ސްކޫލް ގައިޑު / ސްކޫލް ގައިޑް 2018

ސްކޫލް ގައިޑް: މައިންބަފައިންނަށް މުހިންމު ހަތެއް

ބެލެނިވެރިއަކު ދެ ކުއްޖަކު ގޮވައިގެން ސްކޫލަށް ދަނީ: ސްކޫލަށް ދަރިފުޅު ގެންދާ ފުރަތަމަ ދުވަހު ވަރަށް ގިނަ އާ ކަންތައް ތަޖުރިބާ ކުރަންޖެހޭ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިނގިލި ކުރީ ލައިގެން ދަރިފުޅު ސްކޫލަށް ގެންދާ ފުރަތަމަ ދުވަހު ގިނަ ކަންތައްތަކަކާ ބެލެނިވެރިން، ޚާއްސަކޮށް މަންމަ އިން ކުރިމަތިލާން ޖެހެ އެވެ. ބައެއް ބެލެނިވެރިންގެ ނަޒަރުގައި އެއީ ވަރަށް އަސަރު ގަދަ ދުވަހެކެވެ. ދަރިފުޅު ސްކޫލުގައި ނުހުންނަން ރޮއި ކަރުނަ އަޅާ ވަގުތެވެ. އެހެން ބައެއް ބެލެނިވެރިންނަށް އެއީ، ރުޅިގަދަވެ ހާސްކަން ބޮޑުވާ ދުވަހެކެވެ. ގަޑި އަށް ދަރިފުޅު ނުހޭލުމާއި ތައްޔާރު ނުކުރެވިއްޖެ ނަމަ އެވެ. އެކަމަކު ދުރާލައި ތައްޔާރު ވެވިއްޖެ ނަމަ މިއީ، އޭގެ ޒާތުގައި މާ ބޮޑެތި ކަންތައްތަކެއް ނޫނެވެ.

ސްކޫލަށް ފުރަތަމަ ފިޔަވަޅު

ބެލެނިވެރިންގެ ނިސްބަތުން މިއީ އެންމެ މުހިންމު މަރުހަލާ އެވެ. ދަރިފުޅު އަލަށް ސްކޫލަށް ދާން ފަށާ ދުވަސް ނަމަ، އެ ދަރިފުޅުގެ ރުއިމާއި ބޮޑާހޭކުމާއި ބިރުގަތުމާ ކުރިމަތިލާން ޖެހުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދަރިފުޅު ގޮވައިގެން ސްކޫލަށް ދިޔުމުގެ މަހެއްހާ ދުވަސް ކުރިން މި މަރުހަލާ ފަށަން ޖެހެ އެވެ.

މަންމައާ ވަކިން ދަރިފުޅު ގެންގުޅެން ފަށާށެވެ. އަވައްޓެރި ކުދިންތަކެއްގެ ތެރެއަށް ނުވަތަ ގާތްތިމާގެ ކުދިންތަކަކާ އެކު އުޅެން ދަރިފުޅު ދޫކޮށްލާށެވެ. މި ގޮތަށް ކޮންމެ ދުވަހަކު ވެސް ގަޑިއެއް ނުވަތަ ދެތިން ގަޑިއިރަށް ދަރިފުޅު، މަންމައާ ވަކިން، އެ އުމުރުގެ ކުދިންތަކެއްގެ ތެރޭގައި ގެންގުޅެވިދާނެ އެވެ.

ރަސްމީ ޔުނީފޯމު ލައްވައިގެން ދަރިފުޅު ސްކޫލަށް ގެންދިއުމުގެ ދެތިން ހަފުތާއެއް ކުރިން ވެސް، ދަރިފުޅު ގޮވައިގެން ސްކޫލަށް ދާށެވެ. އެ މާހައުލަށް ދަރިފުޅުގެ ލޮލާއި ސިކުނޑި ހާނުވާށެވެ. ސްކޫލްގެ އާންޓީންނާއި މިސްމެންނާ، ސްކޫލްގެ ތެރެއިން ދަރިފުޅާ ބައްދަލުކުރުވާށެވެ. ޔުނީފޯމާއި ސްކޫލް ދަބަސް ގަންނަން ދާއިރު ވެސް ދަރިފުޅު ގޮވައިގެން ގޮސް އޭނާގެ ބައިވެރިވުމާ އެކު އެ ތަކެތި ގަނެ އެއީ އޭނާ ސްކޫލަށް ގެންދަން ގަންނަ ތަކެތިކަން ވެސް ބުނެދީ ހިތުގައި ލޯބި ޖެއްސޭތޯ ބަލާށެވެ.

މާޔޫސް ނުކޮށް ހިތްވަރު ދެމާ!

ސްކޫލްގައި ހުރި އެއްވެސް އުނިކަމެއްގެ ވާހަކަ ދަރިފުޅުގެ ހާޒިރުގައި ނުދައްކާށެވެ. ވަކި އާންޓީއެއް ވަކި ދަރިވަރަކާ މެދު ތަފާތުކުރާ ކަމާއި އެވެނި ކުއްޖަކާ މެދު ނަފްރަތުކުރާ ވާހަކަ ވެސް ދަރިފުޅުގެ ހާޒިރުގައި ނުދައްކާށެވެ. ސްކޫލްގެ އުނިކަމަކާ މެދު ދެމަފިރިން މަޝްވަރާ ކުރިޔަސް ދަރިފުޅަށް އެ އަޑުތައް ނީއްވާށެވެ.

ދަރިފުޅަށް އަޑުއިވެންވީ ސްކޫލުން އެ ދަރިފުޅަށް ހުރި ލުއިފަސޭހަތަކާއި އޭނާ ހިތްހަމަޖެހޭ ކަންތަކުގެ ވާހަކަ އެވެ. ބުނެދޭންވީ އޭނާގެ ކްލާހުގައި ތިބެނީ އޭނާގެ ރަހުމަތްތެރިން ކަމެވެ. ރަހްމަތްތެރިންގެ މެދުގައި އޮންނަން ވާނީ އެކުވެރިކަމާއި ރަހްމަތްތެރިކަން ކަމެވެ. އަދި ކުޑަކުދިން އުފާވާނެ ކަހަލަ ކުޑަ ސައި ޕާޓީއެއް ތައްޔާރު ކޮށްލައި ދަރިފުޅުގެ ކްލާސްމޭޓުންނަށް ގެއަށް ދައުވަތު ވެސް ދޭށެވެ.

ޓީޗަރުންނާ ގާތް ގުޅުމެއް އުފައްދާ

ޓީޗަރުންނަކީ ސްކޫލްގައި ދަރިފުޅުގެ ބެލެނިވެރިޔާ އެވެ. އެހެންކަމުން އެ ޓީޗަރާ އެކު ދަރިފުޅުގެ ހުރިހާ މައުލޫމާތެއް ހިއްސާ ކުރާށެވެ. ދަރިފުޅުގެ ކިބައިގައި އާދަޔާ ޚިލާފު ކަމެއް، ނުވަތަ މިޒާޖުގައި އާދަޔާ ޚިލާފު ސިފައެއް ހުއްޓަސް އެކަން ވެސް ހިއްސާ ކުރާށެވެ. އަދި ޓީޗަރަކީ މަންމަ އާއި ބައްޕަގެ ގާތް ރަހްމަތްތެރިއަކަށް ހަދާށެވެ. އޭރުން ދަރިފުޅުގެ ހުރިހާ ކަމެއްގައި ވެސް ފުރިހަމަ އެއްބާރުލުން ލިބޭނެ އެވެ.

ގޭގައި މަދުރަސީ ތާވަލެއް

މިއީ ވެސް ސްކޫލަށް ފޮނުވަން ފެށުމުގެ ކުރިން ފަށަން ޖެހޭ ކަމެކެވެ. ސްކޫލްގެ ވެއްޓަށް ދަރިފުޅު ހޭނުވުމުގެ ގޮތުން ވަކި ތާވަލަކާ އެއްގޮތަށް ދަރިފުޅުގެ ދުވާލާއި ރޭގަނޑުގެ ކަންތައް ބަހާލާށެވެ. އަދި އެ ކަންތައް އެ ގަޑިތަކަށް ކުރަން އާދަކޮށްދޭށެވެ. ހޭލަން ޖެހޭ ގަޑި އާއި ދަތް އުނގުޅައި ފެންވަރައި ތައްޔާރުވާން ޖެހޭ ގަޑި ވެސް ކަނޑައަޅައި ތާވަލު ކުރާށެވެ. ސައި ބުއިން ނިންމަން ޖެހޭ ގަޑި އާއި ކިޔެވުމުގެ ވަގުތުތަކާއި ކުޅިވަރު ކުޅޭނެ ގަޑިތަކާއި އަރާމުކުރާނެ ވަގުތުތައް ވެސް ތާވަލުގައި ކަނޑައަޅައި، ދަރިފުޅަށް ފެންނާނެހެން އެ ތާވަލު ބަހައްޓާށެވެ. މި ކަހަލަ ތާވަލަކަށް ދަރިފުޅު ހާނުވަން ފަށާއިރު، ދަރިފުޅު ގޮވައިގެން ބޭރަށް ނުކުމެލާނެ ވަގުތެއް ވެސް ތާވަލުގައި ހިމަނަން ޖެހޭނެ އެވެ.

ސްކޫލަށް ދިޔަސް އެއީ ކުޑަކުއްޖެއް

ސްކޫލަށް ވެއްދުމަށް ފަހު ދަރިފުޅުގެ ހަމައެކަނި ކަމަކީ، ކިޔެވުމާއި ފިލާވަޅު ހެދުމާއި ފޮތް ކިޔުން ކަމަށް ގަބޫލުނުކުރާށެވެ. ސްކޫލަށް ދިޔަ ކަމަށް ވިޔަސް، އޭގެ ކުރިން ވެސް ދަރިފުޅު ކުޅެ އުޅުނު ކުޅިވަރުތަކަށް ފުރުސަތު ދޭށެވެ. އެއީ ދަރިފުޅުގެ ވަގުތު ބޭކާރުވުން ކަމަށް ނުދެކޭށެވެ. މި އުމުރުގައި ދަރިފުޅު އެންމެ ފަސޭހަ އިން އުނގެނެނީ ދިރިއުޅުމުގެ އެކި ކަންތަކުގެ ތެރެއިންނެވެ. ކިޔަވައިދޭ ތަކެތި ދިރިއުޅުމުގެ ތެރެއިން ތަޖުރިބާ ކުރަން ދަސްކޮށްދޭށެވެ. ކުޅެ ނިމިގެން ކުޅޭ ތަކެތި ވަށިގަނޑަށް އަޅާއިރު، އެއީ ކިތައް އެތިކަން ގުނަމުން އެ ތަކެތީގެ ނަން ވެސް ކިޔަމުން އަޅަމާ ހިނގާށެވެ! އޭރުން ކުޅުމުގެ ތެރިން ގުނާށާއި ހިސާބު އަދަދުތަކާއި އޭގެ ނަންތައް ވެސް ދަސްވީ އެވެ.

ބެސްޓް ފްރެންޑެއް ހޯދައިދީ

މިއީ ސްކޫލް ހަޔާތުގައި ދަރިފުޅުގެ އެންމެ މުހިންމު ބައިވެރިޔާ އެވެ. ނަމަވެސް ދުރަކުން ނޫނެވެ. މަންމަ ނުވަތަ ބައްޕައަކީ ދަރިފުޅުގެ އެންމެ ގާތް އެކުވެރިޔާ އެވެ. ދަރިފުޅަށް އެ ގޮތަށް ވިސްނައިދީ، ދަރިފުޅުގެ ހުރިހާ ކަމެއް މައިންބަފައިންނާ ހިއްސާކުރަން ފަރިތަ ކޮށްދޭށެވެ. ދަރިފުޅަށް ސްކޫލް ތެރެއިން ދިމާވާ މައްސަލަތަކުގެ ވާހަކަތައް ކަނުލައި އަޑުއަހާ ފަދައިން، ކްލާހުގައި ނުވަތަ ސްކޫލްގެ ތެރެއިން ދިމާވާ މަޖާ ކަންތަކުގެ ވާހަކަ ދަރިފުޅު ކިޔައިދޭއިރު ވެސް ޝައުގުވެރިކަމާ އެކު އަޑުއަހާށެވެ.

އެކަމަކު ހަނދާން ކުރާށެވެ! މިއީ އެއްކޮޅަށް ދުއްވާ މަގެއް ނޫނެވެ. މަންމަ އަށް ނުވަތަ ބައްޕަ ވެސް ދަރިފުޅާ ހިއްސާކުރާށެވެ. ބައްޕަ އޮފީހުން އަންނަ އިރު، މަގުމަތިން ފެންނަ މަޖާ ކަމެއް، ގޭދޮށުން މަންމައާ ދިމާވި ހެއްވާ ކަމެއްގެ ވާހަކަ ދަރިފުޅަށް ކިޔައިދޭށެވެ. އެއަށް ވުރެ ވެސް ގާތްވެލަމާ ހިނގާށެވެ. މަންމަގެ ބޮލުގައި ރިއްސަނީ އެވެ. ބައްޕަގެ ފަޔަށް ތަދެއް އެރީ އެވެ. އެކަން ވެސް ހިއްސާ ކޮށްލެވިދާނެ އެވެ. ލިބޭ ޕްރޮމޯޝަނެއް ނުވަތަ ދަތުރެއްގެ ވާހަކަ ވެސް ދަރިފުޅާ އެކު ދެއްކިދާނެ އެވެ.

މި ކަންކަމުން ދުރުހެލިވޭ!

ދަރިފުޅު ސްކޫލްގައި ނުހުންނަންވެގެން އަޑުން އަޑު ނަގައި ރޮއެ ބޮޑާހާކާއިރު، ދަރިފުޅުގެ ކުރިމަތީ ތިމާ ފެންކަޅިވެ ކަރުނަ ނުބާލާށެވެ. ނުވަތަ ސްކޫލް ނިމެންދެން ދަރިފުޅުގެ އަޑުއިވޭ ހިސާބުގައި ނުވަތަ ފެންނަ ފަށުގައި ނުހުންނާށެވެ. މާދަމާ ސްކޫލަށް ގެންނަން މިއަދު ދަރިފުޅު ގެއަށް ފޮނުވައިދޭން ސްކޫލްގައި ނޭދޭށެވެ. ސްކޫލް ނިމޭ އިރަށް ކްލާހަށް ވަދެ ދަރިފުޅު ގައިގައި އޮޅުލައިގަނެ ބޭރަށް ހިނގައިގަތުމުގެ ބަދަލުގައި، ދަރިފުޅު ގޮވައިގެން ހުރެ އާންޓީއާ އިރުކޮޅަކު ވާހަކަ ދައްކާލާށެވެ. ކޮންމެހެން ދަރިފުޅު ކްލާހުގައި އެ ދުވަސް ހޭދަކުރި ގޮތުގެ ވާހަކަ ދައްކާނީކީ ނޫނެވެ. ކުރިމަގުގައި ދެ މީހުންގެ މެދުގައި ގުޅުން ގާއިމުކުރުމުގެ ވާހަކަ ވެސް ދެކެވިދާނެ އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 22%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!