ކެޕްޓަން ލައުޓާރޯ މާޓިނޭޒްގެ ދެ ގޯލާ އެކު އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނުން ފަހަތުން އަރައި ރޯމާއާ 2-2 އިން އެއްވަރުކޮށްފި އެވެ.
ފުރަތަމަ ހަތަރު މެޗުން މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާ އެކު މި މެޗާ ކުރިމަތިލި މި ދެ ޓީމަކީ މި ސީޒަނުގައި ލީގު ޗެމްޕިއަންކަމަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވޭ ދެ ޓީމެވެ. ރޭގެ ނަތީޖާ އެކު ރޯމާ އާއި އިންޓަ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. އެކަމަކު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ރޯމާ އެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގެ ކުޅުނު މެޗުގެ ފުރަތަމަ ހާފު އެއްކޮށް ޑޮމިނޭޓްކުރީ ރޯމާ އެވެ. އެގޮތުން ހަ ވަނަ މިނެޓުގައި ފްރާންސް މިޑްފީލްޑަރު މާނޫ ކޯނޭ އެ ޓީމަށް ކުރި ހޯދައިދިނެވެ. އޭގެ ފަހުން އިންޓަ އިން ކޮންމެވެސް ވަރަކަށް ނުރައްކާކުރި ނަމަވެސް 37 ވަނަ މިނެޓުގައި ކޯނޭ ވަނީ ދެ ވަނަ ގޯލު ޖަހައި ރޯމާގެ ލީޑު ފުޅާކޮށްދީފަ އެވެ.
އެކަމަކު ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި މާޓިނޭޒް ވަނީ ކައުންޓާގައި އޭނާ އުފެއްދި ހަމަލާއެއްގައި ގޯލު ޖަހައި އިންޓަ އަށް ދިރުމެއް ގެނެސްދީފަ އެވެ. އިންޓަ އަށް ނަތީޖާ ހަމަހަމަވި ގޯލް މާޓިނޭޒް ޖެހީ 79 ވަނަ މިނެޓުގަ އެވެ.
ރޯމާގެ ކޯޗު ޖިއަންޕިއޭރޯ ގަސްޕެރިނީ ބުނީ އޭނާގެ ޓީމުން ޗެމްޕިއަން އިންޓައާ އެއް ފެންވަރަކަށް ކުޅުނު ކަމަށާއި އެހެންވެ އެއްވަރުވިޔަސް މިއީ ކުރިއަށްދާން ލިބުނު ހިތްވަރެއް ކަމަށެވެ.
އިންޓަ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް އެ ޓީމު ކޮޅަށް ފުރަތަމަ ހާފުގައި ވަނީ ދެ ގޯލު ވަދެފަ އެވެ. އޭގެ ތެރެއިން ނަޕޯލީ އަތުން ފަހަތުން އަރައި 3-2 އިން މޮޅުވި އެވެ. ރެއާލް މެޑްރިޑް އަތުން 2-1 އިން ބަލިވިއިރު، ދެން އައި އުދިނޭޒީ މެޗުން ފަހަތުން އަރައި 5-3 އިން މޮޅުވީ އެވެ.
ލީގުގައި ރޭ ޖެނާރޫ ގަޓޫސޯގެ ލާޒިއޯ އިން ވަނީ ވެނޭޒިއާ އަތުން 2-0 އިން މޮޅުވެ 13 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނަ އަށް އަރައިފަ އެވެ. ފުރަތަމަ ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައިވާ ލާޒިއޯ އިން މިހާތަނަށް ލީގުގައި މިއަށް ވުރެ ރަނގަޅު ފެށުމެއް ނުހޯދަ އެވެ