ޓިކްޓޮކާއި އިންސްޓަގްރާމް މެދުވެރިކޮށް ސަރުކާރުގެ އެންމެފަހުގެ ޚަބަރުތައް ފޯރުކޮށްދިނުމަށް ރަސްމީ އެކައުންޓްތަކެއް ހަދައި، "ޕްރެސާ ވިތު ދަ ސްޕޯކްސް"ގެ ނަމުގައި ސަރުކާރުގެ އާ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ނޫސްވެރިންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް މިއަދު ފަށައިފި އެވެ.
ދައުލަތުގެ މީޑިއާގެ ޕީއެސްއެމްގެ ސްޓޫޑިއޯގެ ސެޓަޕެއްގައި ކުރިއަށް ގެންދާ އެ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން މިއަދު މެންދުރުފަހު ވަނީ ބާއްވައިފަ އެވެ.
އެ ބައްދަލުވުމުގައި މުންދު ވިދާޅުވީ އޭނާ ހެޔޮ ހާލުގައި މާލޭގައި ހުންނެވިނަމަ، ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ނޫސްވެރިންނާ އެކު، އެ ބައްދަލުވުން ބާއްވާނެ ކަމަށެވެ.
"ތިބޭފުޅުން [ނޫސްވެރިން]ގެ މަސައްކަތްޕުޅަށް، ހާއްސަކޮށް ތިބޭފުޅުން ފައިލް ކުރައްވަމުން ގެންދަވާ ސްޓޯރީތަކަށް ސަރުކާރުގެ ރައުޔެއް ނޫނީ މައުލޫމާތެއް ނޫނިއްޔާ ސްޓެޓިސްޓިކެއް ވެސް ނޫނީ އަޅުގަނޑުގެ ސައުންޑް ބައިޓެއް ބޭނުންފުޅު ވިޔަސް، އަޅުގަނޑު މި އުއްމީދުކުރަނީ ތިބޭފުޅުން މަސައްކަތަށް މި ބައްދަލުވުން ވެގެން ދާނީ ފަސޭހައަކަށޭ،" އޭނާ ވިދާޅުވި އެވެ.
ކޮންމެ ބުރާސްފަތި ދުވަހަކު އެ ބައްދަލުވުން ކުރިއަށް ގެންދާނީ 55 މިނެޓްހާއިރު ވަންދެން ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ނޫސްވެރިންނާއި ސަރުކާރުން ކުރާ މަސައްކަތް ރައްޔިތުންނާ ހަމައަށް ވީހާ ވެސް ގާތުން ގެނެސްދިނުމުގެ މަގުސަދުގައި އިންސްޓަގްރާމާއި ޓިކްޓޮކްގައި ހަދާފައިވާ އޭނާގެ ރަސްމީ އެކައުންޓް "ދަ ފީޑް" މެދުވެރިކޮށް ސަރުކާރުގެ އެންމެފަހުގެ ޚަބަރުތައް ގެނެސްދޭނެ ކަމަށެވެ.
"އެއީ އަޅުގަނޑުގެ ރަސްމީ އިންސްޓަގްރާމާއި ރަސްމީ ޓިކްޓޮކް ހޭންޑަލް ކަމަށް ވިދާޅުވިޔަސް މައްސަލައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އޫއޭއީއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގައި ކުރިން ހުންނެވި މުންދު ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް އައްޔަން ކުރެއްވީ މި މަހު 15 ވަނަ ދުވަހު އެވެ. އޭގެކުރިން މުންދު ވަނީ ރައީސް އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްމަންގެ މަގާމު 2005 ވަނަ އަހަރުން ފެށިގެން ފެށިގެން 2007 ވަނަ އަހަރަސް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕާސަންކަމުގެ މަގާމު 2008 ވަނަ އަހަރާ ހަމައަށް ފުރުއްވައިފަ އެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެއްދި ދުވަސްވަރު އެ މަސައްކަތުގައި ވެސް މުހިންމު ދައުރެއް އޭނާ އަދާކުރެއްވި އެވެ.
މުންދު ފަހުން ވަނީ ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.