މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި ވ. އަތޮޅަށް ނިސްބަތްވާ ސީލައިފް ސްޕޯޓްސް ކްލަބް ބަލިކޮށް މޯލްޑިވިއަން ރެކްރިއޭޝަން ކްލަބުން ވީއޭއެމް އެސޯސިއޭޝަން ކަޕް ޗެމްޕިއަންކަން ހޯދައިފި އެވެ.
މިރޭގެ ފައިނަލުގައި މޯލްޑިވިއަން ވަރުގަދަ ކުޅުމެއް ދެއްކިއިރު، އެ ޓީމުން މެޗު ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެެވެ. މިރޭގެ މެޗުގެ ސެޓުތައް ދިޔައީ 25-19، 21-25، 25-21 އަދި 25-22 އިންނެވެ. މި ދެ ޓީމު މިދިޔަ އަންގާރަ ދުވަހުގެރޭ ކުޅުނު ދެ ވަނަ ބުރުގެ ފަހު މެޗުން ތިން ސެޓު އެއް ސެޓުން މޮޅުވީ ސީލައިފް އެވެ. އެ މެޗުގައި މޯލްޑިވިއަން އިން ބޮޑަށް ބޭނުންކުރީ އާންމުކޮށް ނުކުޅޭ ކުޅުންތެރިންނެވެ.
ދެ ވަނަ ޑިވިޝަނުގައި ކުރިން ވާދަކުރި ސީލައިފް މި ވަނީ މި ސީޒަނަށް ޓީމު ވަރުގަދަކޮށް ގައުމީ ޓީމަށް ކުޅޭ ގިނަ ކުޅުންތެރިން އެ ޓީމަށް ގެނެސްފަ އެވެ. މޯލްޑިވިއަންގައި ވެސް ގައުމީ ޓީމުގެ ކުޅުންތެރިން ތިބިއިރު، އޭގެ ތެރެއިން ގިނައީ ފުރަތަމަ ހައެއްގައި ނުކުޅޭ ކުޅުންތެރިންނެވެ.
މެޗުގެ ފަށައިގެން ދެ ޓީމު ވާދަވެރިކޮށް ދިޔައިރު، ދެ ޓީމުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކީ ބިދޭސީ ކުޅުންތެރިންނެވެ. މޯލްޑިވިއަން އަށް ކުޅޭ މުރާދު ޖީހާން އާއި ސީލައިފަށް ކުޅުނު މުބާޝީރު ރާޒާ މުޅި މެޗުގައި ވެސް މޮޅަށް ކުޅުނެވެ. މުބާރާތުގެ އެހެން މެޗުތަކާ ހިލާފަށް މިރޭގެ މެޗަކީ ގައުމީ ޓީމުގެ ކުޅުންތެރިއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެންމެ ރަނގަޅަށް ކުޅުނު މެޗެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދީ އޭނާ އެވެ.
ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމު ހަމަހަމަކޮށް ދިޔައިރު ވަކި ހިސާބަކުން މޯލްޑިވިއަން އިން ފަސް ޕޮއިންޓުގެ ލީޑެއް ނެގި އެވެ. އެ އަށް ފަހު އެ ޓީމުން އެ ލީޑު ދެމެހެއްޓިއިރު، އަހުމަދު ފާޒިލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާގެ ގިނަ ޝޮޓުތައް ހުއްޓުވަން ސީލައިފަށް އުނދަގޫވި އެވެ. މި ސެޓު މޯލްޑިވިއަން އިން ހޯދީ 25-19 އިންނެވެ.
ފުރަތަމަ ސެޓު މޯލްޑިވިއަން އިން ގެންދިއުމުން ދެ ވަނަ ސެޓަށް ސީލައިފް ނުކުތީ ރަނގަޅަށް ތައްޔާރު ވެގެނެވެ. މި ސެޓު ފަށައިގެން ސީލައިފުން ހަސަން ނިލާމް އާއި އަލީ ހުޒާމް އަދި ރާޒާގެ ޕޮއިންޓްތަކާ އެކު ފަސް ޕޮއިންޓުގެ ލީޑެއް ނެގި އެވެ. އެހެން ނަމަވެސް މޯލްޑިވިއަނުން ފަހަތުން އަރައި އެއްވަރުކުރި އެވެ. ނަމަވެސް ފަހު ވަގުތުލީ ހިތްވަރާ އެކު ސީލައިފް މި ސެޓު 21-25 އިން ގެންދިޔަ އެވެ.
ދެ ވަނަ ސެޓު ގެންގޮސް ސީލައިފް މެޗުގެ ތެެރެއަށް އެނބުރި އައިނަމަވެސް އެ ޓީމަށް ދެން ކުޅުނު ދެ ސެޓުގައި މާ ބޮޑު ތަފާތެއް ނުދެއްކުނެވެ. އޭގެ ނަތީޖާއަކަށްވީ މޯލްޑިވިއަން މި ދެ ސެޓު ގެންގޮސް މެޗު ކާމިޔާބު ކުރުމެވެ. މޯލްޑިވިއަނުން މި ދެ ސެޓު ގެންދިޔައީ 25-21 އަދި 25-22 އިންނެވެ.
ތިން ވަނަ ސެޓުގައި މޯލްޑިވިއަނުން ބޮޑު ލީޑެއް ނެގި އެވެ. އެހެން ނަމަވެސް ސީލައިފުން ފަހަތުން އަރައި އެއްވަރުކުރި އެވެ. އެކަމަކު ލީޑުނަގަން ލިބޭ ފުރުސަތުތައް ގެއްލި ރިސީވިން ދަށްވެ، އެޓޭކުތަކުގެ ބޭނުން ސީލައިފަށް ނުހިފުމުން މޯލްޑިވިއަން ކުރި ހޯދީ އެވެ.
ފަހު ސެޓުގައި މޯލްޑިވިއަންގެ ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) ތަފާތު ދެއްކި އެވެ. އަދި ކުޑަކާއްޓޭ އާއި ފާޒިލް އަދި މުރާދަށް އެޓޭކު ކުރުމުގައި ފުރުސަތުތައް ފަހިކޮށްދީ މުހިއްމު ވަގުތުގައި ޕޮއިންޓު ވެސް ހޯދި އެވެ. ސީލައިފަށް ފަހު ސެޓު ވެސް ގެއްލުނީ އެ ޓީމު ކުޅުންތެރިންނަށް އަމިއްލަ އަށް ހެދުނު ގިނަ ގޯސްތަކެއްގެ ސަބަބުންނެވެ.
މެޗާ ބެހޭގޮތުން ސީލައިފްގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ބުނީ ބަލިވީ އެ ޓީމުގެ ފެންވަރަށް ވުރެ ދަށްކޮށް ކުޅެވުމުން ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެން ޓީމުގައި ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު 50 ނޫނީ 40 ޕަސެންޓް މިއަދު މިފެނުނީ. މެޗަކުން ބަލިނުވެ ފައިނަލަށް އާދެވުމުން ވަރަށް އުއްމީދުގައި ޓީމު އޮތީ. އެކަމަކު ކުޅިވަރަކީ ވަކި ކަހަލަ އެއްޗެއް. ހާއްސަކޮށް ފައިނަލެއް ކޮންމެ ގޮތަކަށް ވެސް ގޮސް ދާނެ. މޯލްޑިވިއަން މި މެޗުގައި ވަރަށް ރަނގަޅަށް ކުޅެގެން މޮޅުވީ. އަޅުގަނޑުމެންގެ ނަސީބު ވެސް ނެތީ،" ނިޒާރު ބުންޏެވެ.
އޭނާ ބުނީ އެ ޓީމަށް މި މުބާރާތުން ކަންތައްތަކެއް ދަސްވާނެ ކަމަށާއި އެކަމަށް ވިސްނައިގެން ދެން ހުރި މުބާރާތްތަކަށް ކުރިމަތިލައިފިނަމަ ކާމިޔާބު ލިބޭނެ ކަމަށެވެ.
މޯލްޑިވިއަންގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ޝިހާމް (ސަޑިއްކެ) ބުނީ މިއީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކަނޑައެޅި ޓާގެޓް ކަމަށެވެ.
"އިންޝާﷲ. އަޅުގަނޑުމެން ފުރަތަމަ ދުވަހުން ވެސް ކަނޑައެޅި ޓާގެޓް މިއީ. ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް މިއީ. އަބަދުވެސް އުއްމީދު އޮތް ރޭވުންތަކާ އެއްގޮތަށް ކުރިއަށް ގޮސްފިނަމަ މޮޅުވާނެ ކަމުގެ،" ސަޑިއްކެ ބުންޏެވެ.
އޭނާ ބުނީ އެހެން މެޗުތަކަށް ވުރެ މި މެޗުގައި ކުޑަކާއްޓޭގެ ކުޅުން ރަނގަޅު ކަމަށާއި އެއީ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަންގެ މުރާދު އެވެ. އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ އަބްދުﷲ ނަޝީދު (އަބުޅޯ) އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ މޯލްޑިވިއަންގެ ކުޑަކާއްޓެ، އާދަމް ފައިރޫޒް، ބުޅިކެ، އިބްރާހިމް އާދިލް އަދި ސީލައިފްގެ ހުޒާމް، ނިލާމް އަދި އަލީ އާމިރު އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ޕޮލިހުގެ ޝުވައިބު އަބްދުލް ލަތީފް އެވެ.