ކޮލަމްބޯ (އޮކްޓޯބަރު 17) - އިންޖީނުގެތަކުގެ ނެޓްވޯކް (ގްރިޑް) އަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ސްރީ ލަންކާއިން މިއަދު ހަ ގަޑިއިރަށް ކަރަންޓު ކެނޑިއްޖެ އެވެ.
އޮފިޝަލުން ބުނި ގޮތުގައި މި މައްސަލަ މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ، [އަވިން އުފައްދާ] ސޯލާ އެނާޖީ، ބޭނުންވާ ވަރަށްވުރެ އިތުރަށް އުފެއްދިގެންނެވެ.
ލަންކާގެ އެނާޖީ އޮތޯރިޓީން ބުނީ މިއަދު މެންދުރުން ފެށިގެން ކަރަންޓު ކެނޑިފައި އޮތުމަށްފަހު، އިރުއޮއްސުނުއިރު އަލުން ކަރަންޓު ދޭން ފެށީ އެކި ސަރަހައްދުތަކަށް ވަކިވަކިން ކަމަށެވެ. އާބާދީ 22 މިލިއަނަށް ވުރެ ބޮޑު ލަންކާއަށް އަލުން ފުރިހަމައަށް ކަރަންޓު ދެވުނީ ހަ ގަޑިއިރުގެ މަސައްކަތުންނެވެ.
އެ ގައުމުގެ އެނާޖީ މިނިސްޓަރު އަނޫރާ ކަރުނާތިލަކާ ވިދާޅުވީ، މައްސަލަ ދިމާވި ސަބަބު ކަށަވަރުކުރުމަށް އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިންޖީނޭރުން ލަފާކުރާ ގޮތުގައި މައްސަލަ އުފެދުނީ ބަންދު ދުވަހަކަށް ވުމުން ކަރަންޓު ބޭނުންކުރި މިންވަރު މަދުވެފައި، އެ ވަގުތު ސޯލާ ހަކަތަ އުފައްދާ ސިސްޓަމްތަކުން ގްރިޑަށް ދޫކުރި ކަރަންޓު ގިނަވެގެންނެވެ.
ގްރިޑް ހަމައަކަށް އަޅުވައި އަލުން ކަރަންޓު ދިނުމަށްޓަކައި، ގޭގޭގެ ފުރާޅުތަކުގައި ސޯލާ ހަރުކޮށްފައިވާ މީހުން ސިސްޓަމްތައް ނިއްވާލުމަށް ސަރުކާރުން އިލްތިމާސް ކުރި އެވެ.
މީގެ ކުރިން 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އާދީއްތަ ދުވަހެއްގައި ވެސް އަވިގަދަވުމުގެ ސަބަބުން ސޯލާ ކަރަންޓު ގިނަވެ، މުޅި ލަންކާއިން ކަރަންޓު ކެނޑުނެވެ. އެ ފަހަރުވެސް ކަރަންޓު އަލުން ދެވުނީ ހަ ގަޑިއިރަށްވުރެ ގިނަ އިރު މަސައްކަތްކޮށްގެންނެވެ.
ސްރީ ލަންކާގައި މިހާރު 3،000 މެގަވޮޓަށްވުރެ ގިނަ ސޯލާ ހަކަތަ އުފެއްދުމުގެ ގާބިލުކަން ހުރި އިރު، ދުވާލު ގަޑީގައި އެ ގައުމުގައި ބޭނުންކުރަނީ 2،000 އާއި 2،500 އާ ދެމެދުގެ މެގަވޮޓުގެ ކަރަންޓެވެ. ސަރުކާރުން ޓެކްސް އިނާޔަތްތައް ދީގެން އާންމުން ސޯލާއަށް އަހުލުވެރިކުރުވުމާ އެކު އިތުރުވާ ކަރަންޓު ގްރިޑަށް ވިއްކުމުގެ ފުރުސަތު ދިނުމުން، ކަރަންޓު ނެޓްވޯކް ބެލެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ. -- އޭއެފްޕީ