ށ. މިލަންދޫގައި ފައިބަރު މަސައްކަތްކުރާ ތަނެއްގައި މިރޭ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި އެވެ. 

އެ ރަށު ބައެއް މީހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުގައި ބުނެފައިވާ ގޮތުގައި ރޯވެފައިވަނީ "އާދަމްކޮއިބޭ ފައިބަރު މަސައްކަތަށް ދޯނި އަޅާ ސަރަހައްދުގަ" އެވެ. 

އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ނުކުމެ މިހާރު ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. 

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ރަށުގައި އެއާޕޯޓް އަޅާ ސަރަހައްދާ ކައިރީގައި، ގިނަ އަދަދެއްގެ ޑިންގީތައް އަޅާފައި ހުންނަ ތަނެއްގައި ކަމަށެވެ. އަލިފާން ރޯވުމާ އެކު ވަރަށް ގިނަ ޑިންގީތައް ސަލާމަތްކޮށްފައިވާ ކަމަށާއި އެކަމަކު ދެ ޑިންގީއެއްގައި ރޯވެ މުޅި ހިސާބަށް އަލިފާންގަނޑު ފެތުރިފައިވާ ކަމަށް އޭނާ ބުންޏެވެ. 

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މި ހާދިސާގައި މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް ވެސް އަދި ނެތެވެ.