ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާއި ހާއްސަކޮށް ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، ރައްކާތެރި އިޖުތިމާއީ މާހައުލެއް ބިނާކުރުމުގެ މަގުސަދުގައި ހާއްސަ މަރުކަޒެއް ހުޅުވައިފި އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން "މަނަސް ހަބް"ގެ ނަމުގައި ގާއިމުކުރި މަރުކަޒު ހުޅުއްވައި ދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އާއި ރާއްޖޭގައި ހުންނަވާ އޮސްޓްރޭލިއާގެ ސަފީރު ޑޭވިޑް ޖެސަޕް އެވެ.
ކައުންސިލުން ބުނި ގޮތުގައި މިއީ، މުޖުތަމައުގެ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ފުރާވަރު ކުދިންނަށާއި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި، ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމަނައިގެން ހާސިލްކުރި މުހިންމު ލަނޑުދަނޑިއެކެވެ.
މަނަސް ހަބަކީ އާންމު ކްލިނިކަލް ނުވަތަ ހޮސްޕިޓަލް މާހައުލަކާ ތަފާތުކޮށް، ނަފްސާނީ މައްސަލަތައް އިތުރަށް ގޯސްވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްގީކޮށްފައިވާ ހަބެކެވެ.
މި ހަބުގެ މޮޑެލް ބިނާވެފައިވަނީ ކައުންސިލުން ބުނި ގޮތުގައި ނަފްސާނީ އެހީތެރިކަމަކީ ހަމައެކަނި ހާލަތު ނުރައްކާވުމުން ހޯދާ ހިދުމަތަކަށް ނުހަދައި، ދުރާލައި ދުޅަހެޔޮކަން ދެމެހެއްޓުމަށް އަހައްމިއްޔަތުކަން ދިނުމުގެ މައްޗަށެވެ. މަނަސް ހަބުގެ މައިގަނޑު މަގުސަދަކީ ކޮންމެ ފަރުދަކަށް ވެސް ފަސޭހަކަމާ އެކު ވާސިލުވެވޭނެ އަމާން މާހައުލެއްގައި މައުލޫމާތު ހިއްސާކޮށް، ދުޅަހެޔޮ ދިރިއުޅުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއި އިތުރު ފަރުވާއަށް ބޭނުންވާ ހާލަތްތަކުގައި އެކަށީގެންވާ ފަންނީ އެހީތެރިކަމާއި ހިދުމަތްތަކާ ގުޅުވައިދިނުމެވެ.
މަނަސް ހަބް ގާއިމުކޮށްފައިވަނީ ކުޅުދުއްފުށީގެ ޒުވާނުންނާއި މުޅި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ގިނަ ދުވަސްތަކެއް ވަންދެން ކުރެވުނު ފުޅާ މަޝްވަރާތަކަށް ފަހުގަ އެވެ. މި ހިދުމަތް ފަރުމާކުރުމުގައި އޮސްޓްރޭލިއާގެ މަޝްހޫރު "ހެޑްސްޕޭސް" މޮޑެލްގެ އެހީތެރިކަން ވަނީ ހޯދައިފަ އެވެ. ފަންނީ މަޝްވަރާތައް ކުރިއަށް ގެންގޮސް، އެ މޮޑެލްގެ މުހިންމު އުސޫލުތައް ރާއްޖެއާއި ކުޅުދުއްފުށީގެ އިޖުތިމާއީ މާހައުލާ ގުޅޭގޮތަށް ބައްޓަންކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
"މި މަޝްރޫއުގެ ދުރު އަމާޒަކީ މަނަސްހަބު މެދުވެރިކޮށް މުޅި އުތުރުގެ ސަރަހައްދަށް ނަމޫނާ، އިޖުތިމާއީ ނަފްސާނީ ދުޅަހެޔޮކަމުގެ މޮޑެލެއް ބިނާކުރުން،" ކައުންސިލުން ބުންޏެވެ.
މި މަރުކަޒު ވާނީ މުޅި އުތުރުގެ ސަރަހައްދުގައި ވެސް އަދި ރާއްޖޭގައި ވެސް ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމުގައި ނަމޫނާ ހިދުމަތްތަކެއް ފޯރުކޮށްދޭ މައި މަރުކަޒަކަށް ކަމަށް ކައުންސިލުން ދެކެ އެވެ. މިއީ އިސްލާމީ ރިވެތި އަހުލާގުގެ މަތީގައި ދުޅަހެޔޮ، ފުދުންތެރި ރައްޔިތަކު ދިރިއުޅޭ އަމާން އަދި އުފާވެރި ސިޓީއެއް ބިނާކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގެންގުޅޭ ތަސައްވުރާއި އަމާޒު ހާސިލުކުރުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބުންޏެވެ.
މަނަސްހަބުން ލިބެން ހުންނާނެ މައިގަނޑު ޚިދުމަތްތައް:
މަރުހަލާ 1: ( 10 އޮކްޓޯބަރުން ޑިސެމްބަރުގެ ނިޔަލަށް)
- ސައިކޯއެޑިއުކޭޝަން އަދި ސެޝަންތައް: ސްޓްރެސް މެނޭޖް ކުރުމާއި ނަފްސާނީ ގޮންޖެހުންތަކުން އަރައިގަތުމުގެ ހުނަރުތަކާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަދި ނަފްސާނީ ސިއްހަތާ ގުޅުން ހުރި މުހިންމު އެކިއެކި މައުލޫއުތަކަށް އަމާޒުކޮށްގެން ހޭލުންތެރިކަމުގެ ސެޝަންތައް.
- ކެރިއާ ގައިޑެންސް އަދި ސްޓްރެސް މެނޭޖްމެންޓް: ސްޓްރެސް މެނޭޖްކުރުމާއި ނަފްސާނީ ހިތްވަރު (އިމޯޝަނަލް ރެޒިލިއަންސް) ވަރުގަދަކުރުމުގެ އިތުރުން ކުރިމަގުގައި ކެރިއާ ބިނާކުރުމަށް މަގުދައްކައިދިނުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށް ގެންދާ ސެޝަންތައް.
- ބޯޑް ގޭމްސް އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައް: އެކުވެރި މާހައުލެއްގައި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދޭ ތަފާތު ކުޅިވަރުތަކާއި ރެކްރިއޭޝަނަލް ހަރަކާތްތައް.
މަރުހަލާ 2: (ޑިސެމްބަރުގެ ފަހުން)
- ކްލިނިކަލް ސައިކޮލޮޖިސްޓްގެ ހިދުމަތް: އިނިޝިއަލް ސްކްރީނިން ކުރުމާއި އިތުރު ފަރުވާއަށް ބޭނުންވާ ހާލަތްތަކުގައި ރިފަރަލް ހަމަޖައްސައިދިނުން.
- ޑިޖިޓަލް މެންޓަލް ހެލްތު ސްކްރީނިން: މަރުކަޒަށް ޒިޔާރަތްކުރާ މީހުންނަށް، ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތު ފަސޭހަކަމާއެކު ދެނެގަނެ ވަޒަންކުރުމަށް ސްކްރީންކުރުން.
- ޕްރައިވެޓް ކޮންސަލްޓޭޝަން ރޫމް: މަނަސް ހަބްގެ ކްލިނިކަލް ސައިކޮލޮޖިސްޓުންނާއި ވޮލަންޓިއާ މާހިރުން އަދި ޕްރޮފެޝަނަލުންނާ އެކު ވާހަކަ ދައްކައި މަޝްވަރާކުރުމަށް ހާއްސަކޮށް ތަރައްގީ ކޮށްފައިވާ ކޮންސަލްޓޭޝަން ރޫމްގެ ހިދުމަތް.
- ވޮލަންޓިއާ ޕިއާ ސަޕޯޓް އެހީތެރިކަން: ހާއްސަ ތަމްރީނު ލިބިފައިވާ އެކި ދާއިރާ ތަކުގެ ޕްރޮފެޝަނަލް ވޮލަންޓިއަރުން މެދުވެރިކޮށް ޒުވާނުންނާއި ގުޅުވައިދިނުން.