ގޯސް ހެދީ މަޖިލީހުން، ސުޕްރީމް ކޯޓުން ބުނާނެ އެއްޗެއް އެބަ އޮތްތަ؟

ސިއްރު ހެކިންގެ މައްސަލަ އެއް ދުވަސްވަރެއްގައި ގައުމީ މައްސަލައަކަށް ވާ މިންވަރަށް މީހުންގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް ކުރިމަތިވި އެވެ. އެއްވެސް ހަމައެއް ނެތި، ސިޔާސީ މީހުންނާ ދެކޮޅަށް ސިއްރު ހެކިން ބޭނުންކޮށްގެން ބޮޑެތި އެތައް ދައުވާއެއް ސާބިތުކޮށް، ޖަލު ހުކުމްތައް އޭރު އިއްވަމުން ދިޔަ އެވެ. އެކަމާ ކަންބޮޑުވުންތައް އޭރު ހުއްޓަސް، ސީރިއަސް ކުށުގެ މައްސަލަތަކުގައި ސިއްރު ހެކި ބޭނުން ނުކޮށް ދޫކޮށްލެވޭނެ ގޮތެއް ނެތެވެ.


ޚާއްސަކޮށް ރާއްޖެ ފަދަ ހެކިންނަށް ރައްކާތެރިކަން ކަށަވަރުވާނެ ނިޒާމެއް ނެތް އަދި ކުޑަ މުޖްތަމައުއެއްގައި އޭގެ ބޭނުންތެރިކަން، ބައެއް ބާވަތުގެ މައްސަލަތަކުގައި، ކިތަންމެހާ ވެސް ބޮޑެވެ. އިސްތިސްނާއީ ގޮތެއްގައި ވެސް ސިއްރު ހެކި ބޭނުންކުރަމުން އައީ އެ ސަބަބާ ހެދި އެވެ. ޖިނާއީ މައްސަލަތަކުގައި އަމަލުކުރަން ޖެހޭ މައިގަނޑު ސިޔާސަތުތައް މިދިޔަ އަހަރު އަލުން ކަނޑައެޅި ހިސާބުން ފެށިގެން ސިއްރު ހެކިން ބޭނުން ކުރެވެން އޮތީ މީހުން މެރުމާއި ޓެރަރިޒަމް ފަދަ މުޖްތަމައަށް ނުރައްކާތެރި ކުށްތަކުގައި އެކަންޏެވެ.

އެކަމަކު މިހާރުގެ ހާލަތަކީ ސީރިއަސް ބޮޑެތި މައްސަލަތަކުގައި ވެސް ސިއްރު ހެކިން ބޭނުން ކުރުމުގެ ދޮރު އެއްކޮށް ބަންދުވެފައި އޮތުމެވެ. ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރު ހެކިވެރިންގެ ހެކިބަސް މިހާރު ގާނޫނު އޮތް ގޮތުން ނުނެގޭނެ ކަމަށް ހައި ކޯޓުން ދާދި ފަހުން ކަނޑައެޅުމުން އޭގެ އަސަރު މުޖްތަމައުއަށް ނުރައްކާތެރި އަދި އާންމު މަސްލަހަތާ ގުޅުން ހުރި ބޮޑެތި ޖިނާއީ ހުރިހާ މައްސަލަތަކަށް މި ވަނީ ކޮށްފަ އެވެ.

މި މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓާ ހިސާބަށް ވެސް ގޮސްފަ އެވެ.

ހައި ކޯޓުގެ ނިންމުން: ސިއްރު ހެކިބަސް ނެގޭނެ ހަމައެއް މިހާރު ނެތް

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ ބުނާ ގޮތުން އާންމު އުސޫލުން ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނަގަން ޖެހޭނީ ހެކިވެރިޔާއަކީ ކާކުކަން އެނގޭ ގޮތަށް ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށްގެން ކަމަށް ވިޔަސް، ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި އަދި އެ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ހެކިވެރިޔާ ހިމާޔަތް ކުރެވޭނެ ގޮތަކަށް ހެކިބަސް ނެގިދާނެ އެވެ. އެކަމަކު 1976 ގައި އަމަލު ކުރަން ފެށި ހެއްކާ ބެހޭ އެ ގާނޫނުގައި ސިއްރު ހެކިވެރިންގެ އެއްވެސް ވާހަކައެއް ބަޔާން ކޮށްފައެއް ނެތެވެ. މައްސަލަ ދިމާވަނީ މި ހިސާބުންނެވެ.

އެކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމުގައި ވަނީ ގާނޫނު އޮތް ގޮތުން ސިއްރުން ހެކިބަސް ނެގުމުގެ އިހްތިޔާރު ކޯޓުތަކަށް ލިބޭނީ ހެއްކާ ބެހޭ ގާނޫނުގައި ސިއްރު ހެކިބަސް ނެގުމުގެ ވާހަކަ ބަޔާން ކޮށްފައި އޮންނަ ހާލަތުގައި އެކަނި ކަމަށެވެ. އަދި އެ ގާނޫނުގައި އެފަދަ އެއްވެސް ވާހަކައެއް ނެތީސް ސިއްރު ހެކިބަސް ނަގަން ކޯޓުތަކުން ނިންމުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފް ކަމެއް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހައި ކޯޓުގެ އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމް އައުމުގެ ކުރިން ޖުލައި، 2017 ގައި އެ ގާނޫނަށް އަމަލު ކުރަން ފެށި ހިސާބުން ފެށިގެން ވެސް ވަކީލުން އެ މައްސަލަ ފާހަގަކުރައްވަމުން ގެންދެވި އެވެ. އެކަމަކު އޭރު އެކަމަށް ސީދާ ވަކި އެއްޗެއް ބުނުމެއް ނެތި ކޯޓުތަކުން ސިއްރު ހެކިބަސް ނަގަމުން ދިޔައިރު، އެކަން ހައި ކޯޓުގައި އޭރު ފާހަގަކުރުމުން ވެސް ގާނޫނުގެ އެ މާއްދާއާ މެދު ވަކި އެއްޗެއް އޭރު ކޯޓުން ބުނެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެކަން ކުރެވޭނެ ކަމަށް ބުނެ ހައި ކޯޓުން ދައްކަމުން އައި ހުއްޖަތަކީ ސިއްރުން ހެކިބަސް ނެގިދާނެ ކަމަށް އެ ކޯޓުން އޭގެ ކުރިން ނިންމާފައި ހުރި ނިންމުންތަކެވެ.

ހެދުނު ގޯސް މަޖިލީހަކަށް ނޭނގޭ

ހެއްކާ ބެހޭ ގާނޫނުގައި ނެތް އުސޫލަކާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުން ބޮޑު ގާނޫނެއް ފާސްކުރުމުން އެނގިގެން ދަނީ މުޅި ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައި އެ ބިލުގައި ހުރި ކަންކަން އެ ބިލް ފާސްކުރި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެއްވެސް މިންވަރަކަށް އެނގިވަޑައިނުގަންނަވާ ކަމެވެ. ނުވަތަ އެކަން އެނގުނަސް، އޭގެ ސަބަބުން ދެން ނުކުންނާނެ މައްސަލަތަކަކީ ކޮބައިކަން ވިސްނައި ނުލައި އޮތް ކަމެވެ.

ގާނޫނުތަކުގައި އިބާރާތް ކުރުން ހުންނަ ގޮތުން އެއް މާއްދާ އަނެއް މާއްދާއާ ފުށުއެރުން ފަދަ ކަންކަން ކުރިން ވެސް ދިމާވެ އެވެ. އެފަދަ ބައެއް ހާލަތްތަކުގައި މަތީ ކޯޓުތަކުން ގާނޫނު މާނަކޮށް، އެކަމަށް ހައްލުތަކެއް ގެނެސް ދީފައިވާއިރު، އަނެއް ބައި ފަހަރުތަކުގައި ގާނޫނު އިސްލާހުކޮށް އެކަން ހައްލު ކުރަނީ އެވެ. އެކަމަކު މިއީ ގާނޫނެއްގައި ނެތް ނުވަތަ އުފަންނުވާ އުސޫލަކާ ހަވާލާދީ މަޖިލީހުން ގާނޫނެއް ފާސްކުރި ފުރަތަމަ ފަހަރެވެ.

މި މައްސަލަ ފެންމަތިވި ފަހުން ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން މަޖިލީހަށް އިއްޔެ ހުށަހެޅި ބިލްގައި ސިއްރު ހެއްކާ ގުޅޭ އެ މާއްދާ އިސްލާހު ކުރުން ވެސް ހިމެނެ އެވެ. އެކަމަކު އެ ބިލް ވެސް އޮތީ މިކަމަށް ހައްލެއް ލިބޭ ގޮތަކަށް ނޫނެވެ. އެ ބިލްގައި ވެސް ހަވާލާދެނީ ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ބަޔާން ކޮށްފައި ނެތް ހެއްކާ ބެހޭ ގާނޫނަށެވެ. ގެންނަ ހަމައެކަނި ބަދަލަކީ ހެއްކާ ބެހޭ ގާނޫނުގެ ނަމްބަރު އެ މާއްދާއިން އުނިކޮށްލުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ރަމްޒީ އިސްލާހެކެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު ހެއްކާ ބެހޭ އާ ގާނޫނެއް ވުޖޫދަށް ގެނައުމުގެ ބިލެއް އޭރު މަޖިލީހަށް ހުށަހަޅާފައި އޮތެވެ. އެ ބިލުގައި ސިއްރުން ހެކިބަސް ނެގުމާއި ހެކިންނަށް ރައްކާތެރިކަން ދިނުމުގެ އުސޫލުތައް ބަޔާން ކޮށްފައި އޮތެވެ. އެކަމަކު 2017 އިން ފެށިގެން އޮތް ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން އެ ބިލުގެ މަސައްކަތް އެއްވެސް މިންވަރަށް ކުރިއަށް ނުގޮސް އޮވެ، މިދިޔަ އަހަރު އެ މަޖިލިސް އުވިގެން ދިޔައީ އެވެ. އޭގެ ފަހުން މިހާރު މި ހިނގާ 19 ވަނަ މަޖިލީހަށް ހެއްކާ ބެހޭ ބިލް މިހާތަނަށް ހުށަހަޅާފައެއް ވެސް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: ހެކިންނާ ބެހޭ ގާނޫނެއް މުހިންމު -- ފޮޓޯ/މަޖިލިސް

ނަތީޖާއަކަށް މިހާރު ވެފައި މި އޮތީ ކޯޓުތަކުގައި ހިނގަމުން އަންނަ މައްސަލަތަކަށް ވެސް މީގެ ބޮޑު އަސަރެއް ކުރުމެވެ. ހައި ކޯޓުގެ އެ ނިންމުމާ އެކު، މިހާރު އޮތީ ދެ ގޮތެކެވެ. އެއީ ސިއްރު ހެކިވެރިންގެ މައުލޫމާތު ހާމަކޮށް، އާންމު އުސޫލުން އެ މީހުންގެ ހެކިބަސް ނަގަން ފެށުމެވެ. ދެވަނަ ގޮތަކީ ސިއްރު ހެކިން ހުށަހަޅާފައި ހުރި ޖިނާއީ ބޮޑެތި މައްސަލަތައް މިވަގުތު ކޯޓުތަކުން މަޑުޖައްސާލުމެވެ. އެކަމަކު އެއީ ވެސް އިތުރު މައްސަލަތަކެއް ނުކުމެދާނެ ކަމެކެވެ.

ސުޕްރީމް ކޯޓުން ބުނާނެ އިތުރު އެއްޗެއް އެބަ އޮތްތަ؟

ޖިނާއީ އިޖްރާއާތުގެ ގާނޫނު އެއްކޮށް ކިޔާއިރު ސިއްރުން ހެކިބަސް ނެގުމަކީ އެ ގާނޫނު ވެސް ވަކި ހާލަތްތަކެއްގައި ހުއްދަ ކުރާ ކަމެއް ކަން އެނގެ އެވެ. ސިއްރުން ހެކިބަސް ނަގަން ބޭނުންވާ ނަމަ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގައި އެކަމަށް އެދެން ޖެހޭ ގޮތަށް އޮތުމާއި ހެކި ސިއްރު ކުރުމާ މެދު ކޯޓުން ގޮތެއް ނިންމަންދެން އިބްތިދާއީ މަރުހަލާގައި އެފަދަ ހެކިތަކުގެ މައުލޫމާތު ހިފެހެއްޓުމުގެ އަމުރު ނެރުމުގެ ބާރު ވެސް އެ ގާނޫނުން ދީފައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައި ގާނޫނު މާނަކުރި ގޮތް ރަނގަޅު ނޫން ކަމަށް ބުނެ ދައުލަތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރީ މިފަދަ ސަބަބުތައް ފާހަގަކުރުމަށް ފަހު އެވެ. ސިއްރުން ހެކިބަސް ނަގަން އެދުމާއި ސިއްރު ހެކިންގެ މައުލޫމާތު އިބްތިދާއީ މަރުހަލާގައި ނުދީ ހިފަހައްޓަން މިހާރު ވެސް ގާނޫނީ ގޮތުން ފުރުސަތު އެބަ އޮތެވެ. މައްސަލަ ދިމާވަނީ ސިއްރުން ހެކިބަސް ނަގާ ހިސާބަށް ދިއުމުންނެވެ. އެހެން ފަހަރުތަކުގައި ގާނޫނު މާނަކޮށްގެން މަތީ ކޯޓުތަކުން ހައްލުތަކެއް ހޯދައި ދިނަސް، މިކަމުގައި ސުޕްރީމް ކޯޓަށް ހައްލެއް ހޯދައި ދެވޭނެތޯ އެއީ އުފެދޭ ސުވާލެކެވެ.

އެހެނީ، ސިއްރުން ހެކިބަސް ނެގުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނު ދަންނަ ކަމެއް ކަމަށް ވިޔަސް، އެކަމަށް ކުރިމަތިވެފައި އޮތް ހުރަހަކީ ހެއްކާ ބެހޭ ގާނޫނެއްގައި ނެތް އުސޫލަކާ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ހަވާލާ ދީފައި އޮތް އޮތުން ކަމަށް ވާތީ އެވެ. ގާނޫނު އޮތީ ސުޕްރީމް ކޯޓަށް އެކަމުގައި އިތުރު މާނަކުރުމެއް ނުވަތަ ތަރުޖަމާއެއް ދެވޭ މިންވަރަށް ވުރެ ސާފުކޮށެވެ. އެއީ އަމަލު ކުރެވެން ނެތް ބާތިލް މާއްދާއެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިޔަސް، މިހާރު ކުރިމަތިވެފައި އޮތް ހާލަތަށް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެ، މިކަމަށް އޮތް ހަމައެކަނި ހައްލަކީ މަޖިލީހުން ގާނޫނު އިސްލާހު ކުރުމެވެ.

ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެކަމުގައި ސުޕްރީމް ކޯޓަށް ހައްލެއް ހޯދައިދެވޭ މިންވަރަށް ވުރެ ގާނޫނު އޮތީ ސާފުކޮށެވެ. ގާނޫނާ ފުށުއަރާ ގޮތަކަށް އިތުރު ހައްލެއް ކޯޓުތަކަށް ނުދެވޭނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެކަމަށް އޮތް ހަމައެކަނި ހައްލަކީ މަޖިލީހުން އަވަހަށް ގާނޫނު އިސްލާހު ކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ބޮޑު ގާނޫނެއް ފާސްކުރިއިރު ޖިނާއީ ބޮޑެތި އެތައް މައްސަލަތަކެއް ހުއްޓުމަކަށް އަންނަ ގޮތަށް ގޯސް ހެދީ މަޖިލީހުންނެވެ. އެ ގޯސް އޮތްކަން އެނގި ހުރެ އެކަން ރަނގަޅު ކުރުމުގައި ވެސް އޮތީ މަޖިލީހުގެ އިހުމާލެވެ. އަދި އެކަމަށް މަތީ ކޯޓުން ފަރުވާ ދިނުމުގެ ބަދަލުގައި އޮތް ހަމައެކަނި ހައްލަކީ ވެސް، އަނެއްކާވެސް، މަޖިލީހެވެ.