ށ. މިލަންދޫގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭގެ 11:09 ހާއިރު، އެ ރަށު "އާދަމްކޮއިބޭ" ފައިބަރު މަސައްކަތްކުރާ ސަރަހައްދުން ދުން އަރާކަމުގެ މައުލޫމާތު ލިބުމާ އެކުގަ އެވެ.

މިލަންދޫގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ ދަންވަރު އެކެއް ޖަހާކަންހާއިރު އެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. ނަމަވެސް ތިން ޑިންގީއަކާއި ފައިބަރު މަސައްކަތް ކުރަން ގެންގުޅޭ ބައެއް ސާމާނާއި އެ ތަނުގައި ވެސް ވަރަށް ބޮޑަށް ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މިހާރު" އާ އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ފުރަތަމަ ރޯވި ކަމަށް ބެލެވެނީ މަސައްކަތް އެއްކޮށް ނިމި، އިންޖީނު ނާޅާ އޮތް ޑިންގީއެއްގައި ކަމަށެވެ.

އަލިފާންގަނޑު ހަލުވިކަމާ އެކު، ފެތުރިގެން ދިއުމުގެ ސަބަބުން ކައިރީގައި ހުރި އެހެން އުޅަނދުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެއީ ހުރިހާ މަސައްކަތެއް ނިންމާފައިވާ އުޅަނދުތަކެއް. އުޅަނދު ބަނުމަށް ބޭނުންކުރާ އަގުބޮޑު ތައްގަނޑުތަކާއި މެޝިންތައް ވެސް ވަނީ އެއްކޮށް އަނދާފައި،" އޭނާ ބުންޏެވެ.

މިއީ މިލަންދޫގެ ބައްޕައަކާއި ދަރިއަކު ކުރަމުންދިޔަ އުންމީދީ މަސައްކަތެއް ކަމަށާއި އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުން އިންތިހާއަށް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ބަޔަކު ކުރި ކަމަކުން ކަމެއް ނުވަތަ ކަރަންޓު ޝޯޓެއް ފަދަ މައްސަލައަކުން ކަމެއް އެނގޭނީ ފުލުހުންގެ ތަހުގީގު ނިމުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ރަށުގައި އެއާޕޯޓް އަޅާ ސަރަހައްދާ ކައިރީގަ އެވެ.