ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބީޓީއެސް ބޭންޑުގެ މެމްބަރު ޖަންކޫކް.
01 ސެޕްޓެމްބަރ 2025 - 09:50
ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބީޓީއެސް ބޭންޑުގެ މެމްބަރު ޖަންކޫކްގެ ގެޔަށް ވަގަށް ވަންނަން އުޅުނު އިތުރު އަންހެނަކު ހިފަހައްޓައިފި އެވެ.
ޖަންކޫކްގެ ގެއަށް ވަގަށް ވަންނަން އުޅުނު 30 އަހަރުން މަތީގެ އަންހެނަކު މިދިޔަ ޖޫން މަހު ވެސް ހިފަހައްޓާފައިވެ އެވެ. މިފަހަރު ހިފެހެއްޓީ 40 އަހަރުގެ އަންހެނެކެވެ.
ދެކުނު ކޮރެއާގެ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، މިފަހަރު އަންހެނަކު ހިފެހެއްޓީ ޖަންކޫކް ދިރިއުޅޭ އިމާރާތުގެ އަންޑަގްރައުންޑް ޕާކިން ލޮޓަށް ވަގަށް ވަދެ އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަނިކޮށެވެ. އޭނާ އެ ޕާކިން ލޮޓަށް ވަނީ އެތަނަށް ވަތް ކާރެއްގެ ފަހަތުގައި އެލިގަނެގެން އޮވެގެންނެވެ.
އެ އިމާރާތުގެ ސެކިއުރިޓީންނަށް ސީސީޓީވީ ކެމެރާތަކުން އެ އަންހެން މީހާ ފެނުމާ އެކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށް ވެސް ނޫސްތަކުގައި ބުންޏެވެ.
އޭނާ އެ އިމާރާތަށް ވަނީ އެތަނުގައި ދިރިއުޅޭ ރައްޓެއްސަކާ ބައްދަލުކޮށްލަންވެގެން ކަމަށް، ސެކިއުރިޓީން އޭނާ ހިފެހެއްޓުމުން ބުނެފައިވާ ކަމަށް ވެސް ނޫސްތަކުގައި ބުންޏެވެ.
ޖަންކޫކްގެ ގެއަށް ވަގަށް ވަންނަން މިދިޔަ ޖޫން މަހު އަންހެނަކު މަސައްކަތްކުރީ ޖަންކޫކް އަސްކަރީ ހިދުމަތުން ވީއްލި ގެއަށް ބަދަލުވި ތަނާ އެވެ. ޗައިނާގެ އެ އަންހެން މީހާ ވަނީ ޖަންކޫކްގެ ގޭގެ ދޮރުގެ ސްމާޓް ލޮކުގެ ޕިންކޯޑް ޖަހަން އެތައް ފަހަރަކު މަސައްކަތްކޮށްފަ އެވެ.
އެ އަންހެން މީހާ ކޮރެއާއަށް ދިޔައީ ޖަންކޫކް އަސްކަރީ ހިދުމަތް ނިންމައި އަނބުރާ ގެއަށް ދިއުމުން ސީދާ އޭނާ ދެކިލަން ބޭނުންވެގެން ކަމަށް އޭނާ ފުލުހުން ގާތުގައި ބުނެފައިވާ ކަމަށް އޭރު ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ކޮރެއާގެ އެންމެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ ހުރިހާ ލަވަކިޔުންތެރިން މިހާރު ވަނީ ދެކުނު ކޮރެއާގެ ޒުވާން ފިރިހެނުންނަށް ގާނޫނުން ލާޒިމުކުރާ ދެ އަހަރު ދުވަހުގެ އަސްކަރީ ހިދުމަތް ފުރިހަމަކޮށްފަ އެވެ. އެއާ އެކު އެ ބޭންޑުގެ ރީޔުނިއަން އާއި އާ އަލްބަމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy