ލަންޑަން (ޖޫން 5) – އިންޓަ މިލާނުގެ އާ ކޯޗަކަށް ރޯމާ އަށް މިދިޔަ ސީޒަނުގައި އިރުޝާދުދިން ލޫސިއާނޯ ސްޕެލެއްޓީ އަންނަ ހަފުތާގެ ތެރޭގައި އައްޔަންކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ފްލޮރެންސްގައި ބޭއްވި ބައްދަލުވުމެއްގައި އިންޓަ އާއި ސްޕެލެއްޓީ ދެ އަހަރުގެ އެއްބަސްވުމެއް ހަދަން އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށާއި އަންނަ ހަފުތާގައި ކޮންޓްރެކްޓުގައި ސޮއިކުރާނެ ކަމަށް ބީބީސީން ބުނެ އެވެ.
އާ ކޯޗެއް ހޯދަން އިންޓަ އިން ކުރަމުން އައި މަސައްކަތުގައި ޗެލްސީގެ އެންޓޯނިއޯ ކޮންޓޭ އާއި އެތުލެޓިކޯ މެޑްރިޑުގެ ޑިއޭގޯ ސިމިއޯނީ އަދި ޓޮޓެންހަމް ހޮޓްސްޕާސްގެ މައުރީސިއޯ ޕޮޗެޓީނޯ އަށް ވެސް ޝައުގުވެރިވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އުމުރުން 58 އަހަރުގެ ސްޕެލެއްޓީ ވަނީ މި ސީޒަނުގެ އިޓާލިއަން ލީގުގެ ދެ ވަނަ މަގާމް ރޯމާ އަށް ހޯދައިދީފަ އެވެ. ރޯމާ އަށް 2005 އިން 2009 އަށް ކޯޗުކޮށްދިނުމަށް ފަހު ރަޝިއާގެ ޒެނިތަށް ފަސް އަހަރު ކޯޗުކޮށްދިން ސްޕެލެއްޓީ އެނބުރި ރޯމާ އަށް ދިޔައީ މިދިޔަ އަހަރެވެ. އޭނާ ވަނީ ރޯމާ އަށް އިޓާލިއަން ކަޕް ދެ ފަހަރު އަދި ޒެނިތަށް ރަޝިއާ ލީގު ދެ ފަހަރު ރަޝިއަން ކަޕް އެއް ފަހަރު ހޯދައިދީފަ އެވެ.
މަޝްހޫރު ކުޅުންތެރިންނާ އެކު އިންޓަ އިން މިދިޔަ ސީޒަން ފެށީ ނެދަލެންޑްސްގެ ފްރޭންކް ޑި ބޮއާއާ އެކު އެވެ. އޭނާއާ އެކު އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުމުން ދެން ހަވާލުކުރީ ސްޓެފާނޯ ޕިއޯލީއާ އެވެ. އެކަމަކު ލީގު ނިމެން ބާކީ ތިން މެޗު އޮއްވާ އޭނާ ވަކިކޮށް ޔޫތު ޓީމުގެ ކޯޗާ ވަގުތީ ގޮތުން ޓީމު ހަވާލުކުރި އެވެ. އިޓާލިއަން ލީގުގެ ހަތް ވަނައިގައި ނިންމާލި ޓީމަށް އަންނަ ސީޒަނުގައި ޔޫރަޕުން ފުރުސަތެއް ނެތެވެ.