އިޓަލީގެ ގައުމީ ޓީމަށް ކޯޗުކަމަށް، އެ ގައުމުގެ ލެޖެންޑް އެންޑްރެއާ ޕިރްލޯ ހަމަޖައްސަން އުޅުމުން ފެންމަތިވި މައްސަލަތަކާ އެކު ޓެކްނިކަލް ޑައިރެކްޓަރު ޕައޮލޯ މަލްޑީނީ އާއި އޭނާގެ އެޑްވައިޒަރު ލިއޮނާޑޯ އިސްތިއުފާ ދީފި އެވެ. 

އިޓަލީގެ ފުޓްބޯޅަ އިދާރާ (އެފްއައިޖީސީ) އިން އެންމެ ފުރަތަމަ މަސައްކަތް ކުރީ މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ، ކޯޗުކަމަށް ހަމަޖެއްސުމަށެވެ. ނަމަވެސް އެ ހުށަހެޅުން އޭނާ ގަބޫލެއް ނުކުރި އެވެ. 

ވިދިވިދގެން ތިން ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ނާކާމިޔާބާ އެކު އިޓަލީގެ ފުޓްބޯޅަ އަލުން ބަދަލުކޮށް އޯވަހޯލް ކުރުމުގެ މަސައްކަތް އެފްއައިޖީސީން ހަވާލު ކުރީ މަލްޑީނީ އާއި ލިއޮނާޑޯއާ އެވެ. ކުރީގެ އެ ދެ ލެޖެންޑުން، ޓެކްނިކަލް އިސް މަގާމާ ހަވާލުވީ މި މަހު 12 ވަނަ ދުވަހު އެވެ. 

އެކަމަކު މަގާމާ ހަވާލުވިތާ 16 ދުވަހަށް ފަހު އިސްތިއުފާ ދިނީ، ޕިރްލޯ ކޯޗުކަމަށް ހަމަޖައްސަން އުޅުމުން އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އެވެ. ރަޝިޔާގެ ގޭމްބްލިން ކުންފުންޏަކާ އެކު ޕިރްލޯ ހަދާފައިވާ ސްޕޮންސާޝިޕް ޑިލެއްގެ މައްސަލަ ފެންމަތި ކުރި އެވެ. އަދި އެ ޑީލް އޮއްވައި އޭނާ ކޯޗުކަމަށް ހަމަޖައްސަން އުޅުމުން އިޓަލީގެ ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ވެސް ވަނީ އެފްއައިޖީސީ އަށް ފާޑުކިޔުން އޮއްސާލާފަ އެވެ. 

ފެބްރުއަރީ 2022 ގައި ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، ރަޝިޔާއާ ދެކޮޅަށް އިޓަލީ ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅައިފަ އެވެ. 

މަލްޑީނީ އާއި ލިއޮނާޑޯގެ އިސްތިއުފާއާ އެކު އެފްއައިޖީސީއަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވީ އެވެ. ގައުމީ ޓީމަށް ކޯޗަކު ހޯދުމުގެ މަސައްކަތް ނާކާމިޔާބުވުމުގެ އިތުރަށް އެ އިދާރާގައި މިހާރު ޓެކްނިކަލް މަސައްކަތްކުރާނެ އިސް ވެރިޔަކު ވެސް މިހާރަކު ނެތެވެ. 

ކޯޗުކަމާ ހަވާލުވާނެކަމަށް ބެލެވޭ އާ ނަންތަކެއް ހިމެނޭ ލިސްޓެއް އިޓަލީގެ މީޑިއާތަކުގައި ދައުރުކުރެ އެވެ. އެ ލިސްޓްގައި އަލަށް ހިމެނޭ ނަންތަކަކީ އިޓަލީ އަށް މީގެ ކުރިން ވެސް އިރުޝާދު ދިން އެންޓޯނިއޯ ކޮންޓޭ އާއި އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ޔުވެންޓަސްގެ ކުރީގެ ކޯޗު ތިއޯގޮ މޮޓާ އެވެ. އަދި ކުރިން ވެސް އެ ލިސްޓްގައި ހިމެނުނު ރޮބާޓޯ މަންޗިނީގެ ނަން އަނެއްކާ ވެސް ވަނީ ގައުމީ ޓީމާ ގުޅުވައިގެން އަޑުފެތރުފަ އެވެ. 

އެކަމަކު ކޯޗަކު ހޯދުމުގެ ޓެކްނިކަލް މަސައްކަތް، އެންމެ އިސްކޮށް ކުރާނެ މީހަކު އެފްއޭގައި ނެތެވެ. އެ މަގާމަށް ވެސް މީހަކު ހޯދަން ވަނީ ޖެހިފަ އެވެ.