ރިޕޯޓް / ސައިންސް

ސައިންސްވެރިޔާ ޝަކީލް: ބޭނުންވަނީ ފުރުސަތު، ދިވެހިން ކާމިޔާބުކުރާނެ

ޑރ. ޝަކީލް އޭނާގެ އަނބިކަނބަލުން އައިމިނަތު އަލީ މާރިޔާ އާއި ދަރިކަނބަލުން، ޝާންޒާ އަދި ޝާޔާއާ އެކުގައި

ދިވެހި ސައިންސްވެރިޔާ އިސްމާއިލް ޝަކީލަށް މި ފަހުން އެންމެ ޝައުގުވެރިވެވަޑައިގެންނެވި އެއް ޚަބަރަކަށް ވީ، ކޮވިޑް-19 އަށް ފަރުވާ ދިނުމަށް، 19 އަހަރުގެ ދިވެހި ޒުވާނަކު ވެންޓިލޭޓަރެއް ހެދި ވާހަކަ އެވެ. ޑރ. ޝަކީލް މިކަން ފާހަގަކުރެއްވީ ވަރަށް އުފާވެރި އަދި އުއްމީދީ ޚަބަރެއްގެ ގޮތުގަ އެވެ. އެ ޒުވާނާގެ ވާހަކަ ނޫހުގައި ޖެހުމުން، އޭނާ ވަކިން މެސެޖް ކުރައްވައި ޝުކުރު ވެސް އަދާކުރެއްވި އެވެ.

އޮސްޓްރޭލިއާ ސަރުކާރުގައި، ސައިންޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅަކު އެ ޚަބަރަށް މިހާ ބޮޑު ޝައުގުވެރިކަމެއް ދެއްކެވުމުން ކުޑަކޮށް ހައިރާންވި އެވެ. އެކަމަކު ޝަކީލް ވިދާޅުވި ގޮތުގައި، ކިތަންމެ ދުރުގައި ހުންނެވި ނަމަވެސް ރާއްޖެއަށް ލިބޭ ކުރިއެރުންތަކާ މެދު އުފާކުރައްވަ އެވެ. ސައިންސްގެ ދާއިރާއިން ކޮންމެވެސް ގޮތަކުން ރާއްޖެއަށް އެހީވާން އޭނާ ހުންނެވީ ތައްޔާރަށެވެ.

"އެކަމަކު އަޅުގަނޑުމެންނަށް އެ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގެއް ނެތް. ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށް ޕޮލިސީ ލެވެލްގައި ފުރުސަތުތަކެއް ތަނަވަސްވެފައެއް ނެތް،" އޮސްޓްރޭލިއާގެ ޑިފެންސް ޑިޕާޓްމެންޓުގައި ޑިފެންސް ސައިންޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ޑރ. ޝަކީލް ވިދާޅުވި އެވެ.

ޑރ. ޝަކީލް އުފެއްދެވި ޑްރޯންއާ ގުޅޭ ޓެކްނޮލޮޖީ، ލެބޯޓަރީގައި ޓެސްޓު ކުރައްވަނީ

އެތައް އުފެއްދުންތަކެއްގެ ހުނަރުވެރިއެއް

މީގެ ނުވަ އަހަރު ކުރިއްސުރެ ޑރ. ޝަކީލް މަސައްކަތް ކުރައްވަމުން އަންނަނީ އޮސްޓްރޭލިއާގެ ޑިފެންސް ޑިޕާޓްމެންޓްގެ ޑިފެންސް ސައިންސް އެންޑް ޓެކްނޮލޮޖީ (ޑީއެސްޓީ) ގުރޫޕުގަ އެވެ. މިއީ އޮސްޓްރޭލިއާގެ ދާހިލީ ކަންކަމާއި ރައްކާތެރިކަމުގައި ސައިންސާއި ޓެކްނޮލޮޖީ ހިމެނުމަށް މަސައްކަތް ކުރާ ސަރުކާރުގެ އިދާރާއެކެވެ. ޑީއެސްޓީގެ މައިގަނޑު ޒިންމާ އަކީ އެ ގައުމުން ހިންގާ އެކި ޑިފެންސް އޮޕަރޭޝަންތަކުގައި، ސައިންސާއި ޓެކްނިކަލް އެހީ ފޯރުކޮށްދިނުމެވެ.

ޑީއެސްޓީގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، މަތިންދާބޯޓުގައި ކުރާ މުއާމަލާތްތައް ރައްކާކުރާ ކަޅުފޮށި އީޖާދު ކުރުމާއި އޮސްޓްރޭލިއާއިން އެންމެ ފުރަތަމަ ޖައްވަށް ދޫކޮށްލި ސެޓެލައިޓް އުފެއްދުން ހިމެނެ އެވެ. އަދި 2014 ވަނަ އަހަރު ގެއްލުނު، މެލޭޝިއަން އެއާލައިންގެ އެމްއެޗް370ގެ ސެޓެލައިޓް މައުލޫމާތުތައް ދިރާސާކޮށް، ބޯޓު ހޯދަން މަސައްކަތް ކުރަންވީ ސަރަހައްދުތައް ކަނޑައެޅުމުގައި ވެސް ޑީއެސްޓީގެ ރޯލް ބޮޑެވެ.

އޮސްޓްރޭލިއާ ސަރުކާރާ ގުޅިވަޑައިގަތުމުގެ ކުރިން، އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އޮސްޓްރޭލިއާގެ ސެޓެލައިޓް ކޮމިއުނިކޭޝަން ރިސާޗު އެންޑް ޑިވެލޮޕްމެންޓް ކުންފުންޏެއްގަ އެވެ. އެތަނުގައި އޭނާ ވަނީ ސެޓެލައިޓް ފޯނު އުފެއްދުމާއި ސެޓެލައިޓް މެދުވެރިކޮށް، މަތިންދާބޯޓަށް އިންޓަނެޓް ލިބޭނެ ވަސީލަތްތައް އުފެއްދުމާއި ހަނގުރާމައިގެ މައިދާނުގައި އުޅޭ ސިފައިންގެ މީހުން ހޯދާނެ އާލާތްތައް އުފެއްދުމަށް މަސައްކަތް ކުރައްވާފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ގަތަރުގެ ޔުނިވަސިޓީއެއްގައި ރިސާޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

މި މަސައްކަތްތަކުގެ ތެރެއިން އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ، ޗީފް ޑިފެންސް ސައިންޓިސްޓް ފެލޯޝިޕް ލިބިވަޑައިގެންނެވުމެވެ. ވޭތުވެ ދިޔަ 100 އަހަރުގެ ތެރޭގައި ވެސް މި ފެލޯޝިޕް ޑީއެސްޓީން ދީފައިވަނީ މަދު ސައިންސްވެރިއަކަށެވެ.

ޑިފެންސް ސައިންޓިސްޓެއްގެ ގޮތުގައި ޑރ. ޝަކީލް މިހާރު އަންނަނީ އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކޮށްގެން، އޮސްޓްރޭލިއާގެ ޑިފެންސަށް މިލިޓަރީ ކޮމިއުނިކޭޝަން ސިސްޓަމެއް އުފެއްދާ ޓީމެއް ލީޑު ކުރައްވަމުންނެވެ. އެ ޓީމުގައި ސައިޓިސްޓުންނާއި ޔުނިވަސިޓީ ޕްރޮފެސަރުން ހިމެނިވަޑައިގަންނަވަ އެވެ.

ޑރ. ޝަކީލް ވިދާޅުވި ގޮތުގައި އޭނާއަށް ފެލޯޝިޕް ލިބިވަޑައިގަތީ، އަހަރުމެން މުވާސަލާތު ކުރާ ގޮތަށް އިންގިލާބެއް ގެންނާނެ ފަދަ، ކޮމިއުނިކޭޝަން ސިސްޓަމެއް އުފެއްދުމަށެވެ.

"މި މަސައްކަތް ކާމިޔާބު ވެއްޖެ ނަމަ މެޝިން ނުވަތަ ރޮބަޓްސްއަށް އެކަތި އަނެކައްޗާ މުއާމަލާތު ކުރެވޭނެ. އެއީ ހަމަ ދެ އިންސާނުން މުއާމަލާތު ކުރާ ގޮތަށް، ތިން ވަނަ މީހެއް ނުވަތަ ތަރުޖަމާނެއްގެ އެހީއާ ނުލައި،" ދެ މާސްޓާސް އާއި ޕީއެޗްޑީއާ އެކު ހަތަރު ޔުނިވަސިޓީ ޑިގްރީ ހާސިލް ކުރައްވާފައިވާ ޑރ. ޝަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޓެކްނޮލޮޖީގެ މަގްސަދަކީ އިންސާނުންގެ އެހީއާ ނުލައި، މެޝިނަށް އަމިއްލައަށް ނިންމުންތައް ނިންމުމުގެ އިހްތިޔާރު ހޯދައިދިނުމެވެ. މި ޓެކްނޮލޮޖީ މެދުވެރިކޮށް، އިންސާނުން މުއާމަލާތު ކުރާނެ އިތުރު އާލާތްތައް އުފެއްދުމަށް ވެސް މަގުފަހިވާނެ އެވެ.

މީގެ އިތުރުން ވެސް ޑީއެސްޓީގައި އޭނާ ވަނީ އޮސްޓްރޭލިއާގެ ކަނޑުގެ ސިފައިންނަށް، އެ މީހުންގެ ސަބްމެރިން އުޅަނދުތަކަށް މުއާމަލާތު ކުރެވޭނެ ސެޓެލައިޓް ކޮމިއުނިކޭޝަން ސިސްޓަމަކާއި ޑްރޯން ދެނެގަންނާނެ ސިސްޓަމެއް ވެސް އުފައްދަވައިފަ އެވެ.

މޮޅު ސައިންސްވެރިއެއް، ރާއްޖެއަށް އޮތީ ކޮން ފައިދާއެއް؟

"އެންމެން ވެސް ތި ސުވާލު އަހާނެކަން އެނގޭ. ބޭރުގެ ޔުނިވަސިޓީތަކުގައި ޓޮޕް އާރުއެންޑީ ކުންފުނިތަކުގައި އުޅެފައި ރާއްޖެ ނާންނަނީ ކީއްވެ ހެއްޔޭ؟" ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު ހުސެން ޝަކީލްގެ ބޭބެ ޑރ. ޝަކީލް ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ބޭއްވި އޮސްޓްރޭލިއަން އާޓިފިޝަލް އިންޓަލިޖެންސް ކޮންފަރެންސްގައި ޑރ. ޝަކީލް ވާހަކަ ދައްކަވަނީ

އޭނާ ވިދާޅުވި ގޮތުގައި ސައިންސްގެ ދާއިރާއިން ކުރިއަށް ދިޔުމަށް ރާއްޖޭގައި ގިނަ ފުރުސަތުތަކެއް ތަނަވަސްވެފައެއް ނެތެވެ. މުވާސަލާތީ ގޮތުން ކުރިއަރާފައިވާ ދާއިރާތައް ހުރީ ރާއްޖޭން ބޭރުގަ އެވެ. އެތަންތަނުގައި އޭނާ ވަނީ އާ އީޖާދުތައް އުފެއްދުމުގައި ބައިވެރިވެވަޑައިގެން، ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފަ އެވެ. ޑރ. ޝަކީލަށް ލިބިވަޑައިގެންނެވި ކާމިޔާބީގެ އަސްލަކީ، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމުތަކުން ތަނަވަސްވި ފުރުސަތުތަކުގެ ބޭނުން ހިއްޕެވުމެވެ.

އެކަމަކު އުފަން ގައުމު މަތިން ހަނދުމަފުޅު ނައްތައެއް ނުލައްވަ އެވެ. ޑރ. ޝަކީލް ވިދާޅުވާ ގޮތުގައި އޭނާ ހުންނެވީ ރާއްޖޭގެ މި ދާއިރާ ކުރިއަރުވަން އެހީތެރިވެވަޑައިގަންނަވަން ތައްޔާރަށެވެ.

އިންޓަނެޓްގެ މި ޒަމާނުގައި އިލްމާއި ތަޖުރިބާ ހިއްސާ ކުރެވޭނެ ގިނަ ގޮތްތައް އެބަހުއްޓެވެ. ޝަކީލް ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ފުރަބަންދު ތެރޭގައި ބޭރުގެ އެކި ޔުނިވަސިޓީތަކާ ގުޅިގެން، އޭނާގެ ރިސާޗުގެ މަސައްކަތް ފުރިހަމަ ކުރެއްވި އެވެ. މި ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފައިގެން، ޝަކީލް ވިދާޅުވި ގޮތުގައި ރާއްޖެއަށް ވެސް ހިދުމަތްތަކެއް ކޮށްދެވިދާނެ އެވެ.

"އެކަމަކު އެ ފަދަ ފްރޭމްވޯކެއް ހެދިފައެއް ނެތް. އެކަން ކުރެވޭނީ ސަރުކާރަށް ނުވަތަ ޔުނިވަސިޓީތަކަށް. އަޅުގަނޑުމެންނަކީ ހިދުމަތް ދޭން ތިބޭ މީހުން. އެ ފަދަ ފްރޭމްވޯކެއްގެ ދަށުން އަޅުގަނޑުމެންނަށް ކުރެވޭނެ ވަރަށް ގިނަ ހިދުމަތްތަކެއް އެބަހުރި،" ޑރ. ޝަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮޑެތި ގައުމުތަކުގައި، ފެންވަރު ރަނގަޅު ކުންފުނިތަކުގެ އިސް ސަފުގައި ދިވެހިން އުޅޭ ކަމަށާއި އެ އެންމެން ވެސް އެ މީހުންގެ ތަޖުރިބާ ދިވެހި ގައުމާ ހިއްސާކުރަން ބޭނުންވާނެ ކަމަށެވެ. އެކަމަކު މައުލޫމާތު ހިއްސާ ކުރާނެ ރަނގަޅު ޕްލެޓްފޯމެއް މިހާތަނަށް ބިނާކުރެވިފައި ނެތުމަކީ އެކަމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށް ވިދާޅުވި އެވެ.

"މި ތަޖުރިބާ ގައުމާ ހިއްސާ ނުކުރެވޭތީ ދެރަވޭ. [ބޭރުގައި މަސައްކަތް ކުރާ] އެންމެން ވެސް ދެެރަވާނެ. ކޮންމެ ގޮތެއް ވިޔަސް ރާއްޖެއަކީ އަޅުގަނޑުމެންގެ ތައުލީމުގެ ބިންގާ." ޑރ. ޝަކީލް ވިދާޅުވި އެވެ.

"އެކަމަކު ސުވާލަކީ ގައުމަށް އެހީތެރިވެވޭނީ ހުރިހާ ކަމެއް ދޫކޮށްލާފައި އެނބުރި ގޮސްގެންހޭ ނޫނީ މިކޮޅުގައި ވަޒީފާ އަދާކުރަމުން އޭގެ ތަޖުރިބާ ރާއްޖެއަށް ފޯރުކޮށްދީގެންހޭ؟ މިހާރު ގޮސް، އަޅުގަނޑުމެންނަށް ހަމައެކަނި ކިޔަވައިދެވޭނީ."

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބޭރުގައި ވަޒީފާ އަދާކުރާ ދިވެހިންނަށް، އެ މީހުންގެ ތަޖުރިބާ ގައުމަށް ހިއްސާ ކުރެވޭނެ ގޮތެއް ސަރުކާރުން ފަހިކޮށްދޭން ޖެހެ އެވެ.

ރިސާޗް އަދި ޑިވެލޮޕްމެންޓަށް ޖާގަ ދޭން ޖެހޭ

އޮސްޓްރޭލިއާގެ ޑިފެންސް މެގަޒިންގައި ޖަހާފައިވާ ޝަކީލްގެ ފޮޓޯއެއް: އާ އުފެއްދުންތަކެއްގައި އަންނަނީ މަސައްކަތް ކުރައްވަމުން

ޑރ. ޝަކީލް ވިދާޅުވި ގޮތުގައި ސައިންސްގެ ދާއިރާ ރާއްޖޭގައި ކުރިއަރުވަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އާމްދަނީ ލިބޭނެ ގޮތެއްގައި އެކަން ފަށަން އެއްބާރުލުން ނުލިބުމެވެ. ބޭރު ގައުމުތަކުގައި އެ ދާއިރާއިން ވިޔަފާރި ފެށުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކުން މާލީ ގޮތުން އެހީވި ނަމަވެސް، ރާއްޖޭން އެއީ ނުފެންނަ މަންޒަރެއް ކަމަށް ވިދާޅުވި އެވެ. އޭގެ ނަތީޖާއަކީ އާމްދަނީ ހޯދުމުގެ މަގްސަދުގައި ޒުވާނުން ސައިންސްގެ ދާއިރާ ޚިޔާރުނުކުރުމެވެ.

"ރާއްޖޭގައި ސައިންސް ދައިރާގައި ޒުވާންކުދިންތަކެއް އެބައުޅޭ. އެކަމަކު އާމްދަނީއެއް ލިބޭނެެ ފަދަ ގޮތަކަށް އެ ކަމެއް އެ ކުދިންނަށް ކުރެވޭކަށެއް ނެތް. ސަރުކާރާއި އިންޑަސްޓްރީތަކުން އެކަމަށް އިންވެސްޓް ކުރާނަމަ، އެ ދާއިރާއިން ކުދިން ކުރިއަށް ދާނެ،" ރާއްޖޭގެ ތައުލީމީ ދާއިރާގެ އިތުރުން ޓީވީ މޯލްޑިވްސް އާއި އެހެން އިތުރު ކުންފުނިތަކުގައި ވެސް މަސައްކަތް ކުރެއްވި ޑރ. ޝަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ސައިންސްގެ ދާއިރާއިން ކުރިއަށް ދެވޭނެ ފުރުސަތުތައް އެބަހުރި ކަމަށާއި އެކަމަށް ބޭނުންވަނީ ކަމާ ގުޅޭ އިދާރާތަކުގެ އެއްބާރުލުން ކަމަށެވެ. އަދި އާމްދަނީ ހޯދަން ހަމައެކަނި ޓޫރިޒަމަށް ބަރޯސާވުމުގެ ބަދަލުގައި، ރިސާޗުތައް ހަދައި އޭގެ އަލީގައި ކަންކަން ތަރައްގީކުރަން މަގުފަހިކޮށްދީފި ނަމަ، އެކަމުން ވެސް މާލީ މަންފާ ހޯދޭނެ ކަމަށް ވިދާޅުވި އެވެ.

"ދިވެހިންނަކީ ފުރުސަތު ދިނީމައި ވަރަށް ކާމިޔާބުތައް ހޯދާ ބައެއް،" އޭނާ ވިދާޅުވި އެވެ.

އެކަން ޑރ. ޝަކީލް ވަނީ ސާބިތުކޮށްދެއްވައިފަ އެވެ. ރާއްޖޭގައި ހިދުމަތް ކުރެއްވުމަށް ފަހު، ލިބިވަޑައިގެންނެވި ފުރުސަތުގެ ބޭނުން ކުރައްވައިގެން އޭނާ މިހާރު ވެފައިވަނީ އެ ދުނިޔޭގެ ފެންވަރުގެ ސައިންސްވެރިއަކަށެވެ. އެއީ ދިވެހިން ފަހުރުވެރިވާން ޖެހޭ ފަދަ ކުރިއެރުމެކެވެ.

78 ކޮމެންޓް, 334 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 1%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންފުތާ

03 September 2020

އުާހުރި! ތިޔަ ހުރިހާ ސައިންސްވެރިންނަށްވުރެ މޮޅެތި މާގިނަ ދިވެހިން ކޮމެންޓްކުރަން މިތިއްވެވީ! ތިޔަ ޕްރޮފެސަރުންނަށް އެނގިލައްވާ ވަރާއި މޮޅުދެރައާ އެންމެ ފައިދާހުރި ބޭފުޅުންނާ ތިބޭފުޅުންގެ އަޚްލާޤާ ވަނަވަރު މި އެނގެނީ ކޮމެންޓް ސައިންސްގެ މުފައްކިރުންގެ ފަރާތްޕުޅުން.

The name is already taken The name is available. Register?

ޝުޖާޢު

05 August 2020

މެޑިކަލް ބޭސް އުފެއްދުމުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްގެން އައި ދިވެއްސެއް. އޭނާ މިހާރު ހުރީ ދަނޑުހައްދަން ގޮސް. އެފަކީރު، ރާއްޖެ އައިސް އުޅެން ޖެހުނު ހާލުން، މާޔޫސްވެގެން، ވަޒީފާ ދޫކޮށްލާފައި ދިޔައި<

The name is already taken The name is available. Register?

ކުދެ މުހައްމަދު

28 July 2020

އަހަރެން ދަންނަން ދުނިޔޭގެ އެންމެ ފެންވަރު ރަގަޅު ގައުމު ތަކުގަ އުޅެ ދިހަވަރަކަށް ދިވެހި ސައިންޓިސްޓުން. ރާއްޖެއަށް ކަމެއްކުރަން ބޭނުންވާ އެކަމަކު ނުކުރެވޭ.

The name is already taken The name is available. Register?

އެދުރުކަލޭފާނު

28 July 2020

ރާއްޖޭދުށް އެންމެ މޮޅު ސައިންޓިސްޓަކީ ކެނެރީގޭ އެދުރުކަލޭފާނު. ތާރީޚް ބައްލަވާލައްވާ. މިހާރުވެސް މަޖިލިސްގައި އެހުންނަވަނީ ދަންނަކަމެއް ނުދަންނަކަމެއް ނޯވޭ. ޝަކީލް ވާނީ ހަމަ ސުމަކަށް އެދުރުކަލޭފާނާއިޖެހި އަދި ކިއެއްތަ މަޖިލިހު މެމްބަރުން...ދެން އަންނާނީ ރުޅި އެހެންވީމާ ދެން ހައްޕު ކިޔާލާނަން

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

28 July 2020

ކަލޭފާނޫ ތިޔާވިދާޅޫވަނީ ހަމަސަތޭކައިގެ ވާހަކައެއް. މިހާރު ދެން "އެދުރުކަލޭފާނު" ފަތަވާ ނެރެގެންނޫނީ އެއްވެސް ކަމެއް ވާކަށެއްނެތް. ފަތަވާ މަޖިލިހުގައިވެސް ތިއްބަވަނީ ހުސް ތިވިދާލުވި ސައެންސިސްޓުން. ބަނާނާ /މައިކާލޯސިޓީ

The name is already taken The name is available. Register?

ދޮންމަނިކުބެ

28 July 2020

ޑރ.ޝަކީލުގެ ވާހަކަފުޅަށް ވަރަށް ބޮޑަށް ތާއީދުކުރެވޭ. ކޮންމެ ބޭފުޅަކުވެސް ފުންކޮށް ވިސްނާވަޑައިގެންފިނަމަ ޤަބޫލު ކުރެއްވޭނެ. މިފަދަ ބޭބޭފުޅުންގެ ޚިދުމަތް ރާއްޖެއަށް ލިބޭނޭމަގު ސަރުކާރުން ތަނަވަސްކޮށް ދެއްވަންޖެހޭނެ ކަމަށް ޤަބޫލުކުރެވޭ

The name is already taken The name is available. Register?

އަހުމަދުއަލޯ

27 July 2020

ރާއްޖެ މިއީ ސައިންސާއި ހޯދުންތަކުގެ ދާއިރާގައި އުޅޭ މީހުންނަށް ބޭކާރު ގައުމެއް!

The name is already taken The name is available. Register?

ކްރޯޑް

27 July 2020

އޭނާގެ ރޮގުގަ އިތުރު ތަޖްރިބާ އާ ކުރިއެރުން ބޭނުންވާނަމަ ރާއްޖެ އައިސް ކުރާނީ ކީއްއާޓިކަލް ކިޔާ ނިމުނު އިރުވެސް ކޮން ގެއެއްގެ ކާކު ކަމެއް ނޭނގުނު ވަޜަށް ދެރަ

The name is already taken The name is available. Register?

ރީތި މޫސަ

27 July 2020

ރާއްޖޭގެ މަސްހޫރު ކަށީގެ ޑޮކްޓަރ، ޑޮކްޓަރ ޝަކީލްގެ ކޮށްކޮ

The name is already taken The name is available. Register?

އެންދެމޭ ބޭބޭ

28 July 2020

ކޮށްކޮ އެއް ނޫން. ކޮއްކޮ

The name is already taken The name is available. Register?

ދުން ތަރި

27 July 2020

ދިވެހިދަރިއެއްކަން އެނގުނީމަ ުފާކުރަން އަދި ވިސްނުން ހުރީ ދިވެހިންނާ އެކީގަކަން އެނގުމުން އެއަށްވުރެ އުފާކުރަން ތަޢލީމާ ތަޖުރިބާ ގެ އަލީގަ ދިވެހިން ދިވެހިރާއްޖެ ކުރިއެރުވުމުގެ ޚިޔާލު ހުރިކަމައްތަކައި ﷲ އަށް ހަމްދުކުރަން ތިޔަކަހަލަ ދިވެހި ދަރިން މިޤައުމަށް ބޭނުންވޭ އަބަދުވެސް ފާހަގަކުރެއްވި ފަދައިން ސަރުކާރުން ބޭނުމެއްނުވޭ ޤައުމު ކުރިއަރާދާކަށް ވަކިބަޔެއްގެ ވަކިތަކުގެދަށުގަ ޤައުމު އަޅުވެތިކުރުމުގެ ވިސްނުން ހުންނަނީ މިކަން އެބަޖެހޭ ބަދަލްކުރަން

The name is already taken The name is available. Register?

ބޭރު ގައުމް

27 July 2020

ރާއްޖެއަށް ކޮން ފައިދާއެއް. މޮޅެއްވާއިރަށްދާނީ ބޭރަށް. އޮޕޮޗުނިޓީ ނެތޭ ކިޔާފަ. މިހާރުވެސް ނަމެއްގަ ރާއްޖެ ބައެއްނުން ތީ. ދިވެހިން މޮޅު، އެކަން ޤަބޫލް، އެކަމު އަމިއްލަ ޤައުމް ކުރި އަރުވަން އުޅޭތަން ފެންނަނީ ތިހާ މޮޅަށް ނުކިޔަވާ، އަމިއްލަ ޤައުމު ކުރިއަރުވަން މަސައްކަތްކުރާ މޮޅެތި ބަތަލުން.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

28 July 2020

މިކަހަލަ ކޮސް ވިސްނުން ހުރުމަކީ ގައުމަށް އޮތް އެންމެ ބޮޑު ގެއްލުން. ގައުމު ކިޔަނީ އަފުރާދުންނަށް. ކޮންމެ ފަރުދަކަށް ލިބޭ ކުރިއެރުމަކީ ގައުމަށް ލިބޭ ކުރިއެރުމެއް. ގައުމުން ބޭރު ނުވެ ކޮފީއާ ސިގިރެޓު ބޯން ތިއްބަކަސް އެއީ ލޯތްބެއް ނޫން. ކޮންމެ ދިވެއްސަކު ވެސް ވީ ކުރިއެރެން އޮތް ފުރުސަތުގައި ހިފަން. އެ ފުރުސަތު ދޫކޮށްލާފައި ގައުމަށް ޚިދުމަތް ކުރުމުގެ ނަމުގައި ބަނޑު ފުރާ ކައިގެން ފާޚާނާ ފްލަޝް ކުރަން މިތާ އިނަކަސް ލިބޭނެ ކުރިއެރުމެއް ނެތް.

The name is already taken The name is available. Register?

ޙިނި

27 July 2020

މަރުހަބާ ޑރ ޝަކީލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!