން އެނގެ އެވެ.

މީގެ އަށް އަހަރު ކުރިން، 2011 ގައި އާއްމުކޮށްފައިވާ ރާއްޖޭގެ ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2001 އިން ފެށިގެން، ދިހަ އަހަރުގެ ތެރޭގައި، ޅަފަތުގައި ކުދިން މަރުވާ ނިސްބަތް ވަނީ ދަށް ކުރެވިފަ އެވެ. އެގޮތުން 2001 ވަނަ އަހަރު، ނިއޯނޭޓަލް ނުވަތަ އެންމެ ތުއްތު ކުދިންގެ ތެރެއިން މަރުވެފައިވަނީ ކޮންމެ 1000 ކުއްޖަކުން 11 ކުއްޖެކެވެ. އޭގެ ނުވަ އަހަރު ފަހުން، 2010 ގައި އެ އަދަދު ވަނީ އަށަކަށް ދަށް ކުރެވިފަ އެވެ.

އޭޑީކޭގެ އެންއައިސީޔޫގައި އޮތް ތުއްތު ކުއްޖަކަށް ދެ ނަރުހުން ފަރުވާ ދެނީ: އުފަންވާއިރު ސިއްހީ އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ފަރުވާ ދެވޭނެ ނިޒާމް ވަނީ ރަނގަޅުކޮށްފައި

ހަމަ އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2005 ގައި ރާއްޖޭގައި 5،554 ކުދިން ވިހޭއިރު އޭގެ ތެރެއިން މަރުވެފައިވަނީ 41 ކުދިންނެވެ. އޭގެ ފަސް އަހަރު ފަހުން، 2010 ގައި 7،060 ކުދިން ވިހޭއިރު މަރުވެފައިވަނީ 48 ކުއްޖެކެވެ. އެހެންވެ، އުފަންވި އާބާދީއަށް ބަލާއިރު އެ ފަސް އަހަރުގެ ތެރޭގައި ކުދިން މަރުވި މިންވަރު ވަނީ ދަށްވެފަ އެވެ.

ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ 2010 ގައި އައިޖީއެމްއެޗާއި އޭޑީކޭގައި 3،727 ކުދިން ވިހޭއިރު، އޭގެ ތެރެއިން މަރުވެފައިވަނީ (ސްޓިލްބާތު) ޖުމްލަ 23 ކުދިން ކަމެވެ. މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި މާލޭގައި މަރުވި 16 ކުދިންގެ ތެރެއިން 12 ކުދިންނަކީ ވިހޭއިރު ނުވަތަ ވިހޭތަނުން މަރުވެފައިވާ ކުދިންނެވެ. އެހެންވެ، މި ތަފާސްހިސާބުން، ތުއްތު ކުދިން މަރުވާ ނިސްބަތް އިތުރުވެފައިވާ މިންވަރު އަންދާޒާ ކޮށްލެވެ އެވެ.

ކުޑަކުދިންގެ ތަޖުރިބާކާރު ޑޮކްޓަރު އަދި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފް، އޭނާގެ ޓްވީޓެއްގައި، ވިދާޅުވި ގޮތުގައި އޭޑީކޭގައި، މިދިޔަ އަހަރު އެކަނި ވެސް، އެއް މަސް ނުފުރޭ ފަސް ކުއްޖަކު މަރުވި އެވެ. އޭގެ ތެރެއިން ދެ ކުއްޖަކު އޮތީ ވިހޭއިރު ވެސް މަރުވެފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ހަ ކުއްޖަކު މަރުވި އިރު، ހަތަރު ކުދިން ވިހޭއިރު ވެސް މަރުވެފަ އެވެ.

އޭޑީކޭގެ އެންއައިސީޔޫގައި ތުއްތު ކުއްޖަކު ބާއްވާފައި: އުފަންވާއިރު ސިއްހީ އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ފަރުވާ ދޭނީ އެތަނުގައި

އެކަމަކު މިއީ ގައުމީ ނިސްބަތުގެ ޑޭޓާ ނޫން ކަމަށާއި އެ ތަފާސްހިސާބު ކަމާ ބެހޭ ފަރާތްތަކުން އާއްމުކުރަން ޖެހޭނެެކަން ޑރ. ނިޔާފް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ފަދަ ކޮންމެ ކޭސްއެއް، ސިއްހީ ހިދުމަތް ދޭ ތަންތަނުން ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓު ކުރަން މަޖުބޫރު ގައުމެއްގައި އެ ތަފާސްހިސާބު އާއްމު ކުރަން ވެސް ޖެހޭނެ އެވެ.

ތުއްތު ކުދިން އުފަންވާ އަދި މަރުވާ ނިސްބަތާ ގުޅޭ ގޮތުން އެންމެ ފަހުން އާއްމުކޮށްފައިވަނީ 2014 ވަނަ އަހަރުގެ މައުލޫމާތެވެ. ހެލްތު މިނިސްޓްރީން، މޯލްޑިވްސް ހެލްތު ޕްރޮފައިލްގެ ނަމުގައި 2016 ގައި އާއްމު ކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތުއްތު ކުދިން މަރުވާ ނިސްބަތް (އިންފެންޓް މޯޓަލިޓީ ރޭޓް) 2010 ވަނަ އަހަރުން ފެށިގެން ދަށްވަމުން އައިސް، 2014 ގައި ވަނީ އެ ނިސްބަތް ތަންކޮޅެއް މަތިވެފަ އެވެ. އެގޮތުން 2010 ވަނަ އަހަރު، ކޮންމެ 1000 ކުއްޖެއްގެ ތެރެއިން 11 ކުއްޖަކު މަރުވި އިރު 2013 ގައި ހަ ކުދިންނަށް މަދުވެ، އަދި ޖެހިގެން އައި އަހަރު އަށް ކުއްޖަކަށް ވަނީ އިިތުރުވެފަ އެވެ.

ނަމަވެސް މިހާރުގެ މައުލޫމާތު އާއްމު ނުކުރާތީ، އެ ނިސްބަތް މަތިވެފައިވާ ކަމެއް ނުވަތަ ދަށް ވެފައިވާ ކަމެއް ނޭނގެ އެވެ.

ސަބަބަކީ ކޮބާ؟

މޯލްޑިވްސް ހެލްތު ޕްރޮފައިލް ރިޕޯޓުގައިވާ ގޮތުން އިންފެންޓް މޯޓަލިޓީ ރޭޓް ދަށްކުރެވޭނީ އެންމެ ތުއްތު އިރު މަރުވުން ނުވަތަ ނިއޯނޭޓަލް ރޭޓު ކުޑަކުރެވިގެންނެވެ. އޭގައި ބުނެފައިވާ ގޮތުން 2014 ގައި މަރުވި ކުޑަކުދިންގެ ތެރެއިން 63 ޕަސެންޓް ކުދިން މަރުވެފައިވަނީ އެންމެ ތުއްތު އިރެވެ. އޭގެ ތެރެއިން 89 ޕަސެންޓް ކުދިން މަރުވީ އުފަންވިތާ ހަފުތާއެއްގެ ތެރޭގަ އެވެ. އޭގެ ތެރޭގައި ގިނައީ ދުވަސް ނުފުރާ ވިހާ ކުދިންނެވެ. ދެން، ކުއްޖާގެ ހިތާއި ސިކުނޑި އާއި މައިބަދަ ފަދަ މުހިއްމު ގުނަވަންތައް ފުރިހަމަ ނުވެ ވިހާ ކުދިންނެވެ.

ބައިގެންދިޔުމާއި ދުވަސް ފުރުމުގެ ކުރިން ވިހެއުމާއި ކުއްޖާ އައިބުވާން ދިމާވާ ސަބަބުތައް ގިނަ އެވެ. ބައެއް ފަހަރު އޭގެ ސަބަބު ނުހޯދުނު ނަމަވެސް، އޭގެ ތެރެއިން ބައެއް ކަންކަން ޑރ. ނިޔާފް ވިދާޅުވެ ދެއްވި އެވެ.

ބައިގެން ދިއުމުގައި އެންމެ އާއްމު މައްސަލަތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އިންފެކްޝަނާއި ޑައިބީޓީސް އާއި ލޭ މައްޗަށް ދިޔުމެވެ. ދުވަސް ނުފުރާ ވިހެއުމަށް ދިމާވާ ބައެއް ސަބަބުތަކުގެ ގޮތުގައި ޑޮކްޓަރުން ފާހަގަކުރަނީ އުމުރުން މާ ހަގު (17 އަހަރު) ނުވަތަ މާ ދޮށި (35 އަހަރު)ގައި ބަލިވެ އިނުމާއި ސްޓްރެސް އާއި ބަރުދަން އިތުރުވުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަލްޓިޕަލްޕްރެގްނެންސީ އާއި ކުރިއްސުރެ ބަލިވެ އުޅުމެވެ.

ޅަ އުމުރުގައި ރާއްޖޭގައި ތުއްތު ކުދިން މަރުވާ ސަބަބު ހޯދުމަށް މިހާތަނަށް މާ ބޮޑު މަސައްކަތެއް ނުވަތަ ދިރާސާއެއް ހެދިފައެއް ނެތެވެ.

އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ޑޮކްޓަރަކާއި ބައެއް ނަރުހުން މަޑުކޮށްލައިގެން: ރާއްޖޭގައި އެންމެ ގިނަ ކުދިން ވިއްސަނީ އެ ހޮސްޕިޓަލުގައި

މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ރާއްޖޭގައި ގިނަ އަންހެނުން ބަލިވެ އިނީއްސުރެ ގަވައިދުން ޑޮކްޓަރަށް ދައްކައި، ބޭސްތައް ކަ އެވެ. ކޮންމެ މަހަކު ވެސް ދެމައިންގެ ސިއްހަތު ބަލައި، ރަނގަޅަށް މޮނީޓާ ކުރެ އެވެ. އެހެންވެ، ބައިގެން ދިޔުމާއި ދުވަސްނުފުރާ ވިހެއުން ފަދަ މައްސަލަތައް ދިމާވާ ސީދާ ސަބަބެއް ހޯދިފައެއް ނުވެ އެވެ. އެކަމަކު ކުޑަކުދިންގެ ގިނަ ޑޮކްޓަރުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އެ ފަދަ މައްސަލަތައް ދިމާވާ ސަބަބުތައް ދިވެހިންގެ ތެރޭގައި މިހާރު ގިނަވުން އެކަށީގެންވެ އެވެ. ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމާއި ޑައިބީޓީސް އާއި ލޭމައްޗަށް ދިޔުން ފަދަ ބަލިތަކެވެ.

ޑރ. ނިޔާފް ވިދާޅުވީ އެ ކަންކަމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅޭނެ ކަމަށެވެ. އަދި މިހާރު ލިބިފައިވާ މައުލޫމާތާއި ހުރި ވަސީލަތްތަކުގެ އެހީގައި ކަންތައްތަކެއް ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަންކަން ފެށުމަށް "ބޮޑު ސޯބު" އެނބުރެންދެން މަޑުކުރަން ނުޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ކުޑަ ސޯބު އަމިއްލައަށް ވެސް އެނބުރެވިދާނެ. އެކަމަކު ބޮޑު ސޯބު އެކަމަށް އިސްނަގާނެ ކަމަށް އުއްމީދުކުރަން،" މައުނަވީ ގޮތެއްގައި، ޑރ. ނިޔާފް ވިދާޅުވި އެވެ.

ރާއްޖޭގައި ރަނގަޅަށް އޮތް ކަމެއް ގޯސްކޮށް ދަންޏާ އެކަމާ ދެކޮޅަށް ވީހާވެސް އަވަސް ފިިޔަވަޅުތަކެއް އަޅަން ޖެހެ އެވެ.