ލަލީގާގެ ރައީސް ހާވިއޭ ޓެބާސް، ރެއާލް މެޑްރިޑަށް ތަކުރާރުކޮށް އަމާޒުކުރާ ފާޑުކިއުންތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، އެ ލީގުގެ ލީޑާޝިޕް ބަދަލުކުރަން އެ ކްލަބުން ގޮވާލައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި މެޗަށް ފަހު ރެފްރީނަށް ރެއާލްގެ ކޯޗު ހޯޒޭ މޮރީނިއޯ އާއި އެ ކްލަބްގެ މީޑިއާއިން ފާޑުކިޔާފައި ވަނިކޮށް، މިޑީއާ އަށް އަރައި ޓެބާސް ވަނީ ރެއާލަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ފޮނުވާލާފަ އެވެ.
އޭނާ ބުނީ ރެއާލުން ރެފްރީންގެ މައްސަލަ ބޮޑުކޮށްގެން އުޅެނީ ސީޒަންގެ ފެށުން ގޯސްވުމުން އެކަން ފޮރުވުމުގެ ގޮތުން ކަމަށެވެ.
ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު، ސީޒަންގެ މިހާ ކުރީކޮޅު ވެސް ހަ ޕޮއިންޓްގެ ފަރަގު އެބަހުއްޓެވެ.
"ރެފްރީން މަސައްކަތް ކުރަނީ ރެއާލްއާ ދެކޮޅަށް ކަމަށް ބުނުމަކީ ހަގީގަތާ މުޅިން ހިލާފު ވާހަކައެއް. މިއީ ސީޒަންގެ ފެށުމުގައި ދިމާވި ނާކާމިޔާބީތައް ފޮރުވަން ދައްކާ ބަހަނާއެއް،" ޓެބާސް ބުންޏެވެ.
"ރެއާލް މެޑްރިޑަކީ ލީގަށް ވަރަށް މުހިންމު ކްލަބެއް. ތިމަންނާމެން ނެތިއްޔާ ލީގުގެ އަގެއް ނެތޭ ބުނުމަކީ އަނެއް 19 ކްލަބަށާއި އެ ކްލަބްތަކުގެ ސަޕޯޓަރުންނަށް ކުރާ ބޭއިހްތިރާމެއް. މި މުބާރާތަކީ ވަކި މީހެއްގެ މިލްކެއް ނޫން."
ޓެބާސްގެ ވާހަކަތަކާ ގުޅިގެން ރެއާލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ލީގުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން، ރެއާލަށް ބޭއިހތިރާމްކޮށް ޓެބާސް ވާހަކަ ދެއްކުމަކީ އާންމު ކަމަކަށް ވެއްޖެ ކަމަށެވެ. އެ ކްލަބަށް ކްލަބަށް ހަމަލާދިނުމަށް އެ މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ތެބާސް ހިފަމުން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރެއާލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރެއާލުން ބުނީ ސްޕެނިޝް ފުޓްބޯޅަ ހިންގުމަށް ވަކިފަރާތަކަށް ނުޖެހޭ އާ ލީޑަރަކު އިންތިހާއަށް މިހާރު ބޭނުންވެފައިވާ ކަމަށެވެ.
"ލީގުގެ ސުޕާވައިޒަރުގެ ހައިސިއްޔަތުން ލީގުގެ ހުރިހާ ކްލަބެއްގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ ފަރާތަކުން ރެއާލް މެޑްރިޑް އެކަނި އިސްތިސްނާކޮށް، ކްލަބަށް އަމާޒުކޮށް އިދިކޮޅު ހަމަލާތައް ދިނުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް. އަމިއްލަ ނޫސްވެރިއަކު ލިޔުނު މައުލޫއަކާ ގުޅިގެން، ރެއާލް މެޑްރިޑްގެ ކުޅިވަރުގެ އުސޫލުތަކަށް އޭނާ ފާޑުކިޔުމަކީ މުޅިން ނުބައްދަލު، ޒިންމާދާރުކަން ކުޑަ އަމަލެއް،" ރެއާލްގެ ބަޔާނުގައިވެ އެވެ.
ރެއާލްއިން އިތުރަށް ބުނީ، މުބާރާތުގެ އިންސާފުވެރިކަން ކަށަވަރުކުރުމުގެ ބަދަލުގައި، ޓެބާސްގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި ސްޕެނިޝް ފުޓްބޯޅަ އާއި މުބާރާތުގެ އަބުރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
"ލަލީގާގެ ރައީސަކީ މުބާރާތުގެ ވެރިޔާއެއް ނޫން. އެއީ ކްލަބްތަކަށް ހިދުމަތްކުރަން ހުންނަ މެނޭޖަރެއް. އެހެންކަމުން، މި މުބާރާތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަރުވައި، ވަކިފަރާތަކަށް ނުޖެހި ތެދުވެރިކަމާ އެކު ޚިދުމަތްކުރެވޭނެ އާ ލީޑަރަކު ސްޕޭންގެ ޕްރޮފެޝަނަލް ފުޓްބޯޅައަށް މިހާރު ވަނީ ކޮންމެހެން ބޭނުންވެފައި."