ކުޅި ބޯކިބަލެއް: މިއީ އީދު ދުވަހުގެ ހެނދުނަށް އަބަދުވެސް ތައްޔާރު ކުރާ އެއްޗެއް -- ފޮޓޯ: ލޮނުމެދު
20 ޖުލައި 2021 - 08:39
އުމުރުން 70 އަހަރުން މައްޗަށް ގޮސްފައިވާ، މުހައްމަދު އާދަމް އޭނާގެ ފުރާވަރުގެ އީދުގެ ހަނދާންތައް އާކުރަމުން ބުނީ އީދު ނަމާދު ނިންމާލާފައި ރަހުމަތްތެރިންނާ އެކު ގޭގެޔަށް ސައިބޯން ދާއިރު އެތައް ބައިވަރު އެއްޗެއް ހުންނައިރު ވެސް ކޮންމެ ގެއެއްގައި ވެސް ހުންނަ ކުޅިބޯކިބާ ހުންނަ ކަމަށެވެ.
"އެންމެ ކުރީއްސުރެ ވެސް އީދު ދުވަހު ހެނދުނަށް ބޯކިބާ ހަދާފައި ހުރޭ،" އޭނާ ކިޔައިދިނެވެ.
މުހައްމަދު ބުނީ އޭނާގެ އުމުރުން މިހާ ދުވަސް ވީ އިރު ވެސް އީދު ބޯކިބާ އެއީ އަދިވެސް ބަދަލު ނުވެ އޮތް ސަގާފަތެއް ކަމަށެވެ.
އީދު ދުވަހުގެ ހެނދުނަށް ތަފާތު ކާނާތައް ހެދިޔަސް ކުޅި ބޯކިބާ އެއީ ދިވެހި ރަހަ ސުފުރާގައި ހެޔޮކޮށްލާ ހެދިކާ އެވެ. އެއީ އީދުގެ ވަރަށް މުހިންމު ރަހައެކެވެ.
ގިނަ ބަޔަކަށް ކައްކަން ދަސްކޮށްދީފައިވާ ޝެފެއް ކަމަށްވާ ސުއާދާ ނަސީރު ވެސް ކުޑައިރު ދަރާއި ނާށި އަންދައިގެން އީދު ދުވަހުގެ ހެނދުނަށް ކުޅި ބޯކިބާ ތައްޔާރު އެޅި ހަނދާން އާކުރި އެވެ. އޭނާ ބުނި ގޮތުގައި ހުނި ހަކުރާއި ގުޅަ އާއި ތަފާތު އެކި އެއްޗެހި ކޮންމެ އީދެއްގައި ހެދިޔަސް، ބަދަލުނުވެ އަބަދު ވެސް ތައްޔާރު ކުރާ އެއްޗަކީ ކުޅި ބޯކިބަލެވެ.
އޭރު ވެސް މިހާރު ވެސް ކުޅި ބޯކިބާ އަޅަނީ އިހުޒަމާނުއްސުރެ ކުރާ ކަމަކަށް ވާތީ ސަގާފަތް ދިރުވުމުގެ ގޮތުން ކަމަށް ސުއާދާ ބުންޏެވެ. އަދި އެއީ ދިވެހިވަންތަ އެއްޗަކަށް ވުމުގެ އިތުރުން ގިނަ މީހުންނަށް މީރު އެއްޗަކަށް ވުމަކީ ވެސް އޭނާ ދެކޭ ގޮތުގައި އަބަދު ވެސް ތައްޔާރު ކުރާ ސަބަބެކެވެ.
"ކުޅި ބޯކިބާ އެއީ އީދު ދުވަހު ހެނދުނު ކޮންމެހެން ވެސް ހުންނަން ޖެހޭ އެއްޗެއް. އެއީ ދިވެހިވަންތަ އެއްޗަކަށް ވެފައި ގިނަ މީހުންނަށް މީރުވާތީ،" ސުއާދާ ބުންޏެވެ.
ކުޅި ބޯކިބަލެއް: މިއީ އީދު ދުވަހުގެ ހެނދުނަށް އަބަދުވެސް ތައްޔާރު ކުރާ އެއްޗެއް -- ފޮޓޯ: މޯލްޑިވްސް ކުކް
އަވަނުން ނަގައި ތާޒާކަންމަތީގައި ހުންނަ އިރު ބައެއް މީހުންނަށް ބޯކިބާ ވަރެއް ނޯވެ އެވެ. އަދި ހޫނު ކަޅު ސައި ތައްޓަކާ އެކު މާ މީރެވެ. ތުނިކޮށާއި ބޯކޮށް ބޯކިބާ އަޅާއިރު ރަހަ ތަފާތުކޮށްލަން މަސްކޮޅުކޮޅު އަޅައިގެން ހަދާ މީހުން ވެސް އުޅެ އެވެ.
ޒުވާން އަންހެނަކު ބުނި ގޮތުގައި އޭނާ އީދު ދުވަހަށް ކުޅި ބޯކިބާ އަޅަނީ އެއީ ތައްޔާރުކުރަން ފަސޭހަ އެއްޗަކަށް ވާތީ އެވެ. އަދި ކޮންމެ ފަހަރަކު ވެސް ހަވީރާ ހިސާބަށް ދާއިރު ކުޅި ބޯކިބާ ހުސްވާ ކަމަށް އޭނާ ބުންޏެވެ. އިސްރާފު ނުވުމަކީ އޭނާއަށް މުހިންމު ކަމެކެވެ.
"ކުޅި ބޯކިބާ ހަދަން ވަރަށް ފަސޭހަ. އަދި ހަދައިފިއްޔާ ހުސްވާނެ ކަމުގެ ޔަގީންކަން އޮވޭ،" އެ ޒުވާނާ ބުންޏެވެ.
މިހާރު ބޯކިބާ އަޅައި އުޅެނީ ކުރިން ހެދި ގޮތަކަށް ނޫނެވެ. ކުރިން ބޯކިބާ ފިހެ އުޅުނީ ހަނޑުލުފުށާއި ވަޅޯމަސް އަޅައިގެންނެވެ. ގޮދަން ފުށާއި، ދަޅު މަސް އަޅައިގެން ހެދުމަކީ މާ ފަހުގެ ކަމެކެވެ. ކުރިން ފިހަނީ ވެސް ދަރު އުނދުނުންނެވެ. އެހެންވެ އިހުގެ ބޯކިބާތަކުގެ ރަހަ ވެސް ތަފާތުވާނެ އެވެ.
ބޯކިބާގެ އަސްލު ރެސިޕީ ހޯދުމާ ބެހޭގޮތުން އެމްއެންޔޫގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ހެއްދެވި ދިރާސާގައި ވަނީ ދަރު އުނދުނުގައި ފިހާއިރު ރަހައަށް ބަދަލު އަންނަނީ ދަރު އުދުނުން އަރާ ދުމުގައި ހުުންނަ ތެލާ ހެދި ކަމަށެވެ.
ޒަމާނާ އެކު ބޯކިބާގެ ރަހައަށް ވެސް ބަދަލު އަންނަހެން ބޯކިބާގެ ބާވަތްތައް ވެސް މިހާރު ވަނީ ގިނަވެފަ އެވެ. އެގޮތުން، ބައެއް މީހުން ސިއްހަތަށް ރަނގަޅު ކުރަން ވެގެން އޯޓްސް އަޅައިގެން ބޯކިބާ ހަދަ އެވެ. އަދި މުގު ބޯކިބާ އާއި އަލުވި ބޯކިބާ އާއި ނޫޑުލްސް ބޯކިބާ ވެސް ހަދަ އެވެ.
ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ 1950 ވަނަ އަހަރު ޝާއިއުކުރެއްވި "ކަރުނައާ ނުލައި ކެއްކުން" ފޮތަކީ ރާއްޖޭގެ އެންމެ ދުވަސްވީ ރެސިޕީ ފޮތެވެ. އެ ފޮތުގައި "ބޯކިބާ" މާނަކޮށްފައި ވަނީ ފޮނި ބޯކިބާގެ ގޮތުގަ އެވެ. ކުޅި ބޯކިބާގެ ވާހަކައެއް ނެތެވެ.
އެކަމަކު ކުޅި ބޯކިބާއާ އެއްގޮތް "މަސް ފަތަފޮޅި" ކިޔާ އެއްޗެއްގެ ރެސިޕީ އެ ފޮތުގައިވެ އެވެ. އެއީ މިހާރު ފިހެ އުޅޭ ޒަމާނީ ބޯކިބާތަކާ ހިލާފަށް ހިނކަނދިފަތާއި ރީނދުލާއި މިރުސް ނާޅައި ހަދައި އުޅުނު އެއްޗެކެވެ. މަސް ފަތަފޮޅި ތައްޔާރުކުރަނީ ހަނޑުލު ފުށާއި ވަޅޯ މަހާއި ހުންޏާއި ފިޔާ އާއި ރޯމިރުހާއި އިނގުރުކޮޅެއް ލައި މަސްގަނޑު މޮޑެގެންނެވެ. ބައެއް މީހުން ބުނާ ގޮތުގައި މިހާރުގެ ބޯކިބާ އުފެދުނީ އެ މަސް ފަތަފޮޅިންނެވެ.
ކޮންމެ ނަމެއް ކިޔަސް އީދަށް ބޯކިބަލެއް/ފަތަފޮޅިއެއް އޭރު ވެސް އަޅައި އުޅުނުކަން ދުވަސްވީ މީހުންގެ ވާހަކަތަކުން އެނގެ އެވެ. އެކަމަކު، އީދު ދުވަހަށް ހާއްސަކޮށް ބޯކިބާ އަޅަން ފެށިި، ބޯކިބާ އީދާ ގުޅުނީ ކިހިނެއް، ކޮން ޒަމާނެއްގައިކަން އެނގޭނެހެން ހިޔެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް
23 July 2021
މިހާރު ދެރަކަމަކީ ދިވެހިންގެ ގަދީމީ ދުވަސްތައް އުވި، އޭގެ ބަދަލުގަ އަރަބިންގެ އީދު ފާހަގަ ކުރާތީ. ބޯފޮޅިދުވަހާއި، ފޮއި ދުވަސްތަކާއި ހިތިދުވްސް ބުނާތީ އެހިމީހަކުވެސް ނެތް. އަރަބިންގެ ހެދުން ހެދިގެން، އަރަބި ކޮލޯނިއަލް އީދުތައް މި ފާހަގަކުރަން ޖެހެނީ.
އަބްޑޫޅް
23 July 2021
ކިރިސްމަހަށް އަޅާ މަސްފަތަފޮޅިއަށް އިހުގަ އަޅާ އުޅުނީ، މަސްފަތަފޮޅިއަށް އަޅާ އެއްޗެތީގެ އިތުރުން، ނޫމުގާއި އަލުވި މަޑުކޮށްފަ. މި މަސްފަތަފޮޅިއަށް، ކަނޑު މަހުގެ ބަދަލުގަ އަޅާ އުޅުނީ، ހުދު އެއްގަމުމަސް، ކައްކާ މަޑުކޮށްފަ.
ގާރލް7
21 July 2021
އަޅުގަނޑަށް ވެސް ޢީދު ފުރިހަމަ ވަ ނީ ހެނދުނުގެ ސަޔަށް ކުޅިބޯކިބަލާއެކު ހޫނުކަޅުސައި. އަދިމިއާއެކު ފޮނި އެއްޗަކަށް ދަނޑިއަލުވި ބޯކިބާހުރެއްޖެނަމަ މިސައި އިތުރަށް ފުރިހަމަވެގެންދޭ
ޭއެމޭޒަން
20 July 2021
އައިލަވް ކޮމެންޓު ސެކުސަން، ހެޑިންކިޔާލާފަ ކޮމެންޓުތައް ކިޔަނީ، ބުނަންނޭގޭ ހިތްހަމަޖެހުމެއް ލިބެނީ، ރައްޔިތުންގެ ރޯ ހިޔާލުތައް “މިހާރު” ނޫހުން ސެންސަރު ނުކޮށް ގެނެސްދޭނެ ކަމަށް އުންމީދުކުރަން، ބައެއް ކޮމެންޓު ކިޔާލާއިރު ހިނިގަނޑު ފަޅައިގެންދޭ، އަނެއްބައި ކޮމެންޓު ކިޔާލާފައި ބުނެވޭ ތީ އަހަރެންވެސް ބުނަންއޮތް ވާހަކައޭ، މީ ވަރައް ސްޓުރެސް ފުރީ ވާކަމެއްމީ މިކަހަލަ ކޮމެންޓު ކިޔާލަން ލިބުމަކީ
ޖުއްބާ
20 July 2021
މިހާރު ގިނަ ދިވެހިން ކަންނެތްކަމުން ތިވަރު ކަމެއް ކޮއްލާނެ މީހަކުވެސް ނުވޭ. ތިކަންވެސް މިހާރު ވިޔަފާރިއަކައް ކުރަނީ ބިދޭސީން.
ކުރާއިރު
20 July 2021
ބިދޭސީންނަށް ދޫކޮށްލީމަ އެމީހުންގެ ރަހަތަށް އެއަށް ވައްދާލާ މޮޑިފައިކޮށްލާފަ ހުންނަނީ. މިހާރު ތަންތަނުން ވިއްކާ ބޯކިބަލުގަ ނުލާ ދިވެހި ރަހައެއް.
ކޮޔާ
20 July 2021
ޢުރުފުގެ ތެރެއިން އައިސްފައިވާ ކަމެއް. އަހަރުމެންނަށް ޢީދުހެން ހިވެސް ނުވޭ ކުޅިބޯކިބާ ނެތިއްޔާ. ޢެކަމު އަވަނުން ފިހުނީރުން މީރެއް ނޫން. ތަވާގަ ގޭސް އުނދުންވެސް އޯކޭ. ދަރު އުނދުން މިހާރު ދެން ނުލިބޭނެދޯ ?