މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ނަހަމަ ގޮތުގައި ބޭނުންހިފާ ކަމުގެ ހެއްކެއް ނެތް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިޔަސް، އެއީ ހަގީގަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ އެކު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި މުންދު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ނުވަތަ އާރުޓީއައިގެ ބޭނުން ނަހަމަ ގޮތުގައި ބައެއް މީހުން ކުރާ ކަމަށް އޭނާ ވިދާޅުވަނީ ވަރަށް ރަނގަޅަށް ދިރާސާ ކުރައްވާފައި ކަމަށެވެ. 

އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދުގެ ހިޔާލަށް އިހުތިރާމް ކުރެއްވި ނަމަވެސް، އެ ބޭފުޅާއާ ހިޔާލު އެއްގޮތަށް ނޫން ކަމަށް އިސް ތަރުޖަމާން ވިދާޅުވި އެވެ. 

"ކޮމިޝަނާ ވިދާޅުވި ވާހަކަ އަށް އިހުތިރާމުކުރަން، އެއީ އެ ބޭފުޅާގެ ރައުޔު،" އޭނާ ވިދާޅުވި އެވެ. 

ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް

މުންދު ވިދާޅުވި ގޮތުގައި، ވަރަށް ގިނަ އާރުޓީއައި ހުށަހަޅަން ޖެހޭ އިދާރާ ނޫން އެހެން ތަންތަނަށް ހުށަހަޅަ އެވެ. އެއް މައުލޫމާތެއް ހޯދަން އެއް އިދާރާއަށް ވުރެ ގިނަ އިދާރާތަކަށް ފޮނުވާ މައްސަލަ ވެސް ބޮޑު ކަމަށާއި ކާކުކަން ނޭނގޭ ގޮތަށް ތަކުރާރުކޮށް ވެސް މައުލޫމާތު ހޯދަން ހުށަހަޅާ ކަމަށް ވިދާޅުވި އެވެ. އަދި ވަކި ނިޔަތެއް އޮވެގެން މައުލޫމާތު ހޯދަން ހުށަހަޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އެއް ވާހަކައެއް، އެކި އައިޑެންޓިޓީތަކުގައި ރިޕީޓެޑްކޮށް އެބަހުރި، 50 [ފަހަރު]، އެއް ދުވަހެއްގެ މަތިން އެއް ސުވާލެއް އެކި މީހުންގެ ނަމުގައި ކޮށްފައި. ދެން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ އެއީ އިއްތިފާގެއް ނޫން ކަން ދެއްތޯ،" މުންދު ވިދާޅުވި އެވެ. 

މުންދު ވަނީ އާރުޓީއައިގެ ބައެއް ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވައިފަ އެވެ. އެއީ؛

  • މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 288 އާރުޓީއައި ހުށަހަޅާފައިވޭ
  • 233 އާރުޓީއައިއަކަށް ވަނީ ޖަވާބު ދީފައި
  • މިވަގުތު ޖަވާބު ނުދެވި ހުރި 55 އާރުޓީއައިގެ ތެރޭގައި މައުލޫމާތު އެއްކުރަމުން އަންނަ އެއްޗިއްސާއިި ވަގުތުން ޖަވާބެއް ދޭން އުނދަގޫ އެއްޗެހި އެބަހުރި

"ހާރިޖީ ގުޅުންތަކާ ރާއްޖޭގެ، އެ އަށް ބުރޫއަރާ ގޮތަށް ހޯދަން އެދިފައި ހުންނަ މައުލޫމާތާއި ބައެއް މާލީ އެއްބަސްވުންތަކުގައި ހުންނަ ކޮންފިޑެންޝިއަލިޓީ ކްލޯޒްތަކާ ގުޅޭ މައުލޫމާތާއި އަޅުގަނޑުމެންގެ ގައުމީ ސަލަމަތާ ގުޅޭ މައުލޫމާތު ވެސް ހުންނާނެ ހިސާބަކަށް. އެހެންވީމަ ބައެއް އެއްޗިއްސަކީ ޖަވާބު ނޭރުވޭނެ އެއްޗެހި،" އޭނާ ވިދާޅުވި އެވެ. 

މުންދު ވިދާޅުވީ އާރުޓީއައި ގާނޫނަކީ ވެސް "އަޅުގަނޑުމެންގެ ސަރުކާރަކުން ހުށަހެޅި އެއްޗެއްކަން އަޅުގަނޑު ހަނދާން އެބަހުއްޓޭ،" ކަމަށެވެ. 

އެހެންވީމާ، ޖަވާބު ދެވެން ހުރި ކޮންމެ އާރުޓީއައިއަކަށް ވެސް ޖަވާބު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މީގައި ބައެއް ފަހަރު ބަލާލާއިރުގައި އައިޑެންޓިޓީ ވެސް ދިމާނުވޭ. އޭގެ މާނައަކީ ސައްހަ ނިޔަތުގައި، ސައްހަ ގޮތަށް ކުރައްވާ ޒިންމާދާރު ކަމާ އެކު ކުރައްވާ ސުވާލުތަކަށް އަޅުގަނޑުމެން ޖަވާބު އަރުވާނަމޭ،" މުންދު ވިދާޅުވި އެވެ. 

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މައުލޫމާތު ހޯދުމުގެ ނަމުގައި އެ ގާނޫނު "އެބިއުސް" ކުރަމުންދާ ކަމަށެވެ. ގިނަ އަދަދަކަށް އާރުޓީއައި ހުށަހެޅުމުން، އެ އާރުޓީއައިތަކަށް ޖަވާބު ދިނުމުގައި ދައުލަތުގެ އެކި އިދާރާތަކުން ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށް ވެެސް އޭނާ ވިދާޅުވި އެވެ.

އެ ވާހަކައަށް ރައްދު ދެއްވައި، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވީ  އާރުޓީއައި ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި އެއްވެސް ފަރާތަކުން ހިފާކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ. އާރުޓީއައި ގާނޫނުގައި ބަޔާންކޮށްފައި އޮތަސް، ދައުލަތުގެ އިދާރާތަކުން އިސްވެ މައުލޫމާތު ހާމަކުރުމުގެ ޒިންމާ ފުރިހަމަ އަދާ ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.