އިޓަލީގެ ކޯޗުކަން އެންޓޯނިއޯ ކޮންޓޭއަށް ނުދިނީ، ބަޖެޓް ނެތިގެން ކަމަށް ބުނާ ވާހަކައާ މެދު އެ ގައުމުގެ ލެޖެންޑް ޖިއާންލުއީޖީ ބުފޮން ސުވާލު އުފައްދައިފި އެވެ.
އިޓަލީގެ ފުޓްބޯޅަ އިދާރާ (އެފްއައިޖީސީ) ގެ ފުޓްބޯޅަ ޑެލިގޭޝަންގެ ކުރީގެ އިސްވެރިޔާ، ބުފޮން ބުނީ އިޓަލީގެ ކޯޗުކަން، ކޮންޓޭ އަށް ނުދިނީ ބަޖެޓް ނެތިގެން ކަމަށް ބުނާ ކަމަށެވެ.
ކޮންޓޭގެ ކޯޗިން ޓީމުގައި ގިނަ އެސިސްޓުން ހިމެނެ އެވެ. އެހެންވެ އޭނާ ގެންދާ ޓީމުތަކުން އެ ޓީމު މުސާރައަށް ބޮޑު ހަރަދުތަކެއް ކުރަން ޖެހެ އެވެ.
ބަޖެޓް ނެތް ކަމަށް ބުނެ ކޮންޓޭ ދޫކޮށްލުމަށް ފަހު، އިޓަލީގެ އެފްއޭއިން ދެން މަސައްކަތް ކުރީ މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ގެންދިއުމަށެވެ.
ބުފޮން ބުނީ ގާޑިއޯލޯ އަށް މާ ބޮޑު ހަރަދު ކުރަން ޖެހޭނެ ކަމަށެވެ.
"އޭނާ [ކޮންޓޭ] ނުގެންދިޔަ ސަބަބާ ބެހޭގޮތުން އަހަރެން ސުވާލެއް ނުއުފައްދަން. ނިންމުން ނިންމި މީހުންނަށް ކޮންޓޭ ޕްލޭން އޭގެ އެންމެ ފުރިހަމަ މާނައިގައި ނުވިސްނުނުކަން ސާފު،" އިޓަލީގެ ގައުމީ ޓީމާއި ޔުވެންޓަސްގައި ވެސް ކޮންޓޭގެ އިރުޝާދުގެދަށުން ކުރިން ކުޅުނު ބުފޮން، ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ބުންޏެވެ.
"ބަޖެޓުގެ މައްސަލައެއް ވެސް އޮވޭ. އެކަމަކު ގާޑިއޯލާއަށް ބަލާއިރު އިތުރަށް (ހަރަދު ވެސް) މައްޗަށް ދާނެހެން ހީވޭ. ހުރި ވަސީލަތްތަކުގެ މައްޗަށް ބިނާކޮށް ގޮތްތައް ނިންމަން ޖެހޭނީ."
އެފްއައިޖީސީގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު ޕައޮލޯ މަލްޑީނީ އާއި އޭނާގެ އެޑްވައިޒަރު ލިއޮނާޑޯ، ގާޑިއޯލާ އަށް ބޮޑު މުސާރައެއް ހުށަހެޅި އެވެ. ރިޕޯޓްތައް ބުނާގޮތުގައި ގާޑިއޯލާގެ މުސާރައަށް، އަހަރަކު 11.4 މިލިއަން ޑޮލަރު ދޭން އިޓަލީގެ އެފްއޭއިން ހުށަހެޅި އެވެ.
އެކަމަކު ގާޑިއޯލާ ނިންމީ، އިޓަލީގެ ހުށަހެޅުން ގަބޫލު ނުކުރުމަށެވެ.
ގާޑިއޯލާ ނުގެންދެވުމަކީ ގެއްލުނު ފުރުސަތެއްތޯ ސުވާލުކުރުމުން، ބުފޮން ބުނީ އެއީ ގެއްލުނު ފުރުސަތެއް ކަމަށް ބުނަން ނޭނގޭ ކަމަށެވެ.
"ފުރުސަތެއް ގެއްލުނުތޯ ބުނާކަށް ނޭނގޭ. އެއީ އަމާޒަކީ ކޮބައިތޯ ބަލައިގެން ކަނޑައޅޭނެ ކަމެއް. އެހެންވީމަ އެއީ ދުވަހަކުވެސް ޔަގީންވާނެ ކަމެއް ނޫން،" އިޓަލީއަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ލެޖެންޑް ބުންޏެވެ.
މަލްޑިނީ އާއި ލިއޮނާޑޯ ދެން މަސައްކަތް ކުރީ ޔުވެންޓަސްގެ ކުރިގެ ކޯޗު އެންޑްރެއާ ޕިރްލޯ މަގާމަށް ހަމަޖެއްސުމަށެވެ. އެކަމަކު ސިޔާސީ މައްސަލަ، އޭގެތެރެއަށް ވަދެ އެކަން ކާމިޔާބެއް ނުވި އެވެ. އެ ޕްރެޝަރުތެރޭގައި މަލްޑިނީ އާއި ލިއޮނާޑޯ ވެސް އިސްތިއުފާ ދިނެވެ.
ބުފޮން ބުނީ މަލްޑީނީ އާއި ލިއޮނާޑޯގެ ފެންވަރާ މެދު އެއްވެސް ސުވާލެއް ވެސް ނެތް ކަމަށެވެ.