ރިޕޯޓް

މެންޓަލް ހެލްތު ޑޭ: ބެދިފައިވާ ދުނިޔެއެއްގައި އޫލާގެ ވާހަކަ!

އޫލާ އަހުމަދު--

މީހުން ގިނަ ތަންތަނުގައި އުޅުމާއި އަޑުގަދަ ތަންތަނުގައި އުޅުމަކީ، އޫލާ އަހުމަދަށް އެންމެ ކުޑައިރުން ފެށިގެން ވެސް އުނދަގޫވި ކަމެކެވެ. އާއިލާގެ މީހުން އެއްތަންވާ ދުވަހެއްގައި ވެސް އޫލާ ބަލަނީ އަވަހަށް އެތަނުން ނިކުމެގެން ދެވޭތޯ އެވެ. މިކަން ބޮޑުވެ، އާއިލާއާ ދުރުތިމާގެ މީހުން ދެކެން ފެށީ އޭނާގެ މަންމަ، ދަރިން ގެންގުޅޭ ގޮތް "ފޮނި" ކަމުން އުޅޭ ގޮތެއް ކަމަށެވެ. އަނެއް ބަޔަކު ދެކެނީ އޭނާއަކީ "ޑްރާމާ ކުއީން" އެއްގެ ގޮތުގަ އެވެ. ރައްޓެހިން ގެއްލެން ފަށައި، އަމިއްލަ ނަފްސާ މެދު ރުޅިއައިސްފައި އިންދާ ވާގޮތެއް އޫލާ އަށް އެނގުނީ އުމުރުން 25 އަހަރުގަ އެވެ.

އޭގެ ސަބަބަކީ ބައިޕޯލާ ޑިސްއޯޑާ އެވެ. ބައިޕޯލާ ޑިސްއޯޑާއަކީ އާންމު އިންސާނަކަށް ވުރެ މާ ބޮޑަށް ކޮންމެ ކަމެއްގައި ވެސް އިމޯޝަންސް އައުމެވެ.

"މޫޑްސް ވަރަށް ހައިވެފައި ލޯވާނެ. ވަރަށް ހައިޕާވާނެ. ވަރަށް އެކްސްޓްރީމް ވާނެ. އުފާވެއްޖެއްޔާ ވަރަށް ބޮޑަށް އުފާވާނެ. ރުޅި އައިސްފިއްޔާ ވަރަށް ގަދަޔަށް ރުޅި އަންނާނެ. ދެރަވެއްޖެއްޔާ މީހާ ޑިޕްރެސްވާ ވަރަށް ދެރަވާނެ" މާލެ އަށް އުފަން އޫލާ، އޭނާގެ ވާހަކަތައް ކިޔައިދޭން ފެށި އެވެ.

"ބައިޕޯލާ ޑިސްއޯޑާ އިން އެބަ އާދެ އެންޒައިޓީ އާއި ޑިޕްރެޝަނާއި ޕެނިކް އެޓޭކްސް."

އުލާ ބުނި ގޮތުގައި އޭނާ ހަނދާންވާން ފެށިއްސުރެ އޭނާގެ ދިރިއުޅުން ހުރީ އެ ކަހަލަ ގޮތަކަށެވެ. އެކަމަކު އޭރު ރާއްޖޭގެ މީހުން ނަފްސާނީ ބައްޔަށް ހޭލުންތެރިވެފައި ނެތުމާއި އެކަށީގެންވާ ފަރުވާއެއް ލިބެން ނެތުމުން އެކަމަށް އޭނާ ވެސް ފަރުވާއެއް ނުހޯދަ އެވެ.

އެންމެ ފަހުން މީހާއަށް އުޅެން އުނދަގޫވާ ވަރަށް މީހާ ޑިޕްރެސްވެ، ހާލަތު ގޯސްވީ މީގެ ހައެއްކަ އަހަރުކުރިން ތުރުކީގައި ކިޔަވަން ގޮސް ހުއްޓަ އެވެ. އެފަހަރު ވެސް ތުރުކީގެ ކްލިނިކަކަށް ގޮސް އޭނާ ދެއްކީ އޭރު ބޭރުގައި ކިޔަވަން ހުރި ކޮއްކޮއެއް ހެދި ސިއްހީ ޓެސްޓްތަކެއްގައި އޭނާގެ ނިއުރޮލޮޖިކަލް މައްސަލަތަކެއް ހުރުމުން އާއިލާގެ އެންމެން ޓެސްޓްކުރަން ދިން ލަފާގެ މަތިންނެވެ.

އެ ދުވަސްވަރަކީ އޫލާގެ ހާލަތު ވެސް ގޯސް ދުވަސްވަރަކަށް ވެފައި އޭނާ ނިންމީ މިވާ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް ޑޮކްޓަރަށް ދައްކާށެވެ.

"އެންމެ ކުޑައިރުން ފެށިގެން ފިޒިކަލް ހެލްތު މައްސަލަތައް ހުންނާނެ. ބުރަކައްޓަށް ބާރުވެފައި ހުންނާނީ އަބަދު. ޓާކީގެ ކްލިނިކަކަށް ގޮސްފައި ޑައިގްނޯސްކޮށްގެން ބޭހާއި ތެރަޕީ ނަގާތާ ދެ ތިން އަހަރުވި ފަހުން މި އެނގުނީ އެއީ އެންޒައިޓީއާ ހެދި ވާ ކަމެއްކަން."

އޫލާ ކިޔައިދިން ގޮތުގައި ކުރިން މީހުންނާ ފޯނުން ވާހަކަ ދެއްކުމަށް ފަހު ފޯނު ބާއްވާފައި ވެސް އޭނާއަށް ވިސްނޭނީ އެ ކޯލުގައި އޭނާއަށް ދެއްކުނު ވާހަކަތަކާ މެދު އެވެ. ބުނެވުނީ ބުނަން ޖެހޭ އެއްޗެއްތޯ ނުވަތަ އަނެއް މީހާ ވިސްނާނެ ގޮތަކާ މެދު ވިސްނާ މީހާ ހުންނާނީ ގޮވައިފަ އެވެ.

އެކަން ބޮޑުވެ އޭނާ ވަނީ ކޮންގްޓިވް ބިހޭވިއާ ތެރަޕީ އާއި ޑައިލެކްޓި ބިހޭވިއާ ތެރަޕީ ނަގައިފަ އެވެ. އޫލާ ބުނީ ފަރުވާ ނަގަން ފެށި ފަހުން ވަރަށް މަސައްކަތްކޮށްގެން އެކަން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވާ ކަމަށެވެ.

"ތެރަޕީ ތްރޫކޮށް ދަސްވީ ސައިންސްތައް ދެނެގަނެ މެނޭޖް ކުރަން. ބައިޕޯލާ ހުރީމަ އިމޯޝަންސް އުޅޭނީ އެކްސްޓްރީމްގައި. ކުރިން ރުޅިއެއް ނާންނާނެ، ފިއުރިޔަސް ވާނީ. ހެޕީގެ ބަދަލުގައި ހަމަ އޯވާ ޔުފޯރިކް ވާނީ. ދެރަވެއްޖެއްޔާ ހަމަ ވަރަށް ޑިޕްރެސްޑްވާނެ. އޫލާ މިއުޅެނީ މާ ހައި ރޭންޖެއްގައި،" އޭނާ ބުންޏެވެ.

ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމަށް އޭނާ ރިއެކްޓް ކުރާ ގޮތުގެ ސަބަބުން މީހުންނަށް ނުބައިކޮށް ކަންކަން ހީވެފައި އެބަހުއްޓެވެ. އޭނާއާ ބައެެއް އެކުވެރިން ގެއްލުނެވެ.

"މީހުން ބުނާނެ ތިއީ ބޮޑު ޑްރާމާ ކުއީންއެކޭ. އޫލާ އަށް ވަރަށް އަސަރުކުރާނެދޯ އެ ހުރިހާ އިމޯޝަންސްތަކަކީ ޓޫ އެކްސްޓްރީމް ފޯ މީ. ދެން އޭރަކު ނުވެސް އިނގޭ މިއީ އެހެން މީހުންނަށް ދުނިޔެ ފެންނަ ގޮތް ނޫން ކަމެއް ވެސް."

ފަންސަވީހަކަށް އަހަރުވީއިރު އޫލާ ހީކުރީ އޫލާ މީ ވަރަށް ގޯސް މީހެކޭ. ނަމާދަށް އަރައިފައި ވަރަށް ގިނައިން ރޮވޭނެ، މީހާ ރަނގަޅު މީހަކަށް ވޭތޯ ދުއާކޮށް...

އޫލާއަކީ ޕެނިކް އެޓޭކްސްތައް ވެސް އަންނަ ޒުވާނެކެވެ. އެހެންވެ ގަދަ އަޑު އިވުމަކީ އޭނާއަށް ވަރަށް އުނދަގޫވާ ކަމެކެވެ.

"ފެމެލީ ގެދަރިންސް އަށް ގޮސް، ނޫނިއްޔާ ޕާޓީ އާއި ރައްޓެހިންނާ ދިމާވެގެން، ނޫނީ ކުޑަ ކުދިން ވެސް މާ ލައުޑްވީމަ ޕެނިކް އެޓޭކްސް ޓްރިގާ ވާނެ. ދެން ހާސްވާތީ އެތާކު ނުއެއް ހުރެވޭނެ. ދާން ޖެހެނީ. އާއިލާގެ ބައެއް މީހުން މަންމައާ ދިމާލަށް ވެސް ބުނާނެ އުލާމެން ގެންގުޅޭ ގޮތުން ހަމަ ފޮނި ބޮޑީއޭ."

އޫލާގެ އިތުރުން އޭނާއާ އެއްބަނޑު އެއްބަފާ އެހެން ކުދިނަށް ވެސް ނަފްސާނީ މި މައްސަލަތައް ދިމާވެ އެވެ. މީހުންގެ ތެރެއަށް އެ މީހުން ވެސް ނިކުމެ އުޅެނީ ވަރަށް ހިތްވަރުންނެވެ. އެކަމަކު އެ މީހުންނަށް ލިބުނު ބޮޑު ނަސީބަކީ މިފަދަ ކަންކަމަށް އޭނާގެ މަންމަ ހޭލުންތެރިވުމެވެ.

ނަފްސާނީ ބަައްޔަށް ހޭލުންތެރިކުރުމަށް ކުރިން ތަނެއްގައި ހަރަކާތެއް ބާއްވާނަމަ އެތަނަށް އޭނާގެ މަންމަ ގޮސް، އެފަދަ ކުދިން ގެންގުޅެން ޖެހޭ ގޮތާ ގުޅިގެން ވެސް މައުލޫމާތު އެއްކުރާ ކަމަށް އޫލާ ބުންޏެވެ.

މީހުންގެ ތެރެއަށް ނިކުތުމުގެ އިތުރުން، ބައެއް ދުވަސް ދުވަހު އެނދުން ތެދުވުމަށް ވަރަށް ހިތްވަރު ހޯދަން ޖެހެ އެވެ. ކަންނެތް ކަމަކުން ނޫނެވެ. ސިކުނޑީގެ ތެރޭގައި ހިނގާ ކަންކަން ގިނަވުމުން އެނދުން ތެދުވެ، ސާފުތާހިރުވާނެ ހިތްވަރު ވެސް ނުހުންނަނީ އެވެ. ނަފްސާނީ މައްސަލަ ހުރުމުން މަސައްކަތްތައް ނިކުމެ މީހުންނާ ބައްދަލުކުރާ ހިތް ނުވާ ދުވަސްތައް ކުރިމަތިވަނީ އެވެ.

އެކަމަކު ކޮވިޑްގެ ތެރޭގައި ގޭގައި ތިބެގެން މަސައްކަތް ކުރަން ފުރުސަތު ދިން ނަމަވެސް ނަފްސާނީ ބަލި ހުންނަ މީހުންނަށް އެކަހަލަ ފުރުސަތެއް ވެސް ނެތެވެ. އެފަދަ ކަމެއް ހުންނަކަން އެނގުމުން މީހުން ގަދަކަމުން ވަޒީފާ އިން ވަކިކުރުމަށް މަސައްކަތްކޮށްފައި އެބަ ހުއްޓެވެ.

މުޖުތަމައުގައި މީހުން ދެކޭ ގޮތެއްގެ ސަބަބުން ނަފްސާނީ ބަލީގެ ވާހަކަ ދައްކަން ވެސް ބައެއް މީހުން ފަސް ޖެހެ އެވެ.

ރާއްޖޭގެ ނަފްސާނީ ފަރުވާއާ މެދު ހިތްހަމައެއް ނުޖެހޭ

އޫލާއެކޭ އެއްގޮތަށް ރާއްޖޭގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުކަން އެނގެނީ އެފަދަ ފަރުވާދޭ ތަންތަނަށް ބާރު ބޮޑުކަމުންނެވެ. އެތައް ހާސް ބަޔަކު ކިއޫގައި ތިބުމުން، ފަރުވާ ދޭ ބައެއް ތަންތަނުން އިތުރަށް މީހުން ކިއޫގައި ވެސް ނުޖައްސަ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗުގައި އެކަނި ވެސް އިއްޔެގެ ނިޔަލަށް 2،600 މީހަކު ނަފްސާނީ ފަރުވާ ހޯދުމަށް ކިއޫގައި އެބަ ތިއްބެވެ. އެތަނުގެ ކައުންޓަރުން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ވެސް ކިއޫގައި ތިބި މީހުން ނިންމައި، މިހާރު ނަން ނޯޓުކުރާ މީހުންގެ ނަމްބަރު ޖެހޭނެ ކަމަކަށް ނުބެލެވެ އެވެ.

އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ގޮސް ތިބި ބައެއް-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ބައެއް އަމިއްލަ ކްލިނިކްތަކުން ވެސް ނަފްސާނީ ބައްޔަށް ފަރުވާދޭއިރު އެތަންތަނަށް ވެސް ބާރު ބޮޑެވެ. އައަމިއްލަ ތަންތަނުން އެއް ގަޑިއިރުގެ ތެރަޕީ ސެޝަންއަކަށް 600 އެއްހާ ރުފިޔާ ނަގަ އެވެ.

މި ކަންބޮޑުވުންތައް ހިއްސާކޮށް އޫލާ ބުނީ، އައިޖީއެމްއެޗަށް އެހާ ބާރު ބޮޑުވާ ސަބަބަކީ އެތަނުގައި ފަރުވާދިނުމަށް މަދު ޑޮކްޓަރުންތަކެއް ތިބުމުން ކަމަށެވެ. ސައިކޭޓްރިސްޓަކަށް އެޕޮއިންޓްމަންޓް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ވަކިން ހާއްސަކޮށް ނަފްސާނީ ބައްޔަށް އަލަށް ފަރުވާ ހޯދުމަށް މަސައްކަތްކުރާ ނަމަ އެ އުނދަގޫ މާބޮޑު ކަމަށް އޭނާ ބުންޏެވެ.

އޫލާގެ ދެން އޮތް ކަންބޮޑުވުމަކީ އިމަޖަންސީ ހާލަތެއްގައި އެހީ ހޯދުމަށް އައިޖީއެމްއެޗްގެ އިމަޖަންސީ ރޫމަށް ގޮސް އުޅެން ޖެހޭ ހާލެވެ. އެތަނުގައި އޭނާއަށް އަދި އޭނާ ދަންނަ އެހެން މީހުންނަށް ވެސް ކުރެވިފައި ވަނީ ރަނގަޅު ތަޖުރިބާތަކެއް ނޫން ކަމަށް ބުންޏެވެ.

މީހާގެ ހާލަތު ގޮސްވެގެން އިމަޖެންސީ ރޫމަށްދާއިރު އެތަނުގެ ޓްރިއާޖްގައި ހުންނަ މީހާ އަށް ނަފްސާނީ ބައްޔާ ގުޅޭ މައުލޫމާތު ނޭނގުމުގެ ސަބަބުން ވެސް އެތައް ދައްޗެއް ކުރިމަތިވާ ކަމަށް އޭނާ ކިޔައިދިނެވެ. މީހާ ސުއިސައިޑަލްވެ، ބޭރު ފުށުން ވެސް މީހާއަށް އަނިޔާއެއްވެފައިވާ ނަމަ، އަވަސް ފަރުވާ އެތަނުން ލިބެ އެވެ.

އެކަމަކު ނަފްސާނީ ބައްޔަކީ އާންމުކޮށް ހަށީގެ އެތެރޭގައިވާ ކަންތައްތަކެކެވެ. ޕެނިކް އެޓޭކާއި އެންޒައިޓީ އަންނައިރު އެ ހުރިހާ ކަމެއްވަނީ ބޮލު ތެރޭގަ އެވެ. ބޭރު ފުށުން އެ ކަންތައްތައް ނުފެނު ނަމަވެސް ސިކުނޑީގައި ގިނަ ކަންތައްތަކަކާ ކުރިމަތިލަ އެވެ.

އޭނާގެ އަނެއް ކަންބޮޑުވުމަކީ ބައެއް ބޭސްތަކަކީ ހަމައެކަނި އެސްޓީއޯ އިން ލިބޭ ބޭހަކަށްވި ނަމަވެސް ބޭސް ހޯދަން ދާއިރު އެތަނުން ބޭސް ހުސްވެފައި ހުރުމެވެ. އެކަމަކު ރެގިއުލާކޮށް ބޭސް ނަގައި އެތައް ހާސް ބަޔަކު ތިބިއިރު ބޭސް ހުސްވެގެން ނުވާނެ ކަމަށް އޭނާ ދެކެ އެވެ.

އައިޖީއެމްއެޗް ތެރޭގައި އިންނަ އެސްޓީއޯ ފާމަސީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"މިއީ ދުވާލަކު އެއް ފަހަރު ނަގަން ޖެހޭ ބޭހެއް ގިނަ މީހުން، ރެގިއުލާ މީހުން ހެން ފަންކްޝަން ކުރަން. . މިއީ ގިނަފަހަރަށް ވަރަށް ސްޓްރޯންގް ބޭސްތަކެއް. އެއް ދުވަހު ނުނެގިޔަސް ހަށިގަނޑަށް ވަރަށް ބޮޑެށް އަސަރު ކުރޭ."

އާސަންދަ މެދުވެރިކޮށް، ނަފްސާނީ ބައްޔަށް ފަރުވާ ދޭ ހޯދޭ ކަމަށް ބުނި ނަމަވެސް ކޮންމެ މީހަކަށް ވެސް އާސަންދަ ހަމަޖައްސައިދެނީ 5000ރ. ކަމަށް އޭނާ ބުންޏެވެ.

"ހަބަރަށް އަރައިފައި މިކިޔަނީ އާސަންދަ ކަވާކޮށްދެމޭ. އެކަމަކު މީހަކު ތެރަޕީ ސެޝަނަކަށް 500 އެއްހާ ރުފިޔާ ނަގާ. ހަފްތާއަކު އެއް ފަހަރު އާންމުކޮށް މީހުން ތެރަޕީ ނަގާ. ނޫނީ މަހަކު ދެ ފަހަރު. ފަސްހާސް ރުފިޔާ އަރައިގެންދާނެ އެގޮތަށް."

މެންޓަލް ހެލްތު ދާއިރާ އަށް ފަންޑު އިތުރުކުރަންޖެހޭ

ނަފުސާނީ ފަރުވާ ދޭ ޑޮކްޓަރުންނާއި އެ ދާއިރާގެ ތަޖުރިބާކާރުން ރާއްޖޭގައި އަދިވެސް މަދުވުމަކީ މި މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

އޫލާ ބުނި ގޮތުގައި ނަފްސާނީ ފަރުވާ ދޭން އައިޖީއެމްއެޗްގެ ސެންޓަ ފޯ މެންޓަލް ހެލްތު ކްލިނިކާއި ތިބާ ކްލިނިކާއި އައިއެމްޑަބްލިއުބީ ފަދަ ބައެއް ތަންތަނުގައި ފަރުވާ ދޭ ފަރާތްތައް ވަރަށް ރަނގަޅެވެ. ވެއިޓިން ލައިން ދިގުވުމުގެ ސަބަބުން ބައެއް ފަހަރު އެ ތަންތަނަށް ރަށްރަށުން އަންނަ މީހުންނަށް އަވަސްކޮށްދީ، ނުވަތަ އާމްދަނީ މަދުން ލިބޭ މީހުންގެ އަތުން މަދުން ފައިސާ ނަގާ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު ރާއްޖޭގައި ތިބި ހައެއްކަ ޑޮކްޓަރުނާއި, ކައުންސިލަރުން ފަދަ ނަފްސާނީ ފަރުވާ ދޭ ފަރާތްތަކުން އެކަނި ގަދަޔަށް މަސައްކަތްކޮށްގެން ވެސް މައްސަލަ ހައްލުވާކަށް ނެތެވެ. ސަރުކާރުން މި ދާއިރާ އަށް ކުރާ ހޭދަ އިތުރުކުރަން އެބަޖެހެ އެވެ. ވަސީލަތް އިތުރުކޮށް ޑޮކްޓަރުން އިތުރަށް ހޯދަން އެބަ ޖެހެ އެވެ.

"އެ މީހުން ވަރަށް މަސައްކަތް އެބަ ކުރޭ. ވައިބާ މެދުވެރިކޮށް ބޭސް ސިޓީ އާކޮށްދެމުން އެބަދޭ. އެކަމަކު ލައިން ދިގުވުމާއި ތަންތަނުން ސާވިސް ނުލިބުމުގެ މައްސަލަ ހައްލުވާނީ ސަރުކާރުން ފަންޑިން އިތުރުކޮށްގެން. މީހުން ހަޔާކުރުން އިތުރުކޮށްގެން. ސިސްޓަމް ރަނގަޅުކޮށްގެން،"

"ގިއްކިޔައިފައި މަސައްކަތް ކުރިޔަސް ތިން ހަތަރު މީހުންނަށް ޑީލްއެއް ނުކުރެވޭނެ މުޅި ރާއްޖެއިން އަންނަ މީހުންނަށް ފަރުވާ ދޭކަށް."

ރާއްޖޭގައި ނަފުސާނީ ފަރުވާގެ ކަންކަން ފުޅާކުރުމަށް އެ ދާއިރާ އިން މާސްޓާސް އަށް ކިޔެވުމަށް 46 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީންް ހުޅުވާލި އެވެ.

ނަފުސާނީ ފަރުވާގެ ދާއިރާ އިން ތަޖުރިބާކާރު މީހުން މަދުވުމަކީ މި ވަގުތު ރާއްޖެ އަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މި ސްކޮލަޝިޕްތަކުގެ ބޭނުމަކީ އެ މައްސަލަ އަށް ހައްލެއް ގެނައުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދު ނަފްސާނީ ބަލީގެ ދުވަސް ފާހަގަކުރާއިރު، އޫލާ ހިމެނޭ ގޮތަށް މި ދާއިރާ އަށް މީހުން ހޭލުންތެރިކުރުމަށް ބައެއް މީހުން މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ. "މެންޓަލް ހެލްތު ސަޕޯޓް ގްރޫޕް" ގެ ނަމުގައި 2018 ވަނަ އަހަރުން ފެށިގެން އޫލާ އަންނަނީ ސޯޝަލް މީޑިއާގައި މީހުން ހޭލުންތެރިކުރަމުންނެވެ. އެ ގްރޫޕުގެ ހާއްސަކަމަކީ މީހުން ހޭލުންތެރިކުރަން ނިކުމެ އުޅެނީ މުޅިން ވެސް ނަފްސާނީ ބަލި ތަހައްމަލުކުރަމުން އަންނަ މީހުން ކަމެވެ.

ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމަށް ގުޅޭނެ ނަމްބަރުތައް--

ނަފްސާނީ މައްސަލައެއް ހުންނަ ނަމަ، ދިމާވެދާނެ ބައެއް ކަންތައްތައް:

- ނިދަން އުނދަގޫވުން

- މާޔޫސްވުން

- އަވަހަށް މޫޑު ދިއުން

- އާންމުކޮށް ކުރާ ހިތްވާ ކަންކަން ކުރާ ހިތް ނުވުން

- ކެއުމަށް ބަދަލު އައުން

- މީހުންނާ ވާހަކަ ދައްކާ ހިތްނުވުން

- މާ ފޯރިއެރުން

- ކޮންސެންޓްރޭޓްކުރަން އުނދަގޫވުން

ތިބާ ސައިކޮލޮޖީގެ ސައިކޯތެރަޕިސްޓް މުސްތަފާ ފާރޫގް، "މިހާރު" އަށް ވިދާޅުވި ގޮތުގައި މި އަލާމާތްތައް ދިމާވާތާ ހަފްތާއަކަށް ވުރެ ދިގު ދެމިގެންދާ ނަމަ ސައިކޭޓްރިސްޓެއް ނުވަތަ ސައިކޮލޮޖިސްޓަކަށް ދެއްކުން މުހިއްމު ކަމަށެވެ.

"ހުރިހާ ނަފްސާނީ ބައްޔެއްގައި ވެސް ނަފްސާނީ ހާލަތަށް ބަދަލު އަންނަންޏާ ނިންޖަށް އަސަރުކޮށް މާޔޫސްވެ، ގިނަ ދުވަހުގެ އެއް ވަގުތެއްގައި އެކަން ތަކުރާރު ވަންޏާ އެއީ ސައިންއެއް ބައްޔަކާ ދިމާލަށް ދާކަން."

ނަފްސާނީ މައްސަލަތަކުގެ ތެރެއިން ވެސް ބައިޕޯލާ ހުންނަކަން އެނގިއްޖެ ނަމަ، ބޭހާއި ތެރަޕީ އެކީ ނެގުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި މުސްތަފާ ފާހަގަކުރެއްވި އެވެ.

"ބައިޕޯލާ މޫޑް ޗޭންޖް ހުންނައިރު އެބަ ބޭނުންވޭ މޫޑު ސްޓެބަލްކުރަން. ހަށިގަނޑުގެ ތެރެއާ ހަށިގަނޑުގެ ކެމިކަލް އިމްބެލެންސް އަށް އައިމަ މި ޑައިގްނޯސްކުރަނީ ބައިޕޯލާ އަށް. މެނޭޖްކުރަން ބޭނުންވާނެ ބޭހެއް. ތެރަޕީ ކޮންޓިއުނިއުކުރަން ޖެހޭނެ."

އަމިއްލަ އަމިއްލައަށް ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގެ ބަދަލުގައި ޕްރޮފެޝަނަލް ފަރުވާ ހޯދުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ. ފަރުވާ އަވަސްކުރި މިންވަރަކަށް ބަލި އަވަހަށް ރަނގަޅުވުމުގެ ފުރުސަތު އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖެނަރަލް ކައުންސިލާއެއް ނޫން. އެ މީހުންނަކަށް ޑައިގްނޯޒްއެއް ނުކުރެވޭނެ. ސައިކޮލޮޖިސްޓެއް ނޫނީ ސައިކޯތެރަޕިސްޓަކަށް ދައްކައިގެން ބަލި ޑައިގްނޯޒްކުރެވޭނީ."

ރާއްޖޭގައި އެންމެ ގިނައީ މާޔޫސްކަމާ ގުޅޭ ބަލިތަކެވެ. މިހާރު މި ބަލީގައި އުޅޭ މީހުންގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުން ގިނަ އެވެ. އަދި، މުސްތަފާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދެ އަހަރަށް ބަލާއިރު ކުރިން ނުފެންނަ ޓްރެންޑެއް ވެސް އެބަ ފެނެ އެވެ. އެއީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ ދުވަސްވީ މީހުން އިތުރުވުމެވެ.

ނަފްސާނީ ބަލި އިތުރުވާއިރު މުސްތަފާ ވިދާޅުވީ ރާއްޖޭގައި މި ވަގުތު ނަފްސާނީ ފަރުވާގެ ނިޒާމު އެންމެން ގުޅިގެން ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް މިދާއިރާގައި މަސައްކަތްކުރާ މީހުންގެ އަދަދު މަދުކަމުން، ޓީމް ވޯކް ރަނގަޅުކޮށް ހަރުދަނާ ނިޒާމެއް ގާއިމުވެފައި އޮތުމަކީ ކުރާ އުއްމީދެއް ކަމަށް މުސްތަފާ ވިދާޅުވި އެވެ.

14 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 77%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 23%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިން

11 October 2021

ހުރިހާ ކަމަކީ ބޭސްކޮށްގެން ރަގަޅުވާންޖެހޭ ކަންކަންބާ؟ އެއްބައެއްގެ އެކަހެރިކަމުން ދުނިޔޭގަ އެކި އީޖާދުތައް އުފަންވެ އެތައް ބަޔަކަށް ފައިދާވިނަމަ އެމީހެއްގެ ހުރި އުނިސިފައިގެ ސަބަބުން އެވީ ފައިދާ ނޫނީ ގެއްލުންބާ؟ އަލިމަސް ހެދެނީ އެހާ ގަދަ ހޫނަކާ ޕްރެޝަރަކުން އެތައް މިލިއަން އަހަރަކުންކަމަށްވާނަމަ އެ ހޫނާ އެ ޕްރެޝަރަށް އެއަށް ކެތްނުކުރެވޭނެކަމަށް ނިންމައިފިނަމަ އެއުފެދޭނެބާ؟ އެކެތްކޮށްފިނަމަ ހޫނުގެ އިހްސާސް ކެނޑި އެހެން މަރުހަލާއަކަށް ދަތުރުކުރެވޭ

The name is already taken The name is available. Register?

ޓްރެންޑްސް

10 October 2021

ނަފްސާނީ ބައްޔަކީވެސް މިހާރު ވަރަށް ޓްރެންޑީ ކަމެއް. އެހެންވީމަ އެހާ ބާރުބޮޑުވަނީ. މިކަމުގެ ސަބަބުން އަސްލު ނަފްސާނީ މައްސަލަތައް ހުންނަ މީހުންނަށް ހުރިހާ ގެއްލުމެއް.

The name is already taken The name is available. Register?

ނޯސް

10 October 2021

ތީކީ ބައި ޕޯލާ ޑިސްއޯޑާއެއް ނޫން. ތިއީ އޯޓިޒަމް. ހައި ފަންކްޝަނިން އޯޓިޒަމް.

The name is already taken The name is available. Register?

ޖިރާފް

10 October 2021

އަޅުގަނޑުގެ ތަޖުރިބާގަ މެންޓަލް ހެލްތަށް އެންމެ ރަނގަޅީ ސޫފީ ޕްރެކްޓިސްތައް. ކެމިކަލްތަކުން ފުރިގެންވާ އެލޮޕެތިކް މެޑިސިންތަކަކީ ގިނަދުވަހު ނަގަންޏާ އޭގެ ނުބައި ސައިޑް އިފެކްޓްތައް ފަހުން އަންނާނެކަމެއް.

The name is already taken The name is available. Register?

މޮހޯ

10 October 2021

ކަޅުދިރި ތެޔޮ އެއީ ހުރިހާ ކަމަކަށް އޮތް ބޭހެއް.

The name is already taken The name is available. Register?

ލޮއްލަތު

10 October 2021

ކަޅު ދިރި ތެޔޮ ބޮލުގައި ވެށީމަ ރަނގަޅުވޭ؟ އަތެއް ބިނދުނީމަ ގޮސް ތެޔޮ އުނގުޅީމަ ރަނގަޅުވޭތަ؟ ކޮސް ނުގޮވާ. ކަޅުދިރީގައިވެސް ޝިފާ އެއްވޭ. ހުރިހާ ކަމެއް ދީނާއި ސުންނަތުގެ އެއްފަޅިން ނިންމާނުލަ.

The name is already taken The name is available. Register?

މުޖޭ ނައިމ

10 October 2021

މަރުވުމަށްފަހު އަލުން ދިރުއްވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން.

The name is already taken The name is available. Register?

މޮހޯ

10 October 2021

@ލޮއްލަތު، ކަލޭމެން ކަހަލަ ސުންނަތާ ސަލަފުއްސާލިހީން އުޅުއްވި ގޮތްތަކަށް ޗެލެންޖު ކުރާ މީހުންނާ ހެދި ކަންކަން ގޯސްވަނީ. ގައިމު ކަޅުދިރި ތެލުން ކަންކަމަށް ފަރުވާ ކުރި ޒަމާނުގަ ބައިޕޯލާ އައި ކޮރޯނާ އަކައި އެހެން ފާޑުފާޑުގެ ބަލިތައް މިހާ އާންމެއް ނޫން. ދެންވެސް އިސްލާހުވެ ހުޅަނގުގެ ގޮތްތަކާ ދުރުވޭ އަވަހަށް.

The name is already taken The name is available. Register?

ކޮންމެސް

10 October 2021

މީ ހަމަ ވަރަށް ގިނަ ބަޔަކަށް ވަމުން ދާ ގޮތެއް ކަން ކަށަވަރު.

The name is already taken The name is available. Register?

ބަލީހާ

10 October 2021

ދިރިއުޅުމުގައި ކޮންމެ މީހަކު ކަނޑައްތު ކުރަންޖެހެނީ އެމީހަކަށް ހާއްސަ ހާލަތުތަކެއް! ބައެއް މީހުންނަށް މިކަންކަން ބޮޑު. އެހެނަސް ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް ފޯނު، ޝޯޝަލް މީޑިޔާ، އާއި ދުރުވެ، ކަސްރަތާއި، ފޮތް ކިޔުމާއި، ހިއްހެޔޮ މީހުންނާއި އެކު އުޅެން މަސައްކަތް ކުރަން ޖެހޭ! މަސައްކަތެއް ނުކޮށް އެހެން މީހުން ކުށްވެރިކޮށް އަމިއްލަ ނަފުސު ކުށްވެރި ކުރުމަކުން ފަރުވާއެއް ނުލިބޭނެ! ސޯޝަލް މީޑިޔާ، ނެޓްފުލިކްސް އާއި ދުރުވާންވީ!

The name is already taken The name is available. Register?

ެއެއިން

10 October 2021

ވަޓް ލޮޖިކް އިސް ދިސް

The name is already taken The name is available. Register?

ޢަލިބެއްޔާގެ ކަލޯ

10 October 2021

މަޢުލޫމާތާއި ޓެކްނޮލޮޖީގެ މިއޮށްފަދަ ޒަމާނުގައިވެސް ބަލީހާ މެން ކަހަލަ ކަނޑުކޮހުން ގިނަކަން ހުރިހާވެސް މައްސަލަޔަކީ. އޮވެލާ ފޮތްކިޔާފަ ކަސްރަތުކުރަން. ފޮތް ކިޔެވިފަ ތިހިރީ.

The name is already taken The name is available. Register?

އީސާފުޅު

10 October 2021

ހުރިހާ އެންމެނަކީ އެއްގޮތަކަށް އުފެދިފައި ތިބިބައެއްނޫން, ނަފްސާނީ އަދި ޖިސްމާނީކޮއް ވެސް. މިކަން ގަބޫލުކުރަންޖެހޭ. ޝޯޝަލް މީޑިޔާގެ ހެޔޮބޭނުންވެސް ހިފަންޖެހޭ. ފިލްމެއްބަލާލާ ހިއްހަމަ ޖައްސާލުންވެސް އޯކޭ؟ ބައެއމީހުންށް މަސައްކަތެއް ނުކުރެވޭނެ. އަމިއްލަ ނަފުސު ކުށްވެރި ކުރޭވެނީ ހަމަބުއްދިއަށް ކުރާ އަސަރުން. އެކަން ތަހައްމަލްކުރާމީހަކަށް އެކަމުގެވޭން އިގޭނީ. މެންޓަލް ހެލްތަކީ ކޯޗެއްކަން އިގެން އެބަޖެހޭ.

The name is already taken The name is available. Register?

އެއްބަހެއްނޫން

11 October 2021

ނެޓްފްލިކްސްއާ ދުރުވާކަށް ކޮންމެހެން ނުޖެހޭ. އަދި އެހެން ކަންކަންވެސް ކޮންޓްރޯލްކޮށްގެން ދިރިއުޅުމުގައި އެންމެ އިސްކަންދޭންވީ ކަންކަން އެނގިގެން ގެންދަން އެނގޭނަމަ އެއްކަމަކާވެސް ދުރުވާކަށްނުޖެހޭ. ގިނަގިނައިން ގުރުއާން ކިޔެވީމަ ދިިރިއުޅުމުގެ ހުރިހާ ކަމަކަށް ހައްލު ލިބޭ. މިލިއުމުގައި އެވާ ހުރިހާ ކަންކަން ތަޖުރިބާކުރިން. އެ ހުރިހާ ކަމަކަށް އެންމެ ރަގަޅު ފަރުވާއަކީ މާތްﷲއަށް ވަކީލުކުރުމާ ގުރުއާން ކިއެވުން. އެއިން ޝިފާލިބޭކަން އެއީ ދޮގެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454