ކުޅުދުއްފުށީގެ ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލް ހިލޭ ކުރުމުގެ އަމާޒުގައި އިޔާދަކުރުވަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް ފަށަން އެ ސިޓީގެ ކައުންސިލުން ތައްޔާރުވެއްޖެ އެވެ. 

"ގޭދޮށު އިންޖީނު"ގެ ނަމުގައި ފަށާ މި މަޝްރޫއަކީ މިދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ތެރޭގައި އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ ކައުންސިލަށް ވާދަކުރި ކެންޑިޑޭޓުންގެ ވައުދެކެވެ. އެ މަޝްރޫއު ކުރިއަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭގައި އިއުލާން ކުރަން މިހާރު ވަނީ ނިންމައިފަ އެވެ. 

ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރަން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ކައުންސިލްގެ މަގުސަދަކީ މިހާރު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ދެގުނައަށް ކުޑަކުރުން ކަމަށެވެ.

"ފުރަތަމަ ދުވަހުން ފެށިގެން 4،000 ރުފިޔާ ދައްކާ ގެއެއްގެ ބިލު 2،000 ރުފިޔާއަށް ކުޑަކުރުން. އަދި ހަތަރު އަހަރު ފަހުން އެ ގޭތަކަށް ހިލޭ ކަރަންޓް ލިބޭނެ ގޮތް ހެދުން. އެގޮތަށް މިހާރު ފަރުމާކުރެވި މައުލޫމާތު ކަރުދާސް ނިންމާފައި ވާނެ،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ތެރެއިން ގެތަކުގައި ސޯލާ ހަރުކުރާނެ އެވެ. އަދި ގޭބިސީތަކުން އެކަމަށް ފައިސާ ދައްކަން ޖެހޭނީ އިންސްޓޯލްމަންޓަށް ބަހާލައިގެން ކަމަށް ވިދާޅުވި އެވެ. 

"އިޔާދަކުރަނިވި ހަކަތަ ގޭގޭގައި އެޅުން އެއީ ގެ އެކަނި ކަމުގައިވިޔަސް ވެދާނެ އެ އިންޖީނުގެ އަކީ ނުވަތަ ބްލޮކެއް ކަމަށް ވެސް ވެދާނެ. ހައިބްރިޑް ސިސްޓަމެއް ގާއިމްކުރާ ގޮތަށް ފަރުމާކޮށްފައި މިވަނީ،" އާތިފް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރުން: ހަކަތައިގެ ބޮޑު މަޝްރޫއުއެއް ފަށަން ވަނީ ތައްޔާރުވެފައި
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރުން: ހަކަތައިގެ ބޮޑު މަޝްރޫއުއެއް ފަށަން ވަނީ ތައްޔާރުވެފައި

އޭނާ ވިދާޅުވީ އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް ޓެންޑާއަށް ހުޅުވާލާނެ ކަމަށާއި އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މަޝްރޫއުގެ އިތުރު ތަފްސީލު ދެއްވަމުން ކައުންސިލް މެންބަރު ރިލްވާން މުހައްމަދު ވިދާޅުވީ މި މަޝްރޫއަކީ ހަގީގީ މަޝްރޫއަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އަމާޒަކީ ކުޅުދުއްފުށީގެ ކޮންމެ ގެއަކީ އަމިއްލައަށް ހަކަތަ އުފައްދާ މަރުކަޒަކަށް ހެދުން ކަމަށެވެ. 

"މި މަޝްރޫއާއެކު، ފުރަތަމަ ދުވަހުން ފެށިގެން ވެސް ގޭބިސީތަކުގެ ކަރަންޓު ބިލުން ދެބައިކުޅަ އެއްބައި ކުޑަވެގެންދާނެ. މާނައަކީ ކަރަންޓް ބިލަށް މިހާރު 3،000 ރުފިޔާ ހަރަދު ކުރާ ގެތަކުން 1،500 ރުފިޔާއަށް ތިރިކުރުން،" ރިލްވާން ވިދާޅުވި އެވެ.

މީގެ އިތުރުން، އިއާދަކުރެވޭ ހަކަތަ ބޭނުންކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް ފަހިވެގެންދާނެ ކަމަށާއި މިއީ މުޅިން 'އޮފް-ގްރިޑް' ނިޒާމަކަށް ފަރުމާކުރެވިފައިވާ މަޝްރޫއެއް ކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މި ނިޒާމުގައި ބެޓެރީ ހަރުކުރާނީ ކޮންމެ ގެއެއްގައި ވަކިންތޯ ނުވަތަ ބްލޮކް ލެވެލްގައިތޯ ބަލައި، އެންމެ ފައިދާހުރި ގޮތަކަށް މިކަން ކުރިއަށް ގެންދިއުމަށް ރާވަމުންދާ ކަމަށާއި މިއީ ތިމާވެއްޓާ ރައްޓެހި، އަދި ރައްޔިތުންގެ ޖީބަށް ލުއި ލިބޭނެ ދެމެހެއްޓެނިވި ބޮޑު ބަދަލެގެނުވާނެ ޕްރޮޖެކްޓެއް ކަމަށެވެ.

އެންމެފަހުގެ ބޯހިމެނުމުން ދައްކާ ގޮތުން ކުޅުދުއްފުށީގައި 1،700 އަށްވުރެ ގޭބިސީ ހުރެ އެވެ. ކަރަންޓަށް ބޮޑު ހޭދައެއް އެ ގޭބިސީތަކުން ކުރާއިރު އެ ރަށުން ފެނަކައަށް ބޮޑު އާމްދަނީއެއް ލިބެ އެވެ.