ނިއުޔޯކްގެ މޭޔަރުގެ އޮފީހުގެ ދަށުން ހިންގާ މޭޔާސް އޮފީސް އޮފް މީޑިއާ އެންޑް އެންޓަޓައިމަންޓް (މޯމް) ގެ 50 ވަނަ އަހަރީ ދުވަހާ ދިމާކޮށް ހިންގާ ޕްރޮގްރާމްތަކުގެ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި ފަންނާނުންގެ ތެރޭގައި، އޮސްކާ ހޯދާފައިވާ މަޝްހޫރު އެކްޓަރު ރޮބަޓް ޑެ ނީރޯ އާއި މަޝްހޫރު ލަވަ ކިއުންތެރިޔާ ލޭޑީ ގާގާ ހިމެނިއްޖެ އެވެ.

މޯމް އިން ވަނީ އެ ދެ މީހުންނާ އެކު ޖުމްލަ ފަސް ފަންނާނަކު އެމްބެސަޑަރުންގެ ގޮތުގައި ހަމަޖައްސައިފަ އެވެ.

އެމްބެސެޑަރުންގެ ތެރޭގައި ދެން ހިމެނެނީ ލަވަ ކިއުންތެރިޔާ އެލީޝިއާ ކީސް، އެކްޓަރު ޖޯން ލެގިޒަމޯ އަދި ޕްރޮޑިއުސަރު ޖޭން ރޮސެންތަލް އެވެ.

މި ފަސް މީހުން މޯމްގެ ބްރޭންޑް އެމްބެސަޑަރުންނަށް ހަމަޖެއްސިކަން ރަސްމީކޮށް އިއްޔެ އިއުލާންކޮށް ދެއްވީ ނިއުޔޯކްގެ ކްއީންސް މިއުޒިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މޭޔަރު ބިލް ޑެ ބްލާސިއޯ އެވެ.

ފަންނާނުންނާއި އެންޓަޓައިމަންޓް އިންޑަސްޓްރީ ކުރިއަރުވަން މަސައްކަތް ކުރާ މޯމްގެ 50 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ވަރަށް ގިނަ ހަރަކާތްތަކެއް ހިންގަން ވަނީ ރާވައިފަ އެވެ.

މޯމް އަށް އެމްބެސެޑަރުން ހަމަޖައްސަން ބޭއްވި ހަފުލާގައި މޭޔަރު ވާހަކަ ދައްކަވަނީ.
މޯމް އަށް އެމްބެސެޑަރުން ހަމަޖައްސަން ބޭއްވި ހަފުލާގައި މޭޔަރު ވާހަކަ ދައްކަވަނީ.

"އަހަރެން އުންމީދު ކުރަން ފަސް ބްރޭންޑް އެމްބެސަޑަރުންނާ އެކު އަހަރެމެން ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލްވާނެ ކަމަށް. މޯމް އަށް ފަންސާސް އަހަރު ފުރުން ފާހަގަ ކުރާ އިރު، ކުރިއަށް އޮތީ ވަރަށް އުޖާލާ ދުވަސްތަކެއް ކަމަށް އަހަރެން ގަބޫލް ކުރަނީ،" މޭޔަރު ވިދާޅުވި އެވެ.

މޯމްގެ އެމްބެސެޑަރުން އިއުލާން ކުރަން ބޭއްވި ހަފުލާފައި ޑެ ނީރޯ ވާހަކަ ދައްކަނީ.
މޯމްގެ އެމްބެސެޑަރުން އިއުލާން ކުރަން ބޭއްވި ހަފުލާފައި ޑެ ނީރޯ ވާހަކަ ދައްކަނީ.

ޑެ ނީރޯ ބުނީ އޭނާ އުޅެ ބޮޑުވީ ނިއުޔޯކްގައި ކަމަށާއި އެ ސިޓީގެ ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތްކޮށްދޭން އަބަދު ވެސް ހުންނާނީ ތައްޔާރަށް ކަމަށެވެ.

"މިފަދަ ފުރުސަތެއް ދިން ކަމަށްޓަކައި މޭޔަރާއި މޭޔަރުގެ އޮފީހަށް ޝުކުރު ދަންނަވަން،" ގުޑްފެލާސް، ގޯޑްފާދާ އާއި ސިލްވަ ލައިނިންސް ޕްލޭބުކް ފަދަ ފިލްމްތައް ކުޅެފައިވާ 72 އަހަރުގެ އެކްޓަރު ބުންޏެވެ.