ބީޓީއެސްގެ އާރްއެމް އާއި ވީ، އަސްކަރީ ހިދުމަތް ފުރިހަމަކުރި ދުވަހު ނަގާފައިވާ ފޮޓޯއެއް.
24 ޖޫން 2025 - 10:39
ދެކުނު ކޮރެއާގެ އެންމެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ ހުރިހާ މެމްބަރުން އަސްކަރީ ހިދުމަތުން ވީއްލުމާއެކު، އެ ބޭންޑުގެ ކަމްބެކް އަންނަ ސެޕްޓެމްބަރު މަހު އޮންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދެކުނު ކޮރެއާގެ ޒުވާން ފިރިހެނުން ދެ އަހަރުގެ މުއްދަތަކަށް އަސްކަރިއްޔާއަށް ހިދުމަތްކޮށްދިނުން ގާނޫނީ ގޮތުން ލާޒިމްކުރެ އެވެ. ނަމަވެސް، ގައުމަށް ޝަރަފު ލިބޭ ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ވަނަތައް ހޯދާ ކުޅުންތެރިންނާއި ފަންނާނުން އެކަމުން އިސްތިސްނާކޮށްދެ އެވެ.
ބީޓީއެސްގެ ހަތް މެމްބަރުން މިހާރު ވަނީ އަސްކަރީ ހިދުމަތް ފުރިހަމަކޮށްފަ އެވެ. އެ ހިދުމަތް ފުރިހަމަކޮށް، ހިދުމަތުން އެންމެފަހުން ވީއްލުނީ އެ ބޭންޑްގެ މެމްބަރު ޝުގާ އެވެ. އެއީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އެ ބޭންޑުގެ އެހެން މެމްބަރުން ކަމަށްވާ ޖަންކޫކް، ޖިން، އާރްއެމް، ޖޭ-ހޯޕް، ޖިމިން އަދި ވީ ވެސް މިހާރު ވަނީ އަސްކަރީ ހިދުމަތް ފުރިހަމަކޮށްފަ އެވެ.
ކަމްބެކްގެ ގޮތުގައި، ލަވައެއް، އަލްބަމެއް، ޓުއާއެއް ނުވަތަ ޝޯއެއް ވެސް އެ ބޭންޑުން ގެނެސްދީފާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ނަމަވެސް، އެ ބޭންޑުގެ ކަންކަން ބަލަހައްޓާ އެޖެންސީން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ބީޓީއެސްގެ އެެނބުރި އައުމަށް އިންތިޒާކުރަނީ ހަމައެކަނި އެ ބޭންޑުގެ ފޭނުން ނޫނެވެ. އެ ބޭންޑުގެ އެނބުރި އައުން ކޮރެއާގެ އިގުތިސާދަށް ވެސް ވަރަށް މުހިންމު ވާނެ އެވެ.
ކޮރެއާގެ ކަލްޗާ އެންޑް ޓޫރިޒަމް އިންސްޓިޓިއުޓް ކުރިން އިން ބުނެފައިވާ ގޮތުގައި، ބީޓީއެސްގެ އެންމެ ޝޯއަކުން ވެސް 1.2 ޓްރިލިއަން ކޮރެއަން ވޮން (880 މިލިއަން ޑޮލަރު) ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުބިންނަމާ ގީސާން
24 June 2025
ކޮންމެހެން އަންނާނެ ކަމެއް ނެތް އެނބުރި. އެއް ތަންކޮޅުވެސް އިސްލާހުވި ކަމަކަށް ނުފެނޭ.