ގައުމީ ފެންވަރުގައި 20 އަހަރު ވޮލީބޯޅަ ކުޅުމަށް ފަހު ކުރީގެ އެއް ވަނަ ކުޅުންތެރިއާ އިބްރާހިމް ނިޒާރު (ބޮޑޭ) ރަސްމީކޮށް ވޮލީ ކުޅުން ހުއްޓާލީ މީގެ ތިން އަހަރު ކުރިންނެވެ. ރާއްޖޭގެ ވޮލީގައި ގިނަ ކާމިޔާބީތަކެއް ހާސިލްކުރި ނިޒާރު އެ ފަހަރު ވޮލީކޯޓުން ފޭބީ އަލުން ރަސްމީކޮށް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތުމުގެ ވިސްނުމުގައެއް ނޫނެވެ. ކޮންމެވެސް ވަރަކަށް ރިސޯޓް މުބާރާތްތަކުން ފެނުނު ނަމަވެސް އެންމެ ބޮޑު މުބާރާތްތަކުން ފަހަކުން ނުފެނެ އެވެ. އެހެން ނަމަވެސް އޭގެ ތިން އަހަރު ފަހުން ނިޒާރު އަލުން ރަސްމީކޮށް ކުޅެން މި ނުކުންނަނީ އަމިއްލަ ރަށް ކަމަށްވާ ވ. ތިނަދޫ އަށް ނިސްބަތްވާ ސީލައިފް ސްޕޯޓްސް ކްލަބްގެ ވަރަށް ބޮޑު އެދުމެއް ފުރިހަމަ ކޮށްދިނުމަށެވެ.
ކުރިއަށް އޮތް ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ މުބާރާތުގައި ސީލައިފަށް ކުޅުމަށް އުމުރުން 44 އަހަރުގެ ނިޒާރު ނިންމީ ގިނަ ބަޔަކާ މަޝްވަރާ ވެސް ކުރުމަށް ފަހު އެވެ.
"އަސްލު ހަގީގަތުގައި އެސޯސިއޭޝަން ކަޕްގެ ފައިނަލުން އަހަރެން ކޯޗެއްގެ ގޮތުގައި ހުރެފައި ސީލައިފް ބަލިވުމުން ޓީމުގެ މެނޭޖްމަންޓުން އަހަރެން ގާތުގައި އެދުނީ ސީލައިފަށް ކުޅެދޭން. ދެން ރަށަށް ނިސްބަތްވާ ޓީމަކަށް ވެފައި ޓީމުގެ މެނޭޖްމަންޓުގައި ތިބީ އާއިލާގެ ވެސް ބަޔަކަށް ވީމަ. އެމީހުންގެ އެދުމާ އެކު ވަރަށް ގިނަ ބަޔަކާ މަޝްވަރާކޮށްފައި ހަމައެކަނި މި ދެ މުބާރާތުގައި ކުޅެން މި ނިންމީ،" ނިޒާރު "މިހާރަ"ށް ކިޔައިދިނެވެ.
ރާއްޖޭގެ މަތީ ފަންތީގެ ހުރިހާ މުބާރާތެއް އެކި ފަހަރު މަތިން ކާމިޔާބުކުރި ނިޒާރު ވަނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. ފާއިތުވި އަހަރުތަކުގައި ރަސްމީކޮށް ވޮލީ ކުޅެފައިނުވި ނަމަވެސް ވެޓަރަންސް ވޮލީބޯޅަ މުބާރާތްތަކުގައި އޭނާ ވަނީ ކުޅެފަ އެވެ. ނިޒާރު ބުނީ ކުޅުންތެރިންނާ އުމުރުގެ ތަފާތެއް ހުރި ނަމަވެސް ހިތްވަރު އެބަހުރި ކަމަށެވެ.
"މި ކުޅުންތެރިން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. މި ކުޅުންތެރިންގެ ކޯޗަކަށް ވެސް ހުރީމަ އެނގޭނެ ހަނދަން ޖެހޭ ގޮތްވެސް. އުމުރުން 44 އަހަރުގައި ވެސް އަހަންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ހިތްވަރުހުރުން،" ނިޒާރު ބުންޏެވެ.
ނިޒާރު ޓީމުގެ ކުޅުންތެރިއަކަށް ބަދަލުވުމުން ސީލައިފްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރީގެ ކުޅުންތެރިއާ ސައްޔިދު އަލީ އެވެ. އޭނާ ބުނީ ނިޒާރު އަލުން ކުޅެން ނުކުތުމަކީ ތިބި ޒުވާން ކުޅުންތެރިންނަށް ލިބޭ ހިތްވަރެއް ކަމަށެވެ.
"ތަޖުރިބާ އަށް ބަލާއިރު ނިޒާރު ވަރަށް ކުރީގައި އުޅޭނީ. ދެން އޭނަ ކުޅެނީ ލިބަރޯއަކަށްވީމަ މާ ބޮޑަށް އުނދަގޫތަކެއް ނުުހުންނާނެ އެ އުމުރުގައިވީމަ. އޭގެ އޮންނާނީ ވެސް ޑިފެންސް. އަސްލު މި ކްލަބަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް އެއީ. އޭނަ އަލުން ކުޅެން ނުކުތުމަކީ،" ސައްޔިދު އަލީ ބުންޏެވެ.
ގައުމީ ޓީމަށް ނިސްބަތްވާ ގިނަ ކުޅުންތެރިންނާ އެކު އޮތް ސީލައިފް އެސޯސިއޭޝަން ކަޕްގެ ފައިނަލުން ޖާގަހޯދީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. އެހެން ނަމަވެސް ފައިނަލުގައިވަނީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް އަތުން ބަލިވެފަ އެވެ. ގައުމީ ލީގާއި އެސޯސިއޭޝަން ކަޕަށް ސީލައިފްގެ އަމާޒަކީ ތަށްޓެވެ.
"ހަގީގަތުގައި ސީލައިފް ނަމަކީ މަތީ ފެންވަރުގެ ވޮލީ އަށް އާ ނަމެއް ކަމުގައި ވިޔަސް މި ޓީމުގައި ތިބީ މިހާރު ރާއްޖޭގެ ނިސްބަތުން ބަލާއިރު އެންމެ ރަނގަޅު ކުޅުންތެރިން. މި ޓީމަކީ ތަށްޓައް ވާދަކުރެވޭވަރުގެ ޓީމެއް،" އޭނާ ބުންޏެވެ.
ސީލައިފް ސްޕޯޓްސް ކްލަބުން މިހާރު ވޮލީބޯޅަ އެންމެ މަތީ ފަންތީގައި ކުޅެމުން އަންނައިރު، އެ ކްލަބުގެ ފުޓްބޯޅަ ޓީމު އަންނަނީ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުންނެވެ.