މެޗަކުން ބަލިނުވެ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފައިނަލުން ޖާގަ ހޯދި ވ. އަތޮޅަށް ނިސްބަތްވާ ސީލައިފް ސްޕޯޓްްސް ކްލަބް މިރޭގެ ފައިނަލުގައި ހުއްޓުވަން ތައްޔާރަށް އޮތް ކަމަށް މޯލްޑިވިއަން ރެކްރިއޭޝަން ކްލަބުން ބުނެފި އެވެ.
ދެ ވަނަ ޑިވިޝަނުން އައި ސީލައިފް ވަނީ މި ސީޒަނަށް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާ އެކު ވަރުގަދަ ކޮށްފަ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ އިޝާން އިބްރާހިމް (ބަޓިސް)، ހަސަން ނިލާމް (ޕާޓޭ)، އަލީ ހުޒާމް (ހުޒާންޓެ) އަދި މުހައްމަދު ޝާއިން (ޝާއިންޓެ) އަދި އަހުމަދު އަހުސަން ހިމެނެ އެވެ. އެ ޓީމަށް އިރުޝާދު ދޭން ހުރީ ކުރީގެ އެއް ނަންބަރު ކުޅުންތެރިޔާ އަދި މިހާރުގެ ކޯޗު ނިޒާރު އިބްރާހީމް (ބޮޑޭ) އެވެ.
ފައިނަލުގެ ކުރިން ނިޒާރު "މިހާރު"އަށް ބުނީ މެޗަކުން ބަލިނުވެ އޮތުމުގެ އިތުރުން ފައިނަލަށް ނުކުންނައިރު ލިބިފައި އޮތް އެންމެ ބޮޑު ހިތްވަރަކީ ޓީމުގެ ރޫހު ރަނގަޅުވުން ކަމަށެވެ.
"ފުރަތަމަ ޕްރެކްޓިހުން ފެށިގެން ހުރިހާ ކުޅުންތެރިން ތިބީ ވަރަށް ބޮޑު އަޒުމެއްގައި. އެއީ ފައިނަލުގައި ކުޅެން. އަޅުގަނޑެއް ނޫން ކޮންމެ ކޯޗެއް ހުއްޓަސް އެ ހިތްހަމަ ޖެހުން މި ޓީމުން ފެންނާނެ،" ނިޒާރު ބުންޏެވެ.
"ހަގީގަތުގައި މި ކުޅުންތެރިންގެ ހިތްވަރު މިއީ. ފައިނަލަށް ދެވުމުން މި ކުޅުންތެރިން ވަރަށް ބޭނުންވެފައި ތިބީ މި ކްލަބަށް ރީތި ނަން ހޯދައިދޭން. މި ތަށި ނަގަން."
ފައިނަލުގެ ކުރިން މި ދެ ޓީމު ވަނީ އެއް ފަހަރު ވާދަކޮށްފަ އެވެ. ދެ ވަނަ ބުރުގައި ދެ ޓީމު ކުޅުނު މެޗުން ސީލައިފް މޮޅުވީ ތިން ސެޓުންނެވެ.
ނިޒާރު ދެކޭ ގޮތުގައި މި މެޗުން ކުރާނެ އެއް ވެސް ފައިދާއެއް އަދި ނެގޭނެ އެޑްވާންޓޭޖެއް ވެސް ނެތެވެ.
"އެއީ މުޅިން އެހެން މެޗެއް. އެއީ މޯލްޑިވިއަން ފުލް ޓީމު ކަމަކަށް ނުދެކެން. އެއީ އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިން ނުލައި އެ ޓީމުން ކުޅުނީ،" ނިޒާރު ބުންޏެވެ.
"ގަވާއިދުން ފުރަތަމަ ހައެއްގައި ކުޅޭ ކުޅުންތެރިންގެ ބަދަލުގައި އާންމުކޮށް ބޭނުން ނުކުރާ ކުޅުންތެރިން ލައިގެން އެ ޓީމު ނުކުތީ. އަޅުގަނޑުމެން އެއްވެސް ޓީމެއް ދަށް ކަމަކަށް ދެކިގެން އެއްވެސް މެޗަަކަށް ނުނިކުންނަށް. އެ އަށް ވުރެ ވިސްނުން ރަނގަޅުވާނެ."
ފައިނަލަށް ސީލައިފް ގެންގޮސްދިނުމުގައި އެ ޓީމަށް ކުޅޭ ޕާކިސްތާންގެ މުބާޝިރު ރާޒާގެ ދައުރު ވަރަށް ބޮޑެވެ. ނިޒާރު ގަބޫލުކުރާ ގޮތުގައި ރާޒާ ހުރުމަކީ އެ ޓީމަށް ލިބޭ އިތުރު ހިތްވަރެކެވެ.
"އޭނާ (ރާޒާ) އަކީ ސްޕީޑު ރަނގަޅު އަނެއްކާ މި ޓީމުގެ ކުޅުންތެރިންނާ ވެސް ވަރަށް ގުޅޭ ކުޅުންތެރިއެއް. އޭނާ ތަފާތު ދެއްކެނީ ވަރަށް ރަނގަޅަށް ޓީމުގެ އެހެން ކުޅުންތެރިންނާ ގުޅިގެން އުޅޭތީ،" ނިޒާރު ބުންޏެވެ.
ފައިނަލުގެ ކުރިން މޯލްޑިވިއަން ބަލިވީ ސީލައިފް އަތުން އެކަންޏެވެ. މޯލްޑިވިއަންގެ ކޯޗު އަބްދުﷲ ނަޝީދު (އަބުޅޯ) ބުނީ ސީލައިފް ބަލިކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
"އަސްލު އަޅުގަނޑުމެން ކުރީ މެޗުގައި މުހިއްމު ކުޅުންތެރިން ނުލައި ކުޅުނީ ފައިނަލަށް ބޮޑަށް ތައްޔާރުވާން ވެގެން. އެއްގޮތަކަށް ވެސް އެ މެޗު ދޫކޮށްލީއެކޭ ނޫން. ފައިނަލުން ނަތީޖާ ނެރެން ބޭނުންވަނީ. ސީލައިފް ބަލިކުރަން ބޭނުން،" އަބުޅޯ ބުންޏެވެ.
މޯލްޑިވިއަންގައި ވެސް ގައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިން ގިނަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި ހުސެއިން ވިޝާމް (ބުޅިކޭ)ގެ އިތުރުން އާދަމް ފައިރޫޒް އަދި އަހުމަދު ފާޒިލް ހިމެނެ އެވެ.
މޯލްޑިވިއަން ފައިނަލަށް ގެންދިއުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ މިދިޔަ އަހަރު ސިފައިންގެ ޓީމުން ފެނުނު ޕާކިސްތާންގެ މުރާދު ޖީހާން އެވެ.
"ޕާކިސްތާން ކުޅުންތެރިޔާ (މުރާދު) ހަގީގަތުގައި މި ޓީމުގެ ކުޅުންތެރިންނާ ވަރަށް ގުޅޭ. މިދިޔަ އަހަރަށް ވުރެން ރަނގަޅަށް އޭނާ މި ފަހަރު އެބަ ކުޅޭ. އޭނާގެ ބައިވެރިވުން ޓީމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރޭ އަސްލު،" އަބުޅޯ ބުންޏެވެ.
"ފައިނަލުން މޮޅުވެވޭނެ ކަމުގެ އުއްމީދު ބޮޑު. ކުޅުންތެރިން ވެސް ތިބީ އެ އަޒުމުގައި."
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅޭ މިރޭގެ ފައިނަލް މެޗު ފަށާނީ 20:30 ގަ އެވެ.