ދުނިޔޭގެ ފުޓްބޯޅަ ދުވަސް ފާހަގަ ކުރަން، ރަޝިޔާގައި ބޭއްވި ހަރަކާތެއްގައި ބައިވެރިވުމުން އިޓަލީގެ ދެ ލެޖެންޑުން ކަމަށްވާ އަންޑްރެއާ ޕިރްލޯ އާއި މާކޯ މަޓެރާޒީ އަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ފާހަގަ ކުރި ފުޓްބޯޅައިގެ ދުވަސް ފާހަގަ ކުރުމަށާއި ރަޝިޔާ ކަޕްގެ ސުޕަ ފައިނަލު ބަލާލުމަށް އެ ދެ ކުޅުންތެރިން ވަނީ މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމަށް ގޮސްފަ އެވެ. ސްޕާޓަކް މޮސްކޯ އާއި އެފްސީ ކްރަސަނޮޑޯރު ކުޅުނު އެ މެޗުގައި އެ ދެ ކްލަބްގެ ސަޕޯޓަރުންގެ ޖޯޒީގައި ސޮއިކޮށް، އޮޓޯގްރާފް ވެސް ޕިރްލޯ އާއި މަޓެރާޒީ ހިއްސާ ކުރި އެވެ.
އެ ހަރަކާތުގައި ކުރީގެ އެ ދެ ކުޅުންތެރިން ބައިވެރިވި ދުވަހަކީ، ރަޝިޔާއިން ޔޫކްރޭންގެ ކިއޭވަށް އަމާޒުކޮށް އެންމެ ގިނަ މިސައިލް ހަމަލާ ދިން ދުވަހެވެ. ޕިރްލޯ އާއި މަޓެރާޒީ އަށް ފާޑުކިޔުން އަމާޒުވީ ވެސް، އެ ހަމަލާތަކަށް ފަހު ވެސް އެކަމަށް ސަމާލުކަން ނުދީ ރަޝިޔާގެ ފުޓްބޯޅަ ޔޫނިއަނުން އިންތިޒާމު ކުރި ހަރަކާތުގައި ބައިވެރިވުމުންނެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގެ ކްލަބް، ޔުނައިޓެޑް އެފްސީގެ ކޯޗުކަން ކުރާ ޕިރްލޯ އާއި ރަޝިޔާގެ ގައުމީ ޓީމުގެ ފޯވާޑް އާޓެމް ޒޫބާ އެކުގައި ނަގާފައިވާ ފޮޓޯއެއް ވެސް އިޓަލީގެ ބައެއް މީޑިއާތަކުގައި ދައުރުވި އެވެ.
ޕިރްލޯ އާއި މަޓެރާޒީ އަށް ފާޑުކިޔަމުން އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހުގައި އެ ދެ ލެޖެންޑުން ސިފަކޮށްފައި ވަނީ "އިންސާނީ ހަމަތަށް ބަނގުރޫޓުވެފައިވާ ބައެއް" ކަމަށް ފާޑުކިޔާ މީހުން ބުނެފައިވާ ކަމަށެވެ.
އެ ގޮތަށް ސިފަ ކުރީ ޔޫކްރެއިންގެ ސްކެލެޓަން (ގަނޑުފެންމަތީގައި ކަހާލާފައިދާ ރޭސް ކުޅިވަރެއް) އެތުލީޓު ވްލަޑިސްލާވް ހެރަސްކެވިޗް އެވެ. އޭނާ ވަނީ ހަރުކަށި ރާގެއްގައި ޕިރްލޯ އާއި މަޓެރާޒީ އަށް ފާޑުކިޔައިފަ އެވެ.
"މިއަދު މިއީ ރަޝިޔާއިން (ޔޫކްރޭނަށް) ދިން އެންމެ ބޮޑު އެއް ހަމަލާ. މި ހަމަލާގައި 600 ޑްރޯނާއި 90 މިސައިލް ޔޫކްރެއިނާ ދިމާލަށް ފޮނުވާލާފައިވެ،" އެކްސްގައި ހެރަސްކެވިޗް ލިޔުނެވެ.
"އަދި ހަމަ މިއަދު އިޓަލީގެ ފުޓްބޯޅަ ލެޖެންޑް އެންޑްރެއާ ޕިރްލޯ މޮސްކޯއިން ފެނިފައި ވަނީ، ކްރެމްލިންގެ (ރަޝިއާ ސަރުކާރުގެ) ސިޔާސަތުތަކަށާއި ޔޫކްރެއިންގެ ރައްޔިތުން މެރުމަށް ފާޅުގައި ތާއީދުކުރާ ރަޝިއާގެ ފުޓްބޯޅަ ކުޅުންތެރިޔާ ޒޫބާގެ ކައިރީގައި ހުއްޓައި. ކުޑައިރުގެ ލެޖެންޑުން، ރަޝިއާގެ ރުބަލްސް (ރަޝިޔާގެ ފައިސާ) އަށްވުރެ އަގުބޮޑު އެއްޗެއް ނެތް. އިންސާނީ ހަމަތަށް ބަނގުރޫޓުވެފައިވާ ބަޔަކަށް ބަދަލުވެގެންދާ ތަން ފެނުމަކީ ހިތާމަހުރި ކަމެއް. ލަދުވެތި."
އިޓަލީގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރު އަދި ޔޫރަޕިއަން ޕާލިމެންޓުގެ ނައިބު ރައީސް ޕީނާ ޕިޗިއެރްނޯ ވިދާޅުވީ ފައިސާއަށް ދުނިޔޭގެ ޗެމްޕިއަނެއް ލައްވައި އޮޓޯގްރާފްތަކުގައި ސޮއިކުރުވަން ގަނެވުމަކީ ހިތާމައެއް ކަމަށެވެ.
"ފައިސާއަށް ގިނަ ކަންތައްތަކެއް ގަނެވިދާނެ. އަދި ގަބޫލުކުރަންވެސް ދަތިވާ ފަދަ ގޮތަކަށް، (ރަޝިޔާގެ) އެ ވެރިކަމުން އެއްވެސް ބެލުމެއްނެތް ގޮތުގައި އާންމު ރައްޔިތުން މަރަމުން އަދި ޔޫރަޕްގެ ގައުމުތަކަށް އިންޒާރު ދެމުންދާ އިރު ހަމަ އެ ވަގުތު ކުޅިވަރުގެ ޗެމްޕިއަނަކު ލައްވައި މޮސްކޯގައި ފުޓްބޯޅަ ތަކެއްގައި ސޮއިކުރުވަންވެސް ފައިސާއަށް މަގުފަހިކުރެވިދާނ،" އޭނާ ބުންޏެވެ.
"އެކަމަކު ފައިސާއަށް ނުގަނެވޭނެ އެއްޗަކީ އިތުބާރާއި ތެދުވެރިކަން އަދި އަބުރާއި ސީދާ ބުރަކަށިވިއްދައިގެން (ސާބިތުކަމާއެކު) ދުނިޔޭގެ ކަންކަމުގައި ކުރިމަތިލުމުގެ ގާބިލުކަން. ޕިރްލޯ އަށް މި ކަންކަން ސާފުކޮށް ވިސްނިފައި ނެތުމަކީ ވަރަށް ބޮޑު ލަދުވެތިކަމެއް."
ވޯްލޑް ކަޕް 2006 ގެ ޗެމްޕިއަންކަން އިޓަލީ އަށް ހޯދައި ދނުމުގައި މުހިންމު ހިއްސާއެއްވި އެ ދެ ކުޅުންތެރިން ގުޅިގެން ވަނީ ބަޔާނެއް ނެރފަ އެވެ.
ޕިރްލޯ ބުނީ މޮސްކޯގެ ހަރަކާތުގައި އޭނާ ބައިވެރިވީ ކުޅިވަރާއި ކުޑަކުދިންނާ ގުޅުން ހުރި ކަމަކަށް ވާތީ ކަމަށެވެ.
"އަހަރެމެން މިތަނަށް އައީ ހަމައެކަނި ކުޅިވަރަށާއި ކުޑަކުދިންނަށްޓަކައި. ފުޓްބޯޅައަކީ މީހުން އެއްބައިކުރުވުމާއި، ބޯޑަރުތައް ފަހަނަޅައި ދިއުމާއި އަދި ހަމަ އެހެންމެ ފުޓްބޯޅަ ކުޅުންތެރިންނަށް ވާން ހުވަފެން ދެކޭ ޒުވާން ކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ ތަފާތު ބާރެއް ލިބިގެންވާ އެއްޗެއް،" ޕިރްލޯ އާއި މަޓެރާޒީ ނެރުނު ބަޔާނުގައި، ޕިރްލޯ ބުނެފައިވެ އެވެ.
"މޮސްކޯގައި އަހަރެމެން އަހަރެމެން ބައިވެރިވި ބައިވެރިވުމަކީ ހަމައެކަނި މި ކުޅިވަރަށް އަހަރެމެންގެ ހިތުގައި އޮތް ލޯބި އަދި އަހަރެމެންގެ މުޅި ކެރިއަރުގައި އަބަދުވެސް ތާއީދުކުރި ސަޕޯޓަރުންގެ ލޯތްބާ ގުޅިފައިވާ ކަމެއް،"
އެ ބަޔާނުގައިވާ މަޓެރާޒީގެ ބަޔާނުގައި އޭނާ ބުނީ މޮސްކޯގެ ފުޓްބޯޅަ އިވެންޓްގައި އޭނާ ބައިވެރިވީ ސިޔާސީ ކަމެއް ކުރަން ނޫން ކަމަށެވެ.
"އަހަރެމެން މިތާ މިތިބީ ފުޓްބޯޅައިގެ އުފާ ފާޅުކުރުމަށް އަދި ސަޕޯޓަރުންނާ ބައްދަލުކުރުމަށާއ އަދި ފުޓްބޯޅައަކީ މުޅި ދުނިޔެއަށް އެއް ބަހަކުން ވާހަކަދައްކާ އެއްޗެއްކަން ދައްކުވައިދިނުމަށެވެ. ދަނޑުމަތިން ކުޑަކުދިންގެ ފަރާތުން ފެންނަ ފޯރިއަކީ މިއަދު އަހަރެމެންނަށް އެންމެ މުހިންމުވާނެ ހަމައެކަނި ކަންކަން،" މިދިޔަ އަހަރު އޮކްޓޯބަރު މަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާ އެކު ރާއްޖެ އަށް ވެސް ދަތުރު ކުރި މަޓެރާޒީ ބުންޏެވެ.
"އަހަރެމެން މިތަނަށް [ރަޝިޔާ އަށް] އައީ ސިޔާސީ ކަންކަން ކުރާކަށް ނޫނެވެ. އެކަމަކު ފުޓްބޯޅައަށާއި އެ ކުޅިވަރުދެކެ ލޯބިވާ މީހުންނަށް އިހުތިރާމް އަދާކުރުމަށް."