ދެކުނު ކޮރެއާގެ އެންމެ އަގުބޮޑު އެކްޓަރު ކިމް ސުޔޫންގެ އަބުރު ކަތިލުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި އަމިއްލައަށް އުފައްދާފައިވާ ހެކި ބޭނުންކުރި ކަމުގެ ތުހުމަތުގައި އެ ގައުމުގެ ނޫސްވެރިއެއް އަދި މަޝްހޫރު ޔޫޓިއުބަރަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ކޮރެއާގެ އެންމެ ނުފޫޒުގަދަ އަދި އެންމެ އަގުބޮޑު އެއް އެކްޓަރު ކަމަށްވާ ކިމް ކިމް ސުޔޫންގެ ކެރިއަރަށް ބޮޑެތި ހުރަސްތަކެއް އެޅި، އޭނާގެ މަސައްކަތްތައް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފަ އެވެ.

ބީބީސީގެ ރިޕޯޓެއްގައި ބުނީ ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ޔޫޓިއުބަރު ކިމް ސެ-އުއި ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ އޭނާ ހެކި ނައްތާލަފާނެ ކަމުގެ ނުވަތަ ފިލައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.

އޭނާއަކީ ގާތްގަނޑަކަށް އެއް މިލިއަން ސަބްސްކްރައިބަރުން ތިބޭ "ހޯވާ ލެބް" ކިޔާ ސިޔާސީ އަދި މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ޔޫޓިއުބް ޗެނަލެއް ހިންގާ މީހެކެވެ.

މި މައްސަލަ ފެށުނީ މިދިޔަ އަހަރު، އުމުރުން 24 އަހަރުގައި އަމިއްލައަށް މަރުވި ކޮރެއާގެ އެކްޓްރެސް ކިމް ސައޭ-ރޮންގެ މަރަށް ފަހު އެވެ.

"ހޯވާ ލެބް" ޗެނަލުން ވަނީ އޯޑިއޯ ރެކޯޑިންއެއް އާންމުކޮށްފަ އެވެ. އެ ރެކޯޑިންގައި ކިމް ސައޭ-ރޮން، އޭނާ ސްކޫލްގައި (ކުޑަކުއްޖެއްގެ ގޮތުގައި) އުޅުނުއިރުއްސުރެ ކިމް ސުޔޫންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ އަޑު އިވެ އެވެ.

ނަމަވެސް ފުލުހުންގެ ތަހުގީގުން މިހާރު ކަށަވަރުވެފައިވާ ގޮތުގައި އެ އޯޑިއޯ ރެކޯޑިންއަކީ ޖެނެރެޓިވް އޭއައި ބޭނުންކޮށްގެން ކިމް ސައޭ-ރޮންގެ އަޑު ކްލޯންކޮށްގެން ހަދާފައިވާ ފޭކް އޯޑިއޯކެވެ.

ކިމް ސައޭ-ރޮންގެ ފޯނުން ކިމް ސުޔޫއުންއަށް ފޮނުވާފައިވާ ކަމަށް ދެއްކުމަށްޓަކާ ކަކާއޯޓޯކް މެސެޖުތަކެއްގެ ސްކްރީންޝޮޓްތައް އެޑިޓްކޮށް، ފޮނުވި މީހާގެ ނަން ކިމް ސުޔޫންގެ ނަމަށް ބަދަލުކޮށްފައިވާކަން ވެސް ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ފުލުހުންގެ ރިޕޯޓްތަކާ ހަވާލާދީ ކޮރެއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދޮގު ތުހުމަތުތަކުގެ ސަބަބުން ކިމް ސުޔޫންގެ ހުރިހާ މަސައްކަތްތަކެއް ހުއްޓި، އޭނާގެ ފިލްމީ ކެރިއަރު ވަނީ އެއްކޮށް ނިމުމަކަށް އައިސްފަ އެވެ. މިކަމުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ނަފްސާނީވެ، މިހާރު އަންނަނީ އެކަމަށް ވެސް ފަރުވާ ހޯދަމުންނެވެ.

ކިމް ސުޔޫން އެންމެ ފަހުން އާންމުންގެ ކުރިމައްޗަށް ނިކުމެފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އޭނާ ރޮމުން އެ ދުވަހު ބުނީ ކިމް ސައޭ-ރޮންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެންމެ އަހަރަކު ކަމަށާއި އެއީ އޭނާއަށް 18 އަހަރު ވެސް ވީ ފަހުން ކަމަށެވެ. އަދި ނުކުރާ ކަމަކަށް އިއުތިރާފު ނުވެވޭނެ ކަމަށް ބުނެ، އޭނާ ވަނީ ޔޫޓިއުބަރާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައިފަ އެވެ.

ކިމް ސުޔޫންގެ އޭޖެންސީ ގޯލްޑްމެޑަލިސްޓުން މިދިޔަ ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ "ހަގީގަތް މިހާރު ހާމަވެއްޖެ" ކަމަށެވެ. އަދި މިދިޔަ އަހަރެއްހާ ދުވަހަކީ ކިމް ސުޔޫން އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމަށް ވީ ވައުދު ފުއްދުމަށް ކުރި ބުރަ މަސައްކަތެއް ކަމަށް ބުނެ، ސަޕޯޓަރުންނަށް ޝުކުރު އަދާކުރި އެވެ.

ނަމަވެސް، ހައްޔަރުކުރުމުގެ ކުރިން ޔޫޓިއުބަރު ކިމް ސެ-އުއި ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި، ހައްޔަރުކުރުމުގެ އަމުރު ނެރުނީ ހަގީގަތްތައް އޮޅޭ ގޮތަށެވެ. އަދި އޭނާ ހައްޔަރުކުރަން އެދުނު ފުލުހުންނާއި ޕްރޮސިކިއުޓަރުންނާ ދެކޮޅަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އޭނާ ބުންޏެވެ.