ހޮލީވުޑްގެ މަޝްހޫރު ސްކާލެޓް ޖޮހަންސަން ކައިވެނިކޮށްފި އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޖޮހަންސަނާއި ލޯބިވެރިޔާ ކޮލިން ޖޮސްޓް ކައިވެނި ކުރީ މިދިޔަ އަހަރު އެންގޭޖް ވުމަށް ފަހު އެވެ. އެ ދެ މީހުން އެންގޭޖްމަންޓް އިއުލާންކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރު ފަހުންނެވެ.

އުމުރުން 38 އަހަރުގެ ކޮލިން އަކީ މަޝްހޫރު ކޮމެޑީއަނެކެވެ. އޭނާ އަކީ މަޝްހޫރު ޓީވީ ޝޯ ސަޓަޑޭ ނައިޓް ލައިވް (އެސްއެންއެލް) ރައިޓަރެއް ވެސް މެ އެވެ. މީޑިއާތަކުން ބުނީ ކޮލިން އާއި ޖޮހަންސަން، 35، ގެ ކައިވެނީގެ ހަފުލާ ބޭއްވީ ވަރަށް ސިއްރުން ނިއު ޔޯކްގެ ޕެލިސޭޑްސްގައި ކަމަށާއި އެ ހަފުލާގައި ބައިވެރިވީ ވެސް ހަމައެކަނި ދެ މީހުންގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިން ތެރެއިން ވެސް މަދު ބައެއް ކަމަށެވެ. އަދި ކަިއވެނީގެ ހަފުލާ ބޭއްވީ ކޮވިޑް-19 ގެ ރައްކާތެރި ކަމަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅައިގެންނެވެ.

މިއީ ކޮލިންގެ އަލަތު ކައިވެނި ނަމަވެސް ޖޮހަސަންގެ މިއީ ތިން ވަނަ ކައިވެންޏެވެ. އޭނާ ކުރިން ކައިވެނިކުރީ މިހާރު ބަތަލާ ބްލޭކް ލައިވްލީއާ ކައިވެނިކޮށްގެން އުޅޭ މަޝްހޫރު އެކްޓަރު ރަޔަން ރެނޮލްޑްސްއާ އެވެ.

ޖޮހަސަންނާއި ރަޔަން 2008 ގައި ކުރި ކައިވެނި ރޫޅުނީ 2011 ގަ އެވެ. އޭގެ ފަހުން ޖޮހަންސަން ކައިވެނިކުރީ ފްރާންސްގެ ވިޔަފާވެރިއެއް ކަމަށްވާ ރޮމައިން ޑޯރިއަކާ އެވެ. ދެހާސް ސާދައިގައި ކުރި އެ ކައިވެނި 2017 ގައި ރޫޅުނު އިރު އަންހެން ދަރިއަކު ވެސް ލިބިފައިވެ އެވެ.