ރިޔާޟް، ސައޫދީ އަރަބިއްޔާ (އޭއެފްޕީ) – ހަމަލާތަކުގެ ސަބަބުން މެދުކަނޑާލުމަށް ފަހު ސައޫދީ އަރަބިއްޔާގެ ރިޔާޟް އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތައް އަލުން ފެށިތާ ގަޑިިއިރުތަކެއް ތެރޭގައި، އެ އެއާޕޯޓަށް އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫތީން ބުނެފި އެވެ.
ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ވެބްސައިޓުން ދައްކާ ގޮތުގައި އާދީއްތަ ދުވަހު ދުބާއީ، ޕެރިސް އަދި ގާހިރާއިން އަންނަން ހަމަޖެހިފައިވާ ފްލައިޓްތަކާ އެކު އެތެރޭގެ އަދި ބޭރުގެ ބައެއް ދަތުރުތައް ވަނީ ތާވަލުކޮށްފަ އެވެ. އަދި ފްލައިޓްރާޑާ24 އިން ދައްކާ ގޮތުގައި ބައެއް ފްލައިޓްތައް ފުރުމަށް ފަހު، ގިނަ ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ.
އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފެށިއިރު، އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރިޔާޟްގެ އާންމުންނަށް ހަމަލާއެއްގެ އިންޒާރު މެސެޖެއް ލިބުމަށްފަހު، އެ ސިޓީގައި ވަނީ ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފަ އެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އަސްކަރީ ތިން އޮޕަރޭޝަނެއް" ހިންގާފައިވާ ކަމަށާއި، އެއާޕޯޓަށް ދިން ހަމަލާ އަމާޒަށް ވާސިލްވެފައިވާ ކަމަށެވެ.
މި މަހުގެ ތެރޭގައި ހޫތީން އެއާޕޯޓަށް ދިން ހަމަލާއެއްގައި 13 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ސައޫދީއަށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ. ނަމަވެސް، އެންމެ ފަހުން ދިން ކަމަށް ބުނާ ހަމަލާއާ ގުޅޭގޮތުން ސައޫދީ ކަމާބެހޭ ފަރާތްތަކުން އައަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ސަރީ ވިދާޅުވީ، ސައޫދީގެ ދެކުނުގައިވާ ޚާމިސް މުޝައިތުގައި އޮންނަ ކިންގް ޚާލިދު އެއާބޭސްއަށާއި ޖާޒާންގައިވާ ނޭވީ ބޭސްއަކަށް ވެސް ހޫތީން ހަމަލާދީފައިވާ ކަމަށެވެ.
ރިޔާޟް އެއާޕޯޓު ބަންދުކުރަން ޖެހުމަކީ ސައޫދީއަށް ލިބުނު ބޮޑު ގެއްލުމެކެވެ. މިކަމުގެ ސަބަބުން ސައޫދީގެ ފްލެގްޝިޕް އިންވެސްޓްމަންޓް ކޮންފަރެންސް 2027 އަށް ފަސްކުރަން ޖެހުނުއިރު، މަޝްހޫރު މޯޓާ ސްޕޯޓްސް މުބާރާތް "ޑާކާރު ރެލީ" އާއި އިތުރު އެތައް ހަރަކާތްތަކެއް ވަނީ ކެންސަލްކޮށް، ފަސްކޮށް ނުވަތަ އެހެން ގައުމުތަކަށް ބަދަލުކޮށްފައެވެ.
ސަރީ ކުރިން ވެސް ވަނީ ރިޔާޟް އެއާޕޯޓަކީ "ރައްކާތެރި ތަނެއް ނޫން" ކަމަށާއި، އެއީ "އަސްކަރީ އަމާޒެއް" ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. -- އޭއެފްޕީ