މާލެ ސަރަހައްދުގައި ހިންގާ ސެލޫނާއި ސްޕާތަކުގެ ހާއްސަ އިންސްޕެކްޝަނެއްގައި މޯލްޑިވްސް އިމިގްރޭޝަނުން މިހާތަނަށް 22 ތަނެއް ބަލައި ފާސްކޮށްފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސަރަހައްދުގައި ހިންގާ ސެލޫނާއި ސްޕާތަކަށް ހާއްސަކޮށް އަދި އެ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަކީ ގާނޫނާ އެއްގޮތަށް ރާއްޖޭގައި އުޅޭ މީހުން ކަން ޔަގީންކުރުމަށް ހާއްސަ އިންސްޕެކްޝަނެއް އިއްޔެ ހިންގާފައިވާ ކަމަށެވެ.
އެ އިންސްޕެކްޝަންގައި 22 ތަނެއް ބަލައި ފާސްކޮށް، އެ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ހަތް ބިދޭސީއަކު ވަނީ ހިފަހައްޓައިފަ އެވެ. އެއީ ހުސް އަންހެނުންނެވެ.
އެ ބިދޭސީންނަށް ވަޒީފާ ދިން މީހުންގެ ތެރެއިން ހަތް މީހަކަށް ނޯޓިސް ވެސް ފޮނުވާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އެ އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އޮފިސަރުންނާ އެކު ފުލުހުންގެ އިންޓެލިޖެންސް ޓީމް ބައިވެރިވި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް ވެސް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ވަނީ މިދިޔަ ހަފުތާގައި ފަށައިފަ އެވެ.
އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި ހިފެހެއްޓި ބިދޭސީންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޑީޕޯޓްކޮށްފަ އެވެ.