މޭޔަރުންނާއިި ރައީސުންނަކާ ދެން ނުކުޅެވޭނެ!

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ވުޖޫދަށް އައުމާ އެކު، ކައުންސިލަރުން އެންމެ ބިރުގަތް އެއް ކަމަކީ މޭޔަރު ނުވަތަ ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސް ބޭނުން އިރެއްގައި މަގާމުން އެކަހެރި ކުރެވޭ ގޮތަށް އޮތުމުންނެވެ. ލާމަރުކަޒީ ނިޒާމު ބައްޓަންވެފައި އޮތީ ކައުންސިލްގައި ދެން ހިމެނޭ މެމްބަރުންގެ ތެރެއިން ނަގާ ވޯޓަކުން އެންމެ އިސް ކައުންސިލަރު ވަކިކުރެވޭ ގޮތަށެވެ. އެއް ބަޔަކު ސިފަކުރީ އެއީ ކައުންސިލް ހިންގުމުގެ ނިޒާމަށް އެޅުނު ހުރަހެއް ގޮތުގަ އެވެ.


ލާމަރުކަޒީ ގާނޫނަށް ދާދި ފަހުން ގެނައި ބަދަލުން އެކަން މި ވަނީ ނިމުމަކަށް އައިސްފަ އެވެ. މޭޔަރުންނާއި ކައުންސިލްގެ ރައީސުން "ހިތަށްއެރީމަ" ވަކިކުރުމުގެ ދޮރު ބަންދުވީ އެވެ. މޭޔަރުންނާއި ކައުންސިލްގެ ރައީސުންނަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބު ކުރާ ބައެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެމީހުންނާ ކުޅުމުގެ އެއްވެސް ބާރެއް ދެން ތިބި ކައުންސިލަރުންނަކަށް ނެތެވެ.

ގާނޫނުއަސާސީ އާއި ގާނޫނުގައި މިހާރު އޮންނަ ގޮތުން މޭޔަރުންނާއި އަތޮޅު ކައުންސިލްގެ ރައީސުންނާއި ރަށު ކައުންސިލްގެ ރައީސުން ކަނޑައަޅާނީ އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެއިން މީހަކު އިސްތިއުފާ ދީފި ނަމަ، އަނެއްކާވެސް ރައްޔިތުންގެ މެދުގައި ސިއްރު ވޯޓެއް ނަގަން ޖެހެ އެވެ. ގާނޫނުގައި އެންމެ އިސް ކައުންސިލަރުންގެ މަސްއޫލިއްޔަތުތައް ވަނީ ކުރިއަށް ވުރެ ބޮޑަށް ތަފްސީލްކޮށްދީފަ އެވެ.

މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމާއި ކައުންސިލްގެ ހިންގުމަށް ކުރަން ޖެހޭ މަސައްކަތްތައް ރާވައި ހިންގުމާއި ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭންގެ މަގްސަދުތައް ހާސިލްކުރެވޭނެ ގޮތަށް މަސައްކަތްތައް ބައްޓަން ކުރުމާއި ކައުންސިލްގެ ޖަލްސާތައް ގަވައިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން ފަދަ ކަންކަން ހިމެނެ އެވެ. މި ބަދަލާ އެކު، މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންގެ ކޮނޑުގައި އެޅިފައި ވަނީ ވަރަށް ބޮޑު ޒިންމާއެކެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި އައްޑޫގެ މޭޔަރު ސޯދިގް މަޝްވަރާއެއްގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަމައެގޮތަށް އެމީހުންގެ ދަށުން ތިބޭ ކައުންސިލަރުންގެ މަސްއޫލިއްޔަތުތައް ވެސް ވަކިން ބޮޑެވެ. ރަށަށް ދިމާވާ ދަތިތައް ކައުންސިލްގެ ސަމާލު ކަމަށް ގެނައުމާއި އެކަންކަން ހައްލު ކުރަން މަސައްކަތް ކުރުމާއި ކައުންސިލް ޖަލްސާތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަގްސަދުތައް ހާސިލްކުރަން މަސައްކަތް ކުރުމާއި ކައުންސިލުން އެކުލަވާލަން ޖެހޭ ޕްލޭންތަކާއި އަހަރީ މަސައްކަތުގެ ތާވަލާއި އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު އެކުލަވާލުމުގައި އަމަލީ ގޮތުން ކައުންސިލަރުން ބައިވެރިވުން ގާނޫނުން ލާޒިމް ކުރެ އެވެ.

ގާނޫނުގައި ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްގެ ނައިބު ރައީސުން އިންތިހާބު ކުރާނީ އެ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނުވަތަ ކައުންސިލްގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ބާރު ކައުންސިލަރުންނަށް އަދިވެސް ލިބެ އެވެ.

އޭގައިވާ ގޮތުން ކައުންސިލްގެ ދެ ވަނަ އަށް އެންމެ އިސް މީހެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ކައުންސިލް މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ، އެމީހަކު މަގާމުން އިސްތިއުފާ ދޭން ވާނެ އެވެ. ޑެޕިއުޓީ މޭޔަރު ނުވަތަ ކައުންސިލްގެ ނައިބު ރައީސްކަމުގެ މަގާމުން ކައުންސިލަރަކު ވަކިކުރި ނަމަވެސް، އެ މެމްބަރެއްގެ މެމްބަރުކަން ދެމިއޮންނާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ތަސްދީގުކުރެއްވި ގާނޫނުގައި ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު ހަމައެކަނި ލިބެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށެވެ. އެލްޖީއޭއަށް ހަމައެކަނި އޮތީ، މައްސަލަ ބެލުމަށް ފަހު ގިނަވެގެން ތިން މަސް ދުވަހަށް ސަސްޕެންޑްކުރުމުގެ ބާރެވެ. އެއް ބައެއްގެ ނަޒަރުގައި މިއީ ވެސް ލާމަރުކަޒީ ގާނޫނަށް ގެނައި ހަރުދަނާ ބަދަލެކެވެ.

ކައުންސިލަރުންގެ ސުލޫކީ މިންގަނޑުތައް:

- ކައުންސިލާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކަށް އަހުލުވެރިވާ ބަޔަކަށް ވުން.

- ކައުންސިލްގެ ތަސައްވަރު ހާސިލްކުރަން އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރުން.

- ކައުންސިލަރުންނަކީ ފަރުވާތެރިކަމާ އެކީގައި ހިދުމަތް ދޭ ބަޔަކަށް ވުން.

- ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ދެމެހެއްޓުމަށް އުސޫލުތަކުގައި ހިފެހެއްޓުން.

- ކައުންސިލަރުން ދައުލަތުގެ މުދަލަށް ރައްކާތެރިވާ ބަޔަކަށް ވުން.

- ރަސްމީ ވަގުތުތަކާއި ވާޖިބުތައް އަދާކުރާ ބަޔަކަށް ކައުންސިލަރުން ވުން.

ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮތް ގޮތުން ކައުންސިލްގެ އިދާރީ ހިންގުން ނުވަތަ ހިދުމަތެއް ހުއްޓާލުން ނުވަތަ ހުއްޓުވާލަން މަސައްކަތް ކުރުމާއި އަދި އެއިން ކަމަކަށް ބުރޫއަރާ ފަދަ އަމަލުތަކާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭނެ ފަދަ އަމަލެއް އެއްވެސް ކައުންސިލަރަކު ކޮށްގެންނުވާނެ އެވެ.

މީގެ 10 އަހަރެއްހާ ދުވަސް ކުރިން އަމަލު ކުރަން ފެށި ލާމަރުކަޒީ ގާނޫނާ ގުޅޭ ގޮތުން ރައްޔިތުން އެންމެ ބޮޑަށް ކުރި އެއް ޝަކުވާއަކީ "ދެ އިރު ދެ ދަޅައަށް" ކައުންސިލަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމެވެ. އެކަމާ ހުރެ ކައުންސިލްގެ ތެރޭގައި ހަމަނުޖެހުން ބޮޑުވެ އެވެ. ބައިބައިވުން އުފެދި ރައްޔިތުންނަށް އޭގެ ގެއްލުންވި އެވެ. އެ ހުރިހާ ކަމަކަށް ބަލާފައި އަލަށް ގާނޫނަށް ގެނައި އިސްލާހަކީ ރަނގަޅު ބަދަލު ގޮތުގައި ބައެއް މީހުން ފާހަގަކުރެ އެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭ ގޮތުން ކްރޮސް ރޯޑްސްގައި ދެ ދުވަހަށް ބޭއްވި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި(މ) މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި(ކ) ނައިބު ރައީސް ފައިސަލް ނަސީމް(ވ) ބައިވެރިވެވަޑައިގަންނަވަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު

ލާމަރުކަޒީ ބިލް ރައްޔިތުންގެ މަޖިލިހުގައި ދިރާސާ ކުރި އިރު، މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރަކަށް އިންނެވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން އަލީ ނިޔާޒެވެ.

އޭނާ ވިދާޅުވީ އެ ރަށެއްގެ ކައުންސިލަރުންގެ އަތް މައްޗަށް ކައުންސިލްގެ ރައީސުންނާއި މޭޔަރުން ކަނޑައެޅުމުގެ ބާރު ދީފައި އޮތުމަކީ ރަނގަޅު ވިސްނުމެއްގައި ކުރި ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ކައުންސިލަރުންގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި ކައުންސިލަރުން ވަކި ޕްލޭންތަކަކާ އެކު އަންނަ އިރު، ކައުންސިލްގެ ރައީސް ކަމުން ނުވަތަ މޭޔަރު ކަމުން ވަކިކުރީމަ، އެ ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަން ގޮންޖެހުމާ ކުރިމަތިވެ އެވެ. އެހެންވެ އެ ބަދަލު ގެނައީ "ހެޔޮ ނިޔަތެއްގައި" ކަމަށް ވިދާޅުވި އެވެ.

"ކައުންސިލަރުންނަށް އެ ބާރު ދީފައި އޮތީމަ، އިރުއިރުކޮޅާ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައިގެން ކައުންސިލްގެ ރައީސް ކަމުން ވަކިކުރަނީ. ބަޔަކު ހިތްހަމަނުޖެހޭ ކަމެއް ކުރެވުނަސް، އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ބޭރުކޮށްލަނީ. އެކަމަށް ނިމުމެއް މި ގެނައީ،" ނިޔާޒް ވިދާޅުވި އެވެ.

މި ބަދަލުގެ ސަބަބުން ކައުންސިލްތަކުން ސީރިއަސް މަސައްކަތްތަކެއް ކުރާނެ ކަމަށް ނިޔާޒް ގަބޫލުކުރައްވަ އެވެ. އަދި ކައުންސިލްގެ ރައީސުންނާއި މޭޔަރުން ކަނޑައެޅުމުގެ ބާރު ރައްޔިތުންގެ އަތްމައްޗަށް ދީފައި އޮތުމަކީ ވަރަށް ރަނގަޅަށް ކުރެއްވުނު ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ގދ. ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް އައްސަދަކީ މި ތަޖުރިބާ ކުރެއްވި ބޭފުޅެކެވެ. ރައްޔިތުންގެ ބޮޑު ތާއީދަކާ އެކު، ކައުންސިލަށް ވަޑައިގެންނެވި އައްސަދު ގާތްގަނޑަކަށް ދެ ދައުރު ފުރިހަމަ ކުރައްވައިފި އެވެ. އޭނާއަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ކައުންސިލަރެވެ. އެކަމަކު، އޭނާ ވެސް މީގެ ދެ މަހެއްހާ ދުވަސް ކުރިން ކައުންސިލްގެ ރައީސް ކަމުން ވަކިކުރި އެވެ.

އައްސަދު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައި އިރު ވެސް، ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުން ކަނޑައެޅުމުގެ ބާރު އޮންނަން ޖެހޭނީ ރައްޔިތުންނަށް ދީފަ އެވެ.

މި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބެހެއްޓި ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތް ކުރަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ރަނގަޅަށް ހިނގަހިނގާ ހުއްޓާ ޒާތީ ކަމެއްގައި ކައުންސިލްގެ ރައީސް ކަމުން ބޭރުކޮށްލަފާނެ. އެއީ އޮންނަން ވާނެ އުސޫލެއް ނޫން. އެމީހާއާ ކުޅެވިގެން ނުވާނެ،" އައްސަދު ވިދާޅުވި އެވެ.

"މިސާލަކަށް ފުޓްބޯޅަ ދަނޑެއް އަޅުގަނޑު އަޅަން ބޭނުންވެގެން ކައުންސިލްގެ އެހެން މެމްބަރުންނާ މަޝްވަރާ ކުރީމަ، އެތަނުން ބައެއް މެމްބަރުންގެ ރައްޓެހިން އެކަމާ ދެކޮޅުހަދަނީ. އެވަރުން ވެސް އެކަމާ އުޅެން ފެށީމަ ދެ ތިން މެމްބަރަކާ ގުޅިގެން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ބޭރުކޮށްލުން މައްސަލައަކީ."

އައްސަދު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް މައްސަލައަކީ ކައުންސިލަރުން އެއް ވިސްނުމެއްގައި މަސައްކަތް ނުކުރެވުމެވެ. ކައުންސިލްގެ ރައީސަކީ ޒިންމާދާރު ވެރިޔާ ކަމަށް ވީ އިރު، އެހެން މެމްބަރުންގެ ހިޔާލު ހޯދައިގެން ކަންކަން ތަންފީޒު ކުރުމުގެ ބާރު ރައީސަށް އޮންނަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލަރުން މިނިވަންކަމާ އެކީގައި ފަސް އަހަރު ދުވަހު މަސައްކަތް ކުރުމުގެ ފުރުސަތު ލާމަރުކަޒީ ގާނޫނުން މިހާރު ލިބެ އެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަމުން އައި ނަމަވެސް މިހާތަނަށް އޮތީ، ގާނޫނުން ކަނޑައަޅާފައިވާ ބާރުތައް ހިފަހައްޓައި ކައުންސިލްތަކުން މައި ސަރުކާރަށް ބަރޯސާވާ ގޮތަށް މަޖުބޫރުކޮށްފަ އެވެ. މިކަން ބަދަލު ކުރީ ވެސް މި ސަރުކާރުންނެވެ. އެންމެ ބޮޑު އެއް ބަދަލަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމެވެ. އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ އެކު، ކައުންސިލަރުންގެ ދައުރު ކުރިއަށް ވުރެ މިހާރު ބޮޑެވެ. އެމީހުން ރައްޔިތުންގެ ހައްގުގައި ސީރިއަސް މަސައްކަތްތަކެއް ކުރަން ޖެހޭ ވަގުތު އައިސް ޖެހިއްޖެ އެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ފަސޭހަ ގޮތްތައް މި ވަނީ ގާނޫނުގައި ކަނޑައަޅައިފަ އެވެ. ކައުންސިލަރުން ބޭނުންހާ އިރަކު ވަކިނުކުރެވޭ ގޮތަށް ގާނޫނު އެ އޮތީ ބަދަލުކޮށްފަ އެވެ. ރައްޔިތުން ދެން ބޭނުންވާނީ ނަތީޖާ އެވެ.