ހުރިހާ މާއްދާއަކުން އޭ ސްޓާ ލިބޭނެ ކަމަށް ގއ. އަތޮޅު ތައުލީމީ މަރުކަޒުން އޭލެވެލް ނިންމި އަހްމަދު މައޫޝް ސަބްރީ އަށް ގަބޫލެއް ނުކުރެވުނެވެ. ހާއްސަކޮށް ދިވެހި މާއްދާއިންނެވެ.
"އަބަދުވެސް ދިވެހި ވަރަށް އުނދަގޫ، އެހެންވެ ހިއެއް ނުކުރަން އެ މާއްދާއިން އޭ ސްޓާއެއް ލިބޭނެ ކަމަކަށް. ދިވެހިން ވާނެ ގޮތެއް ނޭނގޭތީ އެއްވަނަ ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެވުނު."
ނަމަވެސް މައޫޝް އަށް ކިޔެވުމަށް ކުރެވުނު މަސައްކަތުން ލިބުނު ކާމިޔާބީއާ ދޭތެރޭ އޭނާ ހިތްހަމަޖެހެ އެވެ. އަދި އެއިން އެނގުނީ މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެކަން ކަމަށް މައޫޝް ބުންޏެވެ.
އޭގެ ނަތީޖާއަކަށްވީ މައޫޝް އަށް ބިޒްނަސްއިން ދުނިޔެއިން ތިން ވަނަ އާއި އެކައުންޓިން އިން ދުނިޔެއިން ހަތަރު ވަނަ، އިކޮނޮމިކްސް އިން ދުނިޔެއިން ފަސް ވަނަ ލިބުމެވެ. އަދި އިކޮނޮމިކްސްއިން މުޅި ރާއްޖެއިން އެއް ވަނަ ވެސް އޭނާ އަށް ލިބުމެވެ.
މިއީ ރަށެއްގެ ސްކޫލުން ކިޔަވައިގެން ދަރިވަރަކު ހޯދި އެންމެ ރަނގަޅު އެއް ކާމިޔާބީ އެވެ.
ރަށުން ކިޔަވައިގެން މިކަހަލަ ކާމިޔާބީއެއް ލިބިދާނެ ކަމަށް ގަބޫލުކުރިންތަ؟
އަޅުގަނޑު އަބަދުވެސް އުންމީދު ކުރިން ރަށުން ކިޔެވިޔަސް ރަނގަޅު ނަތީޖާ ނެރެވިދާނެކަން. އެއީ ގއ. އަތޮޅު ތައުލީމީ މަރުކަޒަކީ ވަރަށް ވަރުގަދަ ޓީޗަރުންގެ ޓީމެއް އޮންނަ ތަނެއް. އަބަދުވެސް ކިޔެވުމަށް ވަރަށް މޯޓިވޭޓް ކުރާނެ.
ދަށް ނަތީޖާއެއް ލިބުނަސް އަބަދުވެސް ޕުޝް ކުރާނީ އެއަށްވުރެ ރަނގަޅު ނަތީޖާއަކަށް. ހުރިހާ ސުވާލެއް ވެސް ހުރިހާ ޖަވާބެއް ވެސް ޑައުޓެއް އޮތަސް އެކަން ކްލިއާ ކުރަން ހުރިހާ ޓީޗަރުން ވެސް ވަރަށް ބާރުއަޅާނެ.
ކުދިން މަދުވީމާ ޓީޗަރުންނަށް ކިޔަވައިދޭން ވެސް ފަސޭހަވި. ހުރިހާ ޓީޗަރުންނާއި ޕްރިންސިޕަލްގެ ފަރާތުން ލިބުނީ ހިތްވަރު. އެކަހަލަ ޓީމެއް އޮވެ، ޓީޗަރުންގެ ފަރާތުން އަބަދު ވެސް ސަޕޯޓް ލިބޭ ކުރިއަށް ދާން، އެހެންވެ އަބަދުވެސް އުންމީދު ކުރިން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް.
ލިބުނު ކާމިޔާބީއާ ދޭތެރޭ ދެކެނީ ކިހިނެއް؟
އޯލެވެލްގައި އަޅުގަނޑު ހިމެނުނީ ޓޮޕް ޓެންގެ އަށް ވަނައިގައި. އަޅުގަނޑު އެހާ ވަރަށް މަސައްކަތެއް ނުކުރަން އެ އަހަރު. އެ ނަތީޖާއިން އަޅުގަނޑަށް ލިބުނު މޯޓިވޭޝަނަކީ އޭލެލްގައި ގަދައަށް ހިތްވަރާ އެކު މަސައްކަތް ކުރުން.
އޭލެވެލްގައި ވަރަށް މަސައްކަތް ކުރިން. އަޅުގަނޑު ބުނާނީ އެއިން އެ ދައްކައިދެނީ މަސައްކަތް ކޮށްފިއްޔާ ކާމިޔާބުވާނެ ކަމޭ.
އެކަމަކު އޭރު ވެސް އެކްސްޕެކްޓެއް ނުކުރަން ހުރިހާ މާއްދާއަކުން އޭ ސްޓާ ލިބޭނެ ކަމަށް. އެއީ ދިވެހި މާއްދާ އުނދަގޫ ވީމަ.
ޓެސްޓަށް ތައްޔާރުވީ ކިހިނެއް؟
އޯލެވެލްގައި އެ ނަތީޖާ ލިބުނީމަ އޭރު ކިޔެވިގޮތް ބަދަލުކޮށްލީ. ޓިއުޝަނަށް ދިއުމާއި ހޭލާ ހުރެގެން ކިޔެވުން ދޫކޮށްލީ. ކޮންމެ ދުވަހަކު ވެސް އެ ދުވަހަކު ދޭ ފިލާވަޅުތައް ބަރާބަރަށް ދަސްކުރަމުން ގެންދިޔައީ، ސްކޫލުގައި ކުރާ މަސައްކަތް އިތުރު ކުރީ.
އެހެން ކުދިންނަށް މައޫޝް ބުނަން ބޭނުންވަނީ ކިޔެވުމަކީ ވަކިތަނެއްގައި ހުރެގެން ވާނެ ކަމެއް ނޫން ކަމެވެ. ކޮންމެ ތަނެއްގައި ހުރެގެން ވިޔަސް ރަނގަޅަށް ހިތްވަރާއެކު ކިޔަވައިދިނަމަ ކާމިޔާބުވާނެ ކަމެވެ.
"އަޅުގަނޑު ބުނާނީ އެއްވެސް ކުއްޖަކު އޯވާ ކޮންފިޑެންޓް ނުވާށޭ. އެއީ ވަރަށް ބޮޑު ގޯހެއް ކޮންމެ ކުއްޖަކަށްވެސް ހެދޭ. ދެން ކޮންމެ ކުއްޖަކު ވެސް ކޮންމެ ދުވަހަކު ވެސް ދޭ ފިލާވަޅު ރަނގަޅަށް ދަސްކޮށް ޑެއިލީ ބޭސިސްއެއްގައި މަސައްކަތް ކުރީމަ ހަމަ ކޮންމެ ކަމެއްވެސް ރަނގަޅުވާނެ. ހުއްޓާ ނުލާ ކޮންމެ ދުވަހަކު ވެސް ކިޔެވީމަ، އެ މާއްދާއެއް ފަސޭހަ ވާނެ."