ރައީސް އޮފީހުން ނީލަމުގައި ވިއްކާލި މޭޒަކީ ކުރީގެ ފަސް ރައީސުން ބޭނުންކުރެެއްވި ތާރީޚީ މޭޒުކޮޅެއް ކަމަށް ބުނެ ދައުރުކުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

އެ މޭޒާ ގުޅުވައި މީޑިއާގައި ދެއްކެވޭ ވާހަކަތަކާ ބެހޭ ގޮތުން މުންދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް އޮފީހުން ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ ކުރީގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއް ނޫން ކަމަށެވެ. 

އެ ފޮޓޯގައިވާ މޭޒު ނީލަމަށް ލާންޖެހުނީ ކަތުރުފަނިއަޅައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުގެ ސަބަބުން ދައުލަތުގެ މިފަދަ މުދާ ނީލަމަށް ލުމަށް އޮންނަ އުސޫލުތަކާއި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ރައީސް އޮފީހުން އެގޮތަށް ނީލަމަށްލާ ކޮންމެ ފަރުނީޗަރެއް ވެސް ނީލަމަށް ލަނީ ދައުލަތުގެ ނިޝާން ހަރުކޮށްފައިވާ ނަމަ އެ ނިޝާން ނައްޓާލުމަށް ފަހުގައި ކަމަށެވެ. 

"ނަމަވެސް، ޚަބަރުތަކާއި ފޮޓޯތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން އެ ވަނީ ބަދަލުތަކެއް ގެނެސް، ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތް ކޮށްފަ އެވެ،" މުންދުގެ ބަޔާނުގައި ވިދާޅުވި އެވެ. 

މުންދު ވިދާޅުވީ މިފަަދަ ޚަބަރުތައް މީޑިއާގައި ޝާއިއުކުރުމުގެ ކުރިން ސީދާ ކަމާބެހޭ ރަސްމީ އިދާރާތަކުން އެކަމުގެ ސައްހަ މައުލޫމާތު ހޯދުމަށާއި ރަސްމީ ގޮތުން ކަށަވަރު ނުކޮށް ހަގީގަތާ ހިލާފަށް އަދި އާންމުންނަށް އޮޅޭ ގޮތަށް މައުލޫމާތު އާންމު ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. 

ރައީސް އޮފީހުން މިދިޔަ މަހު ބޭއްވި ނީލަމުގައި އެ މޭޒު ގަތް މީހާ ބައެއް މީޑިއާތަކަށް ބުނެފައިވާ ގޮތުގައި، އެއީ ކުރީގެ ފަސް ރައީސަކު ބޭނުންކުރެއްވި މޭޒެކެވެ. އަދި ރައީސް އޮފީހުން އެގޮތަށް އޭނާއަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް އެ މީހާ ބުނެފައިވެ އެވެ. އަދި ނީލަމުގައި އެ މޭޒު ގަތީ 12،500ރ. އަށް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ރައީސް އޮފީހުން ގެޒެޓްކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ މަހު ބޭއްވި ނީލަމުގައި އެ އޮފީހުގައި ހުރި ހަތަރު "އެގްޒެކެޓިވް" މޭޒެއް ނީލަން ކިޔާފައި ވެ އެވެ. އޭގެ ތެރޭގައި 24 އަހަރުވީ ތިން މޭޒަކާއި 15 އަހަރުވީ މޭޒެއް ހިމެނެ އެވެ.

އޭގެ ތެރެއިން ދެ މޭޒެއްގެ އަސްލު އަގު 10،500ރ. އަށް އަރާއިރު ނީލަން ފެށީ 1،050ރ. އަށެވެ. ތިންވަނަ މޭޒުގެ އަސްލު އަގު 3،600 އަށް އަރާއިރު އޭގެ ނީލަން ފެށީ 360ރ. އަށެވެ. އަދި ހަތަރުވަނަ މޭޒުގެ އަސްލު އަގު 3،200ރ. އަށް އަރާއިރު، އޭގެ ނީލަން ފެށީ 320ރ. އަށެވެ.