ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ އެ ކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާއަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރި ތ.ވިލުފުށީ މޫނިމާގެ އާދަމް އަދްލާން ލަތީފްގެ މައްޗަށް ދެ ދައުވާއެއްކޮށް، މިިދިޔަ އަންގާރަ ދުވަހު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ދައުވާތަކަކީ؛
- އެނގިހުރެ ކޮމްޕިއުޓާ ސިސްޓަމެއް ނުވަތަ ސްޓޯރޭޖެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުން.
- އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ
އެ ދައުވާތައް ސާބިތުވެއްޖެނަމަ ތިން އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ އެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާ ގުޅިގެން ތަހުގީގުކުރި އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އަދްލާން ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
ފުލުހުން އޭރު ބުނީ އޭނާ ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖް ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގަނެ ވިއްކާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން ކަމަށެވެ.
އެ ވޮލެޓުން އަދްލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި އަދި އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯ އެ ތަކެތި ފެނިފައިވާ ކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ.