ފުރަތަމަ ހަނީމޫން ރާއްޖޭގައި، ދެން އެކަނިމާއެކަނި

ޕާކިސްތާނުގެ ދެމަފިރިއަކު އެ މީހުންގެ ފުރަތަމަ ހަނީމޫން ރާއްޖޭގައި ހޭދަކުރުމަށް ފަހު ދެ ވަނަ މަންޒިލެއްގައި ހޭދަކުރަން ރޭވި ހަނީމޫން ދަތުރުގައި ފިރިމީހާ އަށް ދެވޭ ގޮތް ނުވެ އަންހެން މީހާ އެކަނިވެ އެ ދަތުރުގައި ނެގި ފޮޓޯތައް ސޯޝަލް މީޑިއާގައި ބޮޑު މަޖާގަނޑަކަށް ވެއްޖެ އެވެ.


ހުމާ އާއި އަރްސަލަން ރާއްޖޭގައި ހަނީމޫން ހޭދަކުރުމަށް ފަހު ދާން ނިންމީ ގްރީސް އަށެވެ. އެކަމަކު އަރްސަލަން އަށް ވިސާ ހަމަޖެހޭ ގޮތް ނުވުމުން ހުމާ ފުރައިގެން ދިޔައީ ފިރިމީހާ ބަހައްޓާފަ އެވެ. އެކަމަކު ފިރިމީހާގެ އާއިލާގެ ބައެއް މީހުން އެކުގައި ދިޔަ އެވެ. ހުމާ އޭނާގެ ފޭސްބުކްގައި ބުނެފައިވާ ގޮތުގައި ފިރިމީހާއާ ވަކިން ދާންޖެހުމުން ދަތުުރުގެ ފުރަތަމަ ރޭ ރޮނިކޮށް ހިތްވަރު ދިނީ މައިދައިތަ އެވެ.

ފިރިމީހާ ނެތުމުގެ ހިތާމަ ފާޅުކޮށް ހުމާ ނަގަފައިވާ މަޖާ ފޮޓޯތަކުގައި ފިރިމީހާ އަށް ޖާގައެއް ހުސްކޮށްފައިވެ އެވެ. އަދި ކޮންމެ ފޮޓޯއެއްގައި ވެސް މޫނުމައްޗަށް ވަނީ ހިތާމަވެރި ސިފަ ގެނެސްފަ އެވެ. އެކަމަކު ހިނި އަންނަ ޒާތަކަށެވެ.

ކައިރީގައި ފިރިމީހާ ނެތަސް، އޭނާގެ ކޮނޑަށް އަތްލައިގެން ހުންނަ ގޮތަށް އަދި ބައްދާލައިގެން ހުންނަ ކަހަލަ ގޮތަކަށް ވެސް ހުމާ ފޮޓޯ ނަގާފައިވެ އެވެ.

މި ފޮޓޯތަކަށް ޖޯކު ޖެހުމަށް ވުރެ މިކަންވީ ވަރަށް މަޖާ ކަމަކަށެވެ. މިއީ ހަނީމޫންގެ އެންމެ ހަނދާނީ ފޮޓޯތަކަށް ހުމާ އަށް ވަނީ ވެފަ އެވެ. ފޮޓޯތައް ފޭސްބުކްގައި ޕޯސްޓްކުރަމުން ހުމާ ބުނެފައި ވަނީ ހަނީމޫނަށް ގްރީސް އަށް ދިޔައީ ފިރިމީހާ ބަހައްޓާފައި ކަމަށާއި ފިރިމީހާ ވަރަށް ބޮޑަށް މިސްވާ ކަމަށެވެ.