ލޯއަނދިރިވުމުން ކުރި ފުރައްސާރައިން ދެއްކީ ނަމޫނާާ!

އެންމެ ކުޑައިރުއްސުރެ ފެނުމުގައި ދަތިތަކެއް ހުއްޓަސް ފާތުމަތު އިބްރާހިމް (ފާތުން)ގެ އަޒުމެއް އޮތެވެ؛ ލޯއަނދިރި މީހަކަށް ވާތީ އޭނާގެ އެއްވެސް އުއްމީދަކަށް، ހުވަފެނަކަށް ހުރަސް އެޅުނަ ނުދިނުމެވެ. އެކަން އޭނާ ސާބިތުކޮށްދީފި އެވެ.


ފޮތުން އެންމެ އަކުރެއް ނުފެނުނަސް، ގްރޭޑް ދިހައެއް ނިންމައި، އޯލެވެލް އިމްތިހާން ހެދި އެވެ. އެއީ ރާއްޖޭގައި ލޯއަނދިރި މީހަކު އޯލެވެލްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. ކިޔަވާ ނިންމުމަށް ފަހު، ގާރީ ކޯހާއި ކޮމްޕިއުޓަރު ކޯސް ފުރިހަމަކުރި އެވެ. އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމިއްލަ ހަތް ޖަމިއްޔާއެއްގައި މަސައްކަތް ކުރެ އެވެ. ހާފު މެރެތަން ދުވެފި އެވެ. ކަނޑު އަޑިއަށް ފީނައި، މޫދުގެ ހިތްގައިމުކަން ތަޖުރިބާކޮށްފި އެވެ.

މިއީ ލޯއަނދިރި މީހަކު ރާއްޖޭގައި މުޅިން އަލަށް ކުރި ކަންކަމެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ ރިވެލި އެވޯޑް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާތުންއަށް ދެއްވަނީ

އެކަމަކު 28 އަހަރުގެ ފާތުން ބުނިގޮތުގައި އެހާ ހިސާބަށް އޭނާއަށް އާދެވުނީ ބުރަ މަސައްކަތުންނެވެ. ބޮޑެތި ގުރުބާނީތަކެއްވެ، ގިނަ ވޭންތަކެއް ވެސް ތަހައްމަލުކޮށްގެންނެވެ.

"ސީދާ ޓީޗަރުން ދިމާލަށް ބުނެފައި އެބަހުރި ތިއީ ލޯއަނދިރި މީހެއް ނޫންހޭ، ކޮން ކަމެއްހޭ ގައުމަށް ކޮށްދެވޭނީ؟ މުޖުތަމައަށް ކޮން ބޭނުމެއް ހެއްޔޭ ހިފޭނީ،" ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ ރިވެލި އެވޯޑް ހާސިލްކޮށްފައިވާ ފާތުން ކިޔައިދިނެވެ.

ލޮލުގެ ކަޅިއަށް ޖެހޭ ބައްޔެއް ކަމަށްވާ "ރެޓިނިސް ޕިގްމެންޓޯސާ"ގެ ސަބަބުން، އުފަންވީއިރު ވެސް ފާތުންގެ ލޮލަކަށް އެންމެ ރަނގަޅަކަށް ނުފެނެ އެވެ. އެކަމަކު ސްކޫލަށް ވަދެ، ގްރޭޑް ތިނަކާ ހަމައަށް ދާންދެން، ބޮޑެތި އަކުރުން ލިޔެފައި ހުންނަ އެއްޗެހި ގަދަ އަލީގައި ކިޔުނެވެ. އެއީ ވެސް ބޮޑުވާ ބިއްލޫރިން ހަދާފައިވާ އައިނެއް އަޅައިގެން ވަރަށް ކައިރިން ބަލައިގެންނެވެ. ނަމަވެސް ގްރޭޑް ތިނެއްގައި ވާތު ލޮލަށް ފަންސުރެއް ހެރި އެ ލޯ އަނދިރިވުމާ އެކު، ޖެހިގެން އައި އަހަރުތަކުގައި އަނެއް ލޮލުގެ ފެނުން ވެސް އެއްކޮށްހެން ގެއްލުނެވެ.

ފާތުން ބުނިގޮތުގައި އޯލެވެލް އިމްތިހާނުގައި ބައިވެރިވާން، ގްރޭޑް ހައެއްގައި އޭނާ ވަނީ އަޒުމް ކަނޑައަޅައިފަ އެވެ. އެއީ ގްރޭޑް ހަތަކާ ހަމައިން ދެން ކިޔެވުމުގެ ފުރުސަތު ނުލިބޭނެ ކަމަށް، އެކި ޓީޗަރުން އޭނާއާ ދިމާއަށް ބުނެފައި ވުމުންނެވެ. އަދި އޭނާގެ ކުރިން ސްކޫލުން ތައުލީމް ހާސިލްކުރި ލޯފަން ކުދިންނަށް ވެސް އެހާ ހަމައިން ކިޔެވުމާ އަލްވަދާއު ކިޔަން ޖެހުމުންނެވެ.

ފާތުން (ކ) ޓީވީ ހޯސްޓް ނަމްޒާއާ އެކުގައި

"އެކަމަކު އެ ހިސާބުން އަޅުގަނޑުގެ ހިތަށްއެރީ މިއީ ކުރިއަށް ދާން އޮތް ހުރަހެއް ނޫން ކަމަށް. އަދި ހުރަހެއް ނަމަ އެކަން ނައްތާލައި އެ ލަނޑުދަނޑި ކާމިޔާބުކުރަން އަޒުމު ކަނޑައެޅިން،" ފާތުން ބުންޏެވެ.

ޅ. ހިންނަވަރަށް އުފަން އެ ޒުވާނާ ބުނިގޮތުގައި ސްކޫލުގައި ހޭދަކުރި ދިހަ އަހަރަކީ އޭނާގެ ހަޔާތުގައި އެންމެ ހިތުން ފިލުވާލަން ދަތި އަދި އެންމެ ހިތްދަތި ދުވަސްތަކެވެ. ސްކޫލުގެ މާހައުލު "ބިޔަ ޖަންގައްޔެއް"ގެ ގޮތުގައި ސިފަކުރަމުން ބުނީ އޭނާ އެތަނުން ނުކުތީ "ހަށިގަނޑުން ލޭކޮށާލައިގެން" ކަމަށެވެ. އެކަމަކު ސްކޫލު މާހައުލުން ކުރިމަތިވި ބުލީކުރުމާއި ނުވާނެ ކަމަށް ބުނެ ބައެއް ޓީޗަރުން ކުުރިމަތިކުރި ގޮންޖެހުންތައް އޭނާ ހެދީ ހިތްވަރަކަށެވެ.

އޯ ލެވެލްއަށް ކިޔަވަން އަޒުމު ކަނޑައެޅުމުގައި އޭނާގެ އެންމެ ބޮޑު ހިތްވަރަކީ މަންމަ އާއި އާއިލާ އެވެ. ގްރޭޑް ހަތެއް ފުރިހަމަ ކުރުމަށް ފަހު އިތުރަށް ކިޔަވަން ނިންމުމުން ސްކޫލުގެ ތެރެއިން އޭނާއަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުވި އެވެ. ދަރިވަރުންގެ އިތުރުން ބައެއް ޓީޗަރުންގެ ވެސް ބުލީ ކުރުންތަކާ ކުރިމަތިލާން ޖެހުނެވެ.

ފާތުން ބުނިގޮތުގައި ކްލާހުގައި އިންނައިރު، ބައެއް ކުދިން ކަރުދާހުން ބޯޅަ ހަދައި އެ އުކައި، އަދި އޭނާގެ ޔުނީފޯމު ތެރެއަށް ބޯޅަ ލައި ހެދި އެވެ. އެހެން މީހަކަށް ކިޔައިދީގެން ޓެސްޓު ޕޭޕަރުގައި ޖަވާބު ލިޔުއްވާއިރު "މިއަދު އޭނާގެ އަތްވާޅުކޮށްލާނޭ" ފަދަ ބަސްތައް ޓީޗަރުން އޭނާއާ ދިމާއަށް ބުނެ، ހިތުގައި ޖައްސަ އެވެ.

ފާތުން ބުނިގޮތުގައި ބުލީ ކުރުންތައް ބޮޑުވެގެން ބައެއް ދުވަސް ދުވަހު އޭނާ ސްކޫލަށް ނުގޮސް ވެސް ހުރެ އެވެ. އެކަމަކު އެފަދަ ކޮންމެ ދުވަހެއްގައި އޭނާއަށް ހިތްވަރު އާކޮށްދެނީ މަންމަ އެވެ. އޯލެވެލް ހެދުމުގެ އަޒުމުގެ މަތިން ހަނދާންކޮށްދެ އެވެ. އިމްތިހާނު ފުރިހަމަކޮށް، މުޅި ރާއްޖެއަށް އޭނާ ނަމޫނާ ދެއްކީ އެ ހިތްވަރުގެ މަތީގައި ސާބިތުވެ ހުރެގެންނެވެ.

"އަޅުގަނޑަށް އެނގޭ ދަށް ގްރޭޑްތަކުގައި ވެސް ލޯފަން ކުދިން އުޅޭކަން. އެހެންވެ، ހިތަށްއެރީ އަޅުގަނޑު މިކަން ކޮށްފިއްޔާ އެއީ އެ ކުދިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެއޭ. ލޮލަށް ނުފެނުނަސް ކިޔެވިދާނެކަން އެ ކުދިންނަށް ސާބިތުކޮށްދޭން ބޭނުންވީ،" ފާތުން ބުންޏެވެ.

މިދިޔަ އަހަރު އެ ސްކޫލުން އޯ ލެވެލް ނިންމި ކުއްޖަކު، ބައިވެރިވި ހުރިހާ މާއްދާއިން ފާސްވުން އެއީ، ފާތުން ދުށް ގޮތުގައި، އޭނާއަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެ ދުވަހު އޭނާއަށް ނުކިޔެވޭނެ ކަމަށް ނިންމައި، ސްކޫލުން ވަކިކުރި ނަމަ މިއަދު އެހެން ކުދިންނަށް އެ ހިތްވަރު ހޯދަން އުނދަގޫވާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ވޮލަންޓިއަރެއް، ދުވުންތެރިއެއް، ނަމޫނާއެއް

ސްކޫލުގައި އުޅުނު އިރު ވެސް ފާތުންގެ އެހީތެރިކަން އެފަދަ އެހެން ކުދިންނަށް ލިބުނެވެ. ފޯނު މެދުވެރިކޮށް ލޯފަން ކުދިންނާ ވާހަކަ ދައްކައި، ކިޔެވުމުގައި ނޭނގޭ އެއްޗެހި ބުނެދިނެވެ. ސްކޫލު ނިންމުމަށް ފަހުގައި ވެސް އޭނާ ލޯފަން ކުދިންނަށް ޓިއުޝަން ދިނެވެ. އެކަމަކު ފާތުންގެ ވޮލަންޓަރީ ހިދުމަތް ފުޅާކުރީ، އަމިއްލަ އެކި ޖަމިއްޔާތަކާ ގުޅިގެންނެވެ. މިހާރު ވެސް އޭނާ އަންނަނީ ދިވެހި ރެޑް ކްރެސެންޓްގެ އިސް މަގާމެއް ފުރުމުގެ އިތުރުން، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އާއި ކެންސާ ސޮސައިޓީ އާއި ހޯޕް ފައުންޑޭޝަނާއި ވިމެން އޮން ބޯޑް އާއި އަންހެނުން ބާރުވެރިކުރުމުގެ އެހެން ޖަމިއްޔާތަކުގައި ވެސް މަސައްކަތް ކުރަމުންނެވެ.

ފާތުން (ވ) ދިގު ދުވުމެއްގައި ބައިވެރިވަނީ: އެކި ރޭސްތަކުގައި ދުވަން އޭނާ ބޭނުންވޭ

އެކަމަކު ޔޫއެންޑީޕީގެ އެހީތެރިކަމާ އެކު، ފާތުންގެ ޓީމުން ހެދި "ތާނަ މެލާ" އެޕްލިކޭޝަންއަކީ ލޯފަން މީހުންނަށް ދިން އެންމެ ބޮޑު އެއް ހަދިޔާ އެވެ.

އުރީދު އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދިޔަ "މިޔަހެލި" ޕްރޮގްރާމް ކާމިޔާބުކޮށްގެން، އެ ޖަމިއްޔާއިން ލިބުނު ފަންޑުން ފާތުންމެން ހެދީ ލޯފަން މީހުންނަށް، ދިވެހިން ލިޔެފައި ހުންނަ އެއްޗެހި ޑިޖިޓަލްކޮށް ކިޔޭނެ އެޕްލިކޭޝަންއެކެވެ. މީގެ ކުރިން، އެފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ސްކްރީނުން ތާނަ ކިޔޭނެ ގޮތެއް ނޯވެ އެވެ. އެހެންވެ ތާނައިން ލިޔެފައި ހުންނަ އެއްޗެހި، ލެޓިނަށް ބަދަލުކޮށްގެން އެ މައުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ލިބޭނެ އެވެ.

ފާތުން ބުނިގޮތުގައި އެޕްލިކޭޝަން ލޯންޗު ކުރި ފުރަތަމަ ހަފުތާގެ ތެރޭގައި ވެސް 60 އަށް ވުރެ ގިނަ މީހުން އެ ޑައުންލޯޑު ކުރި އެވެ. އަދި މިހާރު ވެސް ހީނުކުރާވަރުގެ ތަރުހީބެއް އެއަށް ލިބެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ފާތުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވި ދިގު ދުވުންތަކުގައި ބައިވެރިވެފަ އެވެ. އޭގެ ތެރެއިން ދިހަ ކިލޯމީޓަރާއި ހާފް މެރެތަން ފުރިހަމަކުރި ހަމައެކަނި ލޯފަން މީހަކީ އޭނާ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމްއާ އެކު ފާތުން: ވޮލަންޓިއަރެއްގެ ގޮތުގައި ހަތް ޖަމިއްޔާއެއްގައި އޭނާ މަސައްކަތް ކުރޭ

"މިހާރު ވަރަށް އުފާވޭ އެ އަޒުމުގައި ސާބިތުވެ ހުރެވުނީމައި. މުޖުތަމައަށް ބޭނުން މީހެއްގެ ގޮތުގައި މީހުން ބަލައިގަންނާތީ،" ފާތުން ބުންޏެވެ.

އޭނާ ބުނިގޮތުގައި ލޮލަށް ނުފެނުން ފަދަ ނުކުޅެދުންތެރިކަން ހުންނަ ކުދިން ކާމިޔާބު ބަޔަކަށް ހެދުމަށް އެންމެ ފުރަތަމަ ހޭލުންތެރިވާން ޖެހޭނީ އެ ކުދިންގެ އާއިލާއިންނެވެ. އެ ނުކުޅެދުންތެރިކަމަކީ އެ ކުއްޖާ ގެއިން ނުނެރި ބައިންދަން ޖެހޭ ސަބަބެއް ނޫން ކަމަށާއި މީހުންގެ ތެރެއަށް ނެރެ، ފުރުސަތުތައް ހޯދައިދޭން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އަދި އެ ފުރުސަތުތަކުގެ ބޭނުން ހިފައިގެން އެ ކުއްޖާ މުޖުތަމައުގެ ތެރެއަށް ނުކުންނައިރު އެންމެންގެ އެއްބާރުލުން ވެސް ބޭނުން ވާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ލޮލަށް ނުފެނުނަސް ކިތަންމެ ކަމެއް ކުރެވޭނެ. ގައިމު ވެސް އަޅުގަނޑަށް ކުރެވިއްޖެ. ފުރުސަތު ދީފި ނަމަ އެހެން ކުދިން ވެސް ކުރާނެ،" ފާތުން ބުންޏެވެ.