ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތަކަށް ވަނުން މަނާކޮށްފައިވާ "އަދަދު" ނޫހުގެ ނޫސްވެރިޔަކު ރައީސް އޮފީހުގެ އިސްތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު)ގެ މިއަދުގެ "ޕްރެސާ ވިތު ދަ ސްޕޮކްސް"އަށް ދިއުމުން އެ ބައްދަލުވުން ކެންސަލް ކޮށްފި އެވެ. 

ޕްރެސް ކޮންފަރެންސް ކެންސަލް ކުރުމަށް ފަހު ފޮނުއްވި ވީޑިއޯ މެސެޖެއްގައި މުންދު ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ސްޓޫޑިއޯގައި ތަރުޖަމާނާ އެކު ބާއްވާ ސިލްސިލާ ފްރެސް ކޮންފަރެންސްތަކަކީ ވެސް ރައީސް އޮފީހުން ގެޒެޓުކޮށްފައިވާ އުސޫލުގެ ދަށުން އުފައްދާފައިވާ ހާއްސަ ގްރޫޕްގައި ހިމެނޭ މީޑިއާތަކަށް ދައުވަތު ދީގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކެއް ކަމަށެވެ. 

މިއަދުގެ ބައްދަލުވުން ބާއްވަން ތާވަލުކުރީ ހަވީރު 4:00 ގައި ޕީއެސްއެމްގެ ސްޓޫޑިއޯއެއްގަ އެވެ. 

ނަމަވެސް، "އަދަދު" ނޫހުން މީގެ ދެތިން މަސްދުވަސް ކުރިން ރައީސް އޮފީހުގައި "ޣައިރު ގާނޫނީ އަމަލުތަކެއް" ހިންގުމާ ގުޅިގެން އަދި އެ ނޫހާ ދެކޮޅަށް ޖިނައީ މައްސަލަތަކެއް ކުރިއަށް ގެންދާތީ، ރައީސް އޮފީހުގެ މީޑިއާ ގްރޫޕުން އެ ނޫސް އުނިކޮށްފައިވާ ކަމަށް މުންދު ވިދާޅުވި އެވެ. 

މުންދު ވިދާޅުވި ގޮތުގައި މިއަދުގެ ޕްރެސް ކޮންފަރެންސް ވެސް ބާއްވަން ތައްޔާރުވީ ރައީސް އޮފީހުގެ މީޑިއާ ގްރޫޕްގައި ހިމެނޭ މީޑިއާތަކަށް ދައުވަތު ދީގެންނެވެ. 

ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިވުމަށް ނަން ނޯޓުކުރަން މެސެޖުކުރަން ޖެހޭ ނަންބަރަށް "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރުގެ ނަން މިއަދު ފޮނުވާފައި އޮތް ކަމަށާއި ނަމަވެސް، ރައީސް އޮފީހުން އެ މެސެޖަށް ޖަވާބު ދީފައި ނުވާނެ ކަމަށް މުންދު ވިދާޅުވި އެވެ. 

"... ޕީއެސްއެމްގައި މި ނިއުސް ކޮންފަރެންސްގެ ވަގުތާ ކައިރިވެފައި އޮއްވާ ލީވާން އެތާ ތެރެއަށް ވަދެ، އެތާ ތެރޭގައި އިށީނދެ، އެތަނުން ތެދުވެގެން ނުދާން... އޭނާ އެތަނުން ނުކުންނަން ބޭނުން ނުވާތީވެ، ޕްރެސް ކޮންފަރެންސް މި ދަނީ ލަސްވަމުން،" މުންދު ވިދާޅުވި އެވެ. 

މުންދު ވިދާޅުވީ އެ ފްރެސް ކޮންފަރެންސް ބޭއްވުމަށް ލީވާން "ހުރަސްއަޅަމުން ދާތީވެ" އަދި ލައިވްގެ ވަގުތު ވެސް ގެއްލޭތީ އެ ބައްދަލުވުން މިއަދު ނުބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމެއް ފަހުން ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް އެ ނޫހުގެ ނޫސްވެރިން ވަނުން މަނާކުރީ މިދިޔަ މެއި މަހު އެވެ. އެއީ، ޑޮކިއުމެންޓްރީގެ ވާހަކަ ނުދައްކަން އަމުރުކޮށްފައި އޮއްވައި އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އެ ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެެއްގައި ސުވާލުކުރުމުންނެވެ. 

އަދަދުގެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރު ނެރުނީ އެ މައްސަލާގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒްފުގެ ދައުވާ އުފުލާފައި ވާތީ، ދައުލަތުން އެފަދަ އަމުރަކަށް އެދުމުންނެވެ.

ރައީސް އޮފީހުން ކުރިން ބުނެފައި ވަނީ ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ އިތުރުން ރައީސްގެ އޮފީހަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި ރައީސް އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް "އަދަދު" ނޫހާއި އެ ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް ނުވަދެވޭނެ ކަމަށެވެ.