އާބާދީގައި 10،000 މީހުން ހަމަވެ، ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމަކީ ހަމައެކަނި އެ ރަށަށް އޮތް އުފަލެއް ނޫނެވެ. ރާއްޖޭގެ ދެ ވަނައަށް އެންމެ އާބާދީ ބޮޑު، ހދ. އަތޮޅުގެ ހުރިހާ ރަށަކަށްމެ ލިބުނު ޝަރަފެކެވެ. އެކަމަކު އަތޮޅުގެ ވެރިރަށަށް ލިބުނު ސިޓީގެ ދަރަޖައާ އެކު އެހެން ސުވާލެއް ވެސް ފެންމަތިވެއްޖެ އެވެ.
ދެން އަތޮޅުގެ ވެރިރަށަކަށް ވާނީ ކޮން ރަށެއް ހެއްޔެވެ؟ ނޫނީ ދެން ވެސް އަތޮޅު ވެރިކަން ކުރާނީ ކުޅުދުއްފުށީގައި ހެއްޔެވެ؟
އެ އަތޮޅު ވައިކަރަދޫގެ ޒުވާނެއް ކަމުގައިވާ އަބްދުﷲ ވާފިރު ގަބޫލުކުރާ ގޮތުގައި "އެއް ހަށިގަނޑަކަށް ދެ ގަމީހެއް ނުލެވޭނެ" އެވެ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބިއްޖެ އެވެ. ދެން ވެރިކަން ކުރަން ޖެހޭނީ އެހެން ރަށެއްގަ އެވެ.
މިއީ އަދި ހަމަ ބަހުސްއެކެވެ. ގެންނާނެ ނުވަތަ ގެނެވޭނެ ބަދަލެއް ކަމެއް ވެސް ނޭނގެ އެވެ. އެކަމަކު ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ލިބުމާ އެކު އަތޮޅުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް، އެ އަތޮޅުގެ ބައެއް ރަށްރަށުން މިހާރު އަންނަނީ އެކަމަށް ފައިވިއްދަމުންނެވެ. ސޯޝަލް މީޑިއާގައި ކެމްޕޭން ކުރަމުން އަންނަ ލިސްޓުގައި ހަނިމާދު އާއި ވައިކަރަދު އާއި ނޮޅިވަރަމްފަރާއި ކުރިނބީ ވެސް ހިމެނެ އެވެ.
އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވައިކަރަދޫ ކައުންސިލަށް ވެސް ވާދަކުރަން ނިންމާފައިވާ ވާފިރު ބުނިގޮތުގައި ސިޓީ ކައުންސިލާއި ރަށު ކައުންސިލްތައް ހިމެނެނީ، ގާނޫނީ ގޮތުން އެއް ފަންތިއެއްގަ އެވެ. އެހެން ކަމަށް ވާއިރު، ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލް އެއް ރަށެއްގައި އޮތުމަކީ ލާމަރުކަޒީ ނިޒާމުގެ "ބެސްޓް ޕްރެކްޓިސް" އިން ބޭރުވާނެ ކަމެކެވެ. އަދި ސިޓީގައި އަތޮޅުގެ ވެރިކަން ކުރުން އޭނާ ދެކެނީ، ހުރިހާ ބާރެއް، އެއްތަނަކަށް ޖަމާކުރުމުގެ ގޮތުގަ އެވެ.
"އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެ އެއްނު،" ވާފިރު ބުންޏެވެ.
މުޅިން އާ، ތާރީޚީ ބަދަލެއް!
ލާމަރުކަޒީ ގާނޫނުގެ ދަށުން މިހާތަނަށް ސިޓީއަކަށް ބަދަލުކޮށްފައިވަނީ މާލޭގެ އިތުރުން އައްޑު އާއި ފުވައްމުލަކެވެ. އައްޑޫ ސިޓީއަކަށް ބަދަލު ކުރީ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށެވެ. ފުވައްމުލައް ހިމެނެނީ އެއް އަތޮޅެއްގެ ގޮތުގަ އެވެ. އެހެންވެ، 13 ރަށް އޮންނަ ހދ. އަތޮޅުން ސިޓީއެއްގެ ގޮތުގައި ކުޅުދުއްފުށި ކަނޑައެޅުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.
ވަކިން އޮންނަ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމުން، އެ އަތޮޅުގައި ރަށުގެ ހައިސިއްޔަތު ބަދަލުވާނެ ގޮތާ މެދު އެންމެ ފުރަތަމަ ސުވާލު އުފެއްދެވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވާއިރު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށާއި އެ ސުވާލުތަކަށް ސާފު ޖަވާބު ބޭނުންވާ ކަމަށެވެ.
"ރާއްޖޭގައި މިހާތަނަށް އުފެެދިފައި ހުރި އެހެން ސިޓީތަކާއި ކުޅުދުއްފުށި ސިޓީއާ ވަރަށް ތަފާތު. އެއީ ހދ. އަތޮޅުގައި ވަކިން އެހެން ރަށްތަކެއް ވެސް ހުންނާތީ. ސިޓީއަކަށް ވީމަ އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުން އޮންނާނީ ހަމަ ކުޅުދުއްފުށިތޯ؟،" މިދިޔަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން، 2018 ގައ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.
"ސިޓީއެއްގެ ދަރަޖަ އިއުލާން ކުރާއިރު، މި ކަހަލަ ބައިވަރު ސުވާލުގެ ޖަވާބު އެބަ ލިބެން ޖެހޭ."
ކުޅުދުއްފުށި ސިޓީއަކަށް ހެދުމުގައި ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް، ސަރުކާރުން މިދިޔަ އަހަރު ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން އެއް އިސްލާހުގައިވާ ގޮތުން އަތޮޅުގެ ވެރިރަށަކަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް، އެ ދާއިރާއެއްގައި ވަކިވަކި ރަށްތަކެއް ހިމެނޭ ނަމަ، އެ ރަށްތަކަށް ހިދުމަތް ދޭނީ އަތޮޅު ކައުންސިލުންނެވެ. އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި ދެމުން ގެންދިޔަ ޚިދުމަތްތައް ވެސް ކުރިއަށް ގެންދާނީ އެ ކައުންސިލުންނެވެ.
އޭގެ މާނަ އަކީ، ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރި ނަމަވެސް، އަތޮޅުގެ އެހެން ރަށްތައް ހިންގުމުގެ އެންމެ އިސް ފަރާތަކީ އަތޮޅު ކައުންސިލް ކަމެވެ.
ސިޓީ ކައުންސިލްގެ ދަށަށް ރަށްތައް ދާނީ، އިދާރީ ދާއިރާއެއް އެކުލެވިފައިވަނީ މީހުން ދިރިއުޅޭ އެންމެ ރަށެއްގެ މައްޗަށް ކަމަށް ވާ ނަމަ އެވެ. އެ ހާލަތުގައި ސިޓީ ކައުންސިލަކީ، އެ ދާއިރާއެއް ހިންގުމުގެ އެންމެ އިސް ފަރާތެވެ.
މި އިސްލާހުގެ ދަށުން، އަތޮޅު ކައުންސިލް އިންތިޚާބު ކުރާ ގޮތަށް ވެސް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ.
އެގޮތުން ވަކިން މީހުން އިންތިޚާބު ކުރުމުގެ ބަދަލުގައި އަތޮޅު ކައުންސިލަށް އިންތިޚާބު ކުރާނީ ކޮންމެ ރަށެއްގެ ވެސް ރަށު ކައުންސިލްގެ ރައީސެވެ. ދެން ސިޓީ ކައުންސިލްގެ މޭޔަރެވެ.
ވާ ގޮތެއް އަދި ނޭނގޭ، އެކަމަކު ކެމްޕޭން ކުރިއަށް
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުން ވެސް، އަތޮޅު ވެރިރަށަށް ސިޓީގެ ދަރަޖަ ދީފި ނަމަ، ވެރިކަން ބަދަލުކުރަން ޖެހޭނެ ކަމަކަށް ބުނެފައެއް ނެތެވެ. އަތޮޅު ވެރިކަން ބަދަލު ކުރާނެ ކަމެއް ނުވަތަ ނުކުރާނެ ކަމެއް ވެސް އަދި ނޭނގެ އެވެ. އެކަމަކު ހދ. އަތޮޅުގެ ގިނަ މީހުން ގަބޫލުކުރާ ގޮތުން، ސިޓީއެއްގެ ދަރަޖައަށް ބަދަލު ކުރުމަށް ފަހު ކުޅުދުއްފުއްޓަށް އަތޮޅުވެރިކަން ބަދަލު ކުރުމަކީ އިންސާފެއް ނޫނެވެ.
"ކުޅުދުއްފުށި ސިޓީއާ އެކު އަތޮޅުވެރިކަން އެހެން ރަށަކަށް ބަދަލުވާން ޖެހޭ. ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލް އެއްތާކު ހިންގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ކުރިނބީ ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު މުޖުތަބާ އޭނާގެ ފޭސްބުކްގައި ލިއުއްވި އެވެ.
އޭނާ ގަބޫލްކުރައްވާ ގޮތުގައި ވެރިކަން ކުރަން އެންމެ ރަނގަޅީ ކުރިނބީ އެވެ. އެއީ ވޭތުވެ ދިޔަ ފަސް އަހަރު ވެސް އެންމެ ރަނގަޅަށް މަސައްކަތް ކުރި ކައުންސިލެއްގެ ގޮތުގައި އެ ރަށު ކައުންސިލް ހިމެނިފައިވާތީ އެވެ.
މުޖުތަބާ އާއި ވާފިރު ވެސް ދެކޭ ގޮތުގައި އާބާދީ މަދުވުމަކީ އަތޮޅު ވެރިކަން ނުކުރެވޭނެ ސަބަބެއް ނޫނެވެ. އާބާދީއަށް ބަލައިގެން ވެރިކަން ދިނުމަކީ ކުރީގެ ވިސްނުމެއް ކަމަށް އެ މީހުން ގަބޫލުކުރެ އެވެ. ކުރިނބީ އާއި ވައިކަރަދުއަކީ ވެސް އަތޮޅުގެ މެދުގައި ހިމެނޭ ރަށްތަކެވެ. އެހެންވެ، އެ ރަށްތަކަށް އަތޮޅުގެ އެންމެންނަށް ފަސޭހައިން ދަތުރު ކުރެވޭނެ އެވެ.
"އަތޮޅުވެރިކަން ދީގެން ސަރުކާރުން އާރާސްތު ކުރަންވީ އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ރަށެއް. މިހާރު ތަރައްގީވެފައިވާ ރަށްތަކެއް ނޫން. ވައިކަރަދުއަކީ ހިއުމަން ރިސޯސަސް ހުރި ރަށެއް. އަތޮޅުގެ މެދުގައިވާ ރަށެއް،" ވާފިރުގެ ކެމްޕޭން މެސެޖަކީ އެ އެވެ.
އަތޮޅުވެރިކަން ބޭނުންވާކަން ހާމަކޮށް، އެ އަތޮޅު ހަނިމާދޫ ކައުންސިލުން މިދިޔަ އަހަރު ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.
އެ ގަރާރުގައިވާ ގޮތުން، ވެރިކަން ކުރުމަށް އެންމެ އެކަށީގެންވާ ރަށަކީ ހަނިމާދު އެވެ. އެއާޕޯޓެއް އެބަ އޮތެވެ. ބިން އޮތް އިރު، ކުޅުދުއްފުށީ ފިޔަވައި އަތޮޅުން އެންމެ ތަރައްގީ ވެފައިވަނީ ވެސް ހަނިމާދު އެވެ. އޭގެ އިތުރުން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު އެ ރަށަށް އަރައި ފައިބާއިރު، އިތުރަށް ތަރައްގީ ކުރަން ވެއްޖެ ނަމަ ބިން ވެސް އޮތް ރަށެއްގެ ގޮތުގައި ވެސް ފާހަގަކޮށްފައި ވެ އެވެ.
"ކުޅުދުއްފުށީގައި ވެސް ގާއިމްވެފައި ނެތް މޯލްޑިވްސް ކުލައިމެޓް އޮބްޒަވޭޓްރީ އޮފީހާއި އެގްރިކަލްޗަރަލް ސެންޓަރު ފަދަ ސަރުކާރުގެ ގިނަ އިދާރާތަކެއް މިހާރު ވެސް ހަނިމާދޫގައި ގާއިމްކޮށްފައި ވެ އެވެ." ކައުންސިލުން ފާސްކުރި ގަރާރުގައި ބުނެފައި ވެ އެވެ.
މި ކެމްޕޭނުގައި ނޮޅިވަރަމްފަރު ވަކާލާތު ކުރަނީ އެ ރަށުން ނަގާފައިވާ އަތޮޅުވެރިކަން އަނބުރާ ހޯދުމަށެވެ. އަތޮޅުގައި ދެ ވަނައަށް އާބާދީ ބޮޑު، އަދި ކުޅުދުއްފުއްޓާއި ހަނިމާދޫ އެއާޕޯޓާ ވެސް ގާތުގައި އޮތުމުން އެ ފަސޭހަ ރައްޔިތުންނަށް ލިބޭނެ ކަމަށް ނޮޅިވަރަމްފަރު މީހުން ބުނަމުން ދެ އެވެ.
ސޯޝަލް މީޑިއާގައި ކޮންމެ ރަށަކުން ވެސް ކެމްޕޭން ކުރަނީ އެ ރަށެއްގެ ސައިޒާއި ލިބެން ހުރި ފަސޭހަތަކާ އެކު އެވެ. އެއަށް ދެން ތިބި ރަށްރަށުން ފާޑުކިޔަނީ ވެސް ހަމަ ސައިޒު ކުޑަވުމާއި އާބާދީ މަދު ކަމަށް ބުނެ އެވެ.
ކުރިނބި އާއި ވައިކަރަދޫ ސިފަކުރަނީ "މީހުން މަދު، ފަޅު ރަށްތަކެއް"ގެ ގޮތުގަ އެވެ. ހަނިމާދު އާއި ނޮޅިވަރަމްފަރަކީ "މާ ބޮޑަށް ތަރައްގީވެ، އިތުރަށް ދެން އެއްޗެއް ބޭނުން ނުވާ" ރަށްރަށެވެ.
"ރަށުގެ ސައިޒުން ވެރިކަން ދޭން ޖެހޭ ނަމަ ދޭން ޖެހޭނީ މަކުނުދުއަށް. މިއީ މުޅި ރާއްޖޭން ވެސް އެންމެ ފަޅުބޮޑު ރަށް،" އަތޮޅުގެ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ މަކުނުދޫ މީހަކު ފޭސްބުކްގައި ލިޔުނެވެ.
"އެކަމަކު އޭރުން މަކުނުދުއަށް ހިދުމަތް ހޯދަން ދިޔުމަށް ވުރެ މާލެ ދިޔުން ވެސް މާ ފާސޭހަ ވާނެ،" މަކުނުދުއަށް ދަތުރުކުރުމުގެ އުނދަގޫކަން ސިފަކޮށްދިނުމަށް އެހެން މީހަކު އެޔަށް ކޮމެންޓް ކުރި އެވެ.
ހދ. އަތޮޅުގެ ވެރިކަން ހޯދުމުގެ ކެމްޕޭންގެ ފޯރި ކިތަންމެ ބޮޑު ވިޔަސް، ތަންފީޒީ އިދާރާތަކުން އަދި އަމަލު ކުރާނެ ގޮތެއް ނޭނގެ އެވެ. އެކަމަކު ޔަގީނުން ވެސް، ތާރީހަށް ބަލާއިރު، އަތޮޅުވެރިކަން ހޯދުމުގައި ބައެއް ރަށްރަށުން ކޮށްފައިވަނީ މާ އުފާވެރި ތަޖުރިބާތަކެއް ނޫނެވެ.