އިޓަލީ ގައުމީ ޓީމުގެ އާ ކޯޗަކަށް، ކުރިން ވެސް އެ މަގާމު އަދާކުރި ރޮބާޓޯ މަންޗިނީ ހަމަޖައްސަން ނިންމައިފި އެވެ. 

ވިދިވިދިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިނުވުމުން، އިޓަލީގެ ފުޓްބޯޅަ އަލުން ކޮޅަށް ނެގުމުގެ މަސައްކަތުގައި ކޯޗަކު ހަމަޖެއްސުމުގެ މަރުހަލާ ގަޑުބަޑުވި ފަހުން މަންޗިނީ ހަމަޖެއްސީ ސީޔާސީ ތޫފާނަކަށް ވެސް އިޓަލީގެ ފުޓްބޯޅަ ވެއްޓުނު ފަހުންނެވެ.

ކޯޗު އައްޔަން ކުރުމަށާއި ޓެކްނިކަލް މަސައްކަތް، އިޓަލީ ފުޓްބޯޅަ އިދާރާ (އެފްޖީއައިސީ) ގެ ރައީސް ޖިއޮވާނީ މަލަގޯ އެންމެ ފުރަތަމަ ހަވާލު ކުރީ އެ ގައުމުގެ ލެޖެންޑް ޕައޮލޯ މަލްޑީނީ އަދި ލިއޮނާޑޯ އަރައުހޯ އަށެވެ. މިދިޔަ މަހު އެފްއައިޖީސީގެ ރައީސްކަމަށް އިންތހާބުވި މަލާގޯ ޓީމުގައި ޓެކްނިކަލް ޑައިރެކްޓަރުކަން އެންމެ ފުރަތަމަ ދިނީ މަލްޑީނީ އަށެވެ. އޭނާގެ އެޑްވައިޒަރުގެ ރޯލް ލިއޮނާޑޯއަށެވެ. 

އެކަމަކު އިޓަލީގެ ގައުމީ ޓީމަށް ކޯޗަކު ހަމަޖެއްސުމުގައި ކުރީގެ އެ ދެ ކުޅުންތެރިންނަށް ކާމިޔާބެއް ނުވި އެވެ. މަލްޑީނީ އާއި ލިއޮނާޑޯ އެންމެ ފުރަތަމަ މަސައްކަތް ކުރީ މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ގެނެވޭތޯ އެވެ. އެކަމަކު އިޓަލީގެ ހުށަހެޅުން ގާޑިއޯލާ ގަބޫލު ނުކުރުމުން، ދެން އެ މަގާމަށް ގެންދަން، މަލްޑީނީ އާއި ލިއޮނާޑޯ ބޭނުންވީ ޔުވެންޓަސްގެ ކުރީގެ ކޯޗު އަންޑްރެއާ ޕިރްލޯ އެވެ. 

ރަޝިޔާގެ ގޭމްބްލިން ކުންފުންޏަކާ އެކު ޕިރްލޯ ހަދާފައިވާ ސްޕޮންސާޝިޕް ޑީލެއްގެ މައްސަލަ ޖެހި އިޓަލީގެ ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ވެސް، ޕިރްލޯގެ މައްސަލައަށް ފާޑުކީ އެވެ. އެއާ އެކު ކޯޗުކަމަށް އޭނާ ހަމަޖައްސަން ނިންމި ނިންމުވެސް އެފުށްމިފުށަށް ޖެހުނެވެ. 

އެ ޕްރެޝަރުގައި މަލްޑީނީ އާއި ލިއޮނާޑޯ ވެސް އިސްތިފާ ދިނެވެ. 

އެފްއައިޖީސީގެ ރައީސް މަލަގޯ މިހާރު ވަނީ މަލްޑީނީ އަދާކުރި ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ލެޖެންޑްރީ ކޯޗު ކްލައުޑިއޯ ރަނިއޭރީ އަށް ދިނުމަށް ނިންމައިފަ އެވެ. 

ތަޖުރިބާކާރު ދެ ކޯޗުންގެ މަސައްކަތަކަށް ވާނީ އިޓަލީގެ ފުޓްބޯޅަ އަލުން ކޮޅަށް ނެގުމެވެ. އަދި ޔޫރޮޕާއި ދުނިޔޭގެ ފުޓްބޯޅައިގައި އިޓަލީ އަށް އަލުން ވަރުގަދަ ނުފޫޒެއް ހޯދައިދިނުމެވެ. 

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މަލަގޯ ވިދާޅުވީ މަންޗިނީ ކޯޗުކަމަށް ހަމަޖައްސަން ޖެހޭ ކިތަންމެ ސަބަބެއް އޭނާ އަށް ފެންނަ ކަމަށެވެ. 

މަންޗިނީ އާއި ރަނިއޭރީ ވެސް ވަނީ މީގެ ކުރިން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން، އެ ދެ ކޯޗުން މަސައްކަތް ކުރި ކްލަބްގައި ހޯދާފަ އެވެ. މަންޗިނީ ވަނީ މެންޗެސްޓާ ސިޓީ އަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2012 ގައި ހޯދައި ދީފަ އެވެ. އަދި ރަނިއޭރީ ވަނީ ލެސްޓާ ސިޓީއަށް 2016 ގައި ލީގު ހޯދައި ދީފަ އެވެ. 

މަލަގޯ ބުނީ އެފްއައިޖީސީގެ ޓެކްނިކަލް ބުރު ފުރިހަމަ ކުރުމަށްޓަކައި ރަނިއޭރީގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އޭނާ ދީފައިވާ ކަމަށެވެ. 

“ބުރު ފުރިހަމަކުރުމަށްޓަކައި، އާ ކޯޗަކަށް ވުމުގެ ނިންމުން ހިއްސާކުރެވޭނެ ފަރާތެއް ކަނޑައެޅުމަކީ ރަނގަޅު ގޮތެއް ކަމަށް އަހަރެން ދުށިން. އެ ފަރާތަކީ ކްލައުޑިއޯ ރަނިއޭރީ. އޭނާގެ ފަރާތުން އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވަނީ ދީފައި،" ޓެކްނިކަލް ޑައިރެކްޓަރުކަން ރަނިއޭރީ އަށް ދިނުމަށް ނިންމިކަން އިއުލާންކޮށް މަލަގޯ ބުންޏެވެ. 

މަންޗިނީ ވަނީ މީގެ ކުރިން ވެސް އިޓަލީގެ ގައުމީ ޓީމަށް ކޯޗުކޮށް ދީފަ އެވެ. ޖޫން، ޖުލައި 2021 ގައި ބޭއްވި ޔޫރޯ 2020 ގެ މުބާރާތް މަންޗިނީގެ ކޯޗުކަމުގެދަށުން އިޓަލީން ކާމިޔާބު ކުރި އެވެ. އެކަމަކު އޯގަސްޓް 2023 ގައި އޭނާ ކޯޗުކަމުން އިސްތިއުފާ ދިނީ އިޓަލީ  ފެޑެރޭޝަނުގެ އޭރުގެ ރައީސް ގެބްރީލޭ ގްރަވީނާއާ ހިޔާލު ތަފާތުވުން އުފެދިގެންނެވެ. 

ގަތަރުގައި 2022 ގައި ބޭއްވި ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން، މަންޗިނީގެ ދަށުން މަސައްކަތް ކުރި ކޯޗުން ޓީމު ބަދަލުކުރަން ގްރަވީނާ އުޅުމުން، މަންޗިނީ އެކަމާ ދެކޮޅު ހެދި އެވެ. އަދި އެންމެ ފަހުން އޭނާ މަގާމުން އިސްތިއުފާ ދިނެވެ. 

އޯގަސްޓް 2023 ގައި، ސައުދީ އަރަބިއާގެ ގައުމީ ޓީމުގެ ކޯޗުކަމާ މަންޗިނީ ހަވާލުވި އެވެ. އެކަމަކު 2024 ގެ އޭޝިއަން ކަޕްގައި ކުރިމަތިވި ނާކާމިޔާބީ އަށް ފަހު އޮކްޓޫބަރު 2024 ގައި، ސައުދީގެ ކޯޗުކަމުން މަންޗިނީ ވކިވީ ސައުދީގެ އެފްއޭއިން ބޭނުންވުމުންނެވެ.