ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓު އަޅަން ކުރީގެ ސަރުކާރުން ހަވާލުކޮށް އެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީ އެގްރިމެންޓު އުވާލިއިރު، އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން 59 މިލިއަން ރުފިޔާ އަނބުރާ ހޯދިފައި ނުވާ ކަމަށް، އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓު އޮފީހުން މިދިޔަ ހޯމަ ދުވަހު އާއްމުކުރި، ހައުސިން މިނިސްޓްރީގެ 2018-2023 އަހަރުގެ އޮޑިޓު ރިޕޯޓު ދައްކާ ގޮތުން، 400 ހައުސިން ޔުނިޓުގެ މަޝްރޫއުއަށް އެޑްވާންސްގެ ގޮތުގައި ކުރީގެ ސަރުކާރުން 65.99 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
އޭގެ ތެރެއިން 59 މިލިއަން ރުފިޔާ ނުވަތަ އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާގެ 90 ޕަސެންޓު އަނބުރާ ހޯދާފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. މިހާތަނަށް އަނބުރާ ލިބުނީ 6.7 މިލިއަން ރުފިޔާ އެވެ.
ކުޅުދުއްފުށީގައި ހައުސިން ޔުނިޓުތައް އަޅަން ޖުލައި، 2022 ގައި ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ވެންޗާ ކުންފުނި ކަމުގައިވާ ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާ އެވެ.
ދޮންބޭޒް ޕްރައިވެޓް ލިމިޓެޑަކީ ފުވައްމުލަކު އުތުރު ދާއިރާގެ އޭރުގެ މެމްބަރު މުހައްމަދު ރަޝީދުގެ ހިއްސާ އޮންނަ ކުންފުންޏެވެ.
އެ ކުންފުންޏަށް ހަވާލުކުރީ 439.9 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ނަމަވެސް، ހައުސިން ޔުނިޓުތަކުގެ ތަނބުތައް އެޅުމަށްފަހު ވެސް މަސައްކަތް ކުރިއަށް ނުދިއުމުން މިދިޔަ އަހަރު އެގްރިމެންޓު އުވާލައި، އެތަންތަން ނިންމަން އޮގަސްޓް، 2025 ގައި ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. އަދި އެ ކުންފުނިން ވަނީ ސަބް-ކޮންޓްރެކްޓަރެއްގެ ގޮތުގައި އެ ޕްރޮޖެކްޓު ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ.
އޮޑިޓުގައި ބުނީ ކޮންޓްރެކްޓު ބާތިލުކުރިއިރު ނިންމާފައިވަނީ މަޝްރޫއުގެ 18.74 ޕަސެންޓު މަސައްކަތް ކަމަށެވެ.
އޮޑިޓު އޮފީހުން ވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް އަނބުރާ ނުހޯދުމަކީ ގަވައިދާ ހިލާފު ކަމެއް ކަމަށް ވާތީ އެ މައްސަލަތަކުގައި އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅަން އެދިފަ އެވެ.
ކުޅުދުއްފުށީގައި އަޅަން އޭރު ހަވާލުކުރީ 1،000 އަކަފޫޓުގެ ހައުސިން ޔުނިޓުތަކެކެވެ. އެގާރަ ބުރިއަށް އިމާރާތްކުރަން ހަވާލުކުރި ހައުސިން ޔުނިޓުގެ ގްރައުންޑް ފްލޯ ބޭނުންކުރަން ނިންމީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީހުގެ ބޭނުމާއި ޕާކިން ޖާގަ އަށެވެ.