"އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިގެން ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. 

ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރެއްވި ފަހުން ނޫސްވެރިންނާ އެކު މުންދު މިއަދު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކާ ގުޅިގެން ވިދާޅުވީ "އަދަދު" ނޫހުގެ ޑޮކިއުމެންޓްރީއާ ގުޅޭ ފުލުހުންގެ ތަހުގީގަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގައިވައިގެން ކުރާ ތަހުގީގެއް ނޫން ކަމަށެވެ. އަދި އެކަން ތަހުގީގުކޮށްދޭން ސަރުކާރުން ވެސް އެދިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ، 

"މިހާރު ހިނގަމުންދާ އިންވެސްޓިގޭޝަނަކީ، އެކެއް، ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކުރި ކަމެއް ނޫނޭ، ނޫން، ފޯ ރެކޯޑް މި ދަންނަވަނީ. ދޭއް، ސަރުކާރުން އަންގައިގެން ކުރި ކަމެއް ނޫނޭ. ދެ އިންވެސްޓިގޭޝަނެއް، ދެ މައްސަލައެއް އެބަ ބަލާ "އަދަދު" ނޫހުގެ،" މުންދު ވިދާޅުވި އެވެ. 

އެނގިފައިވާ ގޮތުގައި އެ މައްސަލަ ބަލަން ޕީޖީން އެންގީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ހިމަނައިގެން އަދަދު އޮންލައިނުން ހެދި "އައިޝާ" ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒަށް ގަޒްފުގެ ތުހުމަތު ކޮށްފައިވާ ކަމަށް ފުލުސް އޮފީހުން އެ ނޫހުގެ އިސްވެރިންނަށް ފޮނުވި ޗިޓުގައިވެ އެވެ. އެ މައްސަލާގައި އަދަދުގެ އޮފީހަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަދެ ގިނަ އަދަދެއްގެ ތަކެތި ވަނީ ގެންގޮސްފަ އެވެ.

އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް އިއްޔެ ހާޒިރުކޮށް ވަނީ ބަޔާން ނަގައިފަ އެވެ.

ރައީސް އޮފީހުގެ އާ ތަރުޖަމާނު މުންދު ނޫސްވެރިންނާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ އާ ތަރުޖަމާނު މުންދު ނޫސްވެރިންނާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް

މުންދު ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި އެހެނިހެން ހައްގުތަކަކީ ވެސް އިސްލާމްދީނުގެ ހުދޫދުތަކުން ބޭރު ނުވާހާ ހިނދަކު ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކެއް ކަމަށެވެ. އަދި ނޫސްވެރިންގެ އަމަލުތައް ވެސް ބަހައްޓަން ވާނީ އެ ހުދޫދުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެ އިންފާރު ހުރަސް ކުރެވިފައޭ މިއޮތީ، އެއީ އެ ކުރާ އިންވެސްޓިގޭޝަނަކީ،" އޭނާ ވިދާޅުވި އެވެ. 

މުންދު ވިދާޅުވީ "އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަނުމުގެ ކުރިން ވެސް އެ މައްސަލާގައި އެ ނޫހާއި ލިޔެކިޔުމުން އިދާރާތަކުން މުއާމަލާތް ކޮށްފައިވާ ކަމަށެވެ. 

"ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ އޮތީ، ފުލުހުންނަށް މިވެނި ކަހަލަ ކުށެއް ހިނގާފައި އޮތްތޯ، ކްރިމިނަލް ކުށެއް ހިނގާފައި އޮތްތޯ، ސީރިއަސް އެލިގޭޝަނެއް އެއީ އިނގޭތޯ. އެލިގޭޝަނެއް އެކަންޏެއް ނޫން އިނގޭތޯ، ސަބްސެންޓިއޭޓް ނުކުރެވޭނަމަ [ހެކި ނުދެއްކޭ ނަމަ] އެއީ ކުށެއް،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވި ގޮތުގައި އެ މައްސަލަ ތަހުގީގުކޮށްދޭން ޕީޖީގައި އެދެން ވެސް ރައީސަށް ޖެހިވަޑައި ނުގެންނެވި އެވެ.

"މި ސްޕެސިފިކް ކޭސްގައި އެދިވަޑައިގަންނަވާކަށް ނުޖެހުނޭ. ކީއްވެ؟ މި ދެންނެވިހެން އޮތީ ޕްރޮސިކިއުޓާ ޖެނެރަލުން އިސްނަންގަވައިގެން ފުލުހުންނަށް ލިޔުމުން ފޮނުއްވައި، މަތިކުރައްވާފައި އޭރު ވެސް އެކަން ތަހުގީގުކޮށް ދެއްވާށޭ، އެ އޮތީ ސުވާލުގެ ޖަވާބު،" އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ އާ ތަރުޖަމާނު މުންދު ނޫސްވެރިންނާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ އާ ތަރުޖަމާނު މުންދު ނޫސްވެރިންނާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް

އެ މައްސަލާގައި ހަސަން އާއި ފިޔާޒްގެ އިތުރުން އެ ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިން ކަމަށް ތުހުމަތުކުރާ އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާކޮށްފައިވެ އެވެ.

ޑޮކިއުމެންޓްރީގެ މައްސަލާގައި "އަދަދު"ގެ އޮފީހަށް ފުލުހުން ބައެއް ތަކެތި ގެންގޮސް، އެ ނޫހުގެ ބައެއް މުވައްޒަފުން ރާއްޖެއިން ފުރުން މަނާކޮށްފައިވާތީ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އާއި ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. 

އެކަމާ ގުޅިގެން މުންދު މިއަދު ވިދާޅުވީ އެ މައްސަލާގައި އިނގިރޭސި ސަފީރަށް މިހާރު ސަރުކާރުން ޖަވާބު ދީފައިވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ ހައްގުތަކަށް ވަކާލާތުކުރާ ބޭރުގެ އެޖެންސީތަކަށް ސަރުކާރުން ޖަވާބުދާރީވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.