ޕާކިސްތާނުގެ ޒުވާން އެ ފިރިހެން މީހާ ބުނާ ގޮތުން އަނބިމީހާ އާއި އެއް އަހަރުގެ ތުއްތު ދަރިފުޅު ގޮވައިގެން އޭނާ ރާއްޖެ އައީ ޗުއްޓީ ދަތުރަކަށް މާލެ ކައިރީގައި އޮތް ރިސޯޓަކަށެވެ. އެކަމަކު އެނބުރި ގައުމަށް ދާން ފްލައިޓަށް އެރުމުން، ނުދެވޭނެއޭ ބުނެ ފްލައިޓުން ބޭލި ކަމަށާއި އޭގެ ފަހުން މާލޭގައި ތާށިވެ، އަތްމަތި ހުސްވެ މަގުމައްޗަށް ނުކުންނަން ޖެހުނީ ކަމަށް އޭނާ ބުނެ އެވެ.

މާލޭގެ މަގުތަކުން މިހާރަކަށް އައިސް ވަރަށް ގިނައިން ސަލާން ޖަހާތަން ފެންނަ، ދެމަފިރިންނާއި ތުއްތު ދަރިފުޅު ދިރިއުޅެމުން އަންނަނީ ވަރަށް ހާލުގައި ކަމަށް ވެސް އެ މީހުން ބުނެ އެވެ.

މި އާއިލާ ރާއްޖެ އައި ކަމަށް ވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އެވެ. ދެ ހަފުތާގެ ޗުއްޓީ ދަތުރު ނިންމައި، މިދިޔަ މަހުގެ 13 ވަނަ ދުވަހު އެނބުރި ގައުމަށް ދާން އެ މީހުން އެމިރޭޓްސްގެ ފްލައިޓަށް އެރުމުން، ނުދެވޭނެ ކަމަށް ބުނެ ފްލައިޓުން ބޭލި ކަމަށް އެ ފިރިހެން މީހާ ބުންޏެވެ. ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ނުކުރާތީ، މުޅިން ވެސް އެ ގައުމަށް ދާންޖެހެނީ ޓްރާންސިޓް ފްލައިޓްތަކުގަ އެވެ. އެމިރޭޓްސް އިން ޕާކިސްތާނަށް ދަނީ ދުބާއީގައި ޓްރާންސިޓް ކޮށްފަ އެވެ.

ޕާކިސްތާނުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ ޔޫއޭއީ އިން އެ ގައުމަށް ދަތުރުކުރުން މަނާކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

އެ މީހުންނާ ދިމާވެ ދެއްކި ވާހަކަތަކުގައި އޭނާ ވަނީ ކަންހިނގައިދިޔަ ގޮތް ކިޔައިދީފަ އެވެ.

އެނބުރި ގައުމަށް ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި ކަމަށް ބުނާ ޕާކިސްތާނުގެ ދެމަފިރިންނާ އިއްޔެ ބައްދަލުކޮށް، "މިހާރު"ގެ ނޫސްވެރިން ވާހަކަދައްކަނީ.-- ފޮޓޯ: އަވްޝަން އިލްޔާސް/ މިހާރު
އެނބުރި ގައުމަށް ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި ކަމަށް ބުނާ ޕާކިސްތާނުގެ ދެމަފިރިންނާ އިއްޔެ ބައްދަލުކޮށް، "މިހާރު"ގެ ނޫސްވެރިން ވާހަކަދައްކަނީ.-- ފޮޓޯ: އަވްޝަން އިލްޔާސް/ މިހާރު

އޭނާ ބުނީ އެ މީހުން ފްލައިޓުން ބޭލީ ޔޫއޭއީ އާއި ޕާކިސްތާނާ ދެމެދު ދަތުރުކުރުން މަނާކޮށްފައި އޮތުމުން، އެ މީހުންނަށް އެ ފްލައިޓްގައި ދަތުރު ނުކުރެވޭނެ ކަމަށް ބުނެ އެވެ. އެ މީހުން ބޭނުންވީ ދުބާއީގައި ޓްރާންސިޓް ވެފައި އިސްލާމްއާބާދަށް ދާށެވެ.

"ސަލާންޖަހަނީއޭ ނުބުނޭ. އެކަމަކު މީހުން ކައިރީގައި އެހީ އަށް އެދުނިން. ބައެއް މީހުން އެހީ ވެސް ވެދިން،" ސަލާންޖަހަންތޯ އެހުމުން އޭނާގެ ފުރަތަމަ ވެސް ބުންޏެވެ.

އޭނާ ބުނާ ގޮތުން ޕާކިސްތާނުގައި އޭނާ އަކީ ކުޑަ ނޫހެއްގައި ނޫސްވެރިކަން ކުރާ މީހެކެވެ. ޕްރެސް ކާޑު ވެސް އޭނާ ދައްކާލި އެވެ.

އޭނާ ބުނީ ފްލައިޓުން ބޭލުމާ އެކު ފުރަތަމަ ވެސް ގޮތް ހުސްވި ކަމަށެވެ. އެއީ ޗުއްޓީ ދަތުރު ނިމުނުއިރު، އަތުގައި މާ ގިނަ ފައިސާއެއް ނެތުމުން، މާލޭގައި ގިނަ ދުވަހު މަޑުކުރަން ޖެހިއްޖެ ނަމަ އެކަމަށް ހަރަދުކުރާނެ ފައިސާ ނެތުމެވެ. އަދި ދަރިފުޅާއި އަނބިމީހާ އާ އެކު މަގުމައްޗަށް ނުކުންނަން މަޖުބޫރުވީ އެހެންވެ ކަމަށް ވެސް އޭނާ ބުންޏެވެ. މާލެއިން ކުއްޔަށް ހިފައިގެން ތިބި ގެސްޓް ހައުސް އަށް ކުލި ދައްކަން ބޭނުންވާ ވަރަށް އެ މީހުންގެ އަތުގައި ފައިސާ ނެތް ކަމަށް ވެސް އޭނާ ބުނެ އެވެ.

"މިހާރު ރާއްޖޭގައި ތިބޭތާ މަހަކަށް ވުރެ ގިނަ ދުވަސް މި ވީ. އަމިއްލަ ހަރަދުގައި މިކޮޅުގައި ތިބެން ޖެހުނީ،" ތިން މީހުންގެ ޓިކެޓާއި ޕީސީއާރް ޓެސްޓުތަކުގެ ނަތީޖާ ދައްކަމުން އެ މީހާ ބުންޏެވެ.

މި ހުރިހާ ކަމެއް ވީއިރު، ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީގެ އެހީ އަށް ނޭދެންތޯ އެހުމުން އޭނާ ބުނީ އެނބުރި ގައުމަށް ދާން އެމްބަސީން މިހާރު ކަންކަން އިންތިޒާމުކޮށްދީފައިވާ ކަމަށެވެ.

އެހެން މީހުންްގެ ވާހަކަތައް

މި ދެމަފިރިިންނާ ބެހޭ ގޮތުން، އެ މީހުންގެ ހަގީގަތް ދަންނަ ބައެއް މީހުން ބުނާ ގޮތުން، އެ މީހުންނަކީ މާލެ އަށް ސީދާ ސަލާން ޖަހަން އައި ބައެކެވެ. އަދި އޭގެ ދެތިން ގްރޫޕް މާލެ އަށް އައި ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ފުރައިގެން ގޮސްފައިވާ ކަމަށް ވެސް އެ މީހުންގެ ހަގީގަތް ދަންނަ ބައެއް މީހުން ބުނެ އެވެ.

"ހައްޖު މޫސުމުގައި މައްކާ އަށް ވެސް ދާނެ ޕާކިސްތާނުގެ އެކަހަލަ ގްރޫޕްތައް. އެއީ ހަމަ ސީދާ ސަލާން ޖަހަން ދާ ބައެއް. ކަޝްމީރު ހިސާބުން ދަރިފުޅާ އެކު އެ މީހުން ގޮސް ހަރަމްފުޅުގައި ވެސް ތިބޭނެ. މިއީ އޭގެ ބައެއް،" އެކަކު ބުންޏެވެ.

މި ދެމަފިރިން ވެސް މާލޭގައި އެގޮތަށް ސަލާން ޖަހަން ތިބޭތާ މިހާރު ދެ މަހެއްހާ ދުވަސް ވެއްޖެ ކަމަށް އޭނާ ބުނެ އެވެ. އަދި ގެސްޓް ހައުސްއަކުން ކޮޓަރިއެއް ހިފައިގެން ތިބެ، ކޮންމެ ދުވަހަކު ވެސް ހަަމަ ސީދާ ސަލާން ޖަހަން ނުކުމެ، އެކަމުން އާމްދަނީ ހޯދަމުންް ދާ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

"އަޅުގަނޑު ދެކެފިން އެ މީހުން ކިތަންމެ ހުކުރު ދުވަހަކު ދަރިފުޅު އުރާލައިގެން އިސްލާމީ މަރުކަޒު ކައިރީގައި ވެސް ސަލާން ޖަހަން ތިއްބާ. އެއީ އިސްލާމީ ގައުމުތަަކަށް ގޮސް ސަލާން ޖަހާ ގުރޫޕުތަކުގެ ތެރެއިން ބައެއް ކަމަށް ބޮޑަށް ލަފާކުރެވެނީ. މި ކޮވިޑްގެ ތެރޭގައި އެ މީހުންގެ ތެރެއިން ބައެއް މީހުންގެ މަންޒިލަކަށްވީ ރާއްޖެ،" އޭނާ ބުންޏެވެ.

މިހާރު އޮތް ލޮކްޑައުންގެ ކުރިން، ޕާކިސްތާނުގެ ވަރަށް ގިނަ ބަޔަކު މާލެ ތެރޭގައި ތާށިވެފައި ތިއްބަސް، އެ އެންމެން ވެސް މިހާރު ވަނީ ފުރައިގެން ގޮސްފަ އެވެ. އެކަމަކު މި މީހުން ނުގޮސް ތިބީ ކީއްވެގެންތޯ އޭނާ ސުވާލު ކުރި އެވެ!

"އެކި ފަހަރު އެކި ވާހަކަތައް ދައްކަނީ ވެސް. ދިމައެއް ނުވޭ."